Roadha Mihaaru

އިންޑިއާ އާއި ޕާކިސްތާނު ސިފައިން ރޭ ވެސް ކަޝްމީރުގައި ހަމަލާ ބަދަލުކޮށްފި

ކަޝްމީރުގެ އިންޑިއާ ސަރަހައްދުގައި ބަޑިޖަހައި އެތައް ބަޔަކު މަރާލި ހާދިސާއާ އެކު އިންޑިއާ އާއި ޕާކިސްތާނުގެ ގުޅުން ގޯސްވެ ރޭ ވެސް އެ ދެ ގައުމުގެ ސިފައިން ކަޝްމީރުގައި ހަމަލާ ބަދަލުކޮށްފި އެވެ.

އިންޑިއާ-ޕާކިސްތާނު ސިފައިންގެ އިތުރު ކުރިމަތިލުމެއް

ކަޝްމީރުގެ އިންޑިއާ ސަރަހައްދުގައި ބަޑިޖަހައި އެތައް ބަޔަކު މަރާލި ހާދިސާއާ އެކު އިންޑިއާ އާއި ޕާކިސްތާނުގެ ގުޅުން ގޯސްވެ ރޭ ވެސް އެ ދެ ގައުމުގެ ސިފައިން ކަޝްމީރުގައި ހަމަލާ ބަދަލުކޮށްފި އެވެ.

ކަޝްމީރުގެ އިންޑިއާ ފަޅި އާއި ޕާކިސްތާނު ފަޅި ވަކިކުރާ ލައިން އޮފް ކޮންޓްރޯލް ހުރަސްކޮށް މިއީ ވިދިވިދިގެން ހަމަލާ ބަދަލުކުރި ތިން ވަނަ ރެ އެވެ.

އިންޑިއާ ސިފައިން ބުނީ ހަމަލާ ބަދަލުކުރީ އާދައިގެ ލުއި ހަތިޔާރުން ކަމަށެވެ. ކުރީ ދެ ރޭ ވެސް ލުއި ހަތިޔާރުން ހަމަލާ ބަދަލުކޮށްފައި ވާއިރު އެއްވެސް ގައުމެއްގެ ސިފައިންނަށް ގެއްލުމެއްވި ކަމަކަށް ބުނެފައެއް ނުވެ އެވެ.

ކަޝްމީރުގައި 26 މީހަކު މަރާލި އަމަލާ ޕާކިސްތާނާ ގުޅުވައި އިންޑިއާއިން ފިޔަވަޅުތައް އަޅަމުން ދާއިރު ޕާކިސްތާނުން ބުނަމުންދަނީ އެއީ އެ ގައުމާ އެއްވެސް ގޮތަކުން ގުޅުން އޮތް ހަމަލާއެއް ނޫން ކަމަށެވެ. އަދި މިކަމާ ގުޅުވައި އިންޑިއާއިން އެއްވެސް ކަމެއް ކޮށްފި ނަމަ ރައްދުގައި ފިޔަވަޅު އަޅާނެ ކަމަށް ޕާކިސްތާނުން ދަނީ ބުނަމުންނެވެ.

މި މަހުގެ 22 ވަނަ ދުވަހު ޕަހަލްގަމްގައި ޓޫރިސްޓުން ގޮސް އުޅޭ ސަރަހައްދެއްގައި 26 ފިރިހެނުން މަރާލި މީހުން ހޯދުމުގެ ބޮޑު އޮޕަރޭޝަނެއް އިންޑިއާގެ ސަލާމަތީ ބާރުތަކުން ފަށާފައި ވާއިރު ފިލައިގެން ދިޔަ ހަތިޔާރު އެޅި މީހުންގެ ތެރޭގައި ޕާކިސްތާނުގެ ދެ މީހަކު ވެސް ހިމެނޭ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ހަމަލާއާ ގުޅިގެން ދެ ގައުމުގެ ގުޅުން ގޯސްވެ އިންޑިއާއިން މިހާރު ވަނީ ދެ ގައުމުގެ ދެމެދުގައި ފެން ހިއްސާކުރުމަށް ވެފައި އޮތް މުހިންމު އެއްބަސްވުމަކަށް އަމަލުކުރުން ސަސްޕެންޑްކޮށްފަ އެވެ. އަދި ޕާކިސްތާނާ އެކު އޮންނަ އެއްގަމު ބޯޑަރު ހުރަސްކުރާ މައި މަގު ބަންދުކޮށް، ޑިޕްލޮމެޓިކް ގުޅުން ތައް ދަށްކޮށް، ޕާކިސްތާނު މީހުންނަށް ވިސާ ދިނުން ވެސް ވަނީ މެދުކަނޑާލައިފަ އެވެ.

މި ކަންކަމުގެ ރައްދުގައި ޕާކިސްތާނުން ވެސް ވަނީ އިންޑިއާގެ ޑިޕްލޮމެޓުންނާއި އަސްކަރީ އެޑްވައިޒަރުން ބޭރުކުރުމަށާއި، ސިކުންގެ ދީނީ ކަންކަމުގައި އަންނަ މީހުން ފިޔަވައި އިންޑިއާ މީހުންނަށް ވިސާ ނުދިނުމަށާއި ބޯޑަރު ހުރަސްކުރުން މަނާކޮށްފަ އެވެ.

ނިއުކްލިއާ ދެ ބާރުގެ މި ނުތަނަވަސްކަމާ އެކު އދ. އާއި އެކި ގައުމުތަކުން ގެންދަނީ ހާލަތު އިތުރަށް ގޯސްވިޔަ ނުދީ އަވަހަށް މައްސަލަތައް ހައްލުކުރުމަށް ގޮވާލަމުންނެވެ.