Roadha Mihaaru

ދެފުށްފެންނަ ގޮތަށް މަޝްރޫއުތައް ބާރަށް ކުރިއަށް ގެންދަން ރައީސް އެދިވަޑައިގެންފި

ސަރުކާރުން ހިންގާ މަޝްރޫއުތައް، ދެފުށްފެންނަ ގޮތަށް މަސައްކަތް ބާރަށް ކުރިއަށް ގެންދަން ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.

މަޝްރޫއުތައް ބާރަށް ކުރިއަށްގެންދަވަން އެދިވަޑައިގެންފި
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

22 އެޕްރީލް 2025

ސަރުކާރުން ހިންގާ މަޝްރޫއުތައް، ދެފުށްފެންނަ ގޮތަށް މަސައްކަތް ބާރަށް ކުރިއަށް ގެންދަން ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.

މިނިސްޓަރުންގެ ކިބައިން ރައީސް އެހެން އެދިވަޑައިގަތީ ސަރުކާރުން އެންމެ އިސްކަންދީގެން ކުރިއަށްގެންދާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ ފަހުގެ މައުލޫމާތު ހިއްސާކުރައްވައި މަޝްވަރާކުރެއްވުމަށް މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމުގަ އެވެ.

ރައީސް އޮފީހުން ބުނީ އެ ބައްދަލުކުރެއްވުމުގައި މިނިސްޓަރުންގެ އިތުރުން، ސަރުކާރު ހިއްސާވާ ކުންފުނިތަކާ ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ މައުލޫމާތު ވެސް ހިއްސާކުރައްވައި މަޝްވަރާކުރެއްވި ކަމަށެވެ.

އެގޮތުން، ވީހާވެސް ގިނައިން، ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދެއްވައި ދެފުއްފެންނަ ގޮތެއްގައި މަސައްކަތްތައް ބާރަށް ކުރިއަށްގަން ވެސް ރައީސް ބާރުއެޅުއްވި ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

މަޝްވަރާ ކުރި ކުންފުނިތަކަކީ:

- ސްޓޭޓް ޓްރޭޑިންގް އޮގަނައިޒޭޝަން (އެސްޓީއޯ)

- ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ

- ފެނަކަ

- ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)

- މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)

- މާލެ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)

އެ ބައްދަލުވުމުގައި މަޝްރޫއުތައް ނިންމަވަން ކަނޑައަޅުއްވާފައިވާ ތަރީހުތަކަށް މަޝްރޫއުތައް ނިންމެވުމަށް ރައީސް ވިދާޅުވި ކަމަށާއި އެކަންކަން ފުރިހަމަކުރެއްވުމަށް ބޭނުންވާ ކަންކަން އޮޅުން ފިލުއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އޭގެ އިތުރުން އެ ބައްދަލުވުމުގައި ކުންފުނިތަކުގެ އެމްޑީ އިން ފާހަގަކުރެއްވި ކަންކަމަށް މަގުފަހިކުރުމަށް އެޅޭނެ ފިޔަވަޅުތަކާ މެދު މަޝްވަރާކުރައްވައި، މަޝްރޫއުތަކުގެ މަސައްކަތްތައް އޮމާންކަމާ އެކު ކުރިއަށްގެންދިއުމަށް ވެސް ބައްދަލުވުމުގައި މަޝްވަރާކުރެއްވި އެވެ.