Roadha Mihaaru

އިންޑިއާ-ޕާކިސްތާން ނުރައްކާ ހާލަތަކަށް؛ ރޭ ވެސް ހަމަލާ ބަދަލުކޮށްފި

ކަޝްމީރުގެ އިންޑިއާ ފަޅީގައި ބަޑިން ހަމަލާދީ 26 މީހަކު މަރާލި ހާދިސާ އަށް ފަހު އިންޑިއާ އާއި ޕާކިސްތާނުގެ ގުޅުން އިތުރަށް ގޯސްވެ ރޭ ވެސް ދެ ގައުމުގެ ސިފައިންގެ މެދުގައި ބަޑީގެ ހަމަލާ ބަދަލުކޮށްފި އެވެ.

އިންޑިއާ-ޕާކިސްތާން ނުރައްކާ ހާލަތަކަށް

ކަޝްމީރުގެ އިންޑިއާ ފަޅީގައި ބަޑިން ހަމަލާދީ 26 މީހަކު މަރާލި ހާދިސާ އަށް ފަހު އިންޑިއާ އާއި ޕާކިސްތާނުގެ ގުޅުން އިތުރަށް ގޯސްވެ ރޭ ވެސް ދެ ގައުމުގެ ސިފައިންގެ މެދުގައި ބަޑީގެ ހަމަލާ ބަދަލުކޮށްފި އެވެ.

ކަޝްމީރުގެ އިންޑިއާ ފަޅި އާއި ޕާކިސްތާނު ފަޅިން އިއްޔެ ރޭ ވެސް އެއްބަޔަކު އަނެއް ބަޔަކަށް ހަމަލާ ދީފައިވެ އެވެ.

އިންޑިއާގެ އަސްކަރިއްޔާއިން ބުނީ ހުކުރު ދުވަހުން ފެށިގެން ޕާކިސްތާނުގެ އަސްކަރިއްޔާގެ "ގިނަ" ޕޯސްޓުތަކުން "ކަޝްމީރުގެ ލައިން އޮފް ކޮންޓްރޯލް ހުރަސްކޮށް އާދައިގެ ލުއި ހަތިޔާރުން ހަމަލާ ދީފައިވާ ކަމަށެވެ.

އިންޑިއާ ސިފައިން ވެސް އެ ހަމަލާތަކާ އެކަށީގެންވާ ގޮތަށް "ލުއި ހަތިޔާރުން" ރައްދު ދީފައިވާނެ ކަމަށް އަސްކަރިއްޔާއިން ނެރުނު ބަޔާނުގައި ބުންޏެވެ.

"ހަމަލާތަކުގައި މީހަކަށް އަނިޔާއެއް ނުވޭ،" ބަޔާނުގައިވެ އެވެ.

މިކަމާ ބެހޭ ގޮތުން ޕާކިސްތާނުން މާގިނަ ވާހަކައެއް ނުދައްކަ އެވެ. އެކަމަކު ހަމަލާ ބަދަލުކުރި ކަމަށް ވަނީ ބުނެފަ އެވެ.

ވާދަވެރި ނިއުކްލިއާ ދެ ބާރުގެ ގުޅުން މިއިން ދުވަހަކު ގޯސްނުވާ ވަރަށް ގޯސްވެ ބިރުވެރިކަން ބޮޑުވެފައި ވާއިރު އދ. އިން ވެސް ވަނީ ދެ ގައުމު ސުލްހަވެ އިތުރަށް ކަންކަން ގޯސްވިޔަނުދޭން އިލްތިމާސްކޮށްފަ އެވެ. އަދި ދެ ގައުމު ސުލްހަކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ސައޫދީ އަރަބިއްޔާއިން ވެސް ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ މައްސަލަ ކޮންމެ ގޮތަކުން ވިޔަސް ހައްލުކުރަން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.

ކަޝްމީރުގައި މިދިޔަ ހަފްތާގައި ދިން ހަމަލާއަށް ފަހު މަސްރަހު ގޯސްވީ ބޯޑަރު ހުރަސްކޮށް ހިންގާ ޓެރަރިޒަމްގެ އަމަލުތަކަށް ޕާކިސްތާނުން ހިތްވަރުދޭ ކަމަށް ބުނެ މި ހަމަލާގައި ވެސް އިންޑިއާއިން ޕާކިސްތާނަށް ތުހުމަތުކުރުމުންނެވެ.

ޕާކިސްތާނުން ވަނީ ތުހުމަތަށް އިންކާރުކޮށްފަ އެވެ. އެކަމަކު އިންޑިއާއިން ވަނީ ޕާކިސްތާނަށް ދަތިކުރުމަށް މިހާރު ފިޔަވަޅުތައް އަޅައިފަ އެވެ.

ކަޝްމީރުގެ މިނިވަންކަމަށް 1989 ވަނަ އަހަރުން ފެށިގެން ހަނގުރާމަކުރަމުން އަންނައިރު އިންޑިއާ އާއި ޕާކިސްތާނުން އަބަދުވެސް ގެންދަނީ މަސްރަހު ގޯސްކުރަން މަސައްކަތްކުރާ ކަމުގެ ތުހުމަތު އެއް ގައުމުން އަނެއް ގައުމަށް ކުރަމުންނެވެ. އަދި މަސްރަހު ގޯސްވާ ކޮންމެ ފަހަރަކު ހަމަލާ ބަދަލުކޮށް އަލުން ހަނގުރާމައެއް ފެށުމުގެ ބިރު ބޮޑުވާ ހިސާބަށް ކަންތައްދެ އެވެ.