(އާދިއްތަ ދުވަހާ ގުޅޭ)
23 އެޕްރީލް 2025
(އާދިއްތަ ދުވަހާ ގުޅޭ)
މަޑުމަޑުން އައިސް ބޯ އެޅީ ނާސިފުގެ ކޮނޑުގައެވެ. ނާސިފު ހިތަށް އެރިއެވެ. ހިބާ ފުރަތަމަ ކުރި ކަމަކީ ނާސިފުގެ ގޮނޑި އަތުލުމެވެ. ދެން ނާސިފު ބާލީހަކަށް ވެސް ހެދީއެވެ. މި ކުއްޖާގެ ކިބައިން ސަލާމަތް ނުވެއްޖެއްޔާ ދަތުރުގެ ވޭން ވަރަށް ބޮޑުވާނެއެވެ. އޭނަ ހުންނަނީ ކޮން ހޮޓަލެއްގައިބާއެވެ؟ އެ ހުރިހައި މައުލޫމާތެއް ކުރިން ނުހޯދީ ކީއްވެގެން ހެއްޔެވެ؟ ހިބާ މަޑުމަޑުން ގުގުރިދަމަން ފެށިއެވެ. އެހެން މީހަކަށް އިވޭ ވަރަކަށް ނޫނެވެ. ނާސިފު އިނީ ވަރަށް ވިސްނައިގެންނެވެ. ތަންކޮޅެއް ވެސް ގުގުރީގެ އަޑު ގަދަވެއްޖެއްޔާ ނާސިފު އެހެން ގޮނޑިއަކަށް ބަދަލުވާނެއެވެ. މަޑުމަޑުން ދުރަށް ޖެހެން ވެސް ނާސިފު މަސައްކަތް ކުރިއެވެ.
ބަރަވެއްޔެއް ފިރުކޭ ވަރަށް ވުރެ ވެސް މަޑުމަޑުން ދުރަށް ޖެހެމުން ގޮސް ނާސިފު މިނިވަންވި ވަގުތަކީ، ވަރަށް ގަދަޔަށް ބޯޓު ތަޅުވައިލި ވަގުތެކެވެ. ސިއްސައިގެން ގޮސްފައި ހިބާއަށް ހޭލެވުނެވެ. ނާސިފުގެ އަތުގައި ނިކަން ބާރަށް ބައްދައިލިއެވެ. ބޯޓުގެ ތެޅުން ހިނދުކޮޅަކަށް މެދުކެނޑިފައި، ކުރިޔަށް ވުރެ ބާރަށް ތެޅިގަތެވެ. ދެތިން އަންހެނަކު ހަޅޭއްލަވައިގަތް އަޑުއިވުނެވެ. އަނެއްކާ ވެސް ބޯޓު ތެޅިގަތެވެ. އިންޑިޔާއަށް ވުރެ މާ ދުރު ދަތުރު ކޮށްފައިވާ ނާސިފު ވެސް އެ ފަދަ ބިރުވެރިކަމެއް ކުރިން ތަޖުރިބާއެއް ނުކުރެއެވެ. ފުރަތަމަ ތެޅުމާ އެކު ސީޓުބެލްޓު އަޅަން އެންގިއެވެ. ހިބާ އިނީ ރޮވޭ ވަރުވެފައެވެ. ހިބާއަށް ހިތްވަރެއް ދިނުމުގެ ގޮތުން ހިބާގެ އަތުގައި ފިރުމައިލަން ނާސިފު ހިތަށް އެރިއެވެ. އެހެނަސް އެ ކަމެއް ނުކުރެއެވެ.
"ކިހިނެއް ވާން މި އުޅެނީ؟" ހިބާ އިނގިރޭސިން އެހިއެވެ.
"ޓާބިއުލަންސް،" ނާސިފު ބުނެލިއެވެ. "ގޮނޑީގަ ރަނގަޅަށް ހަމަޖެހިލައިގެން އިނދޭ!"
އެހެން ބުނުމުން ވެސް ނާސިފު އަތަކުން ހިބާ ދުލެއް ނުކުރިއެވެ. ދުރަކަށް ވެސް ނުދިޔައެވެ.
"އަހަރެން ވަރަށް ބިރުގަނޭ!" ހިބާ ބުންޏެވެ. "ބޯޓު ވެއްޓިއްޖެއްޔާ ކިހިނެއް ހަދާނީ؟ ވަރަށް ކުޑަކޮށް ފަތަން އެނގެނީ ވެސް. ވަރަށް ގިނަ ޝާކް އުޅޭނެތަ؟"
"އަދި ނުވެއެއްނު ތިހާ ހިސާބަށް ދާކަށް،" ނާސިފު ވަރަށް ހަމަޖެހިލާފައި ބުންޏެވެ. "ޓާބިއުލަންސެއްގަ ޖެހޭ ކޮންމެ ފަހަރަކު ބޯޓެއް ނުވެއްޓޭނެ. ރިލެކްސް. އަތުން ދޫކޮށްލާފަ ގޮނޑީގަ ހަމަޖެހިލަބަލަ!"
ހިބާ ދުލެއް ނުކުރިއެވެ. ތުން ތަޅުވަން ފެށިއެވެ. ކިޔަނީ ކޯޗެއް ކަމެއް ނާސިފަކަށް ނޭނގެއެވެ. އެ ވަރުގެ ހޭލުންތެރިކަމެއް ހުރިކަން ނަސީބުތާއޭ، މި ކަހަލަ ކުދިންނަކީ އިނގިރޭސިން ނޫނީ ހޭން ވެސް ނޭނގޭ ކުދިންނޭ ނާސިފު ހިތަށް އެރިއެވެ. ދޭތެރެއަކުން ބޯޓު ތެޅިގަނެއެވެ. ކަލިވަތެއް ހުޅުވި، އޭގެ ތެރެއިން އެއްޗެއް ވެއްޓުނު އަޑަށް ހިބާއާ އެކު އެހެން އަންހެނެއް ހަޅޭއްލަވައިގަތެވެ. އެ ހިސާބުން ހިބާ މަޑުމަޑުން ރޯން ފެށިއެވެ. ނާސިފު ހިތަށް އެރިއެވެ. މި ވަރު ކުޑަކުދިން އެކަނި ދަތުރު ކުރަނީ ކީއްކުރަން ހެއްޔެވެ؟ ހިބާ ލޮއްސަން ދައްކާނެ ވާހަކައެއް ނުވަތަ ކިޔާނެ ނާނާއެއް ނާސިފަކަށް ނޭނގެއެވެ. އެހެނަސް އަތުގައި މަޑުމަޑުން ޖަހައިލިއެވެ.
"އިރުކޮޅަކުން ރަނގަޅުވެދާނެ،" ނާސިފު ބުނެލިއެވެ. "ރިލެކްސް!"
ނާސިފު ގޮނޑީގެ އަތްގަނޑު ހިއްލައިލާފައި ހިބާ ގައިގަ ބޮޑަށް ޖެހިލިއެވެ. އެއީ ވަކި މީހަކަށް ޓަކައި ނާސިފު ކުރި ކަމެއް ނޫނެވެ. ކޮންމެ މީހަކު އެ ތަނުގައި އިން ނަމަވެސް، އެ ފަދަ ދަނޑިވަޅެއްގައި ނާސިފު އެ ގޮތަށް ކަންތައް ކުރީހެވެ. އެ ހިސާބުން ބޯޓު ހަމައަކަށް އެޅުނު ގޮތަށް ދަތުރު ނިމުނީ ވެސް ވަރަށް އޮމާންކޮށެވެ.
"ތެންކިޔޫ ސޯ މަޗް!" ޕާސްޕޯޓު ދައްކަން ކިޔޫގައި ހުރެފައި ހިބާ ބުނެލިއެވެ.
އެއީ ބޯޓުން ފޭބި ފަހުން ހިބާ ޝުކުރު އަދާކުރި ދެވަނަ ފަހަރެވެ. ހިބާ މާ ގާތްވާކަށް ނާސިފު ބޭނުމެއް ނޫނެވެ. ހޮޓަލަށް ދާން ވެސް ނާސިފު ބޭނުންވަނީ ވަކީންނެވެ.
"އެއީ ދެން އެ ވަރު ކަމެއް ނޫނެއްނު!" ނާސިފު ބުންޏެވެ. "އަހަރެން ނޫން އެހެން މީހަކު ނަމަވެސް ހަމަ އެހެން ކަންތައް ކުރާނީ."
ފޮށިތައް އައުމުން ހިބާގެ ފޮށި، އަނެއްކާ ވެސް ޓުރޮލީއަށް ލައިދޭންޖެހުނީ ނާސިފަށެވެ. ކުރަން ކިތަންމެ ބޭނުން ނޫނަސް ނާސިފު އެ ކަން ކޮށްދިނެވެ. އެހެނަސް، އެ ހިސާބުން ވަކިވާން ނާސިފު ހުރީ ވަރަށް ވިސްނައިގެންނެވެ. މީހުންގަނޑު ތެރޭގައި، ދެ މީހުން އެކުގައި ކަހަލަ ގޮތަކަށް ހިނގައިގަތް ވަގުތު، ސެކިއުރިޓީ މީހަކު އައިސް ހިބާ ހުއްޓުވިއެވެ.
"ޕްލީޒް ކަމް!" އޮފިސަރު ބުންޏެވެ.
ހިބާ ވަރަށް ހާސްވެފައި ނާސިފުއާ ދިމާއަށް ބަލައިލިއެވެ. އެހެން ވާނެހެން، މާ ކުރިން ވެސް ނާސިފަށް ހީވިއެވެ. ހިބާއާ އެކަށީގެން ނުވާ ވަރުގެ ބޮޑު ފޮށްޓެއް ގެންގުޅޭތީއެވެ. އޮފިސަރާ އެކުގައި ހިބާ ގެންދިޔަ އިރު ނާސިފުގެ މިސްރާބު ހުރީ ނުކުންނަ ދޮރާ ދިމާއަށެވެ. ބިރުން ރޮވޭ ވަރުވެފައި ނާސިފުއާ ދިމާއަށް ހިބާ ބަލައިލި ތަން ނާސިފަށް ހަމަ ރަނގަޅަށް ފެނުނެވެ. ފެނުނު ކަމަށް ނެހެދީއެވެ. ބޯޓުގެ ކުޑަދޮރު ކައިރިން ނާސިފަށް ލިބުނު ގޮނޑި ހިބާ އަތުލި ހަނދާން ނާސިފުގެ ހިތަކުން އޭރު ވެސް ނުފިލައެވެ. ފަސްއެނބުރި ބަލައި ވެސް ނުލައި ނުކުންނަން ދަމުން، ތިމާ އަށް މި ކުރެވޭ ކަންތަކަށް ނާސިފު ހިތުގެ ރުހުން ވެސް ހޯދިއެވެ. ހިތަށް އެރިއެވެ. ހިބާއަކީ ނާސިފުގެ ދަރިއެއް ނުވަތަ ތިމާގެ މީހެއް ނޫނެވެ. އަދީލް އެދިފައިވަނީ ވެސް އިންޑިޔާއާ ހަމައަށް ދެވެންދެން ހިބާ ހަދައިނަހަދާ ބަލައިލުމަށެވެ. އިންޑިޔާއަށް އާދެވިއްޖެއެވެ. ނާސިފުގެ ވައުދު ފުއްދިއްޖެއެވެ.
"ޕްލީޒް ހެލްޕް!" ހިބާ އެހެން ބުނި އަޑު ނާސިފަށް އިވުނެވެ.
ދެން އަޅައިނުލާ ދާކަށް ނާސިފަކަށް ނުކެރުނެވެ. އަނބުރައިލިއެވެ. ހިބާއާ އެކުގައި ދިޔައެވެ. އޮފިސަރު ބޭނުންވީ ހިބާގެ ފޮށި ހުޅުވާށެވެ. ހިބާ ވަރަށް ބިރުގެންފައި ނާސިފަށް ބަލައިލިއެވެ. ފުން ނޭވައެއް ބޭރު ކޮށްލައިފައި ނާސިފު ފޮށި ނަގައި ތިރި އަށްޓެއް ކަހަލަ ތަނުގެ މަތީގައި ބެހެއްޓިއެވެ. ހިބާ ހާސްވެފައި ހުރި ވަރުން ތަޅާއި ތަޅުދަނޑި ދިމާކުރުން ވެސް ހިބާއަށް ވީ ވަރުގަދަ ހަނގުރާމައަކަށެވެ. ނާސިފު އެ ކަން ވެސް ކޮށްދިނެވެ. ފޮށި ހުޅުވައިދިނެވެ. ތެދަށް ބުނާ ނަމަ، އެ ފޮށީގައި ނެތް އެއްޗެއް ނެތެވެ. ރިހާކުރާއި ތެއްލިފަތަށް ދާންދެން ހުއްޓެވެ. ތެއްލި ބަނބުކޭލާއި އަސާރަ އާއި ސުޕާރީ ފޮށްޓެއް ވެސް އޮތެވެ. އެތެރެ އާއި ބޭރުން ލާ އަންނައުނުގެ އިތުރުން ފައިވާނާއި ބޫޓު ވެސް އެ ވަރަށް އޮތެވެ. ބޫޓާއި ފައިވާންތައް ވަރަށް އަލެވެ.
"ބިޒްނަސް؟" އޮފިސަރު ސުވާލު ކުރިއެވެ.
ބިރުގެންފައި ހުރި ވަރުން ހިބާއަކަށް އެކައްޗެއް ވެސް ނުބުނެވުނެވެ. ނާސިފު ހިތަށް އެރިއެވެ. އިނގިރޭސިކަމުން ބަހައްޓާނެ ކޮޅެއް ނޭނގިގެން އުޅުނު ކުއްޖާއަށް ކަމަކާ ދިމާވީމައި މި ވީ ކޯޗަކަށް ހެއްޔެވެ؟ ވާހަކަ ދައްކަން މި ޖެހުނީ ވެސް އަހަންނާއެވެ.
"ނޫން! އޭނަ ބޭނުންކުރާ އެއްޗެހި." ނާސިފު އިނގިރޭސިން ބުންޏެވެ.
އެހެން ބުނި ނަމަވެސް، އޮފިސަރު އެ ޝައްކުކުރީ ކުރަން ވެގެން ކަމުގައި ނާސިފަށް ގަބޫލުކުރެވުނެވެ. އެންމެ ބޮޑު މައްސަލައަކީ ހިބާ ގެންފައިވާ ބިރެވެ. އޭގެ ސަބަބުން މުޅި ފޮށި އެއްކޮޅުން އަނެއްކޮޅަށް ބަލަން އޮފިސަރު ބޭނުންވިއެވެ. ފޮށި ވެއްދީ ކޮޓަރިއަކަށެވެ. އެ ތަނުގައި ހުރީ މޭޒެއް އެކަންޏެވެ. މީހަކު ނެތެވެ. ކޮޓަރީގެ މެދުގައި ބިއްގަނޑެއް ހުއްޓެވެ. މޭޒުމަތީގައި ސާމާނުތައް އަތުރައިލުމުން ހީވަނީ ފިހާރައެއްގެ އެތެރޭގެ މަންޒަރެއް ހެންނެވެ.
"މި އެއްޗިއްސަށް ޑިއުޓީ ދައްކަން ޖެހޭނެ،" އަމުރުވެރި ރާގަކަށް އޮފިސަރު ބުންޏެވެ. "ސިއްރުން އެތެރެކުރަން އުޅުނު ކަމުގެ ދައުވާ ވެސް ކުރެވޭނެ. ޕޮލިސް ކޭސްއަކަށް ވާނީ."
ހިބާ ރޯން ފެށިއެވެ. ނާސިފު ހިތަށް އެރިއެވެ. މި ވަދެވުނީ ކޮން ފަދަ ބޮޑު ދަންތުރައަކަށް ހެއްޔެވެ؟ ދޫ ކަމެއް ނުޖެހޭނެއެވެ. ނާސިފު ލަފާކުރި ގޮތުގައި، ނާސިފު ހެދުން އަޅައިފައިހުރި ގޮތުން އޮފިސަރުގެ ނިޔަތް އަރައިރުންވީއެވެ.
"ހިބާ މި ތާ މަޑުކުރޭ!" ދިވެހިން އެހެން ބުނެފައި، އޮފިސަރާ ނާސިފު މުހާތިބުކުރީ އިނގިރޭސިންނެވެ.
"މިކޮޅަށް ޖެހިލަފާނަން."
ބިއްގަނޑުގެ އަނެއް ފަރާތަށް ނާސިފު ދިޔަ އިރު އެ ތަނުގައި ވެސް ހުރީ މޭޒެކެވެ. މީހަކު ނެތެވެ. އޭރު، ބޭރުގައި މަޑުކޮށްގެން ހުރި ހިބާގެ ފައި ވެސް ކުޑަކޮށް ތުރުތުރު އަޅައެވެ. އިންޑިޔާއާ ބެހޭ ގޮތުން ހިބާއަށް ކިއިފައިވާ އެއްޗިއްސާއި އިވިފައިވާ އެއްޗެހި ވަރަށް ބިރުވެރިއެވެ. އެ ދަތުރު ނުދާން ހިބާ ވަރަށް މަސައްކަތްކުރި ވެސް މެއެވެ. މަންމަ އާއި ބައްޕަ އެއްބަސް ނުވީއެވެ. ހިބާ ހިތަށް އެރިއެވެ. މައިންބަފައިންގެ ބަހަށް އިތުބާރު ނުކުރެވުނު ނަމައެވެ. ދިހަ ވަރަކަށް މިނިޓު ކޮށްފައި އޮފިސަރާއި ނާސިފު އައެވެ. އޮފިސަރުގެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ.
"އެންމެ ރަނގަޅު ދިޔަސް." އިނގިރޭސިން އެހެން ބުނެފައި އޮފިސަރު ނުކުމެގެން ދިޔައެވެ.
"ދާންވީ؟" ހައިރާން ވެފައި ހިބާ އެހިއެވެ.
"އާނ އެހެން ދޯ އޭނަ ބުނީ،" ނާސިފު ބުންޏެވެ. "ހިޔާލު ބަދަލުވެގެން އޭނަ ނާންނަނީސް ފޮށްޓަށް އެއްޗެހި އަޅަމާ!"
ދެން ވެސް ގަބުވެފައި ހިބާ ހުރީއެވެ. ވީ ގޮތް ހިބާއަކަށް ގަބޫލެއް ނުކުރެވުނެވެ.
"މި ތާ ނިދަންތަ ބޭނުމީ؟" ނާސިފު އެހިއެވެ.
ހިބާ އަވަސްއަވަހަށް ފޮށްޓަށް އެއްޗެހި އެޅިއެވެ. ނާސިފު ހިތަށް އެރިއެވެ. އަލުން އެ ފޮށްޓަށް އެ ސާމާނުތައް އެޅުނަސް ރަނގަޅެވެ.
"އަހަންނާ ބެހޭ ކަމެއް ނޫން އެކަމަކު ހަމަ ހިތަށް އަރާ ހާދަހާ ސާމާނެކޭ!" ނާސިފު ބުންޏެވެ. "ތިހާ ބޮޑު ފޮށްޓަކަށް ތިހާ ގިނަ ސާމާނު އެޅީމަ ޝައްކު ކުރާނެ ދޯ؟"
"މީ މަންމަ ކަންތަކޭ!" ޝަކުވާގެ ރާގެއްގައި ހިބާ ބުންޏެވެ. "ވަރަށް ފޫހިވޭ! އެތައް ފަހަރަކު ބުނިން އިންޑިޔާއަކަށް ނުދާނަމޭ ވެސް! އެކަމަކު ހަމަ ކުރެއް ނުކުރި. ކޯސްތައް ހެދީމަޔޯ ޕްރަމޯޝަނާ ބަނޑާ ހަންގަނޑާ ލިބޭނީ."
އެގޮތްމިގޮތް ހަދައިގެން ސާމާނުތައް ފޮށްޓަށް އަޅައި، ފޮށި ތަޅުލިއެވެ. އެ ކަމުގައި ނާސިފު ވެސް ޖެހުނީ އެހީވާށެވެ. ދެ މީހުން އެކުގައި ނުކުންނަން ހިނގައިގަތެވެ.
"ކިހިނެއް އޭނަ އޯކޭވީ؟" ހިބާ ސުވާލުކުރިއެވެ. "ޓެލް މީ!"
"މީ ނުވާ ކަމެއް،" ނާސިފު ބުނެލިއެވެ. "އެކަކު ކައިރީ ވެސް މި ވާހަކަ ނުދައްކާތި!"
ނާސިފާއި ހިބާ ކޮޓަރިން ނުކުތެވެ. މަގުމައްޗަށް ނުކުންނަ ދޮރާ ދިމާއަށް ހިނގައިގަތެވެ.
"މި ހިސާބުން އަހަރުމެން ސެޕަރޭޓްވަމާ ހިނގާ،" ނާސިފު އެދުނެވެ. "އަހަރެން މި ދަނީ އަހަރެންގެ ހޮޓަލަށް."
"އަހަރެން ވެސް ހުންނަނީ ތި ހޮޓަލުގައޭ،" ވަރަށް އުފާވެފައި ހިބާ ބުންޏެވެ. "ކިހާ ލަކީ؟" (ނުނިމޭ)