Roadha Mihaaru

ފަޔަށް ހެރުނު ކަށި

(އާދިއްތަ ދުވަހާ ގުޅޭ)

ފަޔަށް ހެރުނު ކަށި
ބިންމާ އިބްރާހިމް ވަހީދު
ބިންމާ އިބްރާހިމް ވަހީދު

26 ފެބުރުއަރީ 2025

(އާދިއްތަ ދުވަހާ ގުޅޭ)

އޭނަ ހުރީ ހަމަހެއަކު ނޫނެވެ. އުމޭރަކީ އެ މީހަކާ އެއްކޮށް ތަންތަނަށް ދިޔުން އަހަރެން ހުއްޓާލައިފައިވާ މީހެކެވެ. ހަމަހޭގައި ނުހުރެވުމުގެ ސަބަބުން އުމޭރަށް ކުރެވޭ ކަންތައްތަކާ ހެދި އަހަރެން ލަދުގަންނަން ޖެހޭތީއެވެ. އުމޭރަށް ވެސް އެ ކަން އެނގޭނެއެވެ. އޭނަގެ ޝަކުވާއެއް ވެސް ނެތެވެ. ވީ އިރު އެ ހަފުލާއަށް އުމޭރު އައީ ކީއްވެގެން ހެއްޔެވެ؟ އުމޭރުގެ ހަރަކާތްތަކަށް ބަލަހައްޓައިގެން ހުރި އިރު، އެ ސުވާލުގެ ޖަވާބު އަހަންނަށް އެނގެއެވެ. އެހެން ހުރިހައި ފަހަރަކަށް ވުރެ ބޮޑަށް އުމޭރުގެ ހޭވެރިކަން ކުޑައީއެވެ. ހުރެވުނު ތަން ނޭނގެނީ އެކަންޏެއް ނޫނެވެ. ތިމާ ލައިގެން ހުރީ ކޯޗެއް ކަން ވެސް އުމޭރަކަށް ނޭނގެއެވެ. ގަމީސް ލެވިފައި ހުރީ ނުބައި ފުށުންނެވެ. ނަސީބަކުން ފަޓުލޫނު ލެވިފައި ހުރީ ރަނގަޅަށެވެ. ބޫޓުގެ ބަދަލުގައި އެރިފައި ހުރީ ފައިވާނަކަށެވެ. އެއީ އުމޭރު ހެދުން އަޅާ ގޮތެއް ނޫނެވެ. ޔުމްނާގެ ފިރިމީހާ އުމޭރު ގެންގޮސް ގެއަށް ނުލި ނަމަ، އަހަރެން ލަދުން މަރުވާ ވަރުގެ ޑުރާމާއެއް އެންމެން ކުރިމަތީގައި ކުޅެވުނީހެވެ.

"ފެނިއްޖެ؟" އަހަރެން ބުނީމެވެ. "އެ ވަރު މީހަކާ އެއްކޮށް އުޅެން ތި ނަސޭހަތް ދެނީ؟"

"އާނ ފެނިއްޖެ!" ޔުމްނާ ބުންޏެވެ. "އުމޭރު ކޮންމެ އެއްޗެއް ކެޔަސް، ބުޔަސް ޒިޔާދާ ބޭނުން ގޮތަކަށް އުޅުމުގެ މިނިވަންކަން އޮވޭ! އެއީ ވަރަށް ބޮޑު އެއްޗެއް. ވިސްނާލާ! ވަރަށް އަތްމަތި ތަނަވަސްކޮށް އުޅެފަ، އަލުން މަންމަ ކައިރިއަށް ގޮސް، އަލުން ވަޒީފާ އަދާކުރަން ޖެހުނީމަ ދެނެއް ފަސޭހައެއް ނުވާނެ."

"އެކަމަކު ޔުންމު ހަމަ ބުނީ، ރަން ތާޖެއް އަޅައިގެން އުޅުނަސް ހިތްހަމަނުޖެހެންޏާ އެއީ ލައިފެއް ނޫނޭ!" އަހަރެން ހަނދާން ކޮށްދިނީމެވެ. "ހިތްހަމަނުޖެހެންޏާ ޖެހޭނީ ވަރިވާށޭ ވެސް ބުނީމެއްނު؟"

"ބުނީމޭ!" ޔުމްނާ ބުންޏެވެ. "ކީއްވެގެންކަން އެނގޭތަ؟ ކިޑެއް ނެތީމަ. ކުދިން ލިބުނީމަ ދެން ޖެހޭނީ ކެތްކުރަން. ދެން ވަރިވުމަކީ މޮޔަ ކަމެއް. ޑިވޯސް ވެގެން ދެނެއް ހަމަޖެހުމެއް ނުލިބޭނެ. މި ޒަމާނުގަ ދަރިން އުޅޭނީ ނިކަން ބިޒީކޮށް. ގޮވާލަން އައުން ކީއްކުރަން ގުޅާލަން ވެސް، ގިނަ ފަހަރަށް އޮންނާނީ ވަގުތު ނުވެފައި. އެކަމަކު މައިލަގޮނޑިއަކަށް ކެތެއް ނުވާނެ. ޒިޔާދާ ބޭނުންވާނެ ކުދިން ދެކިލަން. އެ ގެއަށް ދިޔައިމަ ޒިޔާދާއަށް ފެންނާނީ ކޮން މަންޒަރެއް؟ މުޅި އުމުރު އެކީ ހުސްކޮށްލި އެއްކަލަ ފިރިމީހާ ކޮންމެވެސް އެހެން އަންހެނެއްގެ އުނގުގަ ބޯ އަޅައިގެން އޮންނަ ތަން ފެންނާނީ. ކެތްވާނެ؟ ނުވާނެ. އުމޭރު އިނދެގެން އުޅޭ މީހާ ބޭނުންވާނެ ޒިޔާދާގެ ހިތަށް ފައިން އަރަން. ޒިޔާދާއަކަށް ނުކެރޭނެ ތަދުވެޔޭ ވެސް ބުނެލާކަށް."

އަހަރެން ގެއަށް އައި އިރު ވިސްނުން ބަދަލުވެއްޖެއެވެ. އުމޭރު އޮތީ ނިދައިފައެވެ. މުޅި ކޮޓަރިން ދުވަނީ ކުރިން ނުދުވާ ނުބައި ވަހެކެވެ. އޭސީ ނިއްވައިލައިފައި ދޮރުތައް ހުޅުވީމެވެ. ތާޒާ ވައި އެތެރެއަށް ވެއްދީމެވެ. އަހަރެންގެ ސިކުނޑި ހުރީ ސުމަކަށް ގޮސްފައެވެ. ވާހަކަ ދައްކައިލާނެ މީހަކު ނެތެވެ. ހިތްވަރެއް ދޭނެ މީހަކު ނެތެވެ. ހިތަށް އެރިއެވެ. މީހަކާ އިންނަނީ ކީއްކުރަން ހެއްޔެވެ؟ ފިރިއެއްގެ ލޯބި ހޯދަން ހެއްޔެވެ؟ ލޭގެ ގުޅުމެއް ނެތް ފިރިހެނެއްގެ މަޔަކަށް ވާން ހެއްޔެވެ؟ ނޫނެކެވެ. އަހަރެންގެ ތިބޭނީ ދެ ދަރިންނެވެ. ވަރިވާނީއެވެ. އެހެނަސް، އެތައް ޒަމާނެއް ވަންދެން އިނދެގެން އުޅުނު މީހާ ދޫކޮށްލަން ހިތްވަރު ދޭނެ މީހަކު ބޭނުންވިއެވެ.

ހެނދުނު ދިހައެއް ޖެހި އިރު ވެސް އުމޭރެއް ނުހޭލައެވެ. އަހަރެންގެ ހާލު ބަލަން ޔުމްނާ ގުޅިއެވެ. "އޯކޭތަ؟" ޔުމްނާ އެހިއެވެ.

"ކޮޓަރިއަށް ވަނީމަ ނޭވައެއް ނުލެވޭ!" އަހަރެން ބުނީމެވެ. "ސިޓިންރޫމްގަ ނިންޖެއް ނައި. އޯކޭ ވާނީ މިހާކަންހާ ވަރަކަށް. ނޫޅެވޭނެ މިހެނެއް. ލޯބިން ފިރުމާލެވެނީކީ ނޫން، ބަލާލެވެނީކީ ނޫން، ގޮވާލެވެނީކީ ވެސް ނޫން. އެ ވާނެތަ ފިރިޔަކަށް؟"

"ބޭނުންވީ ލޯބިތަ؟ އަރާމުގަ އުޅެންތަ؟" ޔުމްނާ އެހިއެވެ. "ހުރިހާ މޮޅެއް ނުލިބޭނެ. ލިބޭ ނަމަ މި ތަނަކަށް ދުނިޔެއެކޭ ނުކިޔާނެ. ސުވަރުގެ ކިޔާނީ. އަހަރެން ބުނާނީ، ކުރިން ވެސް ކެތްކުރީއޭ ދެން ވެސް ކެތްކުރާށޭ! ކެތްކުރުމަކީ ސަވާބު ލިބޭ ކަމެއް."

"ޔުންމު ނޫން އެކަކު ވެސް ތިހެނެއް ނުބުނޭ!" އަހަރެން ބުނީމެވެ.

"އެހެން މީހުނަކަށް ނޭނގޭ ހެޔޮ ނަސޭހަތް ދޭކަށް،" ޔުމްނާ ބުންޏެވެ. "ކޮންމެ މީހަކަށް ވެސް ވަރަށް ފަސޭހަވާނެ ބުނެލަން ވަރިވާށޭ! ގެއަށް ނައްޓާލާށޭ! ދިޔައިމަ ހުރިހާ ހާލެއްގަ އުޅެން ޖެހޭނީ އޭނައެއް ނޫނޭ! ޒިޔާދާ އުޅެން ޖެހޭނީ. އެހެންވެ އެހެން އެ ބުނަނީ. އަތުން ފައިން ގޯސް ނަހަދާ ކެތްކުރޭ! އަހަންނަށް ޒިޔާދާ އެނގޭ ވަރަކަށް އެހެން މީހުންނަކަށް ނޭނގޭނެ. އަހަންނަށް އެނގޭ ޒިޔާދާ ފަހުން ކިހާ އެކަނިވެރިވާނެކަން. ކިހާ ރޯނެކަން. ކިހާ ދެރަވާނެކަން. ކިހާ ބާކީ ވާނެކަން. ތެދެއް. މިހާރަކު ޒިޔާދާއަކަށް ލޯތްބެއް ނުލިބޭ! އެކަމަކު ތީ ދެ ދަރިންގެ މަންމަ. ހުރިހާ ބާރެއް އޮންނާނީ ޒިޔާދާ އަތުގަ. ތީ ފިރިމީހާގެ ދަރުބާރުގެ ރާނީ. އުމޭރަކީ މިހާރު ބަލި މީހެއް. މާދަމާ ވެސް އޭނަ ލޯ މަރާލަފާނެ. އޭރުން ތި ދަރުބާރުގަ ހިނގާނީ ޒިޔާދާގެ އަމުރު. ބޭނުމިއްޔާ އެހެން މީހަކާ ވެސް އިނދެވޭނެ. ތި ބުނާ ލޯތްބެއް ވެސް ހޯދޭނެ. ހިތުން ނުވިސްނާ ސިކުނޑިން ވިސްނާ މަންޖޭ! ފަޔަށް ކަށްޓެއް ހެރުނީމަ ފައި ބުރިކޮށްލާކަށް ނުޖެހޭނެ. ކޮރު ޖަހަމުން ހިނގާލީމަ ނިމުނީ."

ފަޔަށް ހެރުނު ކަށި އަހަރެންގެ ސިކުނޑީގައި ހަރުލިއެވެ. ހިތަށް އެރިއެވެ. އެއީ ތެދެކެވެ. ކެތްތެރިކަން އިސްކޮށް ހަޔާތާ ކުރިމަތިލާނީއެވެ. ފަހުން ރަނގަޅުވާނެއެވެ. މި ނޫން ދުވަހެއް ފެންނާނެއެވެ. ކުދިންނަށް ޓަކައި އުޅޭނީއެވެ. މާމަދަރިންނަށް ޓަކައި އުޅޭނީއެވެ. ތިބި ބަޔަކީ އެއީއެވެ. އެ މީހުންގެ އުފަލަކީ އަހަރެންގެ އުފަލެވެ.

ދޭތެރެއަކުން ޔުމްނާ ގުޅައެވެ. ހިތްވަރުދެއެވެ. ފަޔަށް ހެރިފައިވާ ކަށީގެ މަތިން ހަނދާން ކޮށްދެއެވެ. އަހަންނަށް ތަދުވެއެވެ. ފައިގައި ފިރުމައިލައިގެން އުޅެނީއެވެ. ކޮންމެވެސް ދުވަހަކުން ހިތްހަމަޖެހޭނެ ކަމުގެ އުންމީދުގައެވެ. އެހެނަސް، ހަޔާތުގައި ދުވަސް ގުނަނީ އަހަރަކުން ނޫނެވެ. މިނިޓުންނެވެ. ސިކުންތުންނެވެ. ކޮންމެ މިނިޓެއް ގަޑިއިރެއްހެން ހީވާ މީހާއަށް ހަޔާތަކީ މަލުގެ ދާނެއް ނޫނެވެ. ކަށިޖަންގައްޔެކެވެ. ހަނަފަސް ސަހަރާއެކެވެ. ދިރިއުޅެން ކީއްކުރަން ހެއްޔެވެ؟ ކޮންމެ ފިޔަވަޅަކީ ބޮޑު ހަނގުރާމައަކަށް ބަދަލުވިއެވެ.

ނަފުސާނީ ބަލިމަޑުކަމެއްގެ ތެރެއަށް މަޑުމަޑުން ގެނބި، ގޮތް ނޭނގޭ ބިރެއްގެ ސިކާރައަކަށް އަހަރެން ވާން ފެށިއެވެ. އަމިއްލަ އެޕާޓުމަންޓުގައި ހުންނަން އަހަރެން ބިރު ގަންނަން ފެށިއެވެ. ކުއްލިކުއްލިއަށް ފާޑެއްގެ އަޑެއް އިވެން ފެށިއެވެ. އެ އަޑު ވައްތަރީ، ތަށިމުށިޖަހާފައި ހުންނަ ތަޅުންގަނޑަކަށް ފަސްއޮށެއް ވެއްޓުނީމައި އިވޭ ކަހަލަ އަޑަކާއެވެ. އަޑުއަންނަ ދިމާއެއް އަހަންނަކަށް ނޭނގެއެވެ. ކުއްލިއަކަށް އިވެނީ ތޫނު އަޑެކެވެ. ސިއްސައިގެންދެއެވެ. އެ ދިމާއަށް ކުއްލިއަކަށް ބަލައިލެވެއެވެ. އެޕާޓުމަންޓުގެ ކޮންމެ ތަނެއްގައި އަހަރެން ހުއްޓަސް އެ އަޑުއިވެއެވެ. ހަމަ ކޮންމެ ފަހަރަކު ސިއްސައިގެންދެއެވެ. އުމޭރަށް އެ އަޑުއިވޭހެނެއް ހިއެއް ނުވެއެވެ. އޭނަ ސިއްސައިގެނެއް ވެސް ނުދެއެވެ.

ގިނަ ވަގުތު ދަރިންގެ އެޕާޓުމަންޓުގައި އަހަރެން އުޅެން ފެށީމެވެ. ކުދިން ގާތުގައި ސަބަބެއް ނުބުނަމެވެ. އެހެނަސް އެ ތަނުގައި އުޅޭ އިރު އަހަންނަކަށް ސިހުމެއް ނުލިބެއެވެ. ތޫނު އަޑެއް ނީވެއެވެ. ވީމާ، ހެނދުނު ހޭލާ ގޮތަށް އަހަރެންގެ އެޕާޓުމަންޓުން ނުކުންނަނީއެވެ. އެހެން ހަދަން ފެށުމުން، އަހަރެންގެ އެޕާޓުމަންޓު އަހަންނަށް ފެންނަނީ ފަޅުކޮށެވެ. ވީރާނާ ކޮށެވެ. ތަނުގެ ފަރުނީޗަރުތައް އަހަންނަށް ބީރައްޓެހިވާން ފެށިއެވެ. ބަދިގޭ ސާމާނުތަކުގައި ވެސް އަތްލަން އަހަންނަށް އުނދަގޫވާން ފެށިއެވެ. ހީވަނީ އެހެން މީހެއްގެ އެއްޗެއް ހެންނެވެ. އައިސް އަލަމާރި ހުޅުވައިލިޔަސް އަހަންނަށް ހީވަނީ ނުވެސް ދަންނަ އައިސް އަލަމާރިއެއް ހުޅުވައިލެވޭ ހެންނެވެ. ކޮންމެ ފަހަރަކު ވެސް، އިރުކޮޅަކު ބަލަހައްޓައިގެން ހުރެގެން މެނުވީ އެއްޗެހި ހުންނަ ތަންތަނެއް ވެސް ހަނދާނެއް ނުހުރެއެވެ. އެއީ ދިރިއުޅުމެއް ނޫނެވެ.

އަނެއްކޮޅުން އެހެން ކުދިންގެ ދިރިއުޅުން މާ ގާތުން ފެންނަން ފެށުމުން އަހަރެން ހިތްހަމަނުޖެހޭ އެތައް ކަމެއް ފެންނަން ފެށިއެވެ. ދަނބިދަރިފުޅުގެ ހަރުކަށިކަމާއި އަޅައިލުން ކުޑަކަމެވެ. ޅީދަރިފުޅުގެ ކަންނެތްކަމާއި ފަރުވާކުޑަކަމެވެ. ބޭރުން ގެއަށް އައި މީހުންގެ އާއިލާ މީހުން ގެއަށް އަތްގަދަކުރާ މަންޒަރަކީ ވެސް އަހަރެންގެ ލޮލަށް ފަސޭހަ މަންޒަރަކަށް ނުވިއެވެ. އެއްޗެއް ބުނާކަށް ބޭނުމެއް ނޫނެވެ. ނުބުނެއެއް ނުހުރެވެއެވެ. އަހަންނާ ހެދި ކުދިންނަށް އުނދަގޫވެދާނެތީ އެހެން އެޕާޓުމަންޓުތަކަށް ވަނުން މަދުކޮށްލީމެވެ. އަމިއްލަ ކޮޓަރީގައި ނިދަން ހަނގުރާމަކުރަން ފެށީމެވެ. އެކުވެރިއެއްގެ ލަފަޔަށް ބަޤަރާ ސޫރަތް ކިޔަވައި، ކޮޓަރީގައި ވެސް އެ ސޫރަތް ޖަހަން ފެށީމެވެ. ލުއި ލިބުނެވެ. އެހެން ކަމެއް ފެށުނެވެ. އެއީ ވަރުބަލިވެ، ނޭވާ ކުރުވާން ފެށުމެވެ. ކާހިތްނުވާން ފެށުމެވެ. ނިދަން އުޅުނަސް ނިންޖެއް ނާދެއެވެ. ފިކުރު ކުރަން އޮވެވެނީއެވެ.

އެކުވެރިއެއްގެ އެދުމުގެ މަތިން، ނަފުސާނީ ޑަކުޓަރަކާ އަހަރެން ބައްދަލުކުރީމެވެ. ހުރިހައި ވާހަކައެއް ކިޔައިދިނީމެވެ. ޑަކުޓަރު އެދުނީ ފިރިމީހާ ގޮވައިގެން އައުމަށެވެ. އެއީ އަހަންނަށް ކުރެވޭނެ ކަމެއް ނޫނެވެ. އަހަންނަށް އެ ހުއްދަ ނުލިބުނު އިރު އުމޭރު އަންނަން އެއްބަސްވާނެ ހެއްޔެވެ؟ އުމޭރު ދެކޭ ގޮތުގައި، ނަފުސާނީ ޑަކުޓަރަކަށް ދައްކާ ވަރުގެ ބައްޔެއް އަހަރެންގެ ނެތެވެ. ތެދެކެވެ. ކޮންމެ އާއިލާއެއްގައި ވެސް އަނދިރި ސިއްރެއް އޮންނާނެއެވެ. އެ ވާހަކައެއް ނުދައްކާނެއެވެ. އެއީ ނުހިނގާ ކަމެކެވެ. ނުވާ ކަމެކެވެ. އަހަންނަށް އޮތީ ދެ ގޮތެވެ. ކަމެއް ނުވާ ކަމަށް ހެދިގެން އުޅުމެވެ. ނުވަތަ ހިތްދަތިކަމަށް ކެތްކުރުން ހުއްޓައިލުމެވެ. އަހަރެން ނިންމީ ފަޔަށް ހެރިފައިވާ ކަށި ނަގާށެވެ.

ކަށި ދަމައިގަތް ވަގުތު ތަދުވިއެވެ. އެ ރިހުން ދުވަސްކޮޅަކު ހުރި މެއެވެ. އެއަށް ފަހު ކެނޑިއްޖެއެވެ. ލުއިވެއްޖެއެވެ. މިހާރު އަހަންނަކީ ދުނިޔޭގައި ހުރި އެންމެ އުފާވެރި މީހާއެއް ނޫނެވެ. އަތްމަތި ދަތިވުމުން ހުރަސްތަކާ ކުރިމަތި ނުވާނީ ކާކަށް ހެއްޔެވެ؟ މަންމަގެ ސުވާލުތަކާ ކުރިމަތިލުމަކީ ވެސް ކުޑަ ވަރެއްގެ ހަނގުރާމައެކެވެ. އެހެނަސް، ޔަގީނުން ވެސް އަހަންނަކީ ކުރިޔަށް ވުރެ އުފާވެރި މީހެކެވެ. ހިތްބިރުގަތުން ފިލައިފިއެވެ. ސިހުމެއް ވެސް ނެތެވެ. ފިކުރުތައް މަދުވެ، ހަމަ ނިދި މިހާރު ލިބެއެވެ. ކުރިޔަށް ވުރެ ބޮޑަށް ދަރިން ލޯބިވެއެވެ. އެއީ ކަށަވަރު ކަމެކެވެ. ވަޒީފާއެއް ހޯދަން ޖެހުނެވެ. އޯގާވެރި ރައްޓެހިންތަކެއް ވެސް ލިބުނެވެ. ފޫހިފިލައެވެ. ގަޔާވާ ފިރިހެނަކު ވެސް ފެނިއްޖެއެވެ. ދަރިން ބޮޑެތި ވެފައިވާ، ހުސްހަށިބައި، އަހަންނާ އެއް އުމުރުގެ މީހެކެވެ. އުމޭރު ހައި މުއްސަންޖެއް ނޫނެވެ. އެކަމަކު ލޯބީގެ މަހުޖަނެކެވެ. މިހާރު ހިތަށް އަރައެވެ. ހަޔާތަކީ ކޮކާލެއް ނަމަ، އެ ދެ ފިޔަ ވެސް ހާދަހާ މުހިންމެވެ. (ނިމުނީ)