Roadha Mihaaru

ފެނުގެ ޕްރެޝަރު ގަދަކޮށް "އަލުން ރަނގަޅަށް ފެންވެރޭ ގޮތް ހަދަން" ޓްރަމްޕުގެ އަމުރެއް

އެމެރިކާގައި ފެނުގެ ޕްރެޝަރު ވަކި ވަރަކަށް ލިމިޓްކޮށްފައި ބެހެއްޓުން އުވާލައި "އެމެރިކާ މީހުންނަށް އަލުން ރަނގަޅަށް ފެންވެރޭނެ ގޮތް" ހަދަން ރައީސް ޑޮނަލްޑް ޓްރަމްޕު ރިޔާސީ ގަރާރެއްގައި ސޮއިކުރައްވައިފި އެވެ.

"ރަނގަޅަށް ފެންވަރަން" ޓްރަމްޕުގެ އަމުރެއް

އެމެރިކާގައި ފެނުގެ ޕްރެޝަރު ވަކި ވަރަކަށް ލިމިޓްކޮށްފައި ބެހެއްޓުން އުވާލައި "އެމެރިކާ މީހުންނަށް އަލުން ރަނގަޅަށް ފެންވެރޭނެ ގޮތް" ހަދަން ރައީސް ޑޮނަލްޑް ޓްރަމްޕު ރިޔާސީ ގަރާރެއްގައި ސޮއިކުރައްވައިފި އެވެ.

"މޭކް އެމެރިކާސް ޝަވާސް ގްރޭޓް އެގެއިން" ގެ ނަމުގައި މި އަމުރު އައި އިރު ޓްރަމްޕު ވަނީ މީގެ ކުރިން ވެސް ފާހާނާތަކުން ބާރު ޕްރެޝަރުގައި ފެން ނުލިބި، ފެންވަރަށް އުނދަގުވާ ކަމުގެ ޝަކުވާ އެތައް ފަހަރަކު ކުރައްވައިފަ އެވެ.

އެމެރިކާގައި ފެނުގެ ޕްރެޝަރު ވަކި ވަރަކަށް ބަހައްޓާފައި ހުންނަނީ ފެނުގެ އިސްރާފު ކުޑަކޮށް، ދެމެހެއްޓެވި ގޮތުގައި ބޭނުންކުރުމާ ބެހޭ ގަވައިދުތަކުގެ ދަށުންނެވެ.

"އަޅުގަނޑު ވެސް ބޭނުންވޭ ރަނގަޅަށް ރީތިކޮށް ފެންވަރާލައި އަޅުގަނޑުގެ މި ރީތި އިސްތަށިގަނޑު ރަނގަޅަށް ބަލަހައްޓަން،" އޯވަލް އޮފީހުގައި، ގަރާރުގައި ސޮއިކުރެއްވުމަށް ފަހު ޓްރަމްޕް ނޫސްވެރިންނަށް ވިދާޅުވި އެވެ.

"އަޅުގަނޑުގެ [ބޯ] ތެމެނީ މާގަނޑު ދަށުގައި 15 މިނެޓް ހުރެގެން. [ފެން] އަންނަނީ ތިއްކަކުން ތިއްކަކުން. މިއީ ބޮޑު ޖޯކެއް."

ޓްރަމްޕުގެ އަމުރުގައި އެނާޖީ ޑިޕާޓްމަންޓަށް އަންގަވާފައި ވަނީ ޝަވާހެޑްތަކަށް މިނެޓަކު 2.5 ގެލަން (9.5 ލިޓަރު) ފެނަށްވުރެ ގިނައިން ފޮނުވުން މަނާކުރާ "ރެޑިކަލް ގްރީން" ގަވައިދު ބަދަލުކުރުމަށެވެ.

ވައިޓް ހައުސް އިން ބުނީ މިއީ ގޭތެރޭގެ އަސާސީ ކަންކަމުގެ މައްޗަށް ވެސް ހަރުކަށި ގަވައިދުތައް ހިންގައި "ފެންވެރުމާ ދެކޮޅަށް އޮބާމާ އާއި ބައިޑެން އިއުލާނުކުރި ހަނގުރާމަ" ނިމުމަކަށް ގެނައުން ކަމަށެވެ.

ޓްރަމްޕްގެ ފުރަތަމަ ދައުރުން ފެށިގެން ވަނީ ފެންވެރާ ޝަވަރާއި ފާހާނާ އާއި ޑިޝްވޮޝަރާއި ގޭތެރޭގެ އެހެނިހެން ސާމާނުތަކަށް ފެނުގެ ޕްރެޝަރު ކަނޑައެޅުމާ ބެހޭ ގަވައިދުތަކާ ދެކޮޅަށް މަސައްކަތް ފައްޓަވައިފަ އެވެ.

ފެނުގެ ޕްރެޝަރު ދަށްކަމުން ރަނގަޅަށް ފެން ނުވެރޭ ކަމަށް ޓްރަމްޕް ވިދާޅުވާއިރު އެޕްލަޔަންސް ސްޓޭންޑާޑްސް އެވެއާނަސް ޕްރޮޖެކްޓުން ބުނާ ގޮތުގައި "ޝަވާ ހެޑް ސްޓޭންޑާޑްސް އިން ކަސްޓަމަރުންގެ ފެނާއި ހަކަތައިގެ ބިލް" ވަރަށް ބޮޑަށް ކުޑަކޮށްދެ އެވެ. އަދި މިހާރު ހުރި ޕްރެޝަރުގައި ވެސް "ހަމަ ރީއްޗަށް ފެންވަރާލެވޭ" ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެ އެވެ. -- އޭއެފްޕީ