Roadha Mihaaru

ފަނޑިޔާރު މަހާޒް ގުޅުއްވީ ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ދޫކޮށްލިކަން ނޭނގި، އެއީ ނުފޫޒު ފޯރުވުން: ޖޭއެސްސީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ހައްޔަރުކުރި މައްސަލާގައި އެ ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް ގުޅުއްވީ އޭނާ ބަންދުން ދޫކޮށްލާފައިވާކަން އެނގިވަޑައިނުގެން ކަމަށާއި، އެއީ ނުފޫޒު ފޯރުވުން ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ތަހުގީގު ރިޕޯޓުގައި ބުނެފި އެވެ.

ގުޅުއްވީ ދޫކޮށްލިކަން ނޭނގި، އެއީ ނުފޫޒެއް: ޖޭއެސްސީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ހައްޔަރުކުރި މައްސަލާގައި އެ ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް ގުޅުއްވީ އޭނާ ބަންދުން ދޫކޮށްލާފައިވާކަން އެނގިވަޑައިނުގެން ކަމަށާއި، އެއީ ނުފޫޒު ފޯރުވުން ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ތަހުގީގު ރިޕޯޓުގައި ބުނެފި އެވެ.

ފަނޑިޔާރު މަހާޒާއި ފަނޑިޔާރު އަޒްމިރަލްދާ އަށް ޖޭއެސްސީން ތުހުމަތުކުރަނީ އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ހައްޔަރު ކުރުމުން އޭނާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް ގުޅުއްވައި ނުފޫޒު ފޯރުވި ކަމަށް ބުނެ އެވެ.

އެ މައްސަލާގައި އެ ދެ ބޭފުޅުން ވަކިކުރަން ޖޭއެސްސީން ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފަ އެވެ.

އެ މައްސަލާގައި ފަނޑިޔާރު މަހާޒްގެ ފަރާތުން ކުރިން ބުނެފައިވަނީ ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބަށް އޭނާ ގުޅުއްވިއިރު، ވެސް އަޒްމިރަލްދާގެ ފިރިކަލުން ބަންދުން ދޫކޮށްލާފައިވާ ކަމަށާއި އެހެންވެ، ނުފޫޒު ފޯރުވަންޖެހޭ ހާލަތެއް އެ މައްސަލާގައި ނެތް ކަމަށެވެ. ގާޒީ ސޮފްއަތަށް ގުޅުއްވީ އެ މައްސަލައަކީ އިސްތިއުނާފްގެ މަރުހަލާ ތެރެއިން އެ ކޯޓާ ހަމައަށް އަތުވެދާނެ މައްސަލައަކަށް ވާތީ މައުލޫމާތު ހޯދުމުގެ ގޮތުން ކަމަށް ފަނޑިޔާރު މަހާޒްގެ ތަހުގީގުގެ ބަޔާނުގައިވެ އެވެ.

ޖޭއެސްސީގެ ތަހުގީގު ރިޕޯޓުގައިވަނީ ގާޒީ ސޮފްއަތަށް ފަނޑިޔާރު މަހާޒް ގުޅުއްވިއިރު، ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން އޭރު ކޯޓުން ބަންދުން ދޫކޮށްލާފައިވާ ނޭނގޭ ކަމަށް ފަނޑިޔާރު މަހާޒް ތަހުގީގުގައި ވިދާޅުވެފައިވާ ކަމަށެވެ. އެހެންވެ، ފަނޑިޔާރު މަހާޒް ގުޅުއްވީ ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުންގެ ބަންދާ މެދު ގޮތެއް ނިންމުމުގައި "ހާއްސަ ގޮތަކަށް ބެލުމަށް ބާރު އެޅުމުގެ ގޮތުން" ކަމަށް "ބެލެވޭ ކަމަށް" ޖޭއެސްސީގެ ރިޕޯޓުގައިވެ އެވެ.

"ފަނޑިޔާރެއްގެ ފިރިމީހާގެ ބަންދާ މެދު ގޮތް ކަނޑައެޅުމަށް ހާޒިރު ކުރެވޭ ކޯޓުގެ އެހެން ފަނޑިޔާރަކަށް ވެސް އޭނާގެ ބަންދާ ގުޅޭގޮތުން މުއާސަލާތުކޮށް ގުޅުމަކީ ބަންދާ މެދު ގޮތެއް ކަނޑައެޅުމަށް ހާޒިރު ކުރެވޭ ކޯޓުގެ ފަނޑިޔާރުންގެ މަސައްކަތާ ސީދާ ގޮތުން ބެހި ނުފޫޒު ފޯރުވުމުގެ ގޮތުން ކުރެވޭ އަމަލަކަށް ނޫނީ ނުވާނެ،" އެ ރިޕޯޓުގައިވެ އެވެ.

ފަނޑިޔާރު މަހާޒާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ރަސްމިއްޔާތެއްގައި --- ފޮޓޯ/މިހާރު

ފަނޑިޔާރު މަހާޒާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ރަސްމިއްޔާތެއްގައި --- ފޮޓޯ/މިހާރު

ޖޭއެސްސީގެ ރިޕޯޓުގައިވާ ގޮތުން ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުންނަކީ ފަނޑިޔާރު މަހާޒް ދަންނަ ބޭފުޅަކަށް ނުވާއިރު، އޭނާގެ ބަންދާ ގުޅޭ ގޮތުން ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް ގުޅަންޖެހޭ ސަބަބެއް ނެތެވެ. އެހެންވެ، އެކަންކުރީ ފަނޑިޔާރު އަޒްމިރަލްދާ އެދިގެން ކަމަށް ބެލެވޭ ކަމަށް ރިޕޯޓުގައިވެ އެވެ.

ފަނޑިޔާރު އަޒްމިރަލްދާގެ ފަރާތުން ބުނެފައިވަނީ ފިރިކަލުން ބަންދުން ދޫކޮށްލަން އެއްވެސް ފަނޑިޔާރަކަށް އަދި އެއްވެސް މީހަކަށް އޭނާ ގުޅައި، އެއްވެސް ކަމަކަށް އެދިފައިނުވާނެ ކަމަށެވެ. އަދި ފަނޑިޔާރު މަހާޒްގެ ފަރާތުން ވެސް ބުނެފައިވަނީ ފަނޑިޔާރު އަޒްމިރަލްދާއާ އެ ދުވަހު އެންމެ ފުރަތަމަ ފޯނުން މުއާމަލާތް ކުރީ ވެސް ފިރިކަލުން ދޫކޮށްލި ފަހުން ކަމަށެވެ. ނަމަވެސް ޖޭއެސްސީގެ ރިޕޯޓުގައި ވަނީ އިންޓަނެޓް އެޕްލިކޭޝަނެއް ބޭނުން ކުރައްވައިގެން ވެސް އެ ދެ ބޭފުޅުން އޭގެ ކުރިން "މުއާމަލާތް ކުރުމުގެ ފުރުސަތު" އެބައޮތް ކަމަށެވެ.

ބަންދުގެ ކަންކަން ހިނގި ގޮތް ފަނޑިޔާރު މަހާޒް އަލީ ޒާހިރު ބަލާފައިވަނީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ފަރާތުން އެކަމަށް އެދިގެން ނުވަތަ އަޒްމިރަލްދާ ޒާހިރުގެ ބައިވެރިވުން ވެސް އޮވެގެން ކަމަށް ބެލުމުގެ ފުރުސަތު ބޮޑު. އެފަދަ ބައިވެރިވުމެއް ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ކިބައިގައި ނެތް ކަމަށް ބެލުމަށް ވުރެ ބޮޑު ކަމަށް ބުރަވެވޭ: ޖޭއެސްސީގެ ރިޕޯޓު

ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ހައްޔަރުކުރިކަމުގެ މައުލޫމާތު ލިބިވަޑައިގަތީ ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރު ހުސްނުއްސުއޫދުގެ ފަރާތުން ކަމަށް ފަނޑިޔާރު މަހާޒް ވިދާޅުވެފައި ވިޔަސް، ޖޭއެސްސީގެ ރިޕޯޓުގައިވާ ގޮތުން އެ މައުލޫމާތު ފަނޑިޔާރު މަހާޒަށް ލިބިވަޑައިގަތީ ފަނޑިޔާރު އަޒްމިރަލްދާގެ ފަރާތުން ކަމަށް ބެލެވެ އެވެ. ކްރިމިނަލް ކޯޓުގެ ގާޒީ ސަފްއަތަށް ފަނޑިޔާރު މަހާޒް ގުޅުއްވީ ވެސް ފަނޑިޔާރު އަޒްމިރަލްދާގެ ބައިވެރިވުން އޮވެގެން ކަމަށް ޖޭއެސްސީގެ ރިޕޯޓުގައިވެ އެވެ.

"ބަންދުގެ ކަންކަން ހިނގި ގޮތް ފަނޑިޔާރު މަހާޒް އަލީ ޒާހިރު ބަލާފައިވަނީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ފަރާތުން އެކަމަށް އެދިގެން ނުވަތަ އަޒްމިރަލްދާ ޒާހިރުގެ ބައިވެރިވުން ވެސް އޮވެގެން ކަމަށް ބެލުމުގެ ފުރުސަތު ބޮޑު. އެފަދަ ބައިވެރިވުމެއް ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ ކިބައިގައި ނެތް ކަމަށް ބެލުމަށް ވުރެ ބޮޑު ކަމަށް ބުރަވެވޭ..." ޖޭއެސްސީގެ ރިޕޯޓުގައި ވެ އެވެ.

މިގޮތަށް ޖޭއެސްސީން ނިންމާފައި ވާއިރު ފަނޑިޔާރުން ވަނީ މި ކަންކަން ސާފުކުރުމަށް އެއްވެސް ހެއްކެއް ތަހުގީގަށް ހާޒިރު ނުކުރުމެވެ. އެހެންވެ ކަން ހިނގާފައިވާ ގޮތް ނުބަލައި ހީތަކެއްގެ މައްޗަށް ތަހުގީގު ނިންމާފައިވާ ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ.

އެ ރިޕޯޓުގައި ވަނީ ފަނޑިޔާރު އަޒްމިރަލްދާ އަށް ފަނޑިޔާރު މަހާޒް ފޮނުއްވި މެސެޖާއި ތަހުގީގުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ވިސްނުން ހުރީ ދައުލަތުގެ ތަންފީޒީ އިދާރާތަކާ މެދު ފަނޑިޔާރެއްގެ ވިސްނުން ހުރެގެން ނުވާނެ ފަދަ ގޮތަަކަށެވެ.

ޖޭއެސްސީގެ ރިޕޯޓުގައިވާ ގޮތުން، ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުންގެ ބަންދާ މެދު ގޮތެއް ނިންމި ގާޒީ އިބްރާހިމް ޒިހުނީއަށް ގާޒީ ސޮފްއަތު ގުޅުއްވުމަށް ފަހު، ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ކޯޓަށް ހާޒިރުކުރިތޯ ބަލާފައިވަނީ ފަނޑިޔާރު މަހާޒްގެ "ރިކުއެސްޓަކަށް" ކަމަށް ގާޒީ ޒިހުނީ އާއި ގާޒީ ސޮފްއަތު ތަހުގީގުގައި ވިދާޅުވެފައިވެ އެވެ. އެ ވާހަކަ ގާޒީ ސޮފްއަތު ކްރިމިނަލް ކޯޓުގެ އިސްގާޒީ އާދަމް މުހައްމަދާ ވެސް ހިއްސާކުރި ކަމަށް އޭނާ ތަހުގީގަށް ބަޔާން ދީފައިވާ ކަމަށް އެ ރިޕޯޓުގައިވެ އެވެ.

މީގެ އިތުރުން އަޒްމިރަލްދާގެ ފިރިކަލުން ދޫކޮށްލަން ގާޒީ ޒިހުނީ އަމުރު ނެރުއްވީ ވެސް ގޯސްކޮށް ކަމަށް ދޭހަވާ ގޮތަށް އިސްގާޒީ އާދަމް މުހައްމަދާއި ގާޒީ ސޮފްއަތު ތަހުގީގުގައި ވިދާޅުވެފައިވާ ކަމަށް ޖޭއެސްސީގެ ރިޕޯޓުގައިވެ އެވެ. ގާޒީ ސޮފްއަތުގެ ބަޔާނުގައި، އަޒްމިރަލްދާގެ ފިރިކަލުން ބަންދުން ދޫކޮށްލަން ގާޒީ ޒިހުނީ ނެރުއްވި އަމުރަކީ ގޯސް އަމުރެއް ކަމަށް ބުނެފައިވާ ކަމަށް އެ ރިޕޯޓުގައިވެ އެވެ. އިސްގާޒީގެ ބަޔާނުގައި، އޭނާ ހުންނެވި ނަމަ ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ބަންދުން ދޫނުކުރާނެ ކަމަށް ބުނެފައިވާ ކަމަށް އެ ރިޕޯޓުގައިވެ އެވެ.

"މި މައްސަލާގައި ގާޒީ އިބްރާހިމް ޒިހުނީގެ ވިސްނުން ހުރި ގޮތެއް ނޭނގޭ ކަމަށާއި މި މައްސަލާގެ މުއްދަތު މަޖިލީހުގައި އިސްގާޒީ އާދަމް މުހައްމަދު އިންނެވި ނަމަ ޑޮކްޓަރު އިސްމާއިލް ލަތީފް ހައްޔަރުން ދޫކޮށްނުލާނެ ކަމަށް ބުނެފައިވެ އެވެ،" އިސްގާޒީ އާދަމް މުހައްމަދުގެ ބަޔާނާ ހަވާލާދީ، ޖޭއެސްސީގެ ރިޕޯޓުގައިވެ އެވެ.

އެކަންކަމަށް ޖުމްލަކޮށް ބަލާއިރު، ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ދޫކޮށްލުމަށްޓަކައި ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒް ގުޅިގެން ކްރިމިނަލް ކޯޓުގެ ގާޒީ އަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ބެލެވޭތީ އެ ދެ ބޭފުޅުން މަގާމުން ވަކިކުރަން މަޖިލީހަށް ފޮނުވަން ޖެހޭ ކަމަށް އެ ރިޕޯޓުގައިވެ އެވެ.

ތަހުގީގު ކޮމިޓީގެ އެ ނިންމުން ޖޭއެސްސީގެ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސް ކުރުމުން، އެ މައްސަލަ މިހާރު ވަނީ މަޖިލީހަށް ވަނީ ފޮނުވައިފަ އެވެ. އަދި މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން އެ މައްސަލަ މިހާރު ގެންދަނީ ދިރާސާ ކުރަމުންނެވެ.

ފަނޑިޔާރު މަހާޒާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ވެސް މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅުން ފެށިގެން ތިއްބެވީ ސަސްޕެންޝަންގަ އެވެ. އަދި އޭރުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވެސް ޖޭއެސްސީން އޭރު ސަސްޕެންޑްކުރި އެވެ. ނަމަވެސް އޭނާ ފަހުން ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

ދެ ފަނޑިޔާރުން ވެސް ވަނީ އެ ބޭފުޅުންނާ މެދު ކޮށްފައިވާ ތުހުމަތާ ބެހޭ ގޮތުން މަޖިލީހުގެ ކޮމިޓީން ގޮތެއް ނިންމުމުގެ ކުރިން ކޮމިޓީގައި ވާހަކަ ދެއްކެވުމުގެ ފުރުސަތަކަށް އެދިވަޑައިގެންފަ އެވެ.