Roadha Mihaaru

ވެމްކޯ ބަލިކޮށް ޕޮލިހުން ލީގު ޗެމްޕިއަންކަން ހޯދައިފި

އެންމެ ފަހުގެ ޗެމްޕިއަން ކްލަބް ވެމްކޯއާ ވާދަކޮށް 3-2 ސެޓުން ކުރި ހޯދައި، ހުރިހާ މެޗަކުން މޮޅުވެގެން ޕޮލިސް ކްލަބް މި އަހަރުގެ ގައުމީ ވޮލީބޯޅަ ލީގު އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ވެމްކޯ ބަލިކޮށް ޕޮލިހުން ލީގު ޗެމްޕިއަންކަން ހޯދައިފި

އެންމެ ފަހުގެ ޗެމްޕިއަން ކްލަބް ވެމްކޯއާ ވާދަކޮށް 3-2 ސެޓުން ކުރި ހޯދައި، ހުރިހާ މެޗަކުން މޮޅުވެގެން ޕޮލިސް ކްލަބް މި އަހަރުގެ ގައުމީ ވޮލީބޯޅަ ލީގު އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި ކުރިއަށް ގެންދިޔަ ލީގުގެ ފަހު މެޗުގައި ރޭ ޕޮލިހުން ސެޓްތައް ގެންދިޔައީ 26-24، 25-17، 19-25، 23-25 އަދި 15-5 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕޮލިސް ކްލަބްގެ ސޯފިއާ ޖީކްރޭކާ އެވެ.

މިއީ ހަ ޓީމު ވާދަކުރި ލީގުގައި ވެމްކޯ ބަލިވި ދެ ވަނަ މެޗެވެ. އެ ޓީމު ވަނީ ފްލެކްސާ ސްޕޯޓްސް ކްލަބް އަތުން ވެސް ބަލިވެފަ އެވެ. ވެމްކޯ އަށް ލީގުގެ ދެ ވަނަ ލިބުނު އިރު، ތިން ވަނަ ލިބުނީ ހުރާ ކޮމިއުނިޓީ ކްލަބަށެވެ.

ރޭގެ މެޗަށް ނުކުތް އިރު ވެސް ވެމްކޯ އަށް ލީގު ލިބެން އޮތީ ފަސް ސެޓަށް ނުގޮސް ޕޮލިސް ބަލި ކޮށްގެންނެވެ. ނަމަވެސް ފުރަތަމަ ދެ ސެޓު ގެންގޮސް ޕޮލިހުން ވަނީ ޗެމްޕިއަންކަން ޔަގީން ކޮށްފަ އެވެ.

އިންޑިވިޖުއަލް ވަނަތައް ހޯދި ކުޅުންތެރިން. -- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

އިންޑިވިޖުއަލް ވަނަތައް ހޯދި ކުޅުންތެރިން. -- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

ހަތް އަހަރުގެ މެދުކެނޑުމަކަށް ފަހު މިދިޔަ އަހަރު ބޭއްވި ގައުމީ ލީގުގެ އަންހެން ޑިވިޝަން ވެމްކޯ ކާމިޔާބު ކޮށްފައި ވަނީ ޕޮލިސް ކްލަބް ފަހަތަށް ޖައްސާލައިފަ އެވެ. އަދި ވޮލީބޯޅަ އަންހެން ޑިވިޝަން ޑޮމިނޭޓް ކުރަމުން އައި ވެމްކޯ ވަނީ، ލީގުގެ ކުރިން ބޭއްވި އެސޯސިއޭޝަން ކަޕާ އެކު، އެ މުބާރާތުގައި ޖެހިޖެހިގެން ފަސް ފައިނަލްގައި ޕޮލިސް ބަލިކޮށް ތަށި ހޯދައިފަ އެވެ.

މި އަހަރުގެ ލީގުގައި ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕޮލިހުގެ އާމިނަތު އަރީޝާ އެވެ. އެންމެ އުންމީދީ ކުޅުންތެރިއަކަށް ހުރާގެ މަރިޔަމް ރިޝްފާ ހޮވުނު އިރު، އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކީ ޕޮލިހުގެ ގްރާޒިއޭލޭ އެވެ. އަދި އެންމެ މޮޅު ކޯޗަކީ ޕޮލިހުގެ މުނާ މުނީރެވެ.

ލީގުގެ ޑްރީމް ޓީމުގައި ހިމެނުނު ކުޅުންތެރިންގެ ތެރޭގައި، އެންމެ މޮޅު އައުޓްސައިޑް އެޓޭކަރުންނަކީ އަރީޝާ އާއި ވެމްކޯގެ އައިޝަތު މާޖިދާ އެވެ. އޮޕޮސިޓް ޕްލޭޔަރަކަށް ފްލެކްސާގެ ފާތިމަތު ސަމްހާ ހޮވުނު އިރު، މިޑްލް ބްލޮކަރުނަނަށް ހޮވުނީ ޕޮލިހުގެ މަރިޔަމް އަޒުމާ އާއި ވެމްކޯގެ ނަރީމާ އިދުރީސް އެވެ. އެންމެ މޮޅު ސެޓަރަކީ ވެމްކޯގެ ފާތިމަތު ޖޫޒަން ޒަރީރެވެ. އަދި ލިބަރޯ އަކީ ވެމްކޯގެ ނުހާ ވަހީދެވެ.