Roadha Mihaaru

ކުރީގެ ސަރުކާރުން އޮތީ ހުކުރު މިސްކިތާ މެދު އިހުމާލުވެފައި: އާދަމް ނަސީރު

މާލޭގެ ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމަށް ކުރީގެ ސަރުކާރުން ކުރިއަށް ގެންދިޔަ މަޝްރޫއުގެ ސަބަބުން މިސްކިތުގެ އަސްލު ގެއްލި، މިސްކިތާ މެދު ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށް ގައުމިއްޔަތާ ބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ހުކުރު މިސްކިތަށް ކުރީގެ ސަރުކާރުން އޮތީ އިހުމާލުވެފައި
އައިޝަތު ނުޒުހާ
އައިޝަތު ނުޒުހާ

16 އެޕްރީލް 2025

މާލޭގެ ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމަށް ކުރީގެ ސަރުކާރުން ކުރިއަށް ގެންދިޔަ މަޝްރޫއުގެ ސަބަބުން މިސްކިތުގެ އަސްލު ގެއްލި، މިސްކިތާ މެދު ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށް ގައުމިއްޔަތާ ބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ހުކުރު މިސްކިތް އާބާތުރަ ފިލުވުމުގެ މަސައްކަތް ހުއްޓިފައިވާތީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާޙިމް (ކުޑޫ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން، މަޖިލީހުގައި އާދަމް ނަސީރު ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވުމުގެ ކުރިން ވެސް އެ މަސައްކަތް ހުއްޓިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ނޮވެންބަރު، 2023 ގައި ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ހަ މަސް ދުވަސް ކުރިން، މެއި 2023 ގައި އެ މަސައްކަތް ހުއްޓިފައިވާ ކަމަށް ފެންނަން އެބައޮތް ކަމަށެވެ.

ހުކުރު މިސްކިތުގައި މި ސަރުކާރުން ތަނބުތަކެއް ޖަހާފައިވާ ކަމަށް މެންބަރު ކުރެއްވި ތުހުމަތަށް ރައްދު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މި ސަރުކާރު އައި ފަހުން މިސްކިތުގައި އެއްވެސް ތަނބެއް ޖަހާފައި ނުވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީޙުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް -- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީޙުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް -- ފޮޓޯ: މަޖިލިސް

އެއީ ކުރީގެ ސަރުކާރުން ޖަހާފައިވާ ތަނބުތަކެއް ކަން ފާހަގަ ކުރައްވައި، މިނިސްޓަރު ވިދާޅުވީ އޭރު މަސައްކަތް ކޮށްފައި އޮތީ މިސްކިތުގެ އަސްލު މުޅިން ގެއްލޭ ގޮތަށް ކަމަށެވެ.

މީގެ އިތުރުން އާބާތުރަ ފިލުވުމުގައި އޭރު ބޭނުން ކޮށްފައި ހުރި ބައެއް ތަކެތީގެ ސަބަބުން ވެސް މިސްކިތުގެ އަސްލަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ބައެއް މަތިވަޑާންގަނޑުގެ ލިޔުންތައް މުޅިންހެން ކެމިކަލްގެ ސަބަބުން ފޮހެވި، ހަލާކުވެފައިވާތަން. އެހެންވީމަ، މިސްކިތުގެ އަސްލަށް ވަނީ ގެއްލުން ލިބިފައި. އެ ގެއްލުންވެފައި ވަނީ މަސައްކަތް ކުރެވިފައިވާ ގޮތުން އިހުމާލުވެފައި ވާތީ،" މިސްކިތަށް ލިބިފައިވާ ބައެއް ގެއްލުންތަކުގެ ފޮޓޯ ދައްކަވަމުން އޭނާ ވިދާޅުވި އެވެ.

އާދަމް ނަސީރު ވިދާޅުވި ގޮތުގައި މި ސަރުކާރުގެ ޕްލޭން އޮތީ އާސާރީ މުހިންމު ތަންތަން ހިމާޔަތްކޮށް، ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތް ކުރިއަށް ގެންދިއުމަށެވެ.