Roadha Mihaaru

އަނަސްގެ މަރުގެ ދައުވާލިބޭ މީހުން ބަންދު ނުކުރަން ނިންމީ ގޯސްކޮށް: ސުޕްރީމް ކޯޓު

މާލޭގައި ގްރޫޕަކުން ގޮސް ހަމަލާދީ މަރާލި މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާކުރާ މީހުން ބަންދު ނުކުރަން ހައި ކޯޓުން ނިންމީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

އަނަސްގެ މަރު: ދައުވާލިބޭ މީހުން ބަންދު ނުކުރުން ގޯސް
ނާޒިމް ހަސަން
ނާޒިމް ހަސަން

28 އެޕްރީލް 2025

މާލޭގައި ގްރޫޕަކުން ގޮސް ހަމަލާދީ މަރާލި މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާކުރާ މީހުން ބަންދު ނުކުރަން ހައި ކޯޓުން ނިންމީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ޖުލައި، 2017 ގައި ގްރޫޕަކުން ގޮސް ހަމަލާދީ އަނަސް މަރާލި މައްސަލައިގައި ހަތް މީހަކަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާކުރި އެވެ. ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނާއި މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގު އަދި މ. ދިމިޝްގު އުސްމާން ޝަރީފްގެ މައްޗަށް އުފުލި އެވެ.

ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ ލ. ގަން ތުނޑި، ނަންނާރިގޭ ޖުނައިހު އަބްދުﷲ އާއި ދަފްތަރު ނަމްބަރު 1746 ސިމާހް މޫސާ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒްގެ އިތުރުން ތ. ކިނބިދޫ ގުލްފާމްގޭ މުހައްމަދު ޝާޒްގެ މައްޗަށް ކޮށްފައިވެ އެވެ.

އަނަސް މަރާލިތާ ހަތް އަހަރު ފަހުން ކްރިމިނަލް ކޯޓުން ނިންމީ ދައުލަތުން ހުށަހަޅާފައިވާ ހެއްކާއި ގަރީނާތަކަށް ރިއާޔަތް ކުރާއިރު، އެ ހަތް މީހުން އެ ކުށުގައި ބައިވެރިވި ކަމަށް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުނުވާ ކަމަށެވެ.

އެ މައްސަލަ ދައުލަތުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފްކޮށް، އެ ހަތް މީހުން ވެސް ޝަރީއަތް ނިމެންދެން ބަންދު ކުރަން އެދިފައިވެ އެވެ. ނަމަވެސް ހައި ކޯޓުން ނިންމާފައިވަނީ އެ ހަތް މީހުން ވެސް ޝަރީއަތް ނިމެންދެން އަލުން ބަންދުކުރަން ޖެހޭ ހާލަތެއް ނެތް ކަމަށެވެ. އެހެންވެ، ދައުލަތުން މައްސަލަ ސުޕްރީމް ކޯޓަށް ގެންދިޔައީ އެވެ.

ސުޕްރީމް ކޯޓުން މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުން އަޣުލަބިއްޔަތުން ނިންމީ އެ މީހުން ބަންދު ނުކުރަން ހައި ކޯޓުން ނިންމީ ގާނޫނުން ބޭރު ސަބަބުތަކެއް ދެއްކުމަށް ފަހު ކަމަށެވެ. ދަށު ކޯޓުން ކުށް ސާބިތުނުވެ އިސްތިއުނާފު މަރުހަލާގައި ޝަރީއަތް ނިމެންދެން ބަންދުކުރާ ހާލަތްތައް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި މިހާރު ތަފްސީލްކޮށްފައިވާ ކަމަށާއި އެހެންވެ، ގާނޫނުގައި ނެތް ކަންކަމަށް ރިއާޔަތްކޮށް ބަންދު ނުކުރަން ނުނިންމޭނެ ކަމަށް ފަނޑިޔާރު އަލީ ރަޝީދު އިއްވެވި ހުކުމްގައިވެ އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް މިދިޔަ ޑިސެމްބަރު މަހު ގެނައި އިސްލާހުގައިވާ ގޮތުން އިސްތިއުނާފު މަރުހަލާގައި މީހަކު ބަންދު ކުރާ ނަމަ، ބަލަންޖެހޭ ކަންކަމަކީ ތުހުމަތުކުރުމަށް އެކަށީގެންވާ ވަރަށް ހެކި ހުރިތޯ އާއި ހެކި ފޮރުވުމަށް ނުވަތަ ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު އޮތްތޯ އަދި މުޖުތަަމައަށް ނުރައްކާ އޮތް ކަމަށް ބެލުމުގެ އިހުތިމާލު އޮތްތޯ އެވެ.

ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް ތާއިދު ކުރެއްވި މި ރައުޔަށް ފަނޑިޔާރު އައިޝާ ސުޖޫން ތާއިދެއް ނުކުރައްވަ އެވެ. ފަނޑިޔާރު ޝުޖޫންގެ ރައުޔުގައި ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނައި އިސްލާހުގައިވާ މާއްދާގައި ބުނާ ހާލަތްތައް ދެމި އޮތްކަން ދައުލަތުން ސާބިތުކޮށްދޭން ޖެހޭނެ ކަމަށެވެ. އެފަދަ ހާލަތެއް އޮތްކަން ދައުލަތުން ފާހަގަކުރާ ހެކިތަކުން ބުނެ ނުދެވޭ ކަމަށް ވެސް ރައުޔުގައިވެ އެވެ.

އަނަސްގެ މަރާ ގުޅިގެން ހަތް މީހުންގެ އިތުރުން ކުޑަކުއްޖަކަށް ވެސް ދައުވާ ކުރި އެވެ. އެ ކުއްޖާގެ މައްޗަށް 18 އަހަރުގެ ޖަލު ހުކުމެއް ހައި ކޯޓުން ކުރިން އިއްވާފައި ވީނަމަވެސް އެ ހުކުމް ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ލުއިކޮށްދެއްވައިފަ އެވެ.