Roadha Mihaaru

ހާވާޑަށް ޓެކްސްގެ ލުއިތައް ވެސް އުވާލާނެ ކަމުގެ އިންޒާރު ޓްރަމްޕު ދެއްވައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސަރުކާރުން ބޭނުންވާ ގޮތަށް ސިޔާސަތު ބަދަލުކުރުމާ ދެކޮޅުހެދި ހާވާޑް ޔުނިވަސީޓީއަށް ދީފައި އޮންނަ ޓެކްސްގެ އިސްތިސްނާ ވެސް އުވާލަން ޖެހިދާނެ ކަމުގެ އިންޒާރު ޓްރަމްޕު ދެއްވައިފި އެވެ.

ހާވާޑަށް ޓެކްސްގެ ލުއި ވެސް އުވާލާނެ ކަމުގެ އިންޒާރު

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސަރުކާރުން ބޭނުންވާ ގޮތަށް ސިޔާސަތު ބަދަލުކުރުމާ ދެކޮޅުހެދި ހާވާޑް ޔުނިވަސީޓީއަށް ދީފައި އޮންނަ ޓެކްސްގެ އިސްތިސްނާ ވެސް އުވާލަން ޖެހިދާނެ ކަމުގެ އިންޒާރު ޓްރަމްޕު ދެއްވައިފި އެވެ.

އެމެރިކާގެ ޝަރަފުވެރި ޔުނިވަސިޓީއަށް މި އިންޒާރު ދީފައި މި ވަނީ ސަރުކާރުން ބޭނުންވާ ގޮތަށް އަމަލު ކުރެވެން ނެތް ކަމަށް ބުނުމުން ފެޑެރަލް ސަރުކާރުގެ 2.2 ބިލިއަން ޑޮލަރުގެ ފަންޑު ހިފެހެއްޓުމަށް ފަހުގަ އެވެ. އެއީ ޔަހޫދީންނާ މެދު ނަފްރަތު އުފެއްދުމުގެ ފިކުރާ ދެކޮޅަށް ކަމަށް ބުނެ އެމެރިކާ ސަރުކާރުން ކުރަން އަންގާފައިވާ ކަންކަން ނުކުރުމުންނެވެ.

ޓްރަމްޕް ވިދާޅުވީ އޭނާ އެދިވަޑައިގަތް ޑިމާންޑްތަކަށް ބޯނުލަނބާ ނަމަ ހާވާޑްގެ ޓެކްސް އިސްތިސްނާ އުވާލައި ސިޔާސީ މުއައްސަސާއެއްގެ ގޮތުގައި ޓެކްސް ދައްކަން ޖެހޭ ކަމަށެވެ. ޓްރަމްޕުގެ ޑިމާންޑްތަކުގެ ތެރޭގައި ކޮލެޖު ހިންގަމުން އަންނަ ގޮތް ބަދަލުކުރުމާއި ދަރިވަރުން ވެއްދުމުގެ އުސޫލު ބަދަލުކުރުމާއި ޕްރޮފެސަރުންނަށް ބާރުތައް ދިނުން ހިމެނެ އެވެ.

ސަރުކާރުގެ ޑިމާންޑްތަކާ ދެކޮޅުހަދައި ޔުނިވަސިޓީން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެކި ދީންތަކާއި ނަސްލުތަކާއި ފިކުރުތަކާއި މުޖުތަމައުތަކުގެ ދަރިވަރުންނަށް ފުރުސަތު ދިނުމަށް ގެންގުޅޭ ސިޔާސަތު ބަދަލު ނުކުރާނެ ކަމަށެވެ.

"އެއްވެސް ސަރުކާރަކުން - ކޮންމެ ޕާޓީއެއްގެ ސަރުކާރެއް ވެރިކަމުގައި އޮތަސް - ކިޔަވައިދެވޭނެ އެއްޗިއްސާއި ފުރުސަތު ދެވޭނެ ދަރިވަރުންނާއި ވަޒީފާ ދެވޭނެ މީހުންނާއި އަދި ދަރިވަރުންނަށް ކިޔެވޭނެ ދާއިރާތައް އަމިއްލަ ޔުނިވަސިޓީތަކަކަށް ނޭންގޭނެ،" ހާވާޑްގެ ރައީސް އެލަން ގާބާ އެތަނުގެ ދަރިވަރުންނާއި މުވައްޒަފުންނަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެ އެވެ.