(ބުދަ ދުވަހާ ގުޅޭ)
27 އެޕްރީލް 2025
(ބުދަ ދުވަހާ ގުޅޭ)
"ކިހާ ލަކީ؟" ވަރަށް އުފާވެފައި ހިބާ ބުންޏެވެ.
"އެހެންތަ؟" ނާސިފަށް ބުނެވުނީ އެހެންނެވެ.
ހޮޓަލަށް ދާން ޓެކުސީއެއް ހޯދަނީ ކިހިނެއް ކަމާއި ހޮޓާ ހުރި ހިސާބެއް ވެސް ހިބާއަކަށް ނޭނގެއެވެ. ހުރިހައި ކަމެއް ކުރަން ޖެހުނީ ނާސިފެވެ. ހިބާ އައީ ނާސިފަށް ބަރޯސާ ވެގެންނެވެ. ހީވާ ކަހަލައެވެ. ނާސިފަކީ ހިބާގެ ސެކެއްޓަރީއެވެ. އެންމެ ބޮޑަށް އެ ކަން ފާހަގަކުރެވުނީ ކާރަށް އެރި ވަގުތުއެވެ. ކާރުގެ ދޮރު ނާސިފު ހުޅުވައިލަންދެން ހިބާ މަޑުކޮށްލައިގެން ހުރީއެވެ. ކާރުގެ ފަހަތަށް ހިބާ އެރުމުން ނާސިފު އެރީ ކުރިޔަށެވެ. މޮޅުތަކެއް ވާނެ ކަމަށް ހީކޮށެވެ.
"ނަސީބެއް މި ޓްރިޕްގަ އެކަނި ނާދެވުނުކަން. އޯ އެލްސް މިއަދު އަހަރެން ޕޮލިހަށް ގެންގޮއްސަ ޖެއިލްއަށް ކަން ނޭނގެ ގެންދާނީ،" އާންމު ބަހުރުވައިން ހިބާ ބުނި އަޑުއިވުނެވެ. "އޭނައަށް މަނީ ދިނީތަ؟ އައި މީން ޑިޑް ޔޫ ބްރައިބް ހިމް؟ އައި އޭމް ޝުއަރ. ހައު މަޗް؟"
އެއީ ނުދައްކަން ނާސިފު އެދިފައިވާ ވާހަކަތަކެކެވެ. ޓެކުސީ ޑުރައިވަރަށް ވަރަށް ރަނގަޅަށް އިނގިރޭސި ބަސް އެނގެއެވެ. ނާސިފު ހިތަށް އެރިއެވެ. އޮތީ އެންމެ ގޮތެކެވެ. ވާހަކަ ބަދަލުކޮށްލުމެވެ.
"ހިބާ ދުވަހަކު ވެސް އިންޑިޔާއަކަށް ނާންނަންތަ؟" ނާސިފު އެހިއެވެ.
"އަހަރެން ޓްރެވަލްކުރަނީ ފެމެލީއާ އެއްކޮށް،" ހިބާ ވަރަށް ގަޔާވެފައި ބުންޏެވެ. "ލަންކާއަށް ވެސް އިންޑިޔާއަށް ވެސް އައިން. މި ތާކަށް ނާންނަން. އެންމެ ފަހުން އިންޑިޔާއަށް އައި ފަހަރު ވީ ގޮތެއް އެނގޭތަ؟"
ހިބާ ވާހަކަ ދައްކަން ފެށި ގޮތަށް ހުއްޓައެއް ނުލިއެވެ. ގިނައިން ދެއްކީ ބޭކާރު ވާހަކައެވެ. ނާސިފު ސަމާލުކަމެއް ނުވެސް ނުދެއެވެ. ބައެއް ފަހަރު، ހިބާ ސުވާލެއް ކުރުމުން އެ ސުވާލު ތަކުރާރުކުރަން ވެސް ނާސިފު އެދެން ޖެހެއެވެ. ނާސިފު ބަލަނީ ވީހައި ވެސް ކުރު ޖަވާބަކުން ފުއްދައިލެވޭތޯއެވެ. ވީމާ، ހިބާއަށް ޝައްކުވިއެވެ.
"އަހަރެން އަނގަތަޅާ ވަރުން ބޮލަށް އުނދަގޫވޭ ދޯ؟" ހިބާ އެހިއެވެ. އަދި ބުންޏެވެ. "ޑޯންޓް ވޮރީ! މަންތު ނިމެންދެން ނާސިފު މަޑުކުރިޔަސް އަހަރެން ނައިންޓީންގަ ފުރާނެ."
އެ ކަމުން ނާސިފުގެ ހިތަކަށް މާ ބޮޑު ހަމަޖެހުމެއް ނުލިބުނެވެ. ދަތުރުގައި އެހައި ދުވަސް އޮތީމައެވެ. ހިތާހިތުން ނާސިފު އެދެމުން ދިޔައީ ހިބާއާ ވީހައި ވެސް ދުރުން ކޮޓަރި ލިބުމަށެވެ. ވީ ވެސް އެހެންނެވެ. ދިހަވަނަ ފަންގިފިލައިން ނާސިފަށް ކޮޓަރި ލިބުނު އިރު ހިބާއަށް ލިބުނީ ފަސްވަނަ ފަންގިފިލައިންނެވެ. ހިބާ ވަރަށް ކަންބޮޑުވިއެވެ. އެހެން ގޮތެއް ހޯދަން އުޅުނު ވެސް މެއެވެ. އެހެނަސް، ރިސެޕްޝަންގައި މެހުމާނުން ގިނަ ވަގުތެއް ކަމުން އެ ކަން ކާމިޔާބެއް ނުވިއެވެ.
ކޮޓަރިއަށް ވަދެފައި ނާސިފު ސޯފާގައި ހަމަޖެހިލިއެވެ. އެ ކޮޓަރި ވަރަށް ބޮޑެވެ. ނާސިފު އަބަދު ވެސް ހުންނާނީ އެ ފެންވަރުގެ ކޮޓަރިއެއްގައެވެ. ހަމަ އެކަނި އެނދެއް ހުންނަ ކުދި ކޮޓަރި އާއި ކުދި ފާހާނައިން ނާސިފު ނޭވާ ހާސްވާ ގޮތް ވެއެވެ. ވައި ދައުރުވުން ކުޑަވުމާއި ތަނުގެ އަލި މަޑުވުމާއި އިރުގެ އަލި ނުވަންނަ ކަމަށް ވަންޏާ ވެސް ނާސިފަށް އުނދަގޫވެއެވެ. ހަމަ އެހެންމެ، ތޮއްޖެހުމުންނާއި ދުމާއި ހިރަފުހާއި އެ ކަހަލަ އެތައް އެއްޗެއް ވެސް ނާސިފަކާ ނުގުޅެއެވެ. އެ ހުރިހައި ކަމަކަށް ވިސްނައި، ދުރާލައި ދަތުރު ރޭވުމަކީ ނާސިފު ހަނދާން ބަހައްޓާ ކަމެކެވެ. އިންޑިޔާއަކީ ސިމެއް ނަގަން އުނދަގޫ ތަނެއްކަން ވެސް ނާސިފަށް އެނގެއެވެ. ކޮންމެއަކަސް، ހިބާ ކައިރިން ސަލާމަތް ވީތީ ޝުކުރު ކުރަމުން ލޯ މަރައިލި ވަގުތު ފޯނެއް އައެވެ. ގުޅީ އަދީލެވެ.
"ކޮބާ ހުރިހާ ކަމެއް އޯކޭ؟" އަދީލް އެހިއެވެ.
"ކިހިނެއް އޯކޭވާނީ؟" ޝަކުވާގެ ރާގެއްގައި ނާސިފު ބުންޏެވެ. "ކޮން ކަހަލަ ގަމާރު މަންޖެއެއް އަހަންނާ ތި ހަވާލުކުރީ؟ އެއް ކަމެއް ވެސް ކުރާކަށް ނޭނގޭ!"
"އެހެންވެގެންތާ ނާސިފު ގާތުގަ ބުނަން ޖެހުނީ ކުޑަކޮށް ބަލާލައްޗޭ!" އަދީލް ބުންޏެވެ. "ސޮރީ އިނގޭ! ފްރެންޑެއްގެ ފްރެންޑެއްގެ ދަރިއެކޭ އެއީ. ބުނީ އެކަނި އަދި ދަތުރެއް ނުކުރެޔޭ! މިހާރު ތި ދެވުނީނު. ދެން އޯކޭ ވާނެ. ބުނީމެއްނު ޕުރޮޖެކްޓެއްގެ ވާހަކަ. ނާސިފުގެ ނަންބަރު އޮންނާނެ ޖޯންއަށް ދީފަ. އޭނަ ގުޅާނެ. ވަރަށް ނައިސް، ފްރެންޑްލީ މީހެއް އެއީ. ކޮންމެ ގޮތެއް ހަދާފަ ނަމަވެސް އެ ކަން ހިންގާލާތި!"
ދެ އެކުވެރިން އިރުކޮޅަކު ވާހަކަ ދައްކައިފައި ފޯނު ބޭއްވިއެވެ. ހަމަ ބޭއްވުމާ އެކު އަދީލް ގުޅިއެވެ.
"އަދި އެއް ވާހަކަ،" ލާނެތް ރާގެއްގައި އަދީލް ބުންޏެވެ. "ޖޯންގެ ހުންނާނެ ލޯބި މަންޖެއެއް. ލިޒް ކިޔާނީ. މިހާރު ސިންގަލް. ހަމަ ބުނެލީ!"
ހެމުންހެމުން އަދީލް ފޯނު ކަނޑައިލިއެވެ. ނާސިފު ހެމުންހެމުން ދެއަތަކަށް ބޯ ހޫރައިލިއެވެ. ސޯފާއިން ތެދުވެގެން ގޮސް ބޭރު ބަލައިލިއެވެ. އެ ވަގުތު ދޮރުގައި ޓަކި ޖަހައިލި އަޑުއިވިގެން ދޮރު ހުޅުވި އިރު، ތާޒާ މާބޮނޑިއެއް ޖަހާފައިވާ މާވަށިގަނޑެއް ހިފައިގެން ހޮޓަލުގެ މީހަކު ހުއްޓެވެ. ނާސިފު އައީ އެ ކަމަށް އެދިފައެވެ. ފިނިފެންމަލުގެ ތާޒާ މާބޮނޑިއެއް ކޮޓަރީގައި ހުންނަން ޖެހޭނެއެވެ. އޭގައި ހުދު ފިނިފެންމާ ހުރުމަކީ ޝަރުތެކެވެ. މާވަށި ގެނެސް ނާސިފު ބުނި ތަނުގައި ބެހެއްޓުމުން ޝުކުރު އަދާކޮށްފައި، ހަދިޔާއެއް ވެސް ނާސިފު ދިނެވެ.
"ހުދު މާ ތަންކޮޅެއް ގިނަ ދޯ؟" އޭނަ އިނގިރޭސިން އެހިއެވެ.
"ނޫން ހަމަ ބަރާބަރު." ނާސިފު ބުންޏެވެ.
އޭނަ ދިޔުމުން ދޮރު ލައްޕާފައި ނާސިފު އައިސް ހުދުފިނިފެންމާތަކަށް ބަލަހައްޓައިގެން އިރުކޮޅަކު އިނެވެ. އެ ހިނދު ނާސިފުގެ ހަނދާން ފިޔަޖަހައިލިއެވެ. ހުދު މަލެއް ބުރިކޮށްލައިފައި، އިސްތަށިގަނޑަކަށް ޖަހައިލަދިން ތަނެވެ.
"އަހަންނާ ގުޅޭތަ؟" އެ އަންހެން އަޑުގައި ވަނީ ލަންޑަނުގެ އިނގިރޭސި ރާގެކެވެ.
"ރަތްކުލަ މާ ގުޅޭނެ." ނާސިފު ވެސް ހަމަ އެ ބަހުން ބުނެލި އަޑު އިވުނު ކަހަލައެވެ.
"އައި ލައިކް ވައިޓް،" ނާޒުކު އަޑަކުން އެ ދުވަހު އޭނަ ބުންޏެވެ. "އިޓްސް ޕިއުރިޓީ، އިނޮސަންސް އެންޑް ނިއު ބިގިނިންގްސް."
ނާސިފުގެ ހިތުގައި ހަރުލާފައިވަނީ އިނގިރޭސި ލަފުޒުތަކެކެވެ. އެ އަންހެންކުއްޖާގެ ނަޒަރުގައި ހުދުކުލައަކީ ހާލިސްކަމެވެ. މާސޫމުކަމެވެ. އާފެށުމަކުން ފެށުމަށް އެޅޭ ފުރަތަމަ ފިޔަވަޅު ވެސް މެއެވެ. އެ ދުވަހު ނާސިފު މާ ބޮޑު އެއްޗެއް ހިތަކަށް ނާރައެވެ. އޯކޭއޭ ބުނެފައި ނިންމައިލީއެވެ. ހިތުގައި ރިހުން އުފެދެން ފެށީ ފަހުންނެވެ. އޭރު ވަގުތު ފާއިތުވެއްޖެއެވެ. ބާކީ އޮތީ ހަނދާނުގެ ބާނިތަކެވެ. ހިތާމައިގެ ރާޅުތަކެވެ. ހިތުގެ ގޮނޑުދޮށަށް ބީއްސައިލާ ކޮންމެ ރާޅެއް އަނބުރައި ދަނީ މާޒީގެ ފޮނި ހަނދާންތައް އަލުން ތިލަކޮށްފައެވެ.
މެލޭޝިޔާގައި ކިޔެވި ދުވަސްވަރެވެ. ތަންތަން ބަލައިލަން ކުރި ދަތުރުތަކެވެ. ހޫނުގަދަ ދުވަސްތަކާއި ވިއްސާރަ ރޭތަކެވެ. އެކުގައި ތަޖުރިބާކުރި ފޮނިރަހަތަކާއި ކުޅި ރަހަތަކެވެ. މަޖާ ވަގުތުތަކާއި ވިހަވި ސަމާސާތަކެވެ. އެ ހަނދާންތައް އައުމުން ނާސިފު ފޯނު ނެގިއެވެ. ނަންބަރު ވެސް ހޯދިއެވެ. ކޮންމެ ފަހަރަކު ވެސް އެ ހިސާބަށް ދެވެއެވެ. ބާކީ އޮތީ ނަންބަރަށް ފިތައިލުމުގެ ދުރުމިނެވެ. އެ ކަން ކުރާކަށް ނާސިފަކަށް ނުކެރެއެވެ. ފޯނު ނަގާނީ، އިނގިރޭސި ޝާހީ އާއިލާއަކާ ގުޅުން ހުރި އަންހެނަކަށް ވީތީއެއް ނޫނެވެ. މިހާރު، ނުފޫޒު ގަދަ އަރަބި ގައުމެއްގެ ރަސްކަލެއްގެ އަންބަކަށް ވީތީއެވެ. ރާނީއަކަށް ވީތީއެވެ. ދެ އަންހެންދަރިންގެ މަންމައަކަށް ވީތީއެވެ. ގުޅާފައި ނާސިފު ބުނަން ބޭނުމީ ލޯބިވާ ވާހަކައެވެ. ހަނދާންވާ ވާހަކައެވެ. އެއިން ނުކުންނާނެ އެއްވެސް ރަނގަޅު ނަތީޖާއެއް ނެތެވެ.
އިރާކޮޅުގެ ވަގުތެވެ. ހޮޓަލުން ކީއްކުރަން ހެއްޔެވެ؟ ކޮޓަރިން ބޭރަށް ނުކުތުމުގެ ވެސް އެއްވެސް ޝައުގުވެރިކަމެއް ނާސިފުގެ ނެތެވެ. ގަސްތު ކޮށްގެން ހުރީ ކެއުން ވެސް ކޮޓަރިއަށް ގެންނާށެވެ. ކެއުމަށް ވަކި ހާއްސަ ޖާގައެއް އެބަ ހުއްޓެވެ. ދާނެ ވަކި ތަނެއް އޮތީކީ ނޫނެވެ. މޮޔަކަމެއް ކުރުމުގެ ނިޔަތުގައި، އިރުއިރުކޮޅާ ފޯނު ނެގެއެވެ. ވަކި ނަމެއް ޖަހައިގެން ގޫގުލް ކުރެވެއެވެ. ގޫގްލް އިމޭޖްއަށް ދިޔުމުން ފެންނަނީ، އެކަކުގެ ތަފާތު ފޮޓޯތަކެވެ. އެންމެ ޒަމާނީ ހެދުންތަކުގައެވެ. އެންމެ އަގުބޮޑު ގަހަނާތަކުގައެވެ. ބޮލުގައިވާ ފަރި ތާޖުގައި ވެސް އެތައް އަލިމަހެއް ހުރި ތަން ނާސިފަށް ފެނެއެވެ. އެހެނަސް، ކުރިން ނުފެންނަ ކަމެއް ނާސިފަށް ފާހަގަވިއެވެ. އޭނަގެ ތުންފަތުގައި ވަނީ އުފާވެރި ހިނިތުންވުމެއް ނޫނެވެ. އޭނަ އުފަލުން ހިނިތުންވެލާ ގޮތް ނާސިފު ދުވަހަކު ވެސް ހަނދާނެއް ނުނެތޭނެއެވެ. އެއްވެސް ފޮޓޯއަކުން އެ އުފާވެރިކަމެއް ނާސިފަކަށް ނުފެނެއެވެ.
"ކީއްވެގެންބާ؟" ހިތާހިތުން ނާސިފަށް ބުނެލެވުނެވެ.
ކޮޓަރީގައި ހުރި އިންޓަކަމް ރަނގަބީލުވިއެވެ.
"އެއީ ކާކު؟" ނާސިފަށް ބުނެވުނެވެ. އަދި ފޯނު ނެގިއެވެ. "ހަލޯ!"
"ޑިނަރ ނަގައިފިން؟" ހިބާ އެހިއެވެ.
"ނޫން! ރޫމްސަރވިސްއަށް ގުޅާނީ،" ނާސިފު ބުންޏެވެ. "ނުކުންނަ މޫޑެއް ނެތް."
ކުއްލިއަކަށް ހިބާ ފޯނު ބޭއްވިއެވެ. އެއީ ނާސިފު އުންމީދުކުރި ގޮތެއް ނޫނެވެ. ހިތަށް އެރިއެވެ. ހިބާ ރުޅި އައީ ބާއެވެ؟ ދެން ހިތަށް އެރިއެވެ. ރުޅި އައިއްޔާ އަހަންނަށް ކީއް ހެއްޔެވެ؟ ރަނގަޅީ ވެސް ދެން ނުގުޅިއްޔާއެވެ. އަނެއްކާ ހިތަށް އެރިއެވެ. ނާސިފު ބުނި އެއްޗަކުން ހިބާއަށް އަދީލް ގުޅީބާ އެވެ؟ ގުޅާފައި އެއްޗެއް ބުނީބާ އެވެ؟ ބުނެފާނެ ނޫން ހެއްޔެވެ؟ އަހަރެން ދޮގެއް ނަހަދަމެވެ. ހިބާއަކީ ބޮލުގަ ރިހުމެއް ކަހަލަ ކުއްޖެކެވެ. އެ ވަގުތު ދޮރުގައި ޓަކިޖަހައިލި އަޑުއިވުނެވެ. ހިބާއަށް ނުވިއްޔާ ކިތަންމެހައި ވެސް ރަނގަޅޭ ހީކުރަމުން ނާސިފު ދޮރު ހުޅުވައިލިއެވެ.
"ގުޑްއިވްނިންގް!" ބޭރަށް ނުކުންނަ ގޮތަށް ތައްޔާރުވެލައިގެން، ހިނިތުންވެފައި ހުރި ހިބާ ބުންޏެވެ. "ވަނަސް ހެޔޮތަ؟"
އެހެން ބުނި އިރު ހިބާ ހުރީ ކޮޓަރި ތެރޭގައެވެ. ބުނާނެ އެއްޗެއް ނޭނގިފައި ހުރި ނާސިފު ދޮރު ލައްޕައިލިއެވެ.
"ވާއޮ!" ތަނަށް ނަޒަރު ހިންގައިލަމުން ހިބާ ބުންޏެވެ. "ސޯ ކޫލް!"
ހިބާ ލައިގެން ހުރީ ނިވާކަން ބޮޑު، އަތްދިގު، ބާރު، ފެހިކުލައިގެ ހެދުމެކެވެ. ހަށިގަނޑު ހީވަނީ، ކުޅަދާނަ މާވަޑިއަކު ނިކަން ފަރުވާތެރިކަމާ އެކު ކިއްސަރު ލާފައިވާ ދަންފުޅިއެއް ހެންނެވެ. ހަމަ އެއްވެސް އައިބެއް ނެތެވެ. އެއީ ނާސިފަށް އެ ކަން ފާހަގަކުރެވުނު ފުރަތަމަ ފަހަރެވެ. ފަރި ގޮތަކަށް ހިނގައިފައި ގޮސް ސޯފާގައި އިށީނުމަށް ފަހު ހިބާ ޗޮކެއް ކަނޑައިލިއެވެ.
"ވަރަށް ފޫހިވޭ! ފޯނުގަނޑު ވެސް ނުލާ މި އާދެވުނީ،" ހިބާ ބުންޏެވެ. އަދި އިނގިރޭސިން ބުންޏެވެ.
"އަހަރެންގެ ފޮޓޯއެއް ނަގައިދީފާނަން؟"
"ޝުއަރ!" ނާސިފު އެއްބަސްވިއެވެ.
ހިބާ އެއްފައި މައްޗަށް އަނެއް ފައި އެއްލުމަށް ފަހު، ދަތްދޮޅީގައި އަތްވިއްދައިލާފައި ހިނިތުންވެލިއެވެ. (ނުނިމޭ)