Roadha Mihaaru

ވާހަކަ- ހިބާ

(ބުދަ ދުވަހާ ގުޅޭ)

ވާހަކަ- ހިބާ
ބިންމާ އިބްރާހިމް ވަހީދު
ބިންމާ އިބްރާހިމް ވަހީދު

04 މެއި 2025

(ބުދަ ދުވަހާ ގުޅޭ)

ނާސިފު ޓީވީއަށް ބަލައިލިއެވެ. އެއީ ހަމަ އޭނައެވެ. އެ ލޮލެވެ. އެ މޫނެވެ. އެ ތުންފަތެވެ. ހަމަ އެކަނި ތަފާތަކީ ތުންފަތުގައި އެ ހިނިތުންވުން ނެތް ކަމެވެ.

"މަ ވެސް ބޭނުން އެ ކަހަލަ ބްލެކް ލޮލެއް." ހިބާ ބުނެލި އަޑު އިވުނެވެ.

ބަލައިލި ކޮންމެ މީހަކަށް ފެންނާނީ ޖޮއޭންގެ ކަޅި ކަޅުކުލައިގައި ހުއްޓައެވެ. ނާސިފު ފިޔަވައެވެ. ނާސިފު ހިތަށް އެރިއެވެ. ނޫނެކެވެ. އެއީ ގަދަމުށިކުލައިގެ ކަޅިރަވައެކެވެ. އާންމު ގިނަ މީހުންނަށް ވުރެ ގާތުން އެ ކަޅިރަވަ ދުށުމުގެ ނަސީބު ލިބިފައިވާ ނާސިފަށް ޖޮއޭންގެ ކަޅިރަވައިގެ ކުލައެއް ނޯޅެއެވެ. އެތައް ދުވަހެއް ކޮށްފައި، އެ ހައި "ގާތުން" ޖޮއޭން ފެނުމުން، ހަނދާންތަކުގެ ހިމަފޮދުވާރޭ ކަރުނައިގެ ސިފައިގައި ނާސިފުގެ ލޮލަށް ޖަމާވާން ފެށިއެވެ. ނުރޯން ވެގެން އެނބުރިލި ވަގުތު ހިބާއާ ހަތަރުކަޅި ހަމަވިއެވެ. އޭރު ނާސިފުގެ މޫނުމަތިން ފާޅުވަމުންދިޔަ ހިތާމަ ހާމަކުރާކަށް ލަފުޒެއް ކޮންމެހެން ބޭނުމެއް ނުވެއެވެ.

"ކިހިނެއްވީ؟" ހައިރާންވެފައި ހިބާ އެހިއެވެ.

ހިބާއަކީ ވަރަށް ގާތް އެކުވެރިއެއް ނަމަ ނާސިފުގެ މާޒީ ނިއުޅައިލީހީ މިހެންނެވެ. ބުނީހެވެ. ތިހެން ނާހާށެވެ. ކިހިނެއްހޭ ނުވަނީ އަހާށެވެ. ކަމެއް ކޮށްދޭ ނަމަ އަހަރެންގެ ސަލާން އޭނައަށް ރައްދު ކޮށްދޭށެވެ. އަހަންނަށް މާފުކުރާށޭ، ކުށް ގަބޫލުކޮށްފީމޭ ބުނެދޭށެވެ. އެ ރީތި ހަނދާންތައް އަލުން އާ ވެސް ކުރީމުހެވެ. ކިޔައިދޭނަމެވެ. އެއީ އަހަރެންގެ ލަނޑުދަނޑި ހާސިލުކުރުމަށް ޓަކައި، އެހެން ހުރިހައި ކަމެއްގެ ކުރިޔަށް ތައުލީމު އިސްކުރި ދުވަސްވަރެވެ. ހަމަ އެކަނި އަމާޒަކީ، މޮޅަށް ކިޔަވައިގެން މަތީ ފާހެއް ހޯދުމެވެ. ބޮޑު މުސާރައެއް ލިބޭ މަތީ ވަޒީފާއެއް އަދާކުރުމެވެ. ލޯބި ކީއްކުރަން ހެއްޔެވެ؟ ނިންޖާއި، އަރާމާއި، ކެއުންބުއިމަށް ވެސް އަހަރެންގެ އެއްވެސް ސަމާލުކަމެއް ނެތެވެ. ގަޑިއަށް ކުލާހަށް ދެވިފައި، ފިލާވަޅުތައް ހަމަވާން ޖެހޭނެ އެވެ. ހޭލައި ހުރެގެން ވިޔަސް ފިލާވަޅުތައް ނިންމަންޖެހޭނެއެވެ.

ޖޮއޭންގެ ފަލްސަފާ ވަރަށް ތަފާތެވެ. އޭނަގެ ލިސްޓުގެ އެކެއްގައި އޮންނަނީ އުފަލާއި ހިތްހަމަޖެހުމެވެ. ގަޑިންގަޑިއަށް ކާން ޖެހޭނެއެވެ. ކޮންމެ ދުވަހަކު އަށް ތަށީގެ ފެން ބޯން ޖެހޭނެއެވެ. ކަސްރަތު ކުރަން ޖެހޭނެއެވެ. ރައްޓެހިންނާ އެކުގައި ވަގުތު ހޭދަކުރަން ޖެހޭނެއެވެ. މަދުވެގެން ހަތް ގަޑިއިރުގެ ނިދި ލިބެން ޖެހޭނެއެވެ. އަހަރެން ހައިރާނެއް ނުވެއެވެ. ޖޮއޭންއަކީ އިނގިރޭސި ޝާހީ އާއިލާއަކަށް ނިސްބަތްވާ، މުސްތަގުބަލަށް ވިސްނަންނުޖެހޭ ކުއްޖެކެވެ. ކިޔަވަން އުޅޭ އިރު ވެސް، ހަށިފާރަވެރިން ޖޮއޭންއަށް "ފާރަލައެވެ." ޖޮއޭންއަށް ދެވޭނެ ތަންތަނާއި ނުދެވޭނެ ތަންތަން ހުރެއެވެ. ކުރެވޭނެ ކަންތަކާއި ނުކުރެވޭނެ ކަންކަން ވެސް ހުރެއެވެ. އެހެނަސް ޖޮއޭން ބޭނުން ކޮންމެ ކަމެއް ކުރެއެވެ. ފާޅުގައި ނުކުރެވުނިއްޔާ ސިއްރުންނެވެ. ޖޮއޭން ބުނެއެވެ. ތިމަންނައަކީ ކުޑަކުއްޖެއް ނޫނެވެ. އިހުސާސް ކެނޑިފައިވާ ބުދެއް ވެސް ނޫނެވެ. އާއިލާގެ ފަސްބައިގައި ލައްގަނޑެއް ނުޖައްސާނަމެވެ. އިންސާނެއްގެ ހައްގުތަކުން މަހުރޫމެއް ވެސް ނުމެވާނަމެވެ.

އަހަންނަކީ ކުޑަކުޑަ ރަށަކުން އައިސް ހުރި، މުސްލިމެކެވެ. އަހަރެންގެ ދީން އެކަކަށް ވެސް އަހަރެން ސިއްރެއް ނުކުރަމެވެ. ކިރިޔާ ވެސް ވަގުތު ލިބިއްޖެ ނަމަ، ވަގުތު ފާއިތުވުމުގެ ކުރިން އަހަރެން ނަމާދު ކުރަމެވެ. އެ ކަމުގައި، އެހެން މީހުން ދެކޭނެ ގޮތް އަހަންނަކަށް މުހިންމެއް ނޫނެވެ. ކިޔަވަން އުޅުނު ދުވަސްވަރަކީ، ދުނިޔޭގެ އެކި ހިސާބުތަކުގައި، އިސްލާންދީނުގެ ނަމުގައި، ނުރަނގަޅު އެތައް ކަމެއް ކުރެވުނު ދުވަސްވަރެކެވެ. ހަރުކަށި ފިކުރަކަށް އަހަރެން ތާއީދެއް ނުކުރަމެވެ. އެހެނަސް އަހަރެންގެ ދީން ދިފާއު ކުރަމެވެ. އަަބަދު ވެސް އަހަރެން ހީކުރީ އަހަންނާ ޖޮއޭން ވައި ވެސް ނޭޅޭނެ ކަމަށެވެ. ކިޔެވުމުގެ ބައެއް ކަންކަމުގައި އަހަރުމެން ދެ މީހުން އެއް ގުރޫޕެއްގައި ވެސް މަސައްކަތް ކުރަން ޖެހުނެވެ. ޖޮއޭންއަކީ އުޅުން ހުރި، ހަރުދަނާ، އިންތިހާއަށް އަދަބުވެރި ކުއްޖެކެވެ. ޝާހީ ހާންދާނުގެ އުސޫލުތަކާއި ގަވާއިދުތަކަށް ޖޮއޭން ވަރަށް ފަރިތައެވެ. މީހާގެ ދީނާއި ސަގާފަތަށް ބަލައިފައި އެއްވެސް ތަފާތެއް ނުގެންގުޅެއެވެ. ތެދަށް ބުނާ ނަމަ، ބައެއް މުސްލިމު ކުދިންނަށް ވުރެ ޖޮއޭންއަށް އިސްލާންދީން އެނގޭލެއް ބޮޑެވެ.

އިސްނަގައި އަހަންނާ ފުރަތަމަ ވާހަކަ ދެއްކީ ޖޮއޭންއެވެ. ތައާރަފުވީ ވެސް އޭނައެވެ. އަހަންނާ އެކުގައި އުޅެން ޖޮއޭން ބިރެއް ނުގަނެއެވެ. ކިތަންމެ ފަހަރަކު އަހަންނާ ދިމާއަށް ވެސް އެހެން ބުނެއެވެ. ހާލިސް މުސްލިމުން ދެކެ ބިރު ގަންނާކަށް ނުޖެހޭނެއެވެ. ކަލާނގެއަށް ވުރެ ބިރު ގަންނަ ފަރާތެއް އެ މީހުންނަކަށް ނޯންނާނެއެވެ. އިސްލާމުންގެ ނަން ކިލަނބު ކުރީ އަހަރުމެންގެ މީޑިޔާއެވެ.

ހަޔާތުގެ ބައެއް ކަންކަމުގައި އަހަންނާއި ޖޮއޭންގެ ވިސްނުން ދިމާ އިދިކޮޅު ނަމަވެސް، ދެން ހުރި ކަންކަމުގައި ހިޔާލު ވަރަށް އެއްގޮތެވެ. ކިޔެވުމަށް ދެ މީހުން ވެސް މޮޅެވެ. އަހަންނަކީ ފަސޭހައިން ބަލިވާ މީހެކެވެ. ވަރަށް ގިނައިން ރޯގާ ޖެހެއެވެ. އަސްލު މައްސަލައަކީ އެތައް އެއްޗަކަށް އަހަރެން އެލާޖިކުވުން ކަމެއް އޭރަކު ނޭނގެއެވެ. ކެވޭ އެއްޗެއްސާއި ނުކެވޭ އެއްޗެއްސެއް ވެސް ނޭނގެއެވެ. އަހަރެންގެ ކޮޓަރީގައި ދެން އުޅެނީ ހަސަންއެވެ. ދިވެއްސެކެވެ. ހަސަންއަށް ވުރެ އަހަންނާ ދޭތެރޭ ކަންބޮޑުވަނީ ޖޮއޭންހެން އަހަންނަށް ހީވެއެވެ.

ޖޮއޭންއަށް ހުންނަނީ ވަކި ކޮޓަރިއެކެވެ. ދަތިވާ އެއްވެސް ކަމެއް އޭނައަކަށް ނޯވެއެވެ. އެހެނަސް، އަހަރެން ގަދަވެ ސަލާމަތުން ހުރިއްޔާ ޖޮއޭން ކަންކަމު ކިޔައެވެ. ކޮންމެ މީހެއް ގާތުގައި ވެސް އެހޭ ވަރުގެ ކުދިކުދި ކަންތައް އަހަރެން ގާތުގައި އަހައެވެ. އެއީ އަހަރެން ހައިރާންވި ކަމެކެވެ. އެއީ ރައްޓެހިކަން ކަމުގައި ނިންމައިގެން ހުއްޓައި، ހަސަންގެ ހިތުގައި ޝައްކު އުފެދެން ފެށިއެވެ. އަހަރެންގެ ލޯ ހުޅުވައި ދިނެވެ. ފުރަތަމަކޮޅު އަހަރެން ގަބޫލެއް ނުކުރަމެވެ. ޖޮއޭން ކަހަލަ ކުއްޖަކު ލޯބިވާން އަހަރެން މިއީ ކާކު ހެއްޔެވެ؟

ވަރަށް އަވަހަށް އަހަރެންގެ ޝައްކު ޔަގީނަށް ބަދަލުވިއެވެ. އަހަރެން ގަތީ ފާޑެއްގެ ބިރެކެވެ. އަހަރެންގެ ކިޔެވުމަށް ވާނީ ކިހިނެއް ހެއްޔެވެ؟ ފުރަތަމައިނުން ވެސް ހިތަށް އެރީ އެހެންނެވެ. ޖޮއޭން ހުރީ އަހަރެންގެ އިސާރަތަކަށް ބަލަބަލައެވެ. ސީދާ ނުބުނެ އެންގޭނެ ހުރިހައި ގޮތަކަށް އޭނަ އެންގިއެވެ. އޭނަ ބުނެއެވެ. ކުލާހުގެ އެއްވެސް މީހެއްގެ އުފަންދުވަހެއް ޖޮއޭން ހަނދާނެއް ނުހުރެއެވެ. އަހަރެންގެ ފިޔަވައެވެ. އޭނަ އަހައެވެ. ދިވެހިރާއްޖޭގައި ޖޮއޭންއަށް އުޅެވޭނެ ހެއްޔެވެ؟ މޫސުމަށް ކެތްވާނެ ހެއްޔެވެ؟ އަހަންނަކީ ފިންޏަށް ބަލި މީހެކެވެ. ޖޮއޭން އިރުއިރުކޮޅާ ލަންޑަންގެ ފިނިމިން އަހަންނަށް ހަނދާން ކޮށްދެއެވެ. އެ ފިންޏަށް ކެތްކުރާނެ އުކުޅުތައް ކިޔައިދެއެވެ. ޖޮއޭންގެ އާއިލާ އަހަރެން ހިތުދަސްކޮށްދިނެވެ. އެ މީހުންގެ ވިސްނުން ހުންނަ ގޮތާއި، ހިތްއަތުލާނެ ގޮތާއި، ނުރުހޭ ކަންކަން ވެސް ކިޔައިދެއެވެ.

އިނގިރޭސި ވިލާތުގެ މުސްލިމުންގެ އާބާދީ ކިހައި ވަރެއް ކަން ބުނެދިނީ ވެސް ޖޮއޭންއެވެ. އެ ފަދަ ވާހަކަ ދައްކާނީ އަހަރެން އެކަނި ހުންނަ ވަގުތެއްގައެވެ. މީހަކު އަންނަ އިރަށް ހުއްޓައިލާނެއެވެ. ޖޮއޭން ބޭނުންވީ އަހަރެންގެ އެންމެ ސިގުނަލެކެވެ. އެ ހިތްވަރެއް އަހަންނަކަށް ނުލިބުނެވެ. ޖޮއޭންއާ ބެހޭ ގޮތުން ކިޔައިދޭ ވަރަށް އަހަންނާ ބެހޭ ގޮތަކުން ކިޔައެއް ނުދެމެވެ. އެއީ އަހަރެން ދިން ނުސީދާ މެސެޖެކެވެ. އަހަރެންގެ ހިލަ ހިތް، ޖޮއޭންގެ މަގުސަދު ނޭނގޭ ކަމަށް ހަދައިގެން ހުރީއެވެ. އެއީ އަހަރެންގެ އަމިއްލަ ހިތަށާއި، ޖޮއޭންއަށް އަހަރެން ދިން ރަހުމުކުޑަ އަނިޔާއެކެވެ.

ޗުއްޓީ ދުވަސްދުވަހު ކުލާސްކުދިން ކުރު ދަތުރުތައް ރާވައެވެ. ގިނަ ކުދިން ދާ، އާދައިގެ ތަންތާކަށް ޖޮއޭންއަކަށް ނުދެވެއެވެ. އޭނައަށް ދެވެނީ، ހަށިފާރަވެރިންނަށް ބެލެހެއްޓޭ، ގޮތް އެނގޭ ތަންތަނަށެވެ. އާސާރީ ތަންތަން ބަލަން ޖޮއޭން ވަރަށް ވަރު ހުރެއެވެ. ވިއްސާރަ ވެހުމަކީ ޖޮއޭން ވަރަށް ގަޔާވާ ކަމެކެވެ. ވިދައިގުގުރުމަކީ ޖޮއޭން ވަރަށް ބިރުގަންނަ ކަމެކެވެ. ވީމާ، މެލޭޝިޔާގެ މޫސުން ޖޮއޭންއަށް ވަރަށް ކެހިދެއެވެ. މެލޭޝިޔާއިން ޖޮއޭންއަށް އެންމެ ކަމުދިޔަ ފޮނި އެއްޗަކީ އައިސްކަޗަންއެވެ. އޭގެ މާނައަކީ ބީން އައިސްއެވެ. މަޝްހޫރު ނަމަކީ އޭބީސީއެވެ. ވާރޭވެހޭ އިރު ވާރޭ ތެރޭގައި ހުރެގެން އައިސްކަޗަން ކެއުމަކީ އަހަންނަށް މޮޔަ އެކަމަކު ޖޮއޭންއަށް މަޖާކަމެކެވެ.

އެއްފަހަރަކު ވަރަށް އަގުބޮޑު، އާސާރީ ހޮޓަލެއްގައި އަހަރުމެން ތާށިވެފައި ތިބީމެވެ. ވިއްސާރަކަމުން ދަތުރުކުރަން ޖޮއޭން ބޭނުންނުވީއެވެ. އެ ރެއަކީ މެހުމާނުން މަދު ރެއެކެވެ. ތުނިކޮށް ވާރޭވެހެމުން ދިޔަ ވަގުތެއްގައި، ބަގީޗާ ތެރޭގައި ޖޮއޭން އައިސްކަޗަން ކަމުން އެކަނި ނެށި މަންޒަރު އަހަރެން ދުށީމެވެ. އަހަރެން ހުރީ ހަވަނަ ފަންގިފިލާގައި ހުރި ކޮޓަރިއެއްގައެވެ. ހިތަށް އެރީ އެންމެ އެއްޗެކެވެ. މި ކުއްޖާގެ ސިކުނޑި ރަނގަޅު ބާއެވެ؟ ނޫން ނަމަ، އެހައި ފިނި އެއްޗެއް ކަމުން، ރޭގަނޑު ވާރެޔާ ތެމޭނެ ހެއްޔެވެ؟ އެ މަންޒަރު އަހަރެންގެ ހިތުގައި ބިންވަޅުކެނޑި، ފަހުން ހިތަށް ވަރަށް ތަދުކުރިއެވެ. ހިމަފޮދުވާރޭ ވެހޭ ކޮންމެ ރެޔަކު އަހަރެންގެ ހިތުގައި ޖޮއޭން ނަށައެވެ. އަހަންނަށް ބަލަބަލައިފައި ހެމުންނެވެ.

"އެކަމަކުވާ!" ހިބާ ބުނި އަޑަށް ވާރޭގެ އަޑުކެނޑުނެވެ.

ނާސިފު ވިސްނައިލި އިރު އިނދެވުނީ، ކުރިން ވެސް އިން ތަނުގައެވެ. ރެސްޓޯރަންޓުގެ މޭޒު ކައިރީގައެވެ. ކުރިމަތީގައި އިނީ ހިބާއެވެ. ގެނައި އެއްވެސް އެއްޗެއްގައި ނާސިފަކަށް އަތެއް ނުލެވެއެވެ. އިސްޖަހައިލައިގެން އިނދެވުނީއެވެ.

"ކިހިނެއް ވެފަތަ ތި އިންނަނީ؟" ހިބާ އިނގިރޭސިން އެހިއެވެ.

"ކޮންމެވެސް އެއްޗަކަށް އެލާޖިކްވީބާ؟" ނާސިފަށް ބުނެވުނީ އެހެންނެވެ.

"ރިއަލީ؟" ހިބާ ބުނެލިއެވެ. "އެކަމަކު އެކައްޗެއް ވެސް ނުކަމެއްނު! އަހަންނަށް ތި އެލާޖިކްވީ!"

ސައިބޮއިގެން އަންނަނިކޮށް ހޮޓަލުގައި ހުރި ސްޕާ ފެނިގެން ހިބާ އެ ތަނަށް ވަންނަން ބޭނުންވިއެވެ. ނާސިފު ދިޔައީ ކޮޓަރިއާ ދިމާއަށެވެ. އެ ވަގުތު ފޯނެއް އައެވެ. ނުވެސް ދަންނަ، އިންޑިޔާ ނަންބަރަކުންނެވެ.

"ގުޑްމޯނިންގް!" ފޯނު ނަގައިފައި ނާސިފު ބުންޏެވެ.

"ނާސިފުތަ ވާހަކަ ދައްކަނީ؟" ސަލާން ބަލައިގެންފައި ވަރަށް ރީތި އަޑަކުން، އިނގިރޭސިން އަންހެންކުއްޖަކު އެހިއެވެ.

"ޔޭސް!" ނާސިފަށް ބުނެވުނެވެ.

"މީ ލިޒް!" އެ ކުއްޖާ ބުންޏެވެ. "އެލިޒަބަތު! ބައްޕަ ބުނެގެން މި ގުޅާލީ! އަސްލު ބުނީ ގުޅާފަ އަންނައްޗޭ އެކަމަކު ނުގުޅާ އާދެވިފަ މިހިރީ. އެއްޗެއް ހަވާލު ކޮށްލަންވެގެން. ލޮބީގަ މިހިރީ!"

ނާސިފު ވިސްނައިލިއެވެ. އަދީލް އެހެން ބުނި ހަނދާންވީ ކުއްލިއަކަށެވެ.

"އޯ ޔޭސް!" ނާސިފު ބުންޏެވެ. "މި ދަނީ!"

ނާސިފު އެނބުރިފައި ލޮބީއާ ދިމާއަށް މިސްރާބުޖެހިއެވެ. ހިތަށް އެރިއެވެ. ރަސްމީ ކަންކަމުގައި އެ ގޮތަށް ދަރިފުޅު އަތަށް އެއްޗެހި ދީފައި، ނުބުނެ ފޮނުވާ ހެއްޔެވެ؟ ކޮން ކަހަލަ ބައްޕައެއް ހެއްޔެވެ؟ ލޮބީއަށް ދިޔަ އިރު، އެ ތަނުގައި އެ ވަގުތު ކޮޅަށް ހުރީ އެންމެ އަންހެންކުއްޖެކެވެ. އޭނަ އަތުގައި ބޯ ފައިލެއް އޮތެވެ. އެއީ ވަރަށް އަޅައިގަންނަ ގޮތެއް ހުރި، އިސްކޮޅުން ދިގު، ރީތި ކުއްޖެކެވެ. (ނުނިމޭ)