Roadha Mihaaru

ޕާކިސްތާނު ސެލެބްރިޓީންގެ ސޯޝަލް މީޑިއާ އެކައުންޓްތައް އިންޑިއާގައި ބްލޮކްކޮށްފި

އިންޑިއާ އާއި ޕާކިސްތާނުގެ ގޯސްވެފައިވާ ގުޅުމުގެ ތެރެއިން ބަދަލު ހިފުމުގެ ފިޔަވަޅެއްގެ ގޮތުގައި އިންޑިއާ އިން ޕާކިސްތާނުގެ ފިލްމީ ތަރިންނާއި ކްރިކެޓްކުޅުންތެރިންގެ ސޯޝަލް މީޑިއާ އެކައުންޓްތައް ބްލޮކް ކޮށްފި އެވެ.

އިންޑިއާގައި ޕާކިސްތާނު ސެލެބްރިޓީންގެ ސޯޝަލްމީޑިއާ މަނާ

އިންޑިއާ އާއި ޕާކިސްތާނުގެ ގޯސްވެފައިވާ ގުޅުމުގެ ތެރެއިން ބަދަލު ހިފުމުގެ ފިޔަވަޅެއްގެ ގޮތުގައި އިންޑިއާ އިން ޕާކިސްތާނުގެ ފިލްމީ ތަރިންނާއި ކްރިކެޓްކުޅުންތެރިންގެ ސޯޝަލް މީޑިއާ އެކައުންޓްތައް ބްލޮކް ކޮށްފި އެވެ.

ކަޝްމީރުގައި 26 މީހަކު މަރާލި ހާދިސާ އަކީ ޕާކިސްތާނުން ހިތްވަރު ދީގެން ކުރުވި ކަމެއްގެ ގޮތުގައި އިންޑިއާއިން ސިފަކުރަމުން ދާއިރު ދެ ގައުމުގެ ވިޔަފާރިތަކަށް ވެސް މިހާރުގެ ހާލަތާ އެކު ވަނީ ގެއްލުމާ ކުރިމަތިވެފަ އެވެ.

މިދިޔަ މަހުގެ 22 ވަނަ ދުވަހު ކަޝްމީރުގައި އިންޑިއާގެ 26 މީހަކު މަރާލުމާ އެކު އިންޑިއާ އާއި ޕާކިސްތާނުން ދަނީ ބޯޑަރު ހުރަސްކޮށް ކުދި ހަމަލާތައް ވެސް ދެމުންނެވެ.

އިންޑިއާގެ ކޮމިއުނިކޭޝަން މިނިސްޓްރީން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ޕާކިސްތާނުން ވައިގެ މަގުންނާއި އެއްގަމު މަގުތަކުން މެއިލް އާއި ޕާރުސަލް ހިމެނޭހެން ހުރިހާ އެއްޗެއް އެތެރެކުރުން މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ.

އިންޑިއާގެ ޑައިރެކްޓަރޭޓް ޖެނެރަލް އޮފް ޝިޕިން (ޑީޖީއެސް) ގެ އަމުރަކާ ހަވާލާދީ އިންޑިއާގެ މީޑިއާތަކުން ބުނީ ޕާކިސްތާނުގެ އުޅަނދުތައް އިންޑިއާއަށް އަދި އިންޑިއާގެ އުޅަނދުތައް ޕާކިސްތާނުން މިހާރު މަނާކޮށްފައިވާ ކަމަށެވެ. އެކަމަކު މި ފިޔަވަޅުތަކީ ރަމްޒީ ކަމެއްގެ ގޮތުގައި ބެލެވެ އެވެ. ސަބަބަކީ ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ މާ ބޮޑު ގުޅުމެއް ކުރިން ވެސް ނޯންނާތީ އެވެ.

ޕާކިސްތާނުގެ ނޫސްތައް ހިމެނޭ ގޮތަށް، ހަމަނުޖެހުން އުފެދޭ ކޮންޓެންޓް މަނާކުރުމުގެ ނަމުގައި އިންޑިއާއިން ވަނީ މިދިޔަ އޭޕްރީލް މަހުގެ 28 ވަނަ ދުވަހު ޕާކިސްތާނުގެ ދޮޅަހަކަށް ޔޫޓިއުބް ޗެނަލް މަނާކޮށްފަ އެވެ. އިއްޔެ ވަނީ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އަދި ކްރިކެޓް ކެޕްޓަން އިމްރާން ޚާންގެ އިންސްޓަގްރާމް އެކައުންޓު ވެސް އިންޑިއާ އިން ބްލޮކް ކޮށްފަ އެވެ.

ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ފަވާދު ޚާން އާއި އާތިފް އަސްލަމްގެ އިތުރުން ކްރިކެޓް ކުޅުންތެރިން ކަމަށްވާ ބާބަރު އައްޒާމް އާއި މުހައްމަދު ރިޟްވާންގެ އިތުރުން ކުރީގެ ދެ ކުޅުންތެރިން ކަމަށްވާ ޝާހިދު އަފްރީދީ އާއި ވަސީމް އަކްރަމް ވެސް މި ލިސްޓުގައި ހިމެނެ އެވެ.

އޮލިމްޕިކް ރަން މެޑަލް ހޯދި އަރުޝަދު ނަދީމްގެ އިންސްޓަގްރާމް އެކައުންޓް ވެސް މިހާރު އިންޑިއާގައި ބްލޮކް ކޮށްފައި ވާއިރު މިއީ ހަމައެކަނި ކްރިކެޓް ކުޅުންތެރިންނާ ހިސާބުން މި ފިޔަވަޅުތައް ނުނިމޭނެކަން ހާމަވާ ކަމެއްގެ ގޮތުގައި ވަނީ ބެލެވިފަ އެވެ.