Roadha Mihaaru

އިޒްރޭލުން ދާއިމީކޮށް ހަމަލާތައް ހުއްޓާނެ ކަމުގެ ޔަގީންކަން ދޭ ނަމަ ހުރިހާ ރަހީނުން މިނިވަންކުރާނެ

އިޒްރޭލުގެ ޖަލުތަކުން ފަލަސްތީނުގެ ގައިދީން މިނިވަންކުރުމުގެ ސީރިއަސް އެއްބަސްވުމެއް ހަދައި އަދި ޣައްޒާގައި އިޒްރޭލުގެ ހަމަލާތައް ދާއިމީކޮށް ހުއްޓާލާނެ ކަމުގެ ޔަގީންކަންދޭ ނަމަ އިޒްރޭލުގެ ހުރިހާ ރަހީނުން މިނިވަންކުރަން ހަމާސް އޮތީ ތައްޔާރަށް ކަމަށް އެ ޖަމާއަތުގެ އިސް އޮފިޝަލަކު އިއްޔެ ވިދާޅުވެއްޖެ އެވެ.

ހަމަލާތައް ހުއްޓާ ނަމަ ރަހީނުން މިނިވަންކުރަން ތައްޔާރު

އިޒްރޭލުގެ ޖަލުތަކުން ފަލަސްތީނުގެ ގައިދީން މިނިވަންކުރުމުގެ ސީރިއަސް އެއްބަސްވުމެއް ހަދައި އަދި ޣައްޒާގައި އިޒްރޭލުގެ ހަމަލާތައް ދާއިމީކޮށް ހުއްޓާލާނެ ކަމުގެ ޔަގީންކަންދޭ ނަމަ އިޒްރޭލުގެ ހުރިހާ ރަހީނުން މިނިވަންކުރަން ހަމާސް އޮތީ ތައްޔާރަށް ކަމަށް އެ ޖަމާއަތުގެ އިސް އޮފިޝަލަކު އިއްޔެ ވިދާޅުވެއްޖެ އެވެ.

ހަމާސް އިން މިހެން ބުނެފައި މި ވަނީ ޣައްޒާގައި ހަމަލާތައް ހުއްޓުމަކަށް ގެނައުމަށް ހަމާސް އާއި އިޒްރޭލާ ދެމެދު މެދުވެރިންގެ ދައުރު އަދާކުރާ މިސްރާއި ގަތަރާ އެކު މިސްރުގެ ވެރިރަށް ގާހިރާގައި އެންމެ ފަހުން ބޭއްވި މަޝްވަރާތަކަށް ފަހުގަ އެވެ.

ގައިދީން ބަދަލުކުރުމުގެ ސީރިއަސް އެއްބަސްވުމަކާއި، ހަނގުރާމަ ނިމުމަކަށް ގެނައުމާއި، ޣައްޒާއިން އިޒްރޭލު ސިފައިން ފޭބުމާއި އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ބަދަލުގައި އިޒްރޭލުގެ ހުރިހާ ގައިދީން ދޫކޮށްލަން ތައްޔާރު،" ހަމާސްގެ އިސް އޮފިޝަލެއް ކަމަށްވާ ތާހިރް އަލް ނޫނޫ އޭއެފްޕީއަށް ވިދާޅުވި އެވެ.

އެކަމަކު އޭނާ ވިދާޅުވީ އިޒްރޭލުން ގެންދަނީ ހަމަލާތައް ހުއްޓުމަކަށް ގެނައުމުގެ އެއްބަސްވަކަށް ވާސިލްވިޔަ ނުދޭން މަސައްކަތްކުރަމުން ކަމަށެވެ.

"މައްސަލައަކީ ރަހީނުކޮށްފައި ތިބި މީހުންގެ އަދަދެއް ނޫން،" ނޫނޫ ވިދާޅުވި އެވެ. "މައްސަލައަކީ، އިސްތިއުމާރީން ވައުދުތަކަށް ފުރަގަސްދީ، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލު ކުރުމަށް ހުރަސް އަޅައި، ހަނގުރާމަ ކުރިއަށް ގެންދިއުން."

"އެހެންވެ ހަމާސް އިން ބާރު އަޅަނީ އިޒްރޭލުން އެއްބަސްވުން ދަމަހައްޓާނެ ކަމުގެ ޔަގީންކަން ދިނުމަށް މަޖުބޫރުކުރުމަށް،" އޭނާ ވިދާޅުވި އެވެ.

އިޒްރޭލުގެ ނިއުސް ވެބްސައިޓް ޔެނެޓުން ހޯމަ ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި ހަމާސް އަށް އާ ހުށަހެޅުމެއް މިހާރު ވަނީ ހުށަހަޅައިފި އެވެ.

މި އެއްބަސްވުމުގެ ދަށުން އިޒްރޭލުން ހަނގުރާމަ ހުއްޓާލުމުގެ ދެވަނަ ފިޔަވަހީގެ މަޝްވަރާތައް އަލުން ފަށާނެ ކަމުގެ ޔަގީންކަން އެމެރިކާގެ ފަރާތުން ދިނުމުން އެކަމުގެ ބަދަލުގައި ހަމާސްއިން، ދިރިތިބި 10 ރަހީނުން ދޫކޮށްލަން ވަނީ ހުށަހަޅައިފަ އެވެ.

ހަމަލާތައް ހުއްޓާލުމަށް މިދިޔަ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހު އަމަލުކުރަން ފެށި އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހީގައި ގިނަ އަދަދެއްގެ ގައިދީން ވަނީ ދެ ފަރާތުން ވެސް މިނިވަންކޮށްފަ އެވެ.

ހަމާސް އިން އަދިވެސް އިޒްރޭލުގެ 58 މީހަކު ހިފަހައްޓައިގެން ގެންގުޅޭއިރު އެއްބަސްވުމުގެ ދެ ވަނަ މަރުހަލާ ފެށުމާ މެދު އެއްބަސްވުމަކަށް ނާދެވިގެން އުޅޭ މައިގަނޑު ސަބަބަކީ ދޫކޮށްލާނެ ރަހީނުންގެ އަދަދާ މެދު އެއްގަލަކަށް ނޭރުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އޮކްޓޫބަރު 7، 2023 ގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކާ އެކު އިޒްރޭލުން ޣައްޒާއަށް ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް 50،000 އަށް ވުރެ ގިނަ މީހުން ފަލަސްތީނުން ވަނީ ޝަހީދުވެފަ އެވެ. އަދި ހަމަލާތައް މެދުކަނޑާލަން ހެދި އެއްބަސްވުމުގެ ފުރަތަމަ މަރުހަލާއަށް ފަހު މިދިޔަ މަހުގެ 18 ގައި އަލުން ހަމަލާތައް ދޭން ފެށި ފަހުން ވެސް 1،600 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ. -- އޭއެފްޕީ