(އާދިއްތަ ދުވަހާ ގުޅޭ)
16 އެޕްރީލް 2025
(އާދިއްތަ ދުވަހާ ގުޅޭ)
"ޑިވޯސް ކޮށްފަ ހުރި މީހަކާ ވެސް ނީނދެވޭނެ. ދެން ކިހިނެއް ހަދާނީ؟" ނާސިފު ބުންޏެވެ.
"ޑިވޯސް ކޮށްފަ ހުރި މީހަކާ ވެސް ނީނދެވޭނޭ؟" ކުޑަކޮށް ހައިރާންވެފައި ނިޒާމް އެހިއެވެ. "އެކަމަކު ތި އޭޖްގެ ސިންގަލް މީހަކު ރާއްޖެ އިން ލާހިކެއް ނޫން ހޯދާކަށް. ލޯ ކުޑަ، ދޮން މަންޖެއެއް ލިބިދާނެ. މި ފިހާރައިގެ ކައުންޓަރުގަ އޭނދަ މަންޖެއާ ވެސް އަހަރެން އިނދެފާނަން. އެކަމަކު ދެން ނެތްތާ އެ ކަން ވާކަށް. ޑިވޯސް ކޮށްފަ ހުރީމަ ކޮބައިތަ މައްސަލައަކީ؟"
"މައްސަލަ އޮތީ އަހަންނަކަށް ނޫނޭ،" ނާސިފު ހަމަޖެހިލައިފައި ބުންޏެވެ. "މަންމައަށް."
މީހަކާ ނީނދެ ހުންނަ ދަރިފުޅުގެ އުމުރު މަތިވާ ވަރަކަށް މައިންބަފައިންގެ ނުތަނަވަސްކަން ބޮޑު ވެއެވެ. ހިތުގައި އުފެދޭ ސުވާލުތައް ގިނަވެ، ނިދިން މަހުރޫމުވާ ރޭތައް އިތުރުވެއެވެ. އެކުވެރީންނާ ކުރިމަތިލާން ވެސް އުނދަގޫވެއެވެ. ރައްޓެއްސަކާ ބައްދަލުކޮށްފައި މުނާޒާއި ފައިރޫޒާ އެ ގެއިން ނުކުމެގެން ގެއަށް އައި މަގުމަތީގައި ވެސް ދެކެވުނީ އެ ވާހަކައެވެ.
"މަ ބުނީ ދޮގެއް؟" ސައިކަލު ދުއްވަން އިން މުނާޒު އެހިއެވެ. "އެ މަނިކު ފެނުނީމަ ހީވޭތަ ސްޓްރޯކެއް ޖެހުނު މީހެއްހެން؟ ކުރިއަށް ވުރެ ބޮޑަށް ހިނިއައިއްސަ އެ ހުންނަނީ. އޭނަގެ އަންހެނުން އެހެރީ ބައިޕާސް ހަދާފަ. ހީވޭތަ އެހެން؟ ކިހާ ނޯމަލްކޮށް އެހެރަ އުޅެލަނީ. ތިބެނީ ތިން ދަރިން. ހުރިހާ ކުދިން މީހުނާ އިނދެ، ދަރިން ވެސް ހޯދާފަ އެ ތިބީ. ދެން ކޮން ފިކުރެއް އޮންނާނީ؟ ހާދަހާ ބޮޑު ނިއުމަތެކޭ އެއީ."
"ތެދެއް ތި ބުނީ ވެސް،" ފަހަތުގައި އިން ފައިރޫޒާ އެއްބަސްވިއެވެ. "ނާސިފު ދެން ކޮން އިރަކުންތަ މީހަކާ އިންނާނީ؟ އޭނައަށް އަޅެ ހޭ ވެސް އަހާލާނެ ކުއްޖަކު ނުވަނީތަ؟"
"އަހަނ މި ބުނީނު މިއަދު ވެސް ޒަކީ ބުންޏޭ އެ ކަން ނިންމަންވީ ނޫންހޭ!" މުނާޒު ބުންޏެވެ. "ލައި އަކީ ނުލާހިކު މޮޅަށް ކިޔަވައިގެން ހުރި، ރީތި ކުއްޖެއް. މުއްސަނދި ފެމެލީއެއް. އޭނައަށް ވެސް ތިރީސް. ނާސިފަށް ވެސް ތިރީސް. ކިހާ ރަނގަޅު ޗާންސެއް މީ؟ އެކަމަކު މަ ބުނެފިން ނާސިފުގެ ޕާސަނަލް ކަންކަމާ ދެނެއް އަހަންނެއް ނުބެހޭނަމޭ! ފައިރޫޒާ ވެސް ހުއްޓައެއްނު ނާސިފު ބުނީ ތިމަންނަގެ ކައިވެނީގެ ކަންކަމާ ބައްޕަ ނުބެހޭށޭ! ދެން ހުރެދާނެއްނު!"
"ލައި ވަރަށް ލޯބި،" ފައިރޫޒާ މަޑުމަޑުން ބުނެލި އަޑު އިވުނެވެ. "އެ ކަމާ އެއްބަސް. ވަރަށް ގުޅޭނެ އަހަންނާ ވެސް. ނިކަން މަޑުމަޑުން ހުންނާނީ ވެސް. އެކަމަކު.. އެކަމަކު އިނދެ ވަރިކޮށްފަ ހުރި ކުއްޖަކާ ނާސިފު އިންނާކަށް އަހަރެން ގަބޫލެއް ނޫން."
ދެން ދިޔައީ ހަމަހިމޭންކަމުގެ ވަގުތުކޮޅެކެވެ. ފައިރޫޒާ އެހެން ބުނެފާނެ ކަމަކަށް މުނާޒު ހިޔެއް ނުކުރެއެވެ.
"ކީކޭ ދެން ބުނާނީ؟" ހީނގެންފައި މުނާޒު ބުންޏެވެ. "އަންހެނަކަށް އަންހެނަކު ވެސް ހަމްދަރުދީ ނުވޭ! ފައިރޫޒާ ތި ވިސްނާހެން އަހަރެންގެ މަންމަ ވިސްނި ނަމަ މި ވަގުތު ފައިރޫޒާ ނީންނާނެ ތި ތާކު. ދެން މައްސަލައެއް ނެތް. މާތްކަލާނގެއާ ވަކީލު."
ދޮރުގައި ޓަކި ޖަހައިލުމަށް ފަހު ނާސިފު އެތެރެއަށް ވަނެވެ. އަތުގައި އޮތް ފައިލު، ޑިރެކްޓަރ ޖެނެރަލްގެ މޭޒުމަތީގައި ބޭއްވިއެވެ. އަދީލް އެ ވަގުތު އިނީ ފޯނެއްގައެވެ. ދައްކަމުން ދިޔަ ވާހަކަ މެދުކަނޑައިލުމަށް ފަހު ފޯނު ބާއްވާފައި ފައިލު ހުޅުވައިލިއެވެ. ގަނޑު އެއްލައި، މަތިމަތިން ފައިލު ބަލައިލައިފައި، ދުރުގައި ފައިލު ބޭއްވިއެވެ. ކުރިމަތީގައި ހުރި ގޮނޑީގައި އިން ނާސިފުއާ ދިމާއަށް ކަރުދާސްގަނޑެއް ޖައްސައިލިއެވެ. ނާސިފު އެ ބަލައިލިއެވެ.
"ކުރު ދޭތި މި އުޅެނީ،" އަދީލް ބުންޏެވެ. "އެކައްޗަށް ކޮންމެ ކުއްޖަކު ވެސް ފޮނުވިދާނެ. ތަންކޮޅެއް ޖޫނިއަރ ކުއްޖަކު ނަގާނީ. ތީއްޗަށް ކޮލިފައިވާ ހަމަ އެކަނި މީހަކަށް ހުރީ ނާސިފު. ނާސިފު ދަންޏާ އެހެން ކަމެއް ވެސް އަހަރެން ހަވާލު ކުރާނަން. ހުއްޓިފަ އޮތް ޕުރޮޖެކްޓެއް އެއީ. މީޓް ކުރަންވީ މީހާޔާ ހުރިހާ ޑީޓެއިލްސްއެއް ދޭނަން ފަހުން. ބޭނުންތަ ދާން؟"
ގަޑީގެ ކަށި ބުނާ ގޮތުން ދަންވަރު ދޭއްޖަހައި ދިހައެއް ހިނގަނީއެވެ. ނާސިފު އޮތީ ގަޑިއަށް ބަލަހައްޓައިގެންނެވެ. ނިންޖެއް ނެތެވެ. އެނދުން ތެދުވެގެން އައިސް ކުޑަދޮރު ކައިރީގައި ހުއްޓުނެވެ. ދުރުން ފެންނަން އޮތީ، އަބަދު ވެސް ފެންނަން އޮންނަ ސިނަމާލެ ބުރިޖެވެ. ދެކޮޅަށް ދަތުރުކުރާ މަދު އުޅަނދުތަކާއި މަގުބައްތިތަކާއި ރާޅުބިންދާ ކަނޑަށް ނަޒަރު ހުއްޓައިލައިގެން ނާސިފު ހުއްޓެވެ. ކުއްލިއަކަށް ރޮއިގަނެވުނެވެ. ކިތަންމެ ހިތްވަރެއްކޮށްގެން ހުއްޓަސް، ހުސްހަށިބަޔަށް ހުރުމަކީ ނާސިފުގެ ހިތަށް އިރުއިރުކޮޅާ ހެރޭ ކަށްޓެކެވެ. އޭގެ ތަދު ވަރަށް ބޮޑެވެ. ނާސިފަކީ އެ ވާހަކަ އެކި މީހުން ގާތުގައި ދައްކަމުން ހިނގާ މީހެއް ނޫނެވެ. ހެރިފަ ހުރި ކަށްޓެއް ފުނަށް ކޮއްޕައިލުމުން ލިބޭނެ ލުޔެއް ނެތީމައެވެ. ރޭގަނޑަކީ ނާސިފަށް ބިރަކަށް ވެއްޖެއެވެ. ދިގުކަމުންނާއި ފަޅުކަމުންނެވެ. އެހެނަސް، ކޮންމެ ސައުވީސް ގަޑިއިރަކުން އެއް ފަހަރު ރޭގަނޑާ ވެސް ކުރިމަތިލާން އެބަ ޖެހެއެވެ.
މަގުގެ ދެ ކޮޅަށް ދުއްވާ ސައިކަލުތަކާ ހެދި މަގު ހުރަސް ނުކުރެވިފައި ނާސިފު ހުއްޓެވެ. މެންދުރުގެ އެންމެ ހޫނު ގަދަ ވަގުތެވެ. އޮފީސް ކަމެއްގައި ބޭރަށް ނުކުމެފައި ފިހާރައަކަށް ވަދެލަން ބޭނުންވީއެވެ. ލިބުނު ދަނޑިވަޅެއްގައި މަގު ހުރަސްކޮށްފައި ފިހާރައަށް ވަނެވެ.
"އައްސަލާމް އަލައިކުމް!" މީހަކު ގޮވައިލި އަޑުއިވުނެވެ.
ސަލާމް ބަލައިގަންނަމުން ބަލައިލާފައި ނާސިފު ސަލާން ކޮށްލިއެވެ.
"އައްޒާމް!" ވަރަށް ޔަގީންކަމާ އެކުގައި ނާސިފު ބުންޏެވެ.
އެއީ މަޖީދިއްޔާގެ ގުރޭޑު ހަތަކުން އެކަނި ދިމާވި އެކުވެރިއެކެވެ. އެ އަށް ފަހުން ބައްދަލެއް ނުވެއެވެ. މަގުމަތީން ފެނެއެވެ. ނިތް އެއްލެއެވެ. ދިމާވުމާ އެކު އެތައް އަހަރެއްގެ ދިގު މާޒީ އޮޅުންފިލުވަން ބޭނުންވިއެވެ.
"ކޮބާ ކިހިނެއް ކިހިނެއް؟" އައްޒާމް އެހިއެވެ.
"ދެން ހަމަ މިޔޮއް އުޅެނީ،" ހަތަރު ލަފުޒުން ނާސިފު މާޒީ ކިޔައިދިނެވެ. "އައްޒާމް ކިހިނެއް؟"
"ކިހިނެއްތަ ވާނީ؟" ކުރިން ވެސް ވާހަކަ ދައްކާ މަޖާ ރާގުގައި އައްޒާމް ބުންޏެވެ. "ދެއްވި އެއްޗަކާ ހަކުރާ ކައިގެން މަ ވެސް މިހިރަ އުޅެނީ. އެކަމަކު ދެ މީހުންނާ އިނދެވިއްޖެ! ތިން ދަރިން ލިބިއްޖެ! ނާސިފު ކިތެއް؟"
"އަދި ހަމަ އެކެއްގަ އުޅެނީ." ނާސިފަށް ހަދަން މަޖުބޫރުވީ ދޮގެކެވެ.
"ހާދަ ކަމެއް ނުވިއޭ ދޯ؟" ހީނގެންފައި އައްޒާމް ބުނެލިއެވެ.
އެ ހިސާބުން ދެ އެކުވެރީން ވަކިވީއެވެ. އައްޒާމާ ދެން އަލުން ދިމާވާނެ ކަމެއް ނާސިފަކަށް ނޭނގެއެވެ. އެހެނަސް އެ ދޮގު ހެދުނީތީ ވަރަށް އުނދަގޫވިއެވެ. ތެދު ބުނަން ލަދުގަތީތީ ވެސް ހަމަ އެހައި އުނދަގޫވިއެވެ. ފިހާރައަށް ވަން މަގުސަދު ހަނދާން ނެތުނެވެ. މުޅި ފިހާރައިގައި އެނބުރިފައި އެންމެ ފަހުން ހުސްއަތާ ނުކުތީއެވެ.
އޮފީސް ގަޑި ނިމިގެން އެންމެން ނުކުތް އިރު ވެސް ނާސިފު މޭޒު ކައިރީގައި އިނީއެވެ. އެއް ފަހަރު މޭޒުމަތީގައި އޮތް ޓިކެޓަށް، އަނެއް ފަހަރު ގަޑިއަށް ބަލައިލެވެއެވެ. ފުރާކަށް ނާސިފު ބޭނުމެއް ނޫނެވެ. މާލޭގައި ހުންނާކަށް ވެސް ބޭނުމެއް ނޫނެވެ. ރައްޓެއްސަކު ފެނުމަކީ ޒާތެއްގެ ބިރަކަށް ވެއްޖެއެވެ. އަހައިފާނެ ސުވާލަކާ މެދު ހިތްނުތަނަވަސްވެއެވެ.
ރޭގަނޑު ފައިރޫޒާ ކޮޓަރިން ނުކުތް އިރު ކާމޭޒު ކައިރިއަކު އެކަކު ވެސް ނެތެވެ. އަސްޖަދުގެ ކޮޓަރިން އަޒްމާ ނުކުތް ތަން ފެނުނެވެ. އެއީ ހަގު ދަރިފުޅުގެ އަނބިމީހާއެވެ.
"ކޮބާ އަސްޖަދު؟" ފައިރޫޒާ އެހިއެވެ.
"އެބައިން ލެޕް ހުޅުވައިގެން." އަޒްމާ ޖަވާބުދިނެވެ.
"ބުނޭ ކާން ނުކުންނާށޭ!" ކުޑަކޮށް ހިތްހަމަނުޖެހިފައި ފައިރޫޒާ ބުންޏެވެ. "ކާގަޑިއަށް ކާން ނުކުންނަން ވާނެ."
އަޒްމާ އިސްޖަހައިލައިގެން ކޮޓަރިއަށް ވަނެވެ. ފައިރޫޒާ ގޮސް ނާސިފު ކޮޓަރީގައި ޓަކި ޖަހައިލާފައި ދޮރުގައި ހިފައިލިއެވެ. ދޮރު ހުރީ ތަޅު ނުލައެވެ. ނާސިފު ލޯގަނޑު ކައިރީގައި، ގަމީހުގެ އަތުކުރި އޮޅަން ހުއްޓެވެ.
"ތާކަށް ދަނީތަ ދަރިފުޅާ؟" ފައިރޫޒާ އެހިއެވެ.
"އާނ މަންމާ! ފްރެންޑެއްގެ ވެޑިން އެބަ އޮތް މިރޭ!" ނާސިފު ބުންޏެވެ.
ޗޮކެއް ކަނޑައިފައި ފައިރޫޒާ ދޮރު ލައްޕައިލިއެވެ. ނާސިފަކީ ކުރުކޮށް ތުނބުޅިމަތިމަސް ބަހައްޓާ މީހެކެވެ. އެކަމަކު އާންމުކޮށް ބަހައްޓާ ވަރަށް ވުރެ ތުނބުޅި ތަންކޮޅެއް ދިގުވެއްޖެއެވެ. އެހެނަސް ތުނި ކުރަން އުޅޭ ހިތެއް ނުވިއެވެ. ކަސްރަތު ނުކުރިޔަސް، ހަށިގަނޑަށް ބަލައިގެން އުޅޭތީ ނާސިފުގެ ހުންނަނީ އިސްކޮޅާ ގުޅޭ ބަރުދަނެކެވެ. އެކަމަކު ކުރިޔަށް ވުރެ ބަނޑުލާ ހެން ހީވިއެވެ.
"ލާފާނެއްނު!" ނާސިފު ހިތަށް އެރިއެވެ. "ނުހުންނާނެ ބަލާނެ މީހަކު."
ނިޒާމްގެ ކައިވެނި އޮތީ އޭނަގެ ގޭގައެވެ. އެ ގެއަށް ދާކަށް ނާސިފަކަށް ފަސޭހައެއް ނޫނެވެ. އެކަމަކު، ހިނިތުންވުމެއް މޫނުގައި ކުރަހައިގެން ނާސިފު ދިޔައެވެ. ކައިވެނީގެ ރަސްމިއްޔާތު ހިނގަމުންދިޔަ އިރު ނާސިފަށް ފެނުނީ ނިޒާމްގެ ބަދަލުގައި ނާސިފު އެ ތަނުގައި އިން ތަނެވެ. އެ މަންޒަރު ބަލާކަށް ނާސިފަކަށް ކުޅަދާނައެއް ނޫނެވެ. އެހެނަސް ކެތްކުރިއެވެ.
ޖެހިގެން އައި ދުވަހު، ފުރަން ވެގެން ފޮށްޓަށް އެއްޗެހި އެޅުމުގައި ނާސިފަށް މަންމަ އެހީވިއެވެ. އޭރު ވެސް ނާސިފަށް ފެންނަނީ ނިޒާމް ކައިވެނި ކުރި މަންޒަރެވެ.
"އިނގޭ ދަރިފުޅާ!" ފައިރޫޒާ ބުންޏެވެ.
"ކީކޭ މަންމާ؟" މަންމަ އަށް ބަލައިލާފައި ނާސިފަށް އެހުނެވެ.
"ސާބަހޭ ދަރިފުޅާ!" ނިކަން ލޯބިން މަންމަ ބުންޏެވެ. "މަންމަ ބުނީ ބަލައިގެން އުޅެއްޗޭ! އެ ތާނގެ ޖައްވު ވަރަށް ނުސާފު ވާނެ. ތީ ނުލާހިކު އެލާޖިކުވާ ކުއްޖެއް."
"އެނގެޔޭ މަންމާ!" ނާސިފު ބުނެލިއެވެ. "އަހަރެން މީ ކުޑަކުއްޖެއްތަ؟"
މީހުންތައް ހޭލަމޭލަވާ އެއާޕޯޓުގެ ފުލައިޓު ޝެޑިއުލް އަރާ މޮނީޓަރަށް ބަލަހައްޓައިގެން ނާސިފު ހުރި އިރު، ކޮންމެވެސް އެނައުންސްމަންޓެއް ކިޔާ އަޑު ވެސް އިވިއިވި ހުއްޓެވެ. ނާސިފު ގަޑިއަށް ބަލައިލިއެވެ. ޓެކުސީތަކުން ފައިބައިގެން އަންނަ މީހުންނަށް ބަލައިލިއެވެ.
"އެއްވަރުގެ ކަންތައް،" މަޑުމަޑުން ނާސިފު ބުނެލިއެވެ. "އެންމެ ފަހުން އަހަންނަށް މި ޖެހުނީ އޭނަ ރިސީވް ކުރަން. އޭނަ ފެނުނިއްޔާ އަހަންނަށް އެނގޭނެތަ؟"
ފޮށްޓެއް ދަމަމުން، ފުންނާބު އުސް ފައިވާނުން އަޑު ގޮއްވަމުން، އަވަސް ފިޔަވަޅެއްގައި އައި ޒުވާން އަންހެންކުއްޖާ ނާސިފަކަށް ނުފެނެެއެވެ. އަވަހަށް ހިނގަން ބޭނުންވި ނަމަވެސް، ލައިގެން ހުރި ސްކާޓެއްގެ ސަބަބުން އޭނައަކަށް ބާރަކަށް ނުވެސް ހިނގެއެވެ.
"އައްސަލާމް އަލައިކުމް!" އޭނަ ބުނެލި އަޑު އިވުނެވެ.
ނާސިފު އެނބުރިލިއެވެ.
"ހިބާ!" ހިނިތުންވެލާފައި، ސަލާން ކުރަން އަތް ދިއްކޮށްލަމުން އޭނަ އަމިއްލައަށް ތައާރަފުވެލިއެވެ. (ނުނިމޭ)