(އާދިއްތަ ދުވަހާ ގުޅޭ)
09 އެޕްރީލް 2025
(އާދިއްތަ ދުވަހާ ގުޅޭ)
"ނަމަނަމަ ފައި ނުނަގާތި!" އަހުސަން ބުންޏެވެ.
އަހަރެން ކުޑަކޮށް ބިރުގަތެވެ. ފިރިމީހާ އަށް ބަލައިލީމެވެ. ކުރިން ވީ ތަދަށް ވުރެ ތަދު ބޮޑުވެއްޖެއްޔާ އަހަރެންނަކަށް ކެތެއް ނުކުރެވޭނެއެވެ. ހެޔަށް ވެސް ގޮތްވެދާނެއެވެ. ސިހުރާއި ޖިންނި ދެކެ ވެސް އަހަރެން ވަރަށް ބިރުގަނެއެވެ. އަނެއްކޮޅުން، މީހަކު އަހަންނަށް ސިހުރު ހަދަންޖެހޭ ސަބަބެއް ނެތެވެ. އަހަންނަކީ އެކަކާ ދޭތެރޭގައި ވެސް ހިތްބަރުކޮށް، ނުނިޔަތްލާ މީހެއް ނޫނެވެ. އާއިލާ ތެރޭގައި ހަމަނުޖެހުން އޮވެއެވެ. ކޮންމެ އާއިލާއެއްގައި ވެސް އެ ކަން އޮންނާނެއެވެ. އެއްބަޔަކު ސިއްރުން ކަންކަން ކުރާ އިރު އަނެއް ބަޔަކު ކުރާނީ ފާޅުގައެވެ. އަހަރެންގެ އާއިލާގައި އަހަންނާ އަނގައިން ނުބުނާ މީހުން ވެސް އުޅެއެވެ. އެހެނަސް، އެ އިން އެކަކާ ދޭތެރޭގައި ވެސް އަހަރެން ހިތް ނުބައެއް ނުކުރަމެވެ.
"ފައިލާބަލަ!" ހިތްވަރުދޭ ރާގެއްގައި އިޔާން ބުންޏެވެ. "ތިޔަ ތަދަކުން ސަލާމަތްވާން އެބަ ޖެހެއެއްނު! ނެތެއްނު އެހެން ގޮތެއް."
އެއީ ވެސް ތެދެކެވެ. މާތްކަލާނގެއާ ވަކީލު ކޮށްލާފައި އަހަރެން ފައިލީމެވެ. އަހުސަން ކިޔަވަން ފެށިއެވެ. ހަށިގަނޑުގައި ހީވީ ފިނީގެ ރާޅެއް ދުވެލިހެންނެވެ. ހީވި ކަހަލައެވެ. ކޮންމެވެސް އެއްޗެއް ހަށިގަނޑު ތެރޭގައި އެބަ އުޅެއެވެ. އެ އެއްޗެއް އުޅެނީ އެއްތާކު ހިމޭނުން ނޯވެވިގެންނެވެ.
"ލޯމަރާލާ!" އަހުސަން އެދުނެވެ. "ފެންނާނެ އެއްޗެހިތަކެއް. ވިސްނައިގެން އިންނާތި!"
އަހަރެންގެ ހިތަށް އެރިއެވެ. އަނެއްކާ އަނެއް ކަންތަކެވެ. އެއްކޮޅުން ރިހުމެކެވެ. އަނެއްކޮޅުން ސޫރައެވެ. އަހަންނަކީ ފަސޭހައިން ސިހޭ މީހެކެވެ. ސިހިއްޖެއްޔާ ހަޅޭއްލަވައިގަނެވޭނެއެވެ.
"ކޯޗެއް ފެންނާނީ؟" ލޯ މަރާލައިފައި ލޯ ހުޅުވައިލަމުން އަހަރެން އެހީމެވެ. "ބިރުގަންނަން އެއްޗެއްތަ؟"
"ބިރަކީ ގަތީމަ ގަންނަ އެއްޗެއް،" ވަރަށް ހަމަޖެހިލާފައި އަހުސަން ބުންޏެވެ. "އަހަރުމެން މި ތިބީނު ކައިރީގަ. ފެންނަ ވަރަކަށް އަހަންނަށް ކިޔައިދީ. ލޯ މަރާ ލޯ މަރާ! ވާހަކަ ނުދައްކާ، ހަމަޖެހިލައިގެން މަޑުމަޑުން އިނދޭ، ފައިފުރޮޅުނީމަ ރިއްސާނީ ހުޅުގަ. އެކި ތަންތަނަށް ތަދު ދުވަންޏާ އެ އުޅެނީ އެހެން ކަމެއް."
ނުތަނަވަސްކަމުގެ ނޭވައެއް ބޭރު ކޮށްލަމުން އަހަރެން ލޯ މަރައިލީމެވެ. އެހެނަސް ހަމައެއް ނުޖެހެވުނެވެ. އެއްޗެއް ފެންނާނެ ކަމުގެ އިންތިޒާރުގައި އިންނަ މީހަކު ހަމަޖެހޭނީ ކިހިނެއް ހެއްޔެވެ؟ އަހަންނަށް ފެންނަމުން ދިޔައީ ކަނުއަނދިރި ކަމެވެ. އަޑަކަށް އިވެނީ އަހުސަން ކިޔަވާ އަޑެވެ. އަހަރެން އިނީ ސިހިސިހިއެވެ.
ކުއްލިއަކަށް ފެނުނީ ޖިންނިއެއް ނޫނެވެ. އަހަރެންގެ ފައި ގަނބައިގަތް ވަޅުކޮޅެވެ. އަހަރެން ހިނގި ދުވާރެވެ. ވަޅުކޮޅު ތެރޭގައި ފައި ތާށިވި ތަން ވެސް ފެނުނެވެ. ހީވަނީ ފިލްމެއްގެ ތަންތަންކޮޅު ފެންނަހެންނެވެ. އެއީ ހަމަ އަޖައިބެއް ކަހަލަ ކަމެކެވެ. އެކިއެކި ފިހާރަތަކުގެ ކުރިމަތި ވެސް ފެނުނެވެ. ފިހާރައިގެ އެތެރެ ހުންނަނީ އަލިގަދަ ވެގެން ގޮސް ހުދުވެފައެވެ. ފަތިސްދަޅަ ކަހަލަ އަނދިރި، މަގުމަތި ހިމޭން ވަގުތެއް ވެސް ފެނުނެވެ. ދުވާރު މައްޗަށް، މީހަކު ފުޅިއަކުން ފެން އަޅާ ތަން ވެސް ފެނުނެވެ. އެކި އުމުރުގެ، އެކި އިސްކޮޅުގެ، އެކި ޖިންސުގެ މީހުންނެވެ. މީހުންގެ ސިފަ ވަކިވާ ވަރަށް ވުރެ އަނދިރިއެވެ. ފެން އެޅުމުން ބައެއް ތަންތަނުން، ބައެއް ފަހަރު ދުން އަރައެވެ. އެ ހުރިހައި ވާހަކައެއް އަހަރެން ކިޔައިދިނީމެވެ. ތަދަށް ކެތްނުވާ ވަރުވުމުން ފިރިމީހާގެ އަތުގައި ނިކަން ބާރަށް ހިފައިލެވުނެވެ. އެހެނަސް ކެތްކުރީމެވެ. ނުކޮށް ކުރާނީ ކީއް ހެއްޔެވެ؟ އަހުސަން ލޯ ހުޅުވަން އެދުމުން ހުޅުވީމެވެ. އެއާ އެކު ރާޅެއް އޮބުނުހެން ރިހުންގަނޑު އޮބުނެވެ.
"ބައިވަރު ސިހުރު ވަޅުތަކަކަށް އަރައިގެން ތި އުޅެނީ،" އަހުސަން ބުންޏެވެ. "ވެފަ ތިހިރަ ގޮތަކީ، ވިޔަފާރިވެރިން ފިހާރަތަކަށް މީހުން ވައްދަން، ވިޔަފާރި ރަނގަޅު ކުރަން ސިހުރު ހަދާނެ. ތުއްތަ ފުރަތަމަ ގަނބައިގަތް ވަޅަކީ އެ ކަހަލަ ވަޅެއް. އެ މަގުގެ ވަރަށް ގިނަ ފިހާރަތަކަށް ސިހުރު ހަދާފަ ހުރީ. ވިޔަފާރި ބަނގުރޫޓު ކޮށްލަން ވެސް ސިހުރު ހަދާފަ އެބަ ހުރި. ކަންކަމަށް ހަދާފަ ހުންނަ ސިހުރަށް، ނުބައި ދަނޑިވަޅުގަ، ނުބައި މީހާ އަށް އެރިއްޖެއްޔާ އެ މީހަކަށް އެ ކަންތައް ލައިގަންނާނެ. އެއީ ތުއްތަ އަށް ކޮށްފަ ހުރި ކަމެއް ނޫން. ނުބައި ގަޑިއެއްގަ، ނުބައި ތަނެއްގަ ތުއްތަ އަށް ފައި އެޅުނީ. އިރުއޮއްސޭ ވަގުތު ނުވާނެ ބޭރުގަ އުޅޭކަށް. ހާއްސަކޮށް އަންހެނުންނާ ކުޑަކުދިން."
އަހުސަން ދެއްކި ވާހަކަ ގަބޫލު ކުރަން އަހަންނަކަށް އެހައި ފަސޭހައެއް ނުވިއެވެ. ހިތަށް އެރިއެވެ. އެހެންވެއްޖެއްޔާ ފައިގަ ނުރިއްސާ މީހަކު މަދުވާނެތާއެވެ. ދުވާރަކީ އެންމެން ހިނގަން އޮންނަ ތަނެވެ. މާލެއަކީ ގެއާ އެއްވަރަށް ފިހާރަ ހުންނަ ތަނެކެވެ.
"ހާދަ ގިނަ ބަޔެއްގެ ފައިގަ ރިއްސާނޭ ދޯ؟" އަހަރެން ބުނީމެވެ.
"އޭގެ ވަޅަކަށް މީހަކަށް އެރޭހާ ފަހަރަކު ފަޔަކު ނުރިއްސާނެ. މިސާލަކަށް، ވަކިވަކިން ހުންނަ އިރު ކެއުން ހުއްދަވާ އެއްޗެހި ވެސް، އެއްކޮށްގެން ވަކި ގޮތެއް ހެދީމަ ހުއްދައެއް ނުވެއެއްނު،" އަހުސަން އޮޅުންފިލުވައިދިނެވެ.
"މިސާލެއް މި ބުނީ. އެ ގޮތަށް، އެ ކަހަލަ ވަޅުކޮޅަކަށް މީހަކަށް އެރުނަކަސް އަދި ގޮތެއް ނުވެދާނެ. އެކަކަށް އެތައް ވަޅަކަށް، އެއްދުވަހަކު އެރެވުނީމަ މައްސަލައަކީ. ކޮންމެ މީހަކީ ވެސް ތަފާތު މީހެއް. ރައްކާތެރިކަން ލިބޭ މިންވަރު ވެސް ތަފާތުވާނެ. ގެއަށް ވަންނަމުން ކިޔާ ދުއާ، ނުކުންނަމުން ކިޔާ ދުއާ، ދަތުރަކަށް ފަށަމުން ކިޔާ ދުއާ، މިހެން ގޮސް އެކި ޒިކުރުތައް ހުންނާނެ. ކިޔާ މީހުންނާ، ނުކިޔާ މީހުންނާ، ކިޔަން ހަނދާން ނެތޭ މީހުން ވެސް އުޅޭނެ. ހުރިހާ އެންމެނަށް އެއްގޮތެއް ނުވާނެ."
އެ ރެޔަށް ފަހު އަހަރެންގެ ފަޔަށް ލުއި ވާން ފެށިއެވެ. ތަދު ހުންނަހެން ހީވެއެވެ. އެއީ ހީއެކެވެ. ގިނަ އިރު ތަނަކަށް ތަދުވުމުން އެ ތަދު ހުންނަހެން ހީވާނެއެވެ. ވީ ހުރިހައި ކަމެއް ވީ އަހަންނަށެވެ. ބޭސްތައް ނާކާމިޔާބުވެ، ރުގުޔާ ކޮށްގެން ރަނގަޅުވީ ވެސް އަހަރެންގެ ފަޔެވެ. އެހެނަސް އެހެން މީހުން އެ ވާހަކަ ގަބޫލު ނުކޮށްފާނެ އެވެ. އެ ޝައްކު ހިތުގައި އޮންނާތީ އަހަރެން އެ ވާހަކައެއް ނުދައްކަމެވެ.
އެހެން ދުވަހެކެވެ. އަނެއްކާ ވެސް ބާޒާރު ކޮށްލަން ދާން ވެގެން ޒައިނާ އަށް ގުޅައިލީމެވެ. އޭނަ ފޯނު ކަނޑައިލިއެވެ. ހިތަށް އެރިއެވެ. ކަމެއްގައި އަވަދިނެތި އުޅެނިކޮށް ގުޅުނީއެވެ. އޭނަ ފަހުން ގުޅާނެއެވެ. ދެތިން ގަޑިއިރު ވި އިރު ވެސް ޒައިނާއެއް ނުގުޅިއެވެ. އެއީ ޒައިނާގެ މިޒާޖެއް ނޫނެވެ. އަނެއްކާ ވެސް އަހަރެން ގުޅީމެވެ. ގުޅާ އިރަށް ފޯނު ނެގިއެވެ.
"ހަމަ ގުޅާނުލެވިގެން މި އުޅެނީ،" ބަލި ގޮތަކަށް ޒައިނާ ބުނެލިއެވެ. "ފަހުން ގުޅާނަން އިނގޭ!"
އޭނަގެ އަޑުގައި ރިހުމެއް ހުއްޓެވެ. ހީވަނީ ބަލިހެންނެވެ. އެ ސުވާލު އަހަރެން ކުރާކަށް ނުޖެހުނެވެ.
"ފާޑަކަށް ފަޔަށް ތަދުވާތީ މި އުޅެނީ،" ޒައިނާ ބުންޏެވެ. "އެއްކަލަ ދުވަހު ޝޮޕިން އަށް ގޮސްފަ އައިސް ބަދިގޭގަ ހުއްޓައި ޓަސްލާފަ ފަޔަށް ތަދެއް އެރީ. ތަނެއްގަ ނުވެސް ޖެހޭ! ނުވެސް ފުރޮޅޭ!"
އަހަރެންގެ ބޮލުގަ ރިއްސައިލިއެވެ. ހިތް ބުންޏެވެ. އެއީ ހަމަ އަހަންނަށް ވެސް ވީ ގޮތެވެ. އެހެނަސް، ދެން ވެސް އެ ވާހަކަ ބުނާކަށް ނުކެރުނެވެ.
ހަވީރު ޒައިނާ އަށް ގޮވައިލަން ދިޔައީމެވެ. އޭނައަށް ވާ ގޮތް ތަފާތެވެ. ޒައިނާ އަށް ފައި ނޭޅެނީއެވެ. އިށީނދެގެން ނުވަތަ އޮށޯވެގެން އޮންނަ އިރަކު ތަދެއް ނުވެއެވެ. ތަދު އަރަނީ ފައި އެޅޭ ގޮތަކުންނެވެ. އޭތިމީތި އުނގުޅައިފިއެވެ. ރަނގަޅެއް ނުވިއެވެ. އޭނަ ވެސް ވަޒީފާ އަދާކުރަނީ ފިހާރައެއްގައެވެ. ކުޑަ ކޮރެއް ޖަހަމުން ވަޒީފާ އަށް ދެއެވެ. އެ ތަދަށް ކެތްނުވެގެން އޭނަ އުޅޭކަށް ނުޖެހެއެވެ.
ދެ ދުވަހެއްވީ އިރު ޒައިނާގެ ބުރަކަށީގައި ރިއްސަން ފެށިއެވެ. ޑަކުޓަރަށް ދެއްކިއެވެ. ފުރަތަމަ ދެއްކި ޑަކުޓަރުގެ ލަފާގެ މަތީން ނާރުގެ ޑަކުޓަރަކަށް ދެއްކިއެވެ. ޑަކުޓަރު ބުނި ގޮތުގައި އެއީ ގިނަ އިރު އިށީނދެގެން އިނުމާއި، އިނދެވޭ ގޮތަކުން ވެގެން އުޅޭ ގޮތެކެވެ. އެ ކަން ރަނގަޅުވާނީ، އިށީނދެގެން އިންނަ ގޮތް ރަނގަޅު ކޮށްފައި، ވަކި ކަސްރަތުތަކެއް ކޮށްގެންނެވެ. ބޭހެއް ނުދިނެވެ.
ހަތަރު ދުވަސް ވީ އިރު ވެސް ތަދު ރަނގަޅެއް ނުވިއެވެ. ބޮޑެއް ވެސް ނުވިއެވެ. ޒައިނާ ބުނާ ގޮތުގައި ކަސްރަތު ކުރަން އޭނައަކަށް ވަގުތެއް ނެތެވެ. ދެން ވެސް އަހަންނަށް ދިމާވި ހާދިސާ ކިޔައެއް ނުދެމެވެ. ޒައިނާގެ ބަލި ބޮޑުވާން ފެށިއެވެ. ނުއެއް ނިދެއެވެ. ބޯ އަނބުރައި، މޫޑު ސަކަރާތްވެ، ރުޅި ގަދަވާން ފެށިއެވެ. ވަޒީފާ އަށް ނޫން ތާކަށް އޭނަ ނުދެއެވެ. އެ ކަމާ އަހަންނަށް ވަރަށް އުނދަގޫވިއެވެ. ތާކަށް ދަންޏާ އަހަރެން އެންމެ ފުރަތަމަ ގުޅާ މީހަކީ ޒައިނާއެވެ. އަހުސަންއަށް އެ ވާހަކަ ކިޔައިދިނީމެވެ. ޒައިނާ ރަނގަޅު ކޮށްދޭން އެދުނީމެވެ.
"އަނދިރިގަނޑަކުން އެއްޗެއް ފެންނަ އިރަށް އެއީ ޖިންނިއަކަށް ނުވާނެ. ކަމެއްވާ އިރަށް އެއީ ސިހުރަކަށް ވެސް ނުވާނެ،" އަހުސަން ބުންޏެވެ. "އެނގޭތަ؟ ގިނަ އިންސާނުން މަރުވާނީ ޖިންނިއެއް ނުފެނި. ސިހުރެއް ވެސް ނުޖެހި. ސިހުރެއް ކަމަށް ޝައްކު ވެސް ކުރަން ވާނީ، ވެގެންއުޅޭ ގޮތް ޑޮކްޓަރުންނަށް ނޭނގެންޏާ. ވެގެން އުޅޭ ގޮތް ޑޮކްޓަރު ކިޔައިދީފި. ހަދަންވީ ގޮތް ބުނެފި. ބުނާ ގޮތް ހަދައިގެން ދޯ ރަނގަޅު ވާނީ؟"
އެ ކަން އޮންނަ ގޮތް ވަރަށް ތަފުސީލުކޮށް އަހުސަން ކިޔައިދިނެވެ. ޑަކުޓަރު ބުނާ ގޮތް ނަހަދަންޏާ، ޖެހިގެން އުޅޭ މައްސަލަ ހައްލެއް ނުވާނެއެވެ. ނުފިލައި ރިހުމެއް ހުންނަންޏާ ނިންޖެއް ނާންނާނެއެވެ. ނިދި ހަމަ ނުވަންޏާ މީހާ ނެގިމަޑުވާނެއެވެ. ބޮލުގަ ރިއްސާނެއެވެ. ހިތްހަމަނުޖެހޭނެއެވެ. ރުޅިގަދަ ވެސް ވާނެއެވެ. އެއީ ސިހުރެއް ނޫނެވެ. އިންސާނީ ތަބީއަތެވެ. ރުގުޔާއަކީ ކޮންމެ ކަމެއްގެ ހައްލެއް ނޫނެވެ. ބައެއް ހައްލަކީ ބޭސްފަރުވާއެވެ. އަނެއްބައި ހައްލަކީ ޑަކުޓަރު ދޭ ލަފާ ގަބޫލުކޮށް، އެ ގޮތަށް ކަންކަން ކުރުމެވެ. އޭގެ ދެ ދުވަހެއް ފަހުން ޒައިނާ އެއްކޮށް ރަނގަޅުވިއެވެ. އަހަރެން އެއްޗެއް ބުނެގެނެއް ނޫނެވެ. ޑަކުޓަރު ލަފާދިން ގޮތަށް ކަސްރަތުތައް ކުރީމައެވެ. އެއީ އަހަންނަށް ވެސް ލިބުނު އިބުރަތެކެވެ. ކޮންމެ ތަދަކީ ސިހުރެއް ނޫނެވެ.
އަހުސަން ބުނި ގޮތުގައި ޝިފާގެ އާޔަތްތަކާއި، ބަރަކާތުގެ އާޔަތްތަކާއި، ރައްކާތެރިކަމުގެ އާޔަތް ވެސް ހުންނާނެއެވެ. އެއީ ވަރުގަދަ އައްޑަނަތަކެކެވެ. ދުލުން ކިޔާލުމާ އެކު ހަ ފަރާތުން މީހާ އަށް ހިމާޔަތާއި ރައްކާތެރިކަން ލިބޭނެއެވެ. އަހަންނަށް އޭގެ ބޭނުންހިފޭލެއް ކުޑައީއެވެ. ކޮންމެ ފަހަރަކު ކިޔަން ހަނދާން ވެސް ނުހުންނަނީއެވެ. އެ ކަންކަން އަހަރެން ރަނގަޅު ކުރީމެވެ. ނަސީބަކުން އަހަރެން އެ މުސީބާތުން ސަލާމަތްވިއެވެ. ކޮންމެ މީހަކު އަހަރެން ހައި ނަސީބުގަދަނުވެދާނެއެވެ. ފައިގައި ރިހުން ބައްޔަކަށްވެ، އުމުރު ދުވަހު ވެސް އެ ކަމުގައި އުޅެން ޖެހިދާނެއެވެ. ސިހުރަކީ ފުލޯކެއް ނޫނެވެ. ހަގީގަތެކެވެ. އެ ކަން ނުކުރަން އަންގަވާފައި އޮންނަނީ އެހެންވެއެވެ. (ނިމުނީ)