Roadha Mihaaru

މިނިވަންދުވަހުގެ ރަސްމީ ޖަލްސާއަށް ކުރީގެ ރައީސުންނާއި ނައިބު ރައީސުންނަށް ދައުވަތު

ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމާ ގުޅިގެން ބާއްވާ ރަސްމީ ޖަލްސާ އަށް ކުރީގެ ހުރިހާ ރައީސުންނަށާއި ކުރީގެ ހުރިހާ ނައިބު ރައީސުންނަށް ވެސް ދައުވަތު އަރުވަން ސަރުކާރުން ނިންމާފައިވާ ކަމަށް ކަލްޗާ އެންޑް ހެރިޓޭޖު މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.

މިނިވަންދުވަހުގެ ޖަލްސާއަށް ކުރީގެ ރައީސުންނަށް ދައުވަތު

ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމާ ގުޅިގެން ބާއްވާ ރަސްމީ ޖަލްސާ އަށް ކުރީގެ ހުރިހާ ރައީސުންނަށާއި ކުރީގެ ހުރިހާ ނައިބު ރައީސުންނަށް ވެސް ދައުވަތު އަރުވަން ސަރުކާރުން ނިންމާފައިވާ ކަމަށް ކަލްޗާ އެންޑް ހެރިޓޭޖު މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު "މިހާރު" އަށް ވިދާޅުވީ ޖުލައި 27 ވަނަ ދުވަހުގެ ހެނދުނު 8:30 ގައި ސޯޝަލް ސެންޓަރުގައި ބާއްވާ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ އަށް ކުރީގެ ހުރިހާ ރައީސުންނާއި ނައިބު ރައީސުންނަށް ދައުވަތު އަރުވަނީ ރާއްޖޭގެ މިނިވަންކަން ދިފާއު ކުރުމުގައި ހުރިހާ ރައްޔިތުންގެ ހިދުމަތް މި ސަރުކާރުން ބަލައިގަންނަން ބޭނުންވާތީ ކަމަށެވެ.

"މިނިވަންކަމުގައި އެ ހުރިހާ ބޭފުޅުންގެ އަގު ސަރުކާރުން ވަޒަން ކުރައްވާތީ ދައުވަތު އަރުވަނީ،" އާދަމް ނަސީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، މިނިވަން ދުވަހަކީ މުޅި ގައުމުގެ ދުވަހެއް ކަމަށާއި މި ސަރުކާރުގެ ސިޔާސަތަކީ ގައުމީ ހިދުމަތުގެ އަގުވަޒަން ކުރުން ކަމަށެވެ. ހާއްސަކޮށް ގައުމުގެ ހިދުމަތްތެރިންގެ އަގުވަޒަން ކުރާނެ ކަމަށް އާދަމް ނަސީރު ވިދާޅުވި އެވެ.

"ވީމާ މި ގައުމަށް ހިދުމަތް ކުރައްވާފައިވާ ކުރީގެ ރައީސުންނާއި ކުރީގެ ނައިބު ރައީސުންނަށް ހައްގު އިހުތިރާމާއި ޝަރަފު އަރުވައި ގަދަރު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މި ގައުމަށް ގެންނަވަން ބޭނުންފުޅުވާ އަހުލާގީ ބަދަލުގެ އެއް ނަމޫނާ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ވެސް ކުލަގަދަކޮށް ފާހަގަކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެ ޖަލްސާ ބާއްވާ ސޯޝަލް ސެންޓަރުގެ ހޯލުގެ ޖާގައަކީ 1،500 ކަމަށް ވާއިރު އެ އަދަދަށް ދައުވަތު ދޭނެ ކަމަށް ކަލްޗާ އެންޑް ހެރިޓޭޖު މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ ދުވަހާ ގުޅުވައިގެން މި ޖުލައި 26 ވަނަ ދުވަހުގެ ރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ ހަފުލާ އަށް ވެސް ކުރީގެ ހުރިހާ ރައީސުންނަށް ދައުވަތު އަރުވަން އެމްއޭސީއެލް އިން ވަނީ ނިންމައިފަ އެވެ.