Roadha Mihaaru

ވާހަކަ: ހިބާ

(ބުދަ ދުވަހާ ގުޚޭ)

ވާހަކަ: ހިބާ
ބިންމާ އިބްރާހިމް ވަހީދު
ބިންމާ އިބްރާހިމް ވަހީދު

20 އެޕްރީލް 2025

(ބުދަ ދުވަހާ ގުޚޭ)

"ހިބާ!" ހިނިތުންވެލާފައި، ސަލާން ކުރަން އަތް ދިއްކޮށްލަމުން އޭނަ އަމިއްލައަށް ތައާރަފުވެލިއެވެ. ހުއްޓުން އަރާފައި ނާސިފަށް ހުރެވުނީއެވެ. ސަލާން ކުރަން އަތް ދިއްކުރާކަށް ވެސް ނާސިފު ބޭނުމެއް ނުވިއެވެ. ހަގީގަތަކީ އެއީއެވެ. އެހެން ނަމަވެސް ނާސިފު ސަލާން ކުރިއެވެ.

"ބޭބެ ބަލިވެ އުޅޭތީ ތަންކޮޅެއް ލަސްވީ،" އިނގިރޭސިން ހިބާ ބުންޏެވެ. "ޑުރައިވަރު ކައިރީގަ ކިޔަކިޔާ ވެސް ޓެކްސީ ބާރެއް ނުކުރި. ވަރަށް ފޫހި، ބޯހަރު ޑްރައިވަރެއް. ބާކީ ވެސް ނުދިން. ވަކި ރުފިޔާއެއް ނެތޯ ބުނީ."

އުމުރުން ވިއްސަކަށް އަހަރު ކަމަށް ނާސިފަށް ލަފާކުރެވޭ އެ ކުއްޖާގެ ކިބައިގައި ނާސިފަށް ކަމުދާ ހަމަ އެއްވެސް ސިފައެއް ނެތެވެ. އެކުގައި ދަތުރުކުރާ ވަރަށް ވުރެ ހަގު ކުއްޖެކެވެ. ފުރަތަމަ މައްސަލައަކީ އެއީއެވެ. އިސްތަށިގަނޑު ކުރެވެ. އެއީ ދެވަނަ މައްސަލައެވެ. ނާސިފުގެ ނަޒަރުގައި އަންހެންކުދިންގެ އިސްތަށިގަނޑު ދިގުވާން ޖެހޭނެއެވެ. ހިބާ ގަޑިއަށް ފަރުވާތެރި ނުވުމަކީ ތިންވަނަ މައްސަލައެވެ. ކުރިން ދިމާވެފައި ނެތަސް ހިބާއަކީ ނާސިފުގެ ދަށުން މަސައްކަތްކުރާ މުވައްޒަފެކެވެ. ވީމާ، ނާސިފު ފުރަން އަންނަ އިރު ހިބާ އެއާޕޯޓުގައި ހުންނަން ޖެހޭނެއެވެ. ހިބާއަށް ނާސިފު އިންތިޒާރު ކުރަން ޖެހިގެން ނުވާނެއެވެ. ހިބާ ލައިގެން ހުރި ހެދުން ނާސިފަށް މާ ކުރެވެ. އެއީ ހަތަރުވަނަ މައްސަލައެވެ. އަނގަ ހުއްޓައި ނުލައި ޗުވިންގަމު ހަފަހަފައި ހުރުމާއި، ދިވެއްސަކަށްވެ ހުރެ އިނގިރޭސިން ވާހަކަ ދެއްކުމާއި، ކަންފަތަށް އިއަ ފޯނު ޖަހައިގެން ހުރުމުން ހިބާގެ ފަރާތުން ނާސިފަށް ފާހަގަކުރެވުނު މައްސަލައިގެ އަދަދު ހަތަކަށް އެރިއެވެ.

އަލަށް މީހަކާ ބައްދަލުވާ ފަހަރު އެހައި ވަރަށް އަނގަތެޅުމަކީ ނާސިފު ފޫހިވާ ސިފައެކެވެ. ބޭބެ ބަލިވުމަކީ ނާސިފުގެ ކުށެއް ހެއްޔެވެ؟ ހިބާގެ ޒާތީ ކަންކަމަކީ ނާސިފުއާ ބެހޭ ކަމެއް ނޫނެވެ. އެއީ އިތުރު ދެ މައްސަލައެވެ. މީހަކާ އަލަށް ބައްދަލުވި ފަހަރު އޭނަގެ މައްސަލަތަކުގެ އަދަދު ނުވަޔަކަށް އެރީއެވެ. އެ ފަދަ މީހަކާ އެކުގައި އެންމެ މިނެޓެއް ވެސް ނާސިފު ހޭދަކުރާނީ ކިހިނެއް ހެއްޔެވެ؟ އަމުދުން، ބެންގަލޫރާ ހަމައަށް ދާން ދެގަޑިއިރު ހޭދަކުރާނެ ގޮތެއް ނާސިފަކަށް ނުވިސްނެއެވެ. ނަސީބަކުން ނާސިފު ޓިކެޓު ނެގީ ވަކީންނެވެ. ކުޑަދޮރު ކައިރިންނެވެ. ދަތުރުމަތީގައި، ޔަގީނުން ވެސް ނާސިފަށް ހަމަޖެހިލައިގެން އިނދެވޭނެއެވެ. އެތައް އެއްޗެއް ނާސިފުގެ ސިކުނޑީގައި އެނބުރެމުން ދިޔަ އިރު، ހުއްޓައި ނުލައި ހިބާ އަނގަތެޅުވިއެވެ.

"އޯކޭ!" ކަންފަތަށް ލުޔެއް ބޭނުންވާތީ ނާސިފު ބުނެލިއެވެ. "ހިނގާ ވަންނަމާ! މާ ބޮޑަށް ލަސްވެއްޖެ!" ވެގެންވާ ނަމަ، ދަތުރު ކެންސަލު ކޮށްފައި ނާސިފު މާލެއަށް ފުރީހެވެ. ކޯހެއް ކެޓުމަކުން ނާސިފަށް ގެއްލޭނެ އެއްޗެއް ނެތެވެ. މައްސަލައަކީ އަދީލް ހަވާލުކުރި އިތުރު މަސައްކަތެވެ. އޮފީހުގެ ހުއްޓިފައިވާ ޕުރޮޖެކްޓެވެ. ރައްޓެއްސެއްގެ ހައިސިއްޔަތުން އަދީލަށް އެ ކަން ކޮށްދޭން ނާސިފު ބޭނުމެވެ.

ނާސިފަކީ ރާއްޖެއިން ބޭރަށް އެތައް ފަހަރަކު ގޮސްފައިވާ މީހެކެވެ. ލުއިކޮށް ދަތުރުކުރާނެ ގޮތް ނާސިފަށް ވަރަށް ރަނގަޅަށް އެނގެއެވެ. ނާސިފު ގެންދަނީ މަތިންދާބޯޓުގެ ކަލިވަތަށް ލެވޭ ވަރުގެ ކުޑަ ފޮށްޓެކެވެ. އެހެނަސް ހިބާ ހިފައިގެންއައީ ބޮޑު ފޮށްޓެކެވެ. އެ ފޮށި ފެނިފައި ނާސިފަށް ހިތަށް އެރިއެވެ. އޭނައަށް އެރެވޭ ވަރަށް ވުރެ ކުޑަ ފޮށްޓެއް ހަމަ ނުލިބުނީބާއެވެ؟ އަހަންނަށް ވަރިހަމައެވެ. އެ ފޮށި އުފުއްލާކަށް އަހަންނަކަށް ނުޖެހޭނެ ވިއްޔާއެވެ. ނޫނެކެވެ. ކަންތައް ވީ އެހެނަކުން ނޫނެވެ. ޓުރޯލީން ފޮށި ނެގުން އެއީ ހިބާއަށް ކުޅަދާނަ ކަމަކަށް ނުވިއެވެ.

"ފޮށި ނަގައިދީފާނަން؟" އިނގިރޭސި ބަހުން ހިބާ އެދުނެވެ.

ވަރަށް އުފަލާ އެކު ކޮށްދޭހެން ނާސިފު އެ ކަން ކޮށްދިނެވެ. އެހެނަސް ހިތަށް އެރިއެވެ. މީ ހިލަ އަޅާފައި ހުރި ފޮށްޓެއް ހެއްޔެވެ؟ މާލެ އިން ދާ އިރު މި ވަރު ވަންޏާ، މާލެއަށް އަންނަ އިރު ކިހައި ވަރަކުން ދާނެ ބާއެވެ؟ ކިތައް ފޮށި ގަންނާނެބާއެވެ؟ އެ ހުރިހައި އެއްޗެއް ނާސިފަކަށް ނުއުފުއްލޭނެއެވެ. ނަސީބަކުން އެ ކަމެއް ނުވެސް ޖެހޭނޭ ހިތަށް އެރިއެވެ.

"ތޭންކިޔޫ!" ވަރަށް އޯގާތެރިކަމާ އެކުގައި ހިބާ ބުންޏެވެ.

"ނޯ ޕްރޮބްލަމް!" ނާސިފު ބުނެލިއެވެ.

ފުލައިޓު ލަސްވިއެވެ. އެއާޕޯޓުގެ އިސްޕީކަރުތަކުން އެހެން ބުނި އަޑު އިވުމުން ނާސިފަށް ހީވީ މަރުގެ ހުކުން އިއްވިހެންނެވެ. ލޯ މަރައިލެވުނެވެ. ހިބާ ވީ އުފަލެވެ.

"ދެން ހިނގާ ކޮފީއެއް ބޯލަމާ!" ދެއްކެން ހުރި ހުރިހައި ދަތެއް ދައްކައިލާފައި ހިބާ ބުނެލިއެވެ.

"އޯކޭ!" ނާސިފަށް އެހެން ބުނެވުނީ މާ ޝައުގުވެރި ރާގެއްގައެއް ނޫނެވެ.

ގަޔާނުވާ ރާގެއްގައި ބުނި ނަމަވެސް، ހިބާއަކަށް އެ ކަން ފާހަގައެއް ނުވިއެވެ. ރެސްޓޯރަންޓަށް ވަދެފައި ނާސިފު އޯޑަރު ދިނީ ކޮފީއަކަށެވެ. ހިބާ އޯޑަރު ދިނީ އޯރިއޯ މިލްކްޝޭކްއަކާއި ޗީޒް ކޭކުފޮއްޗަކަށެވެ. ނާސިފު ހިތަށް އެރިއެވެ. އެހައި ފޮނި ދޭތި އިންސާނަކު ކަނީ ކިހިނެއް ހެއްޔެވެ؟ އަނެއްކޮޅުން، އެ ވަރަށް ފޮނި އެއްޗެހި ކާ އިރު މި ކުއްޖާ މިހައި ހިކިކޮށް މި ހުންނަނީ ކީއްވެގެން ހެއްޔެވެ؟

"އަހަރެން ޕޭކުރާނީ އިނގޭ!" އެއީ ދިވެހިން ހިބާ އެއްޗެއް ބުނި ފުރަތަމަ ފަހަރެވެ.

"ނޫން ނޫން!" ނާސިފު ވަގުތުން ބުންޏެވެ.

ތިމާއަށް ވުރެ އުމުރުން ހަގު، ނުވެސް ދަންނަ އަންހެންކުއްޖެއް އަތުން ކޮފީބޯކަށް ނާސިފުގެ އަމިއްލަ ނަފުސު ގަބޫލެއް ނުކުރިއެވެ. ލާރި ދެއްކީ ނާސިފެވެ.

"ތެންކިޔޫ! ފޮނި އެއްޗެހި އަހަންނަށް ވަރަށް މީރު." ހިނިތުންވެލާފައި ހިބާ ބުންޏެވެ.

ވަރަށް ގާތް ރައްޓެއްސެއް ނަމަ ނާސިފު ބުނީހެވެ. އެ ކަން އެބަ އެނގެއެވެ. އެހެނަސް، ހިބާއާ އެހައި ގާތްވާކަށް ނާސިފު ބޭނުމެއް ނޫނެވެ. ދެން ޖެހޭ އުނދަގޫ މާ ބޮޑުވާނެތީއެވެ. ހަމަ އެކަނި ބޯ ޖަހައިލުމަކުން ނިންމައިލައިފައި ނާސިފު ކޮފީ ބޯން ފެށިއެވެ. ހިބާ ފުރަތަމައިނުން ވެސް މޭޒުމަތީގައި އެއްޗެހި އަތުރައިލައިފައި ފޯނުން ފޮޓޯއެއް ނެގިއެވެ. އިންސްޓަގްރާމަށް ލިއެވެ. އެއީ ވެސް ނާސިފު ވަރަށް ފޫހިވާ ކަމެކެވެ. ޒުވާނުންގެ އެ އާދަ އަށް ނާސިފު ވަރަށް މަލާމާތް ކުރެއެވެ. ހިބާގެ ފޯނު ކަވަރު ހީވަނީ ކުލަމަޖާގަނޑެއް ހެންނެވެ. ނާސިފު ހިތަށް އެރިއެވެ. އެ ކަހަލަ ބޮލަށް އުނދަގޫ ކަވަރު މީހުންނަށް ރީތި ވަނީ ކީއްވެގެން ހެއްޔެވެ؟ ހިބާ ކާ ވަގުތަށް ވުރެ ފޯނާ ކުޅޭ ވަގުތު ގިނައެވެ. އެ ރޭޓުން ކަންޏާ ކޭކުފޮތި ހުސްވާނީ ކޮން އިރަކުންބާއޭ ނާސިފު ހިތަށް އެރިއެވެ. އިސްޖަހައިގެން ފޯނާ ކުޅޭތީ ހިބާގެ ނިތްކުރި މަތިން ފަން އިސްތަށިކޮޅެއް، އިރުއިރުކޮޅާ ލޯ މައްޗަށް ވެއްޓެއެވެ. ހަމަ ވެއްްޓޭ އިރަށް ރީތި ކޮށްލައެވެ. އެ ކަމަކުން ވެސް ހިބާ ސަލާމަތް ނުވެގެން އުޅޭ ތަން ނާސިފަށް ފެނުނެވެ. ކެތްކޮށްލައިގެން އިނީއެވެ.

"ކޭކު ބޭނުން؟" ކޭކުފޮއްޗަށް އިޝާރާތް ކޮށްލަމުން ހިބާ އެހިއެވެ. "ކާލަބަލަ!"

އަތުގެ އިޝާރާތުން ނާސިފު އިންކާރު ކުރިއެވެ.

"އަހަރެން ސޮންޏެއް ނުލަމޭ!" ސަމާސާ ރާގަކަށް ހިބާ ބުންޏެވެ. "މި ސައިޑުން ކާލަބަލަ!"

"ނޯނޯ!" ނާސިފު ބުންޏެވެ.

ބަނޑުގައި ޖާގައެއް ނެތޭ، ފޮނި އެއްޗެހި ވަރަށް ނުކަމޭ ވެސް ނާސިފު ބުނަން ބޭނުންވިއެވެ. އެކަމަކު، ވެފައި ހުރި ފޫއްސެއްގެ ބޮޑުކަމުން ޖަވާބު ކުރުކޮށްލީއެވެ.

ބޯޓަށް އެރީ ދެ މީހުން އެކުގައެވެ. އެހެންވިޔަސް، ދެން ހިބާގެ ކިބައިން ސަލާމަތްވާނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް ނާސިފަށް އޮތެވެ. ވީ ވެސް އެހެންނެވެ. ޓިކެޓު ދެއްކުމާ އެކު ހިބާއަށް ގޮނޑި ދެއްކީ، ނާސިފަށް ވުރެ ހަތަރު ބަރި ފަހަތުންނެވެ. ހިބާގެ މޫނުމަތިން ނުތަނަވަސްކަމުގެ އަސަރު ފެނުނެވެ. އެ މަންޒަރު ނުފެންނަ ކަމަށް ހަދައި، ކުޑަދޮރުން ބޭރު ބަލަން އިން ނާސިފު ފުން ނޭވައެއް ބޭރުކޮށްލިއެވެ. ނާސިފުއާ ޖެހިގެން އިނީ، ނާސިފަށް ވުރެ ވެސް ދުވަސްވީ ދިވެހި ފިރިހެނެކެވެ.

ބާރު ދުވެއްޔެއްގައި ދުއްވައިގަތް ބޯޓު ޖައްވު ތެރެއަށް މިސްރާބު ޖެހިއެވެ. ގޮނޑީ ކަމަރު ނައްޓައިލުމުގެ ހުއްދަ ލިބުނު އަޑުއިވުނެވެ.

"އެކްސްގިއުޒް!" ހިބާގެ އަޑުއިވުނެވެ. "އަޅުގަނޑަށް ތި ސީޓު ލިބިދާނެތޯ؟"

ނާސިފަށް ފެނުނީ ހިބާ އައިސް، ނާސިފުއާ ޖެހިގެން އިން މީހާއާ ވާހަކަ ދެއްކި ތަނެވެ. އެ މީހާ ނޫނެކޭ ބުނޭތޯ، ހިތާހިތުން ނާސިފު ދުއާ ކުރިއެވެ.

"ޕްލީޒް!" ހިބާ ބުންޏެވެ. އަދި ނާސިފު ދައްކައިލިއެވެ. "މީ އަޅުގަނޑުގެ ބޮސް."

ނާސިފަށް ބަލައިލާފައި އެ މީހާ ތެދުވިއެވެ. އެ މީހާ ނުކުންނަށް ފަސޭހަ ކޮށްދިނުމަށް ޓަކައި، ދެން އިން ބިދޭސީމީހާ ތެދުވިއެވެ.

"ތެންކިޔޫ!" ހިބާ ބުންޏެވެ.

އެ ހިސާބުން ވެސް ނިމުނީކީ ނޫނެވެ. ހިބާ ނީށީނދެ މަޑުކޮށްލިއެވެ.

"ވިންޑޯސީޓު ދީފާނަން؟" ނާސިފަށް ބަލައިލާފައި ހިބާ އެހިއެވެ. "އިފް ޔޫ ޑޯންޓް މައިންޑް."

އަޑުގެ ކޮޅަށް އިންކާރުކުރަން ނާސިފު ބޭނުންވިއެވެ. ކުޑަދޮރު ކައިރިން ގޮނޑި ހޯދުމަށް ޓަކައި ނާސިފަށް ކިހައި މަސައްކަތެއް ކުރަން ޖެހުނުކަން ނާސިފު ހަނދާން ހުއްޓެވެ. އެންމެ ފަހު ވަގުތު، އެހައި ފޫހިވާ ކުއްޖަކު އައިސް ނާސިފުގެ އުފާ ޖަހައިގަތަދޭކަށް ނާސިފުގެ ހިތެއް ގަބޫލެއް ނުކުރެއެވެ. އެހެނަސް، ދުނިޔެއަކީ ކެރޭ މީހުންގެ ތަނެކެވެ.

"ޝުއަރ!" ނާސިފު ތެދުވެގެން ނުކުންނަމުން ބުންޏެވެ.

ކުރިއަށް ވުރެ ރާގުލާފައި ޝުކުރު އަދާކުރަމުން އެ ގޮނޑީގައި، ވަރަށް ހަމަޖެހިލައިގެން ހިބާ އިށީނެވެ. ނާސިފު ހިތަށް އެރިއެވެ. ހިބާ އެ ކުރީ ވަރަށް ނާއިންސާފު ކަމެކެވެ. މީހެއްގެ އޯގާތެރިކަމުން އެ ގޮތަށް ނާޖާއިޒު ފައިދާ ނަގައިގެން ނުވާނެއެވެ. ކުރާނީ ކީއް ހެއްޔެވެ؟ ދެ ގަޑިއިރު ވަންދެން ނާސިފު ޖަލުގައި ބަންދުވީއެވެ. މުޅި ދަތުރުގެ އުފާ ހިބާ ފޭރިގަތީއެވެ. ނާސިފު ދެކެނީ އެހެންނެވެ. ބޭރުފުށުން ވަރަށް ހަމަޖެހިލައިގެން އިން ނަމަވެސް ނާސިފު ވަރަށް ހިތްހަމަނުޖެހުނެވެ.

ހުއްޓައިނުލައި ހިބާ ވާހަކަ ދެއްކިއެވެ. އޭނަ އިނީ ވަރަށް އުފާވެއެވެ. ވާނީ ވެސް އެހެންނެވެ. އެންމެ ފަހު ވަގުތު، ކުޑަދޮރު ކައިރިން ޖާގައެއް ލިބުނީއެވެ. ނާސިފު އަނގައިން ބުނެލަނީ ނުބުނެ ނުވެގެންނެވެ. ކާއެއްޗެހި ގެނައެވެ. ނާސިފު ގެނައީ ހޫނު ކޮފީތަށްޓެއް އެކަންޏެވެ. ހިބާ ގެނައި ފިނި ޖޫހެވެ. އޭގެ ސަބަބުން ނުޖެހި ނުދާނެ އުނދަގޫ ކުރިމަތިވިއެވެ. ދޭތެރެއަކުން ހިބާ ފާހާނާއަށް ދާން ޖެހެއެވެ. ގޮނޑިބަރީގައި ދެން ތިބި މީހުން ތެދުވަން ޖެހެއެވެ. އެ އޮތީ ވާ ކަމެކެވެ.

ތިންވަނަ ފަހަރު ހިބާ ފާހާނައިން އައިސް އިށީނދެފައި ސްޕާރީ ޕެކެޓެއް ނެގިއެވެ. އެއީ ވެސް ނާސިފު އިންތިހާއަށް ފޫހިވާ އެއްޗެކެވެ. ފުރަތަމަ ވެސް ދިއްކޮށްލީ ނާސިފަށެވެ. ނާސިފު ނޫނެކޭ ބުނުމުން ޕެކެޓު އެކުގައި ހިބާ އަނގައަށް ލައިފައި ހުސް އުރަ ދަމައިގަތެވެ. އެއީ މުޅި އުމުރުގައި ކުރާ ކަމެއް ކަހަލައެވެ. ލަވައެއް ޖަހައިލައިފައި ގޮނޑީގައި ހަމަޖެހިލިއެވެ. ނާސިފު ހިތަށް އެރިއެވެ. ދެން ނާސިފަށް ހަމަޖެހިލެވޭނެއެވެ. ހިބާ ނިދިއެވެ. މަޑުމަޑުން އައިސް ބޯއެޅީ ނާސިފުގެ ކޮނޑުގައެވެ. (ނުނިމޭ)