Roadha Mihaaru

އިޒްރޭލުގެ ހުށަހެޅުމަށް ހަމާސް ދެކޮޅުހެދުމާ އެކު ޣައްޒާއިން 24 މީހަކު ޝަހީދުކޮށްލައިފި

ޣައްޒާގައި ދެމުން ގެންދާ ހަމަލާތައް މެދުކަނޑާލުމަށް އިޒްރޭލުން ހުށަހެޅި ކަންކަމަށް އެއްބަސްވެވެން ނެތް ކަމަށް ހަމާސް އިން ބުނުމާ އެކު އިޒްރޭލުން ދިން ހަމަލާތަކެއްގައި ޣައްޒާގެ އެއް އާއިލާއަކުން 10 މީހުން ހިމެނޭހެން ޖުމްލަ 24 މީހަކު މިއަދު ޝަހީދުކޮށްލައިފި އެވެ.

ޣައްޒާއިން 24 މީހަކު ޝަހީދު، އެއް އާއިލާއިން 10

ޣައްޒާގައި ދެމުން ގެންދާ ހަމަލާތައް މެދުކަނޑާލުމަށް އިޒްރޭލުން ހުށަހެޅި ކަންކަމަށް އެއްބަސްވެވެން ނެތް ކަމަށް ހަމާސް އިން ބުނުމާ އެކު އިޒްރޭލުން ދިން ހަމަލާތަކެއްގައި ޣައްޒާގެ އެއް އާއިލާއަކުން 10 މީހުން ހިމެނޭހެން ޖުމްލަ 24 މީހަކު މިއަދު ޝަހީދުކޮށްލައިފި އެވެ.

ހަމާސްގެ ފަރާތުން މަޝްވަރާތަކުގައި އިސްކޮށް ހުންނަވާ ޚަލީލް އަލް ހައްޔާ ވިދާޅުވީ އިޒްރޭލުން ހުށަހަޅާފައި ވަނީ ދެ ފަރާތަށް ހަމަހަމަކަމެއް ނެތް، ބައިކުޅަ ބައި އެއްބަސްވުމެއް ކަމަށެވެ. އޭނާ ވިދާޅުވީ 18 މަސް ދުވަސްވީ ހަމަލާތައް ހުއްޓުމަކަށް ގެންނަން ބޭނުން ނަމަ ފުރިހަމަ އެއްބަސްވުމެއް ހުށަހަޅަންޖެހޭނެ ކަމަށެވެ.

ޚަލީލް ވަނީ މިދިޔަ މަހުގެ ދެ ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ޣައްޒާ ބަންދުކޮށް އެހީގެ ސާމާނު ވެއްދުން ހުއްޓުވާފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ޕްރެޝަރު އިތުރުކުރުމަށް ވެސް ގޮވާލައްވައިފަ އެވެ.

އޭނާ މިކަމަށް ގޮވައިލެއްވީ ކާނާ އާއި ބޭހާއި އަސާސީ އެހެނިހެން ސާމާނު، 2.4 މިލިއަން މީހުން އުޅޭ ޣައްޒާއިން ހުސްވެ ނުރައްކާތެރި ހާލަތެއްގައި އޮތް ކަމުގެ އިންޒާރު އދ. އިން ވެސް ދީފައި ވަނިކޮށެވެ.

ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީގެ ތަރުޖަމާނު މަހްމޫދު ބައްސާލް ވިދާޅުވި ގޮތުގައި ހުކުރު ދުވަހުގެ ފަތިހު ޚާން ޔުނިސްގެ އިރުމަތީގައި އިޒްރޭލުން ދިން ހަމަލާތަކުގައި އެއް ގެޔަކުން 10 މީހަކު ޝަހީދުވެ އަދި އެ ގެޔާ ކައިރީގައި ހުރި ގެތަކުން އެތައް ބަޔަކު ޒަހަމްވެފައިވާ ކަމަށެވެ.

އިޒްރޭލުން ޝަހީދުކޮށްލި މީހުންގެ ހަށިތައް މޯޗަރީގައި ބަހައްޓާފައި. -- ފޮޓޯ: އޭއެފްޕީ

އިޒްރޭލުން ޝަހީދުކޮށްލި މީހުންގެ ހަށިތައް މޯޗަރީގައި ބަހައްޓާފައި. -- ފޮޓޯ: އޭއެފްޕީ

އިޒްރޭލުން އެ ސަރަހައްދުގެ އެކި ހިސާބުތަކުގައި ދިން ހަމަލާތަކުގައި އިތުރު 14 މީހަކު ޝަހީދުވެފައިވާ ކަމަށް ސިވިލް ޑިފެންސް އިން ރިޕޯޓްކޮށްފައިވާއިރު، އޭގެ ތެރޭގައި ގެދޮރު ގެއްލިފައިވާ މީހުން ހިމާޔަތް ހޯދަމުންދާ ޓެންޓުތަކަށް ދިން ދެ ހަމަލާއެއްގައި ޝަހީދުވި މީހުން ވެސް ހިމެނެ އެވެ.

ޣައްޒާގައި ދެމުން ގެންދާ ހަމަލާތަކުން ސަލާމަތްވާން އެފަދަ ޓެންޓުތަކުން އެތައް ލައްކަ ބަޔަކު ދަނީ ހިމާޔަތް ހޯދަމުންނެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ މިމަހުގެ 18 ވަނަ ދުވަހު ޣައްޒާގައި ހަމަލާތައް އަލުން ފެށި ފަހުން ވައިގެ މަގުން ބޮމުގެ ހަމަލާތައް ވަރުގަދަކޮށް، އެއްގަމު މަގުން ހިންގާ އޮޕަރޭޝަންތައް ފުޅާކޮށްފަ އެވެ.

މީގެ ކުރިން ހެދި، ހަމަލާތައް ހުއްޓާލުމާއި ރަހީނުން ދޫކޮށްލުމުގެ އެއްބަސްވުމަށް ޖެނުއަރީ މަހުގެ 19 ވަނަ ދުވަހު އަމަލުކުރަން ފެށި ނަމަވެސް އޭގެ ދެ މަސް ފަހުން ވަނީ އެ އެއްބަސްވުން ރޫޅިފަ އެވެ. އިޒްރޭލުން ފުރަތަމަ ފިޔަވަހީގެ މުއްދަތު އިތުރުކުރަން ބޭނުންވި އިރު، ހަމާސް އިން ބާރު އަޅަމުން ދިޔައީ މިދިޔަ އަހަރު އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަން ވިދާޅުވި ގޮތަށް ދެވަނަ މަރުހަލާއަކަށް މަޝްވަރާތައް ބޭއްވުމަށެވެ.