Roadha Mihaaru

ޣައްޒާ އިތުރަށް ކުޑަކޮށް އެކަހެރިކުރާނެ ކަމަށް ބުނެފި

ފަލަސްތީނުގެ ޣައްޒާގެ ބޮޑު ބައެއް އިޒްރޭލުގެ ސަލާމަތީ ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅުމަށް އެ ސަރަހައްދުގެ ކޮންޓްރޯލް ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި ޣައްޒާ އިތުރަށް ކުޑަކޮށްލައި އެކަހެރިކަން ބޮޑުކުރާނެ ކަމަށް އިޒްރޭލުގެ ޑިފެންސް މިނިސްޓަރު އިޒްރޭއިލް ކާޓްޒް އިއްޔެ ބުނެފި އެވެ.

ޑިފެންސް މިނިސްޓަރު މިހެން ބުނެފައި މިވަނީ 2.4 މިލިއަން މީހުން އުޅޭ ޣައްޒާއަށް އިޒްރޭލުން އަލުން ހަމަލާތައް ފެށުމާ އެކު އެތައް ހާސް ބަޔަކު މަގުމަތިވެ އަދި ހައިހޫނުކަން އާންމުވެފައި ވަނިކޮށެވެ.

"އިޒްރޭލުގެ ސަލާމަތީ ސަރަހައްދުތަކުގެ ގޮތުގައި ބޮޑެތި ސަރަހައްދުތަކެއް ހިފަމުން ދާއިރު މިކަމުގެ ނަތީޖާއަކަށް ވާނީ ޣައްޒާ ކުޑަވެ، އެކަހެރިވުން،" ދެކުނުގެ ސިޓީތައް ކަމަށްވާ ރަފަހް އާއި ޚާން ޔޫނިސްއާ ދެމެދު އަލަށް އިއުލާނުކުރި "މޮރާގް ކޮރިޑޯ" އަށް ގޮސް އެތަނުގައި ވާހަކަ ދައްކަމުން ކާޓްޒް ބުންޏެވެ.

އޭނާ ބުނީ އިޒްރޭލުން ޣައްޒާގައި އަދިވެސް "ޕްރެޝަރު ބޮޑުކުރާނެ" ކަމަށާއި ހަމާސް އިން ރަހީނުކޮށްފައިވާ އިޒްރޭލުގެ އެންމެން ދޫކޮށްނުލަނީސް އެކަން ނުހުއްޓާނެ ކަމަށެވެ.

ކާޓްޒް ބުނީ އިޒްރޭލުން ސަލާމަތީ ސަރަހައްދުތަކުގެ ގޮތުގައި ނަގާ ސަރަހައްދުތަކާ އެކު ޣައްޒާގެ އާންމުންނަށް އޮތް ބައިތައް ކުޑަވާނެ ކަމަށާއި އެހެންވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ހުށަހެޅުމާ އެއްގޮތަށް އަމިއްލައަށް ޣައްޒާއިން ފޭބުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.

ޓްރަމްޕު ވަނީ ޣައްޒާއިން މީހުން ހުސްކޮށް އެތަނުގައި "ރިސޯޓެއް" ތަރައްގީކުރާނެ ކަމަށް ބުނެފަ އެވެ.

ޣައްޒާއަށް ވެރިވަގުތުމުގެ ކަންކަން އިޒްރޭލުން ކުރިއަށް ގެންދާއިރު އިއްޔެ ވެސް ޣައްޒާއަށް ކެނޑިނޭޅި ހަމަލާ ދީފައިވެ އެވެ. އަދި އާންމުން އުޅޭ ގެޔަކަށް ހަމަލާދީ 23 މީހަކު ޝަހީދުކޮށްލާފައިވެ އެވެ. އޭގެ ތެރޭގައި ވެސް ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.