Roadha Mihaaru
ދިވެހިބަހުގެ މިނިސްޓްރީގެ މުވައްޒަފުން ރައީސްގެ އަރިހަށް

ދިވެހި ބަހުގެ މިނިސްޓްރީން ފުރައްސާރައާ ކުރިމަތިވި މުވައްޒަފުން ރައީސާ ބައްދަލުކުރަން އެދިއްޖެ

13 އޮކްޓޯބަރ 2024

ދިވެހިބަހާއި ސަގާފަތާ ބެހޭ މިނިސްޓްރީގެ އެކްޓިން ޕާމަނަންޓް ސެކްރެޓަރީ އާތިކާ އިބްރާހިމް އިސްވެ ހުންނަވައި، އެ ތަނުގެ ސިވިލް މުވައްޒަފުންނަށް ޖެއްސުންކޮށް، ބުލީކުރާ ކަމަށް ބުނާ މައްސަލާގައި ރައީސް ޑރ. މުހައްމަދު މުއިއްޒާ ބައްދަލުކުރަން އެ މުވައްޒަފުން ރައީސް އޮފީހުގައި އެދިއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ދިވެހިބަހާއި ސަގާފަތާ ބެހޭ މިނިސްޓްރީގެ އެކްޓިން ޕާމަނަންޓް ސެކްރެޓަރީ އާތިކާ އިބްރާހިމް އިސްވެ ހުންނަވައި، އެ ތަނުގެ ސިވިލް މުވައްޒަފުންނަށް ޖެއްސުންކޮށް، ބުލީކުރާ ކަމަށް ބުނާ މައްސަލާގައި ރައީސް ޑރ. މުހައްމަދު މުއިއްޒާ ބައްދަލުކުރަން އެ މުވައްޒަފުން ރައީސް އޮފީހުގައި އެދިއްޖެ އެވެ.

އެ މައްސަލާގައި އެ މިނިސްޓްރީގެ 22 މުވައްޒަފަކު ސޮއިކޮށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް ވަނީ މިދިޔަ މަހު ޕެޓިޝަނެއް ވެސް ހުށަހަޅައިފަ އެވެ. އެ ޕެޓިޝަން ހުށަހެޅި ފަހުން މިނިސްޓްރީގެ މަސައްކަތު މާހައުލު އިތުރަށް ގޯސްވެ، ކުރާ ފުރައްސާރަ ކުރިއަށް ވުރެ ބޮޑުވެފައިވާ ކަމަށް ވެސް އެ މުވައްޒަފުން ވަނީ ތުހުމަތުކޮށްފަ އެވެ. އެހެންވެ، އެ މުވައްޒަފުން މިހާރު ވަނީ ރައީސާ ބައްދަލުކުރަން އެދިފަ އެވެ.

އެ މުވައްޒަފުން ރައީސް މުއިއްޒަށް މިދިޔަ މަހުގެ 25 ގައި ފޮނުވި ސިޓީގެ ކޮޕީއެއް "މިހާރު" އަށް ވަނީ ލިބިފަ އެވެ.

މުވައްޒަފުން ލިއޔެފައިވާ ގޮތުގައި، އެ ސިޓީ ފޮނުވަން ޖެހުނު ސަބަބަކީ މުވައްޒަފުންގެ ހައްގުތައް ރައްކާތެރިކުރުމަށާއި ކަންބޮޑުވުންތަކަށް ހައްލެއް ނުލިބުމެވެ. އެ މައްސަލާގައި، ސިވިލް ސާވަންޓުގެ ބެލެނިވެރި ފަރާތް ކަމަށްވާ ސީއެސްސީގެ ބަހެއް ވެސް ލިބިފައި ނުވާތީ އެވެ. މުވައްޒަފުން މިހާރު ވެސް އޮފީހުގައި މަސައްކަތް ކުރަމުން ދަނީ ބިރުވެރިކަމާއި ނުތަނަވަސްކަމުގެ ތެރޭގައި ކަމަށް އެ ސިޓީގައި ވެ އެވެ.

އެ ޕެޓިޝަން ހުށަހެޅި ފަހުން ކުރިއަށް ވުރެ ބޮޑަށް މުވައްޒަފުން މަސައްކަތްތަކުން އެކަހެރިކޮށް، މިނިސްޓްރީގެ ކަންކަން ދެ ފެކްޝަނަކަށް ބަހާލައި، އެ މުވައްޒަފުން ބާކީ ކޮށްލައިގެން ކުރަމުން ގެންދާ ކަމަށް ވެސް އެ ސިޓީގައި ވެ އެވެ.

"ވީމާ، އަވަސް ފުރުސަތެއްގައި މި ކަންކަމަށް ހައްލެއް ގެނައުމަށް، ސަރުކާރާ އެކު މަސައްކަތްކުރާ މި ވުޒާރާގެ މުވައްޒަފުން މަނިކުފާނާ ބައްދަލުކޮށްލުމަށް ވަރަށް އިހުލާސްތެރިކަމާ އެކު އެދެމެވެ،" އެ ސިޓީ ބުނެފައިވެ އެވެ.

ޕެޓިޝަން ހުށަހެޅި ފަހުން މިނިސްޓްރީގެ އޮފީހުގައި އެ މުވައްޒަފުންނަށް ކުރިމަތިވާން ފެށި ގޮންޖެހުންތަކާ ގުޅޭ ހުލާސާ ކަރުދާހެއް ވެސް އެ ސިޓީއާ އެކު ރައީސް އޮފީހަށް ވަނީ ފޮނުވައިފަ އެވެ.

"ދައުލަތެއްގެ ވުޒާރާއެއްގެ އެއްވެސް ހިންގުމުގެ ހަމަތަކެއް ނެތި، ދިރުބާއެއް ނެތް އޮޑިއެއް ދުއްވާ އުސޫލުން ކަންކަން ހިންގަމުންދާތީ، މި ކަންކަން އިސްލާހުކޮށް، މި ވުޒާރާއާ މަތިކޮށްފައިވާ ޒިންމާތައް އިތުރަށް ހަރުދަނާކޮށް ކަންކަން ކުރުމަށް ބޭނުންވާ މުވައްޒަފުންތަކެއް (ސިވިލް އަދި ޕޮލިޓިކަލް) ތިބި ވުޒާރާއެއްކަން ފާހަގަކުރަމެވެ،" އެ ކަރުދާހުގައިވެ އެވެ.

ހުލާސާ ކަރުދާހުގައި ފާހަގަކޮށްފައިވާ ކަންކަން

• ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ދިވެހިބަހާއި ސަގާފަތާ ބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް ހަގީގަތް އޮޅޭ ގޮތަށް ވާހަކަ ދައްކަވާފައިވާ ކަމަށާއި އެއީ ހަގީގަތް ނޫން ކަން ހާމަވާނެ ލިޔެކިޔުންތައް ހުރިކަން.

• ބައެއް ސިޔާސީ މުވައްޒަފުން ސިވިލް މުވައްޒަފުންނަށް ބިރު ދެއްކުމާއި ބަސްބަހުން ޖެހުމުގެ އަމަލުތައް އިތުރުވުން.

• ދައުލަތުގެ ހަރަދުތައް ކުޑަކުރަން އަންގާފައިވީ ނަމަވެސް، މިނިސްޓްރީން އެގޮތަށް އަމަލުނުކުރުން.

• މިނިސްޓްރީ އަށް ލިބޭ ބައިނަލްއަގުވާމީ ދައުވަތުތަކާއި ކޮންފަރެންސްތަކާއި ތަމްރީނުތަކަށް ޕޮލިސީ ލެވެލް އިން ގޮތެއް ނިންމައި ނުދީގެން އެތައް ފުރުސަތެއް ގެއްލުން.

• މިނިސްޓްރީގެ ވަގުތީ ޕީއެސް އާތިކާ މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން މިނިސްޓަރު ވިދާޅުވެގެން ކުރައްވާ ކަންކަން ކަމަށް އަންގަވައި މުވައްޒަފުންނަށް ބިރު ދެއްކުމާއި ގަދަބާރުން މުވައްޒަފުންގެ މަސްއޫލިއްޔަތުތަކަށް ހުރަސްއެޅުން.

ސީއެސްސީގެ ރައީސް މުހައްމަދު ނާސިހް މިދިޔަ ހަފުތާގައި "މިހާރު" އަށް ވިދާޅުވި ގޮތުގައި ދިވެހިބަހުގެ މިނިސްޓްރީގެ މުވައްޒަފުން ހުށަހެޅި ޕެޓިޝަނާ ގުޅިގެން ކުރާ ތަހުގީގު އަދި ނުނިމެ އެވެ.

އާތިކާގެ މައްޗަށް ކުރި ތުހުމަތުތައް އޭނާ އާއި މިނިސްޓަރު އާދަމް ނަސީރު ވެސް ވަނީ ދޮގުކުރައްވައިފަ އެވެ. އާތިކާގެ ބަހެއް ހޯދުމަށް "މިހާރު" އިން ކުރިން ސުވާލުކުރި ނަމަވެސް އޭނާ ވަކި ޖަވާބެއް ނުދެއްވި އެވެ.

މިދިޔަ މަހު ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އާދަމް ނަސީރު ވިދާޅުވި ގޮތުގައި، އާތިކާއަކީ އެ މިނިސްޓްރީގެ މަސައްކަތްތަކަށް ވަރަށް ފަރުވާތެރި އަދި ރަނގަޅަށް މަސައްކަތްކުރާ މުވައްޒަފެކެވެ. އާތިކާއާ ގުޅޭ މައްސަލަ ރަސްމީ ސިފައެއްގައި މިނިސްޓަރަށް ހުށަހަޅާފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.