ފަތިހުގެ ރީތި ކުލަތައް އުދަރެހުގައި އެތުރި ތަރުތީބުވެލިއެވެ. ފިލައި އޮތް ކަޅުވިލާ ރޮދި، ސަފު ފަޅަމުން ސިއްރުސިއްރުން ވަދެ، ފެތުރިލިއެވެ. ބިއްލޫރިގަނޑަށް ވެހިގަތް ތުނި ވާރޭގެ ސަބަބުން ސިނަމާލެ ދާލަމުގެ މަގުބައްތިތަކުގެ އަލި ފޭދެން ފެށިއެވެ. ހީވީ ކުރެހުންތެރިޔަކު ފިއްސަކުން ފަވައިލި މަންޒަރެއްހެންނެވެ. ގޭގެ ނުވަވަނަ ފަންގިފިލާގައި ހުރި ކޮޓަރި އާއި ޖައްވުގެ ފިނިހޫނުމިން ތަފާތުވަމުންދިޔަ ވަރަކަށް، ބިއްލޫރީގައި އުފެދުނު އުދާސްކަން ދިޔައީ ބޯވަމުންނެވެ. ދެއަތުން ކޮފީ ތަށީގައި ބާރަށް ހިފާއްޓައިލައިގެން ހުރި، މެދުއުމުރުގެ ނާސިފު އެއް އަތުން ބިއްލޫރިގަނޑު ފުހެލިއެވެ. އިރުއަރާ މަންޒަރަކީ ނާސިފު ބަލައި ފޫހިނުވި މަންޒަރެކެވެ. އެހެން ނޫން ނަމަ، ހެނދުނު ނުވައެއް ޖަހާއިރު އޮފީހަށް ދާން ޖެހޭ މީހަކު ފަތިހު ހޭލާ ގޮތަށް ނުނިދައި ހުރުމުގެ ބޭނުމެއް ނެތެވެ. ނާސިފު ހިތަށް އެރިއެވެ. ވިއްސާރަ ދުވަހަކަށް ނުވެއްޖެއްޔާ ކިތަންމެހައި ވެސް ރަނގަޅެވެ. އިސާހިތަކު ކުލަތައް ފަނޑުވެ، ފުސްވިލާތަކުން އިރު ފަރުދާކޮށްލިއެވެ. ވާރޭ ބޯކޮށްލިއެވެ. ދުވަސް ފެށުނީ ނާސިފު ބޭނުންވި ގޮތަކަށް ނޫނެވެ. ދެން އިވުނީ ފޯނު ރަނގަބީލުވާން ފެށި އަޑެވެ.
13 އެޕްރީލް 2025
ފަތިހުގެ ރީތި ކުލަތައް އުދަރެހުގައި އެތުރި ތަރުތީބުވެލިއެވެ. ފިލައި އޮތް ކަޅުވިލާ ރޮދި، ސަފު ފަޅަމުން ސިއްރުސިއްރުން ވަދެ، ފެތުރިލިއެވެ. ބިއްލޫރިގަނޑަށް ވެހިގަތް ތުނި ވާރޭގެ ސަބަބުން ސިނަމާލެ ދާލަމުގެ މަގުބައްތިތަކުގެ އަލި ފޭދެން ފެށިއެވެ. ހީވީ ކުރެހުންތެރިޔަކު ފިއްސަކުން ފަވައިލި މަންޒަރެއްހެންނެވެ. ގޭގެ ނުވަވަނަ ފަންގިފިލާގައި ހުރި ކޮޓަރި އާއި ޖައްވުގެ ފިނިހޫނުމިން ތަފާތުވަމުންދިޔަ ވަރަކަށް، ބިއްލޫރީގައި އުފެދުނު އުދާސްކަން ދިޔައީ ބޯވަމުންނެވެ. ދެއަތުން ކޮފީ ތަށީގައި ބާރަށް ހިފާއްޓައިލައިގެން ހުރި، މެދުއުމުރުގެ ނާސިފު އެއް އަތުން ބިއްލޫރިގަނޑު ފުހެލިއެވެ. އިރުއަރާ މަންޒަރަކީ ނާސިފު ބަލައި ފޫހިނުވި މަންޒަރެކެވެ. އެހެން ނޫން ނަމަ، ހެނދުނު ނުވައެއް ޖަހާއިރު އޮފީހަށް ދާން ޖެހޭ މީހަކު ފަތިހު ހޭލާ ގޮތަށް ނުނިދައި ހުރުމުގެ ބޭނުމެއް ނެތެވެ. ނާސިފު ހިތަށް އެރިއެވެ. ވިއްސާރަ ދުވަހަކަށް ނުވެއްޖެއްޔާ ކިތަންމެހައި ވެސް ރަނގަޅެވެ. އިސާހިތަކު ކުލަތައް ފަނޑުވެ، ފުސްވިލާތަކުން އިރު ފަރުދާކޮށްލިއެވެ. ވާރޭ ބޯކޮށްލިއެވެ. ދުވަސް ފެށުނީ ނާސިފު ބޭނުންވި ގޮތަކަށް ނޫނެވެ. ދެން އިވުނީ ފޯނު ރަނގަބީލުވާން ފެށި އަޑެވެ.
"ކާކު މި ގަޑީގަ ގުޅަނީ؟" ނާސިފު ހިތާހިތުން ބުނެލިއެވެ.
ރަނގަބީލު ވަމުން ދިޔަ ފޯނު ކައިރިއަށް ނާސިފު ޖެހިލިއެވެ. ފޯނަކު އަތެއް ނުލައެވެ. އަރާފައި އޮތް ނަން ފެނުމުން އެ މީހަކު އެ ގުޅަނީ ކީއްކުރަންކަން ނާސިފަށް އެނގުނެވެ. ކޮފީތަށި ބަހައްޓައިފައި ލެޕްޓޮޕް ހުޅުވައިލިއެވެ. ފޯނު ރަނގަބީލުގެ އަޑު ކެނޑުނެވެ. އޮފީހަށް ދިޔުމުގެ ކުރިން ފައިލެއް ފޮނުވައިލަން ރައްޓެއްސަކު އޮތީ އެދިފައެވެ. ނާސިފު ހަނދާން ނެތުނީއެވެ. ޕީޑީއެފް ފައިލު ހޯދައި، މެއިލް ކޮށްލުމަށް ފަހު، ފޯނު ނަގައިފައި އެ ވާހަކަ ބުނެ މެސެޖެއް ފޮނުވައިލިއެވެ. އެހެނަސް ލެޕްޓޮޕް ލައްޕައެއް ނުލެވުނެވެ. ފައިލު ހޯދުމުގެ ތެރޭގައި ފެނުނު ފޮޓޯތަކަކަށް ނާސިފުގެ ޝައުގުވެރިކަން އެނބުރުނީއެވެ.
ފޮޓޯތަކުން ފެންނަނީ ނާސިފު މަތީތައުލީމު ހާސިލުކުރުމަށް ޓަކައި މެލޭޝިޔާގައި ކިޔެވި ދުވަސްވަރެވެ. އެއީ އާ ރައްޓެހިންތަކެއް ނާސިފަށް ލިބުނު ދަތުރެކެވެ. ޖޮއޭންއާ ދިމާވީ ވެސް އެ ދަތުރުގައެވެ. ނާސިފު ކިޔަނީ، ނަމުގެ ފަހަތުބައި ކަމުގައިވާ އޭންއެވެ. ދެ މީހުންގެ މެދުގައި ގާތް އެކުވެރިކަމެއް އުފެދުނެވެ. އެ ގާތްކަމަށް ނާސިފު ދޭނެ ނަމަކީ ލޯތްބެވެ. ކިޔެވުމަށް އިސްކަންދޭން ޖެހިފައި ވާތީ އެކުވެރިކަމުގެ ހުޅުގަނޑަށް ފުމެ، ލޯބީގެ ހުޅުރޯވިޔަ ދޭން ނާސިފު ބޭނުން ނުވީއެވެ. އެހެން ނޫން ނަމަ ރޯވީހެވެ. އޭންއަކީ، އިނގިރޭސި ޝާހީ އާއިލާއަކަށް ނިސްބަތްވާ ރީތި ކުއްޖެކެވެ. ފުން ނޭވައެއް ބޭރުކޮށްލުމަށް ފަހު ނާސިފު ލެޕްޓޮޕް ލައްޕައިލިއެވެ.
އޭންގެ ދައުވަތަށް ފުރަގަސްނުދެވުނު ނަމައޭ ހިތަށް އެރިއެވެ. ކިޔެވުމުގައި ބޭނުންވި ލަނޑުދަނޑިތައް ހާސިލު ކުރުމުން، ހުސްކަމާއި މާޔޫސްކަން ފިޔަވައި ނާސިފަށް ލިބުނު އެއްޗެއް ނެތެވެ. ރާއްޖެއަށް ތައުލީމުގެ ބޭނުމެއް ނެތެވެ. ސިޔާސީޕާޓީއަކާ ގުޅުނީމައި ނިމުނީއެވެ. ނުލިބޭނެ ވަޒީފާއެއް ނެތެވެ. ބައްޕަގެ ތަނަވަސްކަމާއި އަރާމު ދިރިއުޅުމުން ވެސް ނާސިފަށް ލިބުނީ ކޮން އުފަލެއް ހެއްޔެވެ؟ ބޮޑު، ފަޅު ކޮޓަރިއަކު އެއްވެސް ދިރުމެއް ނެތެވެ. ވަށައިގެން ވަނީ ހަމަހިމޭންކަމާއި އެކަނިވެރިކަމެވެ.
ވާރޭ ތުނިކުރަމުން ގޮސް އޮފީސް ގަޑި ޖެހެން ކައިރިވީ އިރު ވިއްސާރަ އަލިވެއްޖެއެވެ. ޓޯސްޓަރުން ނެގި ޕާންފޮތި ތަށްޓަކަށް ލައިގެން ގެނެސް ކާމޭޒުމަތީގައި ބެހެއްޓުމަށް ފަހު ފައިރޫޒާ ގަޑިއަށް ބަލައިލިއެވެ. ގަޑި ޖެހިގެން އޮފީހަށް ދިޔުމަކީ، ސަރުކާރުގެ މަތީ މަގާމެއް އަދާކުރާ ފައިރޫޒާ ގަޔާވާކަމެއް ނޫނެވެ.
"ލަތާ!" ފައިރޫޒާ ގޮވައިލިއެވެ.
ލަތާއަކީ ފައިރޫޒާއަށް އަތްގާތްކޮށްދޭން ގެނެސްފައި ހުންނަ ޒުވާން ބިދޭސީއެކެވެ. އޭނާ މަސައްކަތާއި ދިވެހިބަހަށް ވެސް ރޯފިލާ ވަރު ކޮށްދިނީ ފައިރޫޒާއެވެ. ރޮށި ފިހަން ހުއްޓައި ފައިރޫޒާ ގޮވައިލި އަޑުއިވުމުން، ތެޅެމުން ފޮޅެމުން ލަތާ އައެވެ.
"ބެޑްޝީޓުތަކާ އެއްޗެހި ދޮންނަން ލާފަ ހުންނާނީ،" ފައިރޫޒާ ބުންޏެވެ. "އަވިދޭ އިރަށް ހިއްކަން އަޅާތި!" އާނއެކޭ ބުނުމުގެ ގޮތުން ލަތާ ދެ އަތަކަށް ބޯ ހޫރައިލިއެވެ.
"އަސްޖަދު ސައިބޯން އަންނަންވާ އިރަށް ރޮށި ފިހެ ނިންމާތި،" ފައިރޫޒާ ހަނދާން ކޮށްދިނެވެ. "މަސްރިހަ ވެސް ކައްކާތި! މެންދުރަށް ބިރިޔާނި ހަދާނީ. ހުރިހާ އެއްޗެއް އެބަ ހުއްޓެއްނު ދޯ؟"
ލަތާ ވަރަށް ހިނިއައިސްފައި، ކުރިން ވެސް ކުރި ހަރަކާތް ކޮށްލިއެވެ.
"މީނަ އަދި އާނއެކޭ ބުންޏަސް ނޫނެކޭ ބުންޏަސް ނޭނގޭނެ،" ފައިރޫޒާ މަޑުމަޑުން ބުނެލިއެވެ. "ހޫނ! ދެން ދޭ! ނާސިފު ތި ނޫން ގަމީހެއް ލައިގެން ދާތި! ތި ހީވަނީ ރޫގުޅައެއްހެން."
ލަތާ އަނެއްކާ ވެސް ބަދިގެއަށް ވަނެވެ. ނާސިފު ކޮފީ ފޮދެއް ބޮއިލިއެވެ.
"އަހަރެން ގަމީހުގަ އެންމެ ރުލެއް ހުއްޓަސް މަންމައަށް ހީވާނެ ރޫގުޅައެއްހެން،" ނާސިފު ވަރަށް ހަމަޖެހިލައިފައި ބުންޏެވެ. "އެކަމަކު އަސްޖަދުގެ ގަމީސް ވަރިހަމަ ބޮނޑިކޮށްލާފަ އޮންނަ ކަރުދާސްގަނޑެއްހެން އޮތަސް. އުމުރުން ދެ އަހަރު ހަގީ ވެސް އޭނަ. ކުޑަކުއްޖާއަށް ދޯ މަންމަގެ ހެލްޕު ބޭނުންވާނީ ވެސް."
"ކުޑަޔަކަސް އޭނަގެ ހުރޭ އަންބެއް،" އައިސްއަލަމާރިން ޖޫސްފުޅި ނަގައި، ތަށްޓަކަށް ޖޫސް އަޅަމުން ފައިރޫޒާ ބުންޏެވެ. "މަންމަ ނުޖެހޭނެ އެ ކަމާ ވިސްނާކަށް. ކޮބާ ތިރީސް އަހަރު ފުރޭ ޕާޓީއެއް ނުބާއްވާތަ؟" "ހީވޭތަ ނުބާއްވާނެހެން؟" ސައިބޮއި ނިންމައިލާފައި ތެދުވަމުން ނާސިފު ބުންޏެވެ. "ވަރަށް ސިއްރުން އުޅެނީ. އެކަމަކު ހަމަ ގެރެންޓީ މިއަދު ކޭކު ފަޅާނެ."
ސައިކަލުގައި އޮފީހަށް ދިޔަ މަގުމަތީގައި ނާސިފަށް އުނދަގޫތަކެއް ވިއެވެ. ހިތަށް އެރިއެވެ. އޮފީހަށް ނުދާންވީއެވެ. އެހެނަސް، އޮފީހަށް ސަލާން ބުނެފިއްޔާ މީހުން ސަބަބު އަހާނެއެވެ. އެ އަށް ދައްކާނެ ބަހަނާއެއް ނާސިފަކަށް ނުވިސްނުނެވެ.
ކޭކުގައި ވަޅި ހިންގައިލުމާ އެކު އަތްތިލަބަޑި ގުގުމައިލިއެވެ. އެ ކުޑަކުޑަ ހަފުލާ އޮތީ އޮފީހުގެ ސައިކޮޓަރީގައެވެ. ގާތުގައި ތިބީ ނާސިފުގެ އެންމެ ގާތް ހައެއްކަ އެކުވެރިންނެވެ. އާދައިގެ މަތިން އިނާޔާ ކުޑަ ޕާރުސަލެއް ހިފައިގެން އިންތިޒާރުގައި ހުއްޓެވެ. އޮފީހުގެ ބައެއް މުވައްޒަފުން، ޝައްކުގެ ނަޒަރަކުން އިނާޔާއާ ދިމާއަށް ބަލަނީ އެހެންވެއެވެ. އެއްވެސް އެކުވެރިއަކު ނާސިފަށް އުފަންދުވަހުގެ ހަދިޔާއެއް ނުދޭ އިރު، އެންމެ ފަހަރަކު ވެސް އިނާޔާ އެ ކަން ހަނދާން ނައްތައި ނުލާތީއެވެ. ލޯބިވާ ވާހަކަ އިނާޔާއަށް ބުނަން ކެރެނީ ވަރަށް ދުރުދުރުންނެވެ. ހަމަ އެހައިމެ ދުރުދުރުން ނާސިފު އެ ލޯތްބަށް ފުރަގަސްދެއެވެ. އިނާޔާގެ ހިތަށް އޭގެ ތަދު އިހުސާސް ނުކުރެވޭހައި ލުއިކޮށެވެ. އުމުރުން ނާސިފާ އެއްވަރު އިނާޔާއަކީ ނާސިފު ގަޔާވާ ކަހަލަ އަންހެނެއް ނޫނެވެ.
"ހެޕީބާތުޑޭ!" ކުޑަކުޑަ ހަދިޔާ ދިއްކޮށްލަމުން އިނާޔާ ބުންޏެވެ. ޝުކުރު އަދާކުރަމުން ނާސިފު ހަދިޔާ ގަބޫލުކުރި އިރު ބައެއް އެކުވެރީން ކަރުކެހޭއަޑާއި ތުނބުންފުމުނު އަޑު ދެ މީހުންނަށް ވެސް އިވުނެވެ. އެ އަޑުތަކުން ކޮންމެ ފަހަރަކު ވެސް ނާސިފަށް އުނދަގޫވެއެވެ. އެހެން ނުބުނަނީއެވެ.
"ނާސިފު ދެން ތި ކަން ނިންމަނީ ކޮން ދުވަހަކުންތަ؟" އެކުވެރިއަކު ސުވާލުކުރިއެވެ.
"މި މީހުން ހާދަ ހެއްވައޭ!" ކުޑަކޮށް ރަކިވެފައި އިނާޔާ ބުންޏެވެ. "ފްރެންޑަށް ހަދިޔާއެއް ދޭން ނުކެރޭތާނގަ އަހަންނާ އެބަ ދިމާކުރެއެއްނު! ތިހެން އުޅެންޏާ..."
އެ ވަގުތު ފޯނެއް އައިސްގެން އިނާޔާ ދާން ޖެހުނެވެ. ނާސިފު ހިތަށް އެރިއެވެ. އިނާޔާ ބުނަން އުޅުނީ ކީކޭބާއެވެ؟ ސައިގެ ވަގުތު ފެށުމާ އެކު އެންމެން ވެސް ދެން އުޅުނީ އެ ކަމާއެވެ. ތަށްޓަށް ހެދިކާ އަޅައިގެން ނާސިފަށް އިށީނދެވުނީ ނިޒާމް ކައިރީގައެވެ.
"އަސްލު ވަރަށް ކަޑަކަމެއް ދޯ އެ ކުރަނީ؟" އަޑުގަދަވެފައިވާ ސައިކޮޓަރީގައި ތިބި އެހެން މީހުންނަށް ނީވޭ ވަރަށް ނިޒާމް ބުންޏެވެ. "އިނާގެ ހުންނާނެ ވަރަށް ސަކަރާތް އެޓިޓިއުޑެއް. އެންމެން ތެރޭގަ ބަވާ ވެސް ލައިފާނެ."
"އަހަރެން ބުނެފާނަން ހައްލެއް. ކޭކު ފެޅުން ހުއްޓާލަންވީ!" ނާސިފު ހިޔާލު ދިނެވެ.
"ނާސިފު މީހަކާ އިންނަންވީ! އެއީ ވެސް ހައްލެއް." ނިޒާމް ބުންޏެވެ.
"ތި ނޫނީ މި ތާކު ނެތް މެރީ ނުކުރާ މީހެއް،" ނާސިފު މަޑުމަޑުން ބުނެލިއެވެ. "އެކަމަކު އިނާގެ އެޓިޓިއުޑާ، އޭނަ ރުޅި އައިއްސާނެކަން ވެސް އެނގެނީ ނިޒާމަށް އެކަނި. މެރީ ކުރުމަކީ ސިކުނޑި ޑައުންގްރޭޑްވާ ކަމެއް. ކީއްކުރަން މީހަކާ އިންނަންވީ؟ ތިހެން ސިންގަލްކޮށް އަހަރެން ހުންނާނީ."
"ނާސިފަށް އެބަ ޖެހޭ ބޭޑް ނިއުސްއެއް ދޭން،" ކުރިއަށް ވުރެ ވެސް މަޑުމަޑުން ނިޒާމް ބުންޏެވެ. "މާދަމާ ރޭ މެރީކުރަން މި އުޅެނީ."
ނާސިފު އަނގައަށް ލައިލައިހުރި ކޭކުކޮޅު މޭޒުމައްޗަށް ވެއްޓުނެވެ. ނިޒާމް ކައިވެނި ކުރުމުން، އެންމެ ރައްޓެހިކޮށް އުޅޭ ހުރިހައި ފިރިހެނުން މީހުނާ އިނދެ ނިމުނީއެވެ. އެހެނަސް ނާސިފު ކައިވެނި ކުރާނީ ކިހިނެއް ހެއްޔެވެ؟ ވަގުތު ފާއިތުވެއްޖެއެވެ. އެކުގައި އުޅުނު ހުރިހައި އަންހެން ރައްޓެހިންނަށް ދަރިން ލިބި ނިމިއްޖެއެވެ.
"ބޮޑު ޕާޓީއެއް ނުބާއްވަން. ސޭވް ކޮށްގެން ހަނީމޫން ޓްރިޕެއް ރޭވީ،" ނިޒާމް ބުންޏެވެ. "ވަރަށް ކުޑަކޮށް ގޭގަ ކަމެއް މި ބާއްވަނީ. މާދަމާ ރޭ މެރީކޮށްފަ، ދަންވަރު ފުރަން. އޮފީހުން ނާސިފަށް އެކަނި އިންވައިޓް މި ކުރީ. އަންނައްޗޭ!"
އޮފީހުގައި އެންމެ ގާތްކޮށް އުޅޭ އެކުވެރިޔާ މީހަކާ އިންނާތީ ނާސިފު އުފާވެއެވެ. ތަހުނިޔާ ކިޔައި ހެޔޮދުއާ ވެސް ކުރިއެވެ. ހަވީރު ބާޒާރަށް ގޮސް ރަނގަޅު ހަދިޔާއެއް ވެސް ގަތެވެ. އެހެނަސް އެކަނިވެރިކަން އިހުސާސް ކުރެވުނެވެ. ދެން ކޮފީއަކަށް ދާން ވެސް ނިޒާމަކަށް ވަގުތެއް ނޯންނާނެއެވެ. ހުރިހައި ވަގުތެއް ހުސްކުރަން ޖެހޭނީ އަނބިމީހާއަށެވެ. އެއީ ނާސިފު ދެކޭ ގޮތެވެ. ވަރަށް އެހެން ކަހަލަ އެއްޗެއް ވެސް ނާސިފު ހިތަށް އެރިއެވެ. މީހުންގެ ދުލުގައި ތަޅެއް އަޅުވަން އިނާޔާއާ އިންނަންވީއެވެ. އެހެން ހިތަށް އެރި ވަގުތު ނިޒާމް ގުޅިއެވެ. އެ ގޭ ދޮށަށް އައުމަށް އެދުނެވެ. ނާސިފުގެ ސައިކަލުގައި ނިޒާމް ނުކުތީ ފޮށްޓެއް ގަންނާށެވެ. ނިޒާމް ދެކޭ ގޮތުގައި ފޮށީގެ ތަޖުރިބާ ހުންނާނީ ނާސިފުގެއެވެ.
ދެ މީހުންނަށް ކަމުދިޔަ ފޮށި ހުރީ ހަލާކުވެފައެވެ. އާ ފޮށްޓެއް ގުދަނުން ގެންނާތީ އިންތިޒާރުގައި ތިބި ވަގުތު، ނިޒާމް ކުރިން ނުދައްކާ ކަހަލަ ވާހަކައެއް ދެއްކިއެވެ.
"ދެން ދިވެއްސަކާ އިންނަންވީނު؟" ނިޒާމް ހަމަ ކުއްލިއަކަށް ބުނެލިއެވެ. "ތިހެން ހުރީމަ މީހުން ވަރަށް ފާޑުފާޑުގެ ވާހަކަ ދައްކާނެ."
ދިވެއްސަކާ އިންނަން ނިޒާމް އެދުނީ ނާސިފު ކުރިން ބުނެފައިވާ އެއްޗެއްގެ ސަބަބުންނެވެ.
"އަސްލު ތެދަށް ބުނަން؟ ދިވެއްސަކާ ނީންނާކަށް ނޫޅެމޭ!" ނާސިފު ބުންޏެވެ. "އަހަރެން ބެޗްގެ ސިންގަލް އެކަކު ވެސް ނެތީ. އެއީ މައްސަލައަކީ. ޓީންއޭޖް ކުއްޖަކާ ނީންނާނަން. ޑިވޯސް ކޮށްފަ ހުރި މީހަކާ ވެސް ނީނދެވޭނެ. ދެން ކިހިނެއް ހަދާނީ؟" (ނުނިމޭ)