ކަޝްމީރުގައި ބަޑިން ހަމަލާދީ 26 މީހަކު މަރާލި ހާދިސާއާ ޕާކިސްތާ ގުޅުވުމަށް ފަހު އިންޑިއާ އިން ޕާކިސްތާނަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި އެވެ.
ކަޝްމީރުގައި ބަޑިން ހަމަލާދީ 26 މީހަކު މަރާލި ހާދިސާއާ ޕާކިސްތާ ގުޅުވުމަށް ފަހު އިންޑިއާ އިން ޕާކިސްތާނަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި އެވެ.
ބޯޑަރު ހުރަސްކޮށް ހިންގާ ޓެރަރިޒަމްގެ އަމަލުތަކަށް ޕާކިސްތާނުން ހިތްވަރުދޭ ކަމަށް އިންޑިއާއިން އަބަދުވެސް ކުރާ ތުހުމަތު ތަކުރާރުކުރުމަށް ފަހު އިންޑިއާއިން ވަނީ ފެނުގެ ވަސީލަތްތައް ހިއްސާކުރުމާ ބެހޭ ގޮތުން ސޮއިކޮށްފައިވާ އެއްބަސްވުމަށް އަމަލުކުރުން ހުއްޓާލައި ބޯޑަރު ހުރަސްކޮށް ދެ ގައުމުގެ މެދުގައި ދަތުރުކުރާ މައި މަގު ވެސް ބަންދުކޮށް އިތުރު ފިޔަވަޅުތައް ވެސް އަޅައިފަ އެވެ.
އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ އިއްޔެ އިއުލާނުކުރެއްވި ފިޔަވަޅުތަކުގެ ތެރޭގައި 1960 ވަނަ އަހަރު ސޮއިކޮށްފައިވާ، ހިމާލަޔާ ސަރަހައްދުގައި ފެނުގެ ވަސީލަތްތައް ހިއްސާކުރުމުގެ މުހިންމު އެއްބަސްވުން ސަސްޕެންޑްކުރުން ހިމެނޭއިރު މިސްރީ ވިދާޅުވީ އެއްބަސްވުމަށް އަލުން އަމަލުކުރަން ފަށާނީ ބޯޑަރު ހުރަސްކޮށް ހިންގާ ޓެރަރިޒަމްގެ އަމަލުތައް ޕާކިސްތާނުން އެކަށީގެންވާ ގޮތެއްގައި ކުށްވެރިކޮށް އެ ކަންކަމަށް ދެކޮޅުހެދުމުން ކަމަށެވެ.
މީގެ އިތުރުން އިންޑިއާގައި ތިބި ޕާކިސްތާނުގެ ބައެއް ޑިޕްލޮމެޓުން ފޮނުވާލުމާއި ޕާކިސްތާނުން އިންޑިއާގެ ޑިޕްލޮމޭޓުން މަދުކުރުން ވެސް ހިމެނެ އެވެ.
ކަޝްމީރުގައި އާންމުންގެ 26 މީހަކު މަރާލި ހަމަލާ ކުށްވެރިކޮށް އެ ސަރަހައްދުގެ މުސްލިމުން އިއްޔެ އެއްވުމެއްގައި ޝުއޫރު ފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ
އިންޑިއާގެ ތުހުމަތަށް ޕާކިސްތާނުން އިންކާރުކުރުމަށް ފަހު ޕާކިސްތާނުގެ ޑެޕިއުޓީ މިނިސްޓަރު އިސްހާގު ދާރް ވަނީ ރައްދުގައި ޕާކިސްތާނުން ވެސް ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފަ އެވެ.
ނިއުކްލިއާ ދެ ބާރު ކަމަށްވާ އިންޑިއާ އާއި ޕާކިސްތާނުގެ ނުތަނަވަސް ގުޅުން ހޯމަ ދުވަހުގެ ހަމަލާއަށް ފަހު މިހާރު ވަނީ ފަހުގެ ތާރީހެއްގައި ނުވާހާ ބޮޑަށް އަނެއްކާވެސް ގޯސްވެފަ އެވެ.
އިންޑިއާ އާއި ޕާކިސްތާނުން ވެސް މިލްކުވެރިކަމަށް ދައުވާކުރާ ކަޝްމީރުގައި އިންޑިއާއިން ކޮންޓްރޯލްކުރާ ފަޅީގައި، ހަތިޔާރުއެޅި ބަޔަކު ދިން ހަމަލާތަކުގައި 26 ފިރިހެނުން މަރާލާފައި ވާއިރު އެންމެ މީހަކު ފިޔަވައި އެންމެންނަކީ ވެސް އިންޑިއާ މީހުންނެވެ. ދެން ހިމެނެނީ ނޭޕާލް މީހެކެވެ.
ޓޫރިސްޓުންގެ މެދުގައި މަގުބޫލު ސަރަހައްދެއްގައި ދިން މި ހަމަލާ އަކީ އެ ސަރަހައްދުގައި ހަނގުރާމަވެރިން މީގެ ކުރިން ދީ އުޅޭ އާދައިގެ ހަމަލާތަކާ ތަފާތު ހަމަލާއެކެވެ. އަދި މިއީ އާންމުންނަށް ހަމަލާތައް އަމާޒުކުރި މި ބާވަތުގެ ފުރަތަމަ ހަމަލާ އެވެ.
އިންޑިއާގެ މުމްބާއީގައި އިއްޔެ ޕާކިސްތާނާ ދެކޮޅަށް ކުރި މުޒާހަރާއެއްގައި ޕާކިސްތާނުގެ ދިދަ އަންދަނީ. -- ފޮޓޯ: އޭއެފްޕީ
މީގެ ކުރިން އާންމުންނަށް ދިން އެންމެ ނުރައްކާތެރި ހަމަލާއަކީ 2000 ވަނަ އަހަރު އިންޑިއާގެ 36 މީހުން މަރާލި ހަމަލާ އެވެ. ފާއިތުވި އަހަރުތަކުގައި ދިން އެންމެ ނުރައްކާތެރި ހަމަލާއަކީ 2019 ވަނަ އަހަރު ޕުލްވާމާގައި ހަނގުރާމަވެރިން ބަޔަކު ކާރެއްގައި ގޮވާތަކެތި ހަރުކޮށް ފުލުހުންގެ ވެހިކަލްތަކަކަށް އަމާޒުކޮށް ގޮއްވާލައިގެން ދިން ހަމަލާ އެވެ. އެ ހަމަލާގައި 40 މީހުން މަރުވެ 35 މީހުން ޒަހަމްވި އެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ މި ލާއިންސާނީ އަމަލު ހިންގި ބަޔަކު ހޯދައި އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ވިދާޅުވެފަ އެވެ.
މުސްލިމުންގެ އާބާދީ ބޮޑު ކަޝްމީރުގައި ދިން މި ހަމަލާގެ ޒިންމާ އަދި އެއްވެސް ބަޔަކު އުފުލައިފައެއް ނުވެ އެވެ.
ކަޝްމީރުގެ މިނިވަންކަމަށް 1989 ވަނަ އަހަރުން ފެށިގެން ހަނގުރާމަކުރަމުން އަންނައިރު އިންޑިއާ އާއި ޕާކިސްތާނުން އަބަދުވެސް ގެންދަނީ މަސްރަހު ގޯސްކުރަން މަސައްކަތްކުރާ ކަމުގެ ތުހުމަތު އެއް ގައުމުން އަނެއް ގައުމަށް ކުރަމުންނެވެ.
އިންޑިއާއިން ހަމަލާދޭން އެބަ ތައްޔާރުވޭ: ޕާކިސްތާން
ކަޝްމީރު ހަމަލާގެ ރައްދު ދިނުމުގެ "މިނިވަންކަން ދީފި"
ޕާކިސްތާނުން އިންޑިއާގެ ޑްރޯންއެއް ވައްޓާލައިފި
އިންޑިއާއިން ޕާކިސްތާނުގެ ޗެނަލްތައް ބްލޮކް ކުރަނީ
އިންޑިއާ-ޕާކިސްތާނު ސިފައިންގެ އިތުރު ކުރިމަތިލުމެއް
އިންޑިއާ-ޕާކިސްތާން ނުރައްކާ ހާލަތަކަށް
ހަމަލާއަށްފަހު އިންޑިއާގައި ކަޝްމީރު ދަރިވަރުންނަށް ގޯނާ
ރާއްޖޭގެ މަޖިލިހުގައި ޕާކިސްތާނާއި އިންޑިއާގެ ޒުވާބެއް!
އިންޑިއާ-ޕާކިސްތާން ވައިގެ ހަމަލާ އަށް ފިލްމެއް ހަދަނީ
"ކަޝްމީރުގައި ޖެހިގެން އުޅެނީ ދާޚިލީ މައްސަލައެއް"