އެކި މައްސަލަތަކުގައި ނަފުސާނީ އަނިޔާ ލިބޭ މީހުންނަށް ދިވެހި އަދަބިއްޔާތުގެ ދާއިރާގެ އެހީގައި ފަރުވާދިނުމަށް ދިވެހިބަހާއި ސަގާފަތާ ބެހޭ މިނިސްޓްރީން ފުލުހުންނާ އެކު އިއްޔެ މަޝްވަރާ ކޮށްފި އެވެ.
30 އެޕްރީލް 2025
އެކި މައްސަލަތަކުގައި ނަފުސާނީ އަނިޔާ ލިބޭ މީހުންނަށް ދިވެހި އަދަބިއްޔާތުގެ ދާއިރާގެ އެހީގައި ފަރުވާދިނުމަށް ދިވެހިބަހާއި ސަގާފަތާ ބެހޭ މިނިސްޓްރީން ފުލުހުންނާ އެކު އިއްޔެ މަޝްވަރާ ކޮށްފި އެވެ.
ދިވެހިބަހާއި ސަގާފަތާ ބެހޭ މިނިސްޓްރީން ބުނީ ދިވެހި ފުލުހުންގެ ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓްގެ އިސްބޭފުޅުންނާއި މިނިސްޓަރު އާދަމް ނަސީރު އިބްރާހީމް އިއްޔެ ބައްދަލުކުރައްވާފައިވާ ކަމަށެވެ.
މިނިސްޓްރީގައި ބޭއްވި އެ ބައްދަލުވުމުގައި ފުލުހުންގެ ފަރާތުން ބައިވެރިވެވަޑައިގަތީ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަންވަރު ނައީމާއި އިންސްޕެކްޓާ އޮފް ޕޮލިސް އިބްރާހީމް އަޝްރަފް އަދި ވިކްޓިމް ސަޕޯޓް ޑިޕާޓްމަންޓްގެ ސަޕޯޓް އޮފިސަރު ފާތިމަތު ރީމާ އެވެ. މިނިސްޓްރީގެ ފަރާތުން ބައެއް ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުން ވެސް ބައިވެރިވެވަޑައިގަތެވެ.
ނަފުސާނުީ އަނިޔާ ލިބޭ މީހުންނަށް އަދަބިއްޔާތުގެ އެހީގައި ފަރުވާދިނުމަށް ދިވެހިބަހުގެ މިނިސްޓްރީން ފުލުހުންނާ އެކު މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުން.-- ފޮޓޯ: ދިވެހިބަހާއި ސަގާފަތާ ބެހޭ މިނިސްޓްރީ
މިނިސްޓްރީން ބުނި ގޮތުގައި، އެ ބައްދަލުވުމުގައި މަޝްވަރާކުރީ އެކިއެކި ހާދިސާތަކުގައި ނަފުސާނީ ގޮތުން ޝިކާރައަކަށް ވެފައިވާ މީހުންގެ ހާލަތު ރަނގަޅު ކުރުމުގައި، ދިވެހިބަހާއި އަދަބިއްޔާތާއި ދިވެހި ސަގާފަތުގެ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމަށް ދެ މުއައްސަސާ ގުޅިގެން އެކުގައި މަސައްކަތް ކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުންނެވެ.
"މި ގޮތުން ދިވެހި މުޖުތަމައަކީ ކުށް މަދު މުޖުމައުއަކަށް ހެދުމަށްޓަކައި ދިވެހި ސަގާފަތް ދިރުވާއާލާކުރުމުގެ މުހިންމުކަން ދެ ފަރާތުން ވެސް ވަނީ ފާހަގަކޮށްފަ އެވެ،" މިނިސްޓްރީގެ ވެބްސައިޓުގައި ބުންޏެވެ.
އެ މަސައްކަތުގައި ފުލުހުންނަށް މިނިސްޓްރީން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް މިނިސްޓަރު އާދަމް ނަސީރު ވަނީ ވިދާޅުވެފަ އެވެ.
ދިވެހިބަހާއި އަދަބިއްޔާތާއި ދިވެހި ސަގާފަތުގެ ދާއިރާއިން، ނަފުސާނީ އެހީދިނުމަށް ފުލުހުންނާ އެކު މަޝްވަރާކުރި އިރުގައި، މިނިސްޓްރީން ވަނީ ދިވެހި ޅެންވެރިކަން ބޭނުންކޮށްގެން ނަފްސާނީ ބަލިތަކަށް ހާއްސަ ފަރުވާ ދެވޭނެ ގޮތެއް އޮތްތޯ ބެލުމަށް ދިރާސާއެއް ކުރުމުގެ މަސައްކަތް ވެސް މިދިޔަ އަހަރު ފަށައިފަ އެވެ. މިނިސްޓަރު އާދަމް ނަސީރު އެކަން އިއުލާންކުރެއްވީ މިދިޔަ އަހަރުގެ ޅެންވެރީންގެ ދުވަހުގެ މުނާސަބަތުގައި ގދ. ތިނަދޫގައި ބޭއްވި ރަސްމީ ޖަލްސާގަ އެވެ.
ނަފުސާނުީ އަނިޔާ ލިބޭ މީހުންނަށް އަދަބިއްޔާތުގެ އެހީގައި ފަރުވާދިނުމަށް ދިވެހިބަހުގެ މިނިސްޓްރީން ފުލުހުންނާ އެކު މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުން.-- ފޮޓޯ: ދިވެހިބަހާއި ސަގާފަތާ ބެހޭ މިނިސްޓްރީ
އާދަމް ނަސީރު ވިދާޅުވެފައި ވަނީ ޅެންވެރިކަމަކީ ހަމައެކަނި މުނިފޫހިފިލުވުމަށް ބޭނުންކުރާ އެއްޗެއް ނޫން ކަމަށާއި އެއީ އެއަށް ވުރެ މާ ބާރުގަދަ ހަތިޔާރެއް ކަަމަށެވެ. ތަރައްގީވެ، ކުރިއަރާފައިވާ ގައުމުތަކުގައި ވެސް ޅެންވެރިކަމަކީ މީހާގެ ނަފްސާނީ މައްސަލަތަކަށް ވެސް ފަރުވާދޭ ވަސީލަތަކަށް ވެފައި އޮންނަ ކަމަށާއި ބޭސްވެރިކަމެއްގެ ގޮތުގައި ވެސް ޅެން ބޭނުން ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޅެމަކީ ސިއްހީ ފަރުވާދެވޭ ވަސީލަަތެއް. މިއީ ވަރަށް ކުރީއްސުރެ ދުނިޔޭގައި ހިނގަމުން އަންނަ ކަމެއް، ކުރަމުން އަންނަ ކަމެއް. ސަލާމްލެއްވި އީސާގެފާނުގެ 100 އަހަރު ކުރިން ވެސް ޅެމުން ސިއްހީ ފަރުވާދޭ ކަމަށްވޭ. އެކަމާ ބެހޭގޮތުން ހެދިފައި ހުރި ދިރާސާތައް އެބަހުރި. އެ ދިރާސާތަކުން އެނގޭ ގޮތުގައި ސަލާމްލެއްވި އީސާގެފާނުގެ 100 އަހަރު ކުރިން ނަފްސާނީ ކަންކަމަށް ޅެންވެރިކަން ބޭނުންކޮށްގެން ފަރުވާދީފައި އެބަހުރި،" އާދަމް ނަސީރު ވިދާޅުވެފައި ވެ އެވެ.
"މާޔޫސްކަން އުފެދޭ މީހުންނަށް، އަދި އެކިއެކި ބަލިތައް ތަހައްމަލުކުރާ މީހުންނަށް، އެވޭން ކުޑަކުރުމަށްޓަކައި ފަރުވާކޮށްފައި އެބަހުރި."
މިނިސްޓަރު ވިދާޅުވީ، އެ ކަމާ ގުޅޭ ކަންކަން މިނިސްޓްރީން ކުރަމުން އަންނަ ކަމަށާއި ޅެން ބޭނުންކޮށްގެން ކުރެވިދާނެތޯ ބަލާނެ ކަމަށެވެ.
"ފަރުވާ ފެށުނީއެއް ނޫން. އެ ބެލުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކާއެކު ވާހަކަ ދައްކައިގެން މި ކަމާ ބެހޭ ދިރާސާތައް ކޮށްގެން ދިވެހި ޅެން ބޭނުންކޮށްގެން ނަފްސާނީ މި ދެންނެވި ހާލަތްތަކަށް ފަރުވާދެވޭނެ ގޮތްތަކެއް ބަލައި އެކަން ތައާރަފުކުރެވޭތޯ މަސައްކަތް އެބަކުރަން. އެކަން ކާމިޔާބު ކުރެވިއްޖިއްޔާ ދިވެހި ޅެމަށް އަނެެއްކާވެސް އެހެން ދަރަޖައެއް އެ ލިބުނީ،" އާދަމް ނަސީރު ވިދާޅުވި އެވެ.
ސްކޭމްތަކުގައި އެންމެ ގިނަ ފައިސާ ރިކަވާކުރީ ރާއްޖެއިން
ފިހާރައެއްގެ ޓިނު ނަގައިގެން ވަދެ ވައްކަންކޮށްފި
ރައުދު ރާއްޖެއިން ބޭރަށް ނުފުރާ: ފުލުހުން
52 ފަހަރު ހައްޔަރުކުރި ފަވާޒުގެ މައްސަލަ ޕީޖީއަށް
ރައުދަށް މަސްތުގެ ދައުވާ ނުކުރީ އިޖުރާއަތު ގޯސްވުމުން
މިނިވަން ދުވަހުގެ ލޯގޯ ފަރުމާކޮށްގެން 30،000ރ.
67،500ރ. ގެ ގަޑި ވިއްކާލީ 10،000ރ. އަށް
މިދިޔަ މަހު 136 ސްކޭމް، 1.4 މިލިއަން ގެއްލުނު
ޑްރަގް ހަވާލުކުރީ ޑީއެޗްއެލް ޔުނިފޯމުގައި ތިބި ފުލުހުން
ޒައިދާންގެ ޝަރީއަތް ނުފެށި 1،000 ދުވަސް