Roadha Mihaaru

ޣައްޒާގެ ހޮސްޕިޓަލަކަށް ބޮން އަޅައިފި، ބަލި މީހުން މަގުމަތީގައި

ފަލަސްތީނުގެ ޣައްޒާގައި ހުންނަ އަލް އަހްލީލް އަރަބް ހޮސްޕިޓަލަށް އިޒްރޭލުން ދަންވަރު ބޮން އަޅައިފި އެވެ.

ޣައްޒާގެ ހޮސްޕިޓަލަކަށް ބޮން އަޅައިފި

ފަލަސްތީނުގެ ޣައްޒާގައި ހުންނަ އަލް އަހްލީލް އަރަބް ހޮސްޕިޓަލަށް އިޒްރޭލުން ދަންވަރު ބޮން އަޅައިފި އެވެ.

އަލްޖަޒީރާއިން ބުނި ގޮތުގައި މި ހަމަލާގައި ހޮސްޕިޓަލްގެ އިމަޖެންސީ ޔުނިޓާއި ހޮސްޕިޓަލްގެ މައި އެންޓްރެންސާއި އައިސީޔޫގައި ތިބޭ ހާލު ބޮޑު މީހުންނަށް ބޭނުންކުރާ އޮކްސިޖަން ރައްކާކޮށްފައި ހުންނަ ތަން ވެސް ވަނީ ހަލާކުވެފަ އެވެ.

މި ހަމަލާ ދިނީ ނުސައިރަތުން މީހުން ނުކުންނަން އިޒްރޭލުން އެންގުމަށް ފަހު އަދި ހޮސްޕިޓަލަށް ހަމަލާ ދޭނެ ކަމަށް އިންޒާރު ދިނުމުން ހޮސްޕިޓަލުން މީހުން ނެރެމުން ދަނިކޮށެވެ. އޭރު ވެސް ޑޮކްޓަރުންނާއި ހޮސްޕިޓަލްގެ ސްޓާފުން ގެންދިޔައީ ބަލި މީހުން މަގުމައްޗަށް ނެރުމުގެ މަސައްކަތްކުރަމުންނެވެ.

ފަލަސްތީނު ސަރުކާރުގެ މީޑިއާ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ އަލް އަހްލީލް ހޮސްޕިޓަލަކީ ޣައްޒާގައި ހުރި އެންމެ ދުވަސްވީ އެއް ހެލްތު ފެސިލިޓީ ކަމަށާއި އެހީ މުޅި ސިޓީގެ ސިއްހީ ނިޒާމުގައި މުހިންމު ދައުރެއް އަދާކުރާ ތަނެއް ކަމަށެވެ.

މީޑިއާ އޮފީހުން ވަނީ މި ހަމަލާ އަކީ ބޮޑު ޖަރީމާއެއް ކަމަށް ބުނެފަ އެވެ.

އިޒްރޭލު ސިފައިން މިހާރުވެސް ޣައްޒާގެ 34 ހޮސްޕިޓަލެއް ގަސްތުގައި ހަލާކުކޮށްލާފައިވާ ކަމަށާއި، މެޑިކަލް ފެސިލިޓީތަކަށް ދެމުންދާ ހަމަލާތަކަކީ ބައިނަލްއަގްވާމީ ހުރިހާ ޗާޓަރުތަކަކާއި މެޑިކަލް ފެސިލިޓީތަކަށް ހަމަލާދިނުން މަނާކުރާ ޖެނީވާ މުއާހަދާތަކާ ކަނޑައެޅިގެން ހިލާފު އަމަލުތައް ކަމަށް އެ އޮފީހުން ބުންޏެވެ.

އަލްޖަޒީރާއިން ބުނި ގޮތުގައި ހޮޕިޓަލަށް އެތައް ފަހަރަކު އިޒްރޭލުން ހަމަލާ ދިނެވެ.

އިމަޖެންސީ އަދި ސާޖިކަލް ޔުނިޓްތަކުން ވެސް ހާލު ބޮޑު އެތައް ބަޔަކު މިހާރު ތިބީ މަގުމަތީގަ އެވެ. ބަލި މީހުންގެ އިތުރުން، ހާލުގައި ޖެހިފައިވާ އާއިލާތަކުގެ އެތައް ބަޔަކު ވެސް ހޮސްޕިޓަލުން ހިމާޔަތް ހޯދަމުން ދަނިކޮށް ދިން ހަމަލާއަށް ފަހު މި ވަގުތު ތިބީ ދާނެ އެއްވެސް ތަނެއް ނެތިފަ އެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ހަމަލާ ދީފައި މިވަނީ، މެދުތެރޭގެ ނުސައިރަތުގެ ރެފިއުޖީ ކޭމްޕްގެ އިތުރުން ދެކުނު ޚާން ޔުނިސް އިން ވެސް މީހުން ނުކުންނަން އެންގުމަށް ފަހުގަ އެވެ. އިޒްރޭލުން ބުނީ މިއީ އެ ސަރަހައްދުން ތިން ރޮކެޓެއް ފޮނުވާލާފައި ވާތީ ތަންތަން ބަލައި ފާސްކުރުމަށް ހިންގާ އޮޕަރޭޝަނެއް ކަމަށެވެ.