Roadha Mihaaru

ރާއްޖޭގައި ހުންނަ އެމެރިކާ އެމްބަސީ ބަންދުކުރަން ހުށަހަޅައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ސަރުކާރުގެ ހަރަދުތައް ކުޑަކުރަން ފަށާފައިވާ މަސައްކަތުގައި ސްޓޭޓް ޑިޕާޓްމަންޓުގެ ހަރަދުން 50 ޕަސެންޓް ކުޑަކުރަން ބޭނުންވާ ކަމަށާއި އެކަން ކުރުމަށް 30 މިޝަނެއް ބަންދުކުރަން ވިސްނާއިރު އޭގެ ތެރޭގައި ރާއްޖޭގައި ހުންނަ އެމެރިކާ އެމްބަސީ ވެސް ހިމަނައިފި އެވެ.

ރާއްޖޭގެ އެމެރިކާ އެމްބަސީ ބަންދުކުރަން ވިސްނަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ސަރުކާރުގެ ހަރަދުތައް ކުޑަކުރަން ފަށާފައިވާ މަސައްކަތުގައި ސްޓޭޓް ޑިޕާޓްމަންޓުގެ ހަރަދުން 50 ޕަސެންޓް ކުޑަކުރަން ބޭނުންވާ ކަމަށާއި އެކަން ކުރުމަށް 30 މިޝަނެއް ބަންދުކުރަން ވިސްނާއިރު އޭގެ ތެރޭގައި ރާއްޖޭގައި ހުންނަ އެމެރިކާ އެމްބަސީ ވެސް ހިމަނައިފި އެވެ.

ރޮއިޓާސް އިން ބުނީ އެ އެޖެންސީއަށް ލިބިފައިވާ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި އޮކްޓޫބަރު 1، 2026 ގައި ފަށާ މާލީ އަހަރު ސްޓޭޓް ޑިޕާޓްމަންޓުގެ ބަޖެޓުން 30 ބިލިއަން ޑޮލަރު ކުޑަކުރަން ބޭނުންވާ ކަމަށް ބުނެ ވައިޓް ހައުސްގެ ބަޖެޓް އޮފީސް، ދަ އޮފީސް އޮފް މެނޭޖްމަންޓް އެންޑް ބަޖެޓް (އޯއެމްބީ) އިން ވަނީ ޖަވާބު ދީފަ އެވެ.

ހުޅުމާލޭގެ އިމާރާތަކުން ތަނެއް ކުއްޔަށް ހިފައިގެން މިހާރު ހިންގަމުންދާ އެމެރިކާ އެމްބަސީއަށް ހުޅުމާލެއިން މިހާރު ބިމެއް ވެސް ވަނީ ހަމަޖައްސައިފަ އެވެ. އެމްބަސީ ހުޅުވުމުގެ ކުރިން އެމެރިކާއިން ރާއްޖޭގެ ކަންކަން ވެސް ބަލަހައްޓަމުން ދިޔައީ ސްރީ ލަންކާގައި ހުންނަ އެމެރިކާ އެމްބަސީ މެދުވެރިކޮށެވެ. އަދި ފަހުން އެމެރިކަން ސެންޓަރު ހަދައި އެތަނުން ވެސް ބައެއް މަސައްކަތްތައް ކުރިއަށް ގެންދިޔަ އެވެ.

ރާއްޖޭގައި ހުންނަ އެމެރިކާ އެމްބަސީގެ އިތުރުން ދެން ބަންދުކުރުމަށް ވިސްނަމުންދާ ނުވަ އެމްބަސީއަކީ އެރިޓްރިއާ، ގްރެނާޑާ، ލެސޯތޯ، ސެންޓްރަލް އެފްރިކަން ރިޕަބްލިކް، ލަގްޒެމްބާގް، ރިޕަބްލިކް އޮފް ދަ ކޮންގޯ، ގެމްބިއާ، ސައުތު ސޫދާން އަދި މޯލްޓާގައި ހުންނަ އެމްބަސީ ކަމަށް ރޮއިޓާސް ލިބިފައިވާ ލިޔުމަކުން އެނގޭ ކަމަށް އެ އެޖެންސީން ވަނީ ބުނެފަ އެވެ.

ބަންދުކުރަން ލަފާދިން 17 ކޮންސިއުލޭޓްގެ ތެރެއިން ގިނަ ކޮންސިއުލޭޓްތައް ހުންނަނީ ޔޫރަޕްގަ އެވެ. ބަންދުކުރަން ހުށަހަޅާފައިވާ ހަތަރު މިޝަންއަކީ ދެކުނު ކޮރެއާގެ ބުސާން، ދެކުނު އެފްރިކާގެ ޑާބަން، އިންޑޮނީޝިއާގެ މެޑަން އަދި ކެމަރޫންގެ ޑޫއާލާގައި ހުންނަ އެމެރިކާގެ މިޝަން އެވެ.

އެހެން ބައެއް ގައުމުތަކުގެ މިޝަންތަކުގެ ހަރަދު ކުޑަކުރުމުގެ ގޮތުން މަސައްކަތުގެ ދާއިރާ ހަނިކުރަން ވެސް ލަފާ ދީފައިވެ އެވެ.

އޮފިޝަލަކާ ހަވާލާދީ ރޮއިޓާސް އިން ބުނީ މި ނިންމުން ރިވިއުކުރުމަށް އެދެވިދާނެ ކަމަށާއި ނަމަވެސް ރުހުން ހޯދަން ކޮންގްރެސްއަށް ހުށަހެޅުމުގެ ކުރިން ފައިނަލް ވާޝަން ބަދަލުކުރެވޭނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި ބައެއް ފައިސާ އަނބުރާ ލިބޭނެ ކަމުގެ "ފުރުސަތު ބޮޑު" ކަމަށް ވެސް ބުނެފައިވެ އެވެ.

ސްޓޭޓް ޑިޕާޓްމަންޓުގެ ހަރަދު ކުޑަކުރުމުގެ ގޮތުން އެންމެ މަދުވެގެން ވެސް 27 މިޝަނެއް ބަންދުކުރަން ވަނީ ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި ގިނައީ އެފްރިކާ އާއި ޔޫރަޕްގެ މިޝަންތައް ކަމަށް، ސްޓޭޓް ޑިޕާޓްމަންޓުތަކުގެ އެހެން ލިޔުންތަކަކުން ވަނީ ހާމަވެފައި ކަމަށް ވެސް ރޮއިޓާސް އިން ބުންޏެވެ. މީގެ ތެރެއިން 10 މިޝަން އަކީ އެމްބަސީތަކެވެ. ދެން ހުރީ ކޮންސިއުލޭޓްތަކެވެ.

ރޮއިޓާސް އިން ބުނީ މިކަމާ ބެހޭ ގޮތުން އޯއެމްބީގެ ބަހެއް ނުލިބުނު ކަމަށެވެ.

ރޮއިޓާސް އިން ރިވިއުކުރި އޯއެމްބީ ޕާސްބެކްގެ ސަމަރީގައި ވަނީ 2026 ވަނަ އަހަރު ސްޓޭޓް ޑިޕާޓްމަންޓަށް 28.4 ބިލިއަން ޑޮލަރުގެ ބަޖެޓެއް ކަނޑައެޅުމަށް ބުނެފަ އެވެ. މި ހިނގާ މާލީ އަހަރު އެ ޑިޕާޓްމަންޓުގެ ބަޖެޓަކީ 54.4 ބިލިއަން ޑޮލަރެވެ.

މީގެ އިތުރުން ސްޓޭޓް ޑިޕާޓްމަންޓާއި ޔޫއެސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް) އިން ދޭ ބޭރުގެ އެހީ 38.3 ބިލިއަން ޑޮލަރުން 16.9 ބިލިއަން ޑޮލަރަށް ކުޑަކުރުމަށް ވެސް ވަނީ ހުށަހަޅައިފަ އެވެ. ޔޫއެސްއެއިޑް ބަންދުކުރަން ނިންމާފައިވާ ކަމާއި އެހީގެ މަސައްކަތް ދެން ކުރާނީ ސީދާ ސްޓޭޓް ޑިޕާޓްމަންޓުން ކަމަށް ވެސް އޯއެމްބީގެ އެންގުމުގައިވެ އެވެ.