Roadha Mihaaru

ފަނޑިޔާރުންނަށް އެޅި ފިޔަވަޅަކީ އެ ދާއިރާގެ މިނިވަންކަމަށް ހުރަސް އެޅުން: އދ

ސްޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑް ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި ނިންމުމަކީ ޝަރުއީ ދާއިރާގެ މިނިވަންކަމަށް ހުރަސް އެޅޭ ނިންމުމެއް ކަމަށް އދ. ގެ ފަނޑިޔާރުންނާއި ވަކީލުންގެ މިނިވަންކަމާ ބެހޭ ހާއްސަ ރެޕަޓުއާ މާގަރެޓް ސެޓަތުވެއިޓް ރޭ ވިދާޅުވެއްޖެ އެވެ.

ފަނޑިޔާރުންނަށް އެޅިފިޔަވަޅާ މެދު އދ.ގެ ކަންބޮޑުުވުން
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

18 އެޕްރީލް 2025

ސްޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑް ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި ނިންމުމަކީ ޝަރުއީ ދާއިރާގެ މިނިވަންކަމަށް ހުރަސް އެޅޭ ނިންމުމެއް ކަމަށް އދ. ގެ ފަނޑިޔާރުންނާއި ވަކީލުންގެ މިނިވަންކަމާ ބެހޭ ހާއްސަ ރެޕަޓުއާ މާގަރެޓް ސެޓަތުވެއިޓް ރޭ ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ހުސްނުއްސުއޫދު ސަސްޕެންޑު ކުރުމާ އެކު، ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވުމަށް ފަހު އދ. ގެ ހިއުމަން ރައިޓްސްގެ ކޮމިޝަނަރާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަދި ކޮމަންވެލްތަށް އެ މައްސަލަ ހުށަހެޅުއްވުމާ ގުޅިގެން ނެރުއްވި ބަޔާނެއްގަ އެވެ.

ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ ޖޭއެސްސީން ސަސްޕެންޑްކުރީ ސުއޫދުގެ އިތުރުން ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރެވެ. އެކަމަކު، ސުއޫދު ވަނީ ސަސްޕެންޝަންގެ މުއްދަތުގެ ތެރޭގައި ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފަ އެވެ.

ފަނޑިޔާރުންނާއި ވަކީލުންގެ މިނިވަންކަމާ ބެހޭ އދ. ގެ ހާއްސަ ރެޕަޓުއާ މާގަރެޓް ނެރުއްވި ބަޔާނުގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހާ އެކު، ސްޕްރީމް ކޯޓުން މައްސަލަ ބެލުން ހުއްޓުވުމަށް އެ ތިން ފަނޑިޔާރުންނާ ދެކޮޅަށް އެޅި ފިޔަވަޅުތަކާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

އޭނާ ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދު ހަތަކުން، ފަސް ފަނޑިޔާރުންނަށް މަދުކުރަން ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުން ބިލު ފާސްކުރި މައްސަލާގައި ވެސް ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ ތިން ބޭފުޅުންނާ ގުޅޭ މައްސަލައެއް ބަލަމުންދާ ކަމަށް އެ ކޮމިޝަނުގެ ރައީސް، ޖޭއެސްސީ އަށް އެންގި ކަމަށް ވެސް ބަޔާނުގައި ވެ އެވެ.

ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު މަހާޒު އަދި ފަނޑިޔާރު އަޒްމިރަލްދާ.-- ފޮޓޯ: މިހާރު

ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު މަހާޒު އަދި ފަނޑިޔާރު އަޒްމިރަލްދާ.-- ފޮޓޯ: މިހާރު

ސުއޫދާއި އަޒްމިރާލްދާ އަދި މަހާޒާ މެދު އަޅާފައިވާ ފިޔަވަޅުތަކަކީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކާ ހިލާފު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި ފަނޑިޔާރުން ވަކި ކުރެވޭނީ އެ ބޭފުޅުންނަކީ ނާގާބިލު ނުވަތަ ބޮޑެތި މައްސަލަތަކެއްގެ ސަބަބުންނާއި އިންސާފުވެރި އުސޫލުތަކެއްގެ ދަށުން ކަމަށް މާގަރެޓް ވިދާޅުވި އެވެ.

"ސަސްޕެންޝަންތަކާއި ޑިސިޕްލިނަރީ ޝަރީއަތްތަކާއި ތަހުގީގުތަކުގެ ޕްރެޝަރަކީ މި މުއައްސަސާގެ މިނިވަންކަމަށް ހުރަސްއެޅުން ކަމަށް ވެދާނެ،" އޭނާ ވިދާޅުވި އެވެ.

މާގަރެޓް ވަނީ މަހާޒާއި އަޒްމިރަލްދާގެ މައްސަލައިގެ އަޑުއެހުންތައް އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ނުގެންދިއުމުން ވެސް ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

އޮކްޓޫބަރު، 2022 ގައި ހައި ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، ސުއޫދު ހުތުރު ބަހުން ވާހަކަ ދެއްކެވި ކަމަށް ބުނާއިރު، ސުއޫދާ އެއްގޮތަށް ފަނޑިޔާރު އަޒްމިރާލްދާ އާއި ފަނޑިޔާރު މަހާޒު ވެސް ޒިންމާ ނަންގަވަން ވާނެ ކަމަށް ޖޭއެސްސީ އަށް ފެންނާތީ އެ ދެ ފަނޑިޔާރުންގެ މައްސަލަ ވެސް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ.

ހަނީފުއާ ހުތުރު ބަހުން ވާހަކަ ދެއްކެވި ކަމަށް ބުނާތީ ސުއޫދުގެ މައްސަލަ ވެސް ބަލަން ޖޭއެސްސީން ކުރިން ނިންމި އެވެ. އެކަމަކު އޭނާ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވާފައިވާތީ އެ މައްސަލަ އެ ކޮމިޝަންގައި ކުރިއަކަށް ނުގެންދާނެ އެވެ.

ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކުރީ ގާނޫނުގައި ބުނާ ހަތް ދުވަހުގެ ތެރޭގައި ނިންމަންޖެހޭ އިސްތިއުނާފްގެ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހެޅިއިރު، އެ މައްސަލަ އިސްތިއުނާފްކުރި ފަރާތުގެ އާއިލާގެ މީހަކަށް ހައި ކޯޓުން ފޮނުވި އީމެއިލްއަކާއި އަމުރެއް ނެރުނު ނަމަ އެކަން ސާފުކޮށް ދިނުމަށާއި އިމިގްރޭޝަނަށް ފޮނުވި ސިޓީ ހިއްސާ ކުރުމަށް އެދުމުން އެކަން ނުކޮށް ލަސްވެ އަދި ގާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި އިސްތިއުނާފް މައްސަލަ ނިންމަން ދަތިވި މައްސަލައެއްގައި ކަމަށް އެނގިފައިވެ އެވެ.

ފަނޑިޔާރު އަޒްމިރާލްދާ އާއި ފަނޑިޔާރު މަހާޒާ ގުޅޭ ގޮތުން ޖޭއެސްސީން އެހެން މައްސަލައެއް ވެސް ދަނީ ބަލަމުންނެވެ. އެއީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް ގުޅައި ބިރު ދެއްކި ކަމަށް ބުނެ އަމިއްލަ ފަރާތަކުން އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައެކެވެ. އެ މައްސަލައިގައި ދެ ފަނޑިޔާރުން ހާޒިރުކޮށް ޖޭއެސްސީން ވަނީ ބަޔާން ވެސް ނަގައިފަ އެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑްކުރީ އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ހަތަކުން ފަހަކަށް މަދު ކުރަން މަޖިލީހުން އިސްލާހު ގެނައުމުގެ ބިލް ފާސްކުރިތާ ކުޑައިރުކޮޅެއްގެ ތެރޭގަ އެވެ. ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އަށް މަޖިލީހުން ގެނެސްފައިވާ އިސްލާހު ބާތިލް ކުރުމުގެ މައްސަލަ ވެސް ސުޕްރީމް ކޯޓުގައި ކުރިއަށް ދަނިކޮށް، އެ ތިން ފަނޑިޔާރުން ސަސްޕެންޑްކުރީ އެ މައްސަލާގެ އަޑުއެހުމެއް ބޭއްވުމަށް ތާވަލްކޮށްފައި އޮތް ދުވަހު އެވެ.

ޖޭއެސްސީގެ ތަހުގީގު ކޮމިޓީން މިހާރު ވަނީ އެ ދެ ފަނޑިޔާރުންގެ މައްސަލައިގެ ތަހުގީގު ނިންމައި، ރިޕޯޓު ކޮމިޝަނަށް ހުށަހަޅައިފަ އެވެ.