Roadha Mihaaru

ޣައްޒާގައި އާންމުން އުޅޭ އިމާރާތަކަށް ހަމަލާދީ 23 މީހަކު ޝަހީދުކޮށްލައިފި

ފަލަސްތީނުގެ ޣައްޒާގައި އާންމުން ދިރިއުޅޭ ގެޔަކަށް އިޒްރޭލުން މިއަދު ހަމަލާ ދިނުމުގެ ސަބަބުން 23 މީހަކު ޝަހީދުވެފައިވާ ކަމަށާއި އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށް ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީން ބުނެފި އެވެ.

ޣައްޒާގެ ގެޔަކަށް ހަމަލާދީ 23 މީހުން ޝަހީދުކޮށްލައިފި

ފަލަސްތީނުގެ ޣައްޒާގައި އާންމުން ދިރިއުޅޭ ގެޔަކަށް އިޒްރޭލުން މިއަދު ހަމަލާ ދިނުމުގެ ސަބަބުން 23 މީހަކު ޝަހީދުވެފައިވާ ކަމަށާއި އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށް ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީން ބުނެފި އެވެ.

މި ހަމަލާއަށް ފަހު ވެސް އިޒްރޭލުން ބުނީ މިއީ "ހަމާސްގެ އިސް މީހަކަށް" ދިން ހަމަލާއެއް ކަމަށެވެ.

މި ހަމަލާ ދީފައިވަނީ ޣައްޒާ ސިޓީގެ ޝުޖައިޔާ ނެއިބަހުޑްގައި ކަމަށް ސިވިލް ޑިފެންސް އެޖެންސީގެ ތަރުޖަމާނު މަހްމޫދު ބައްސާލް އޭއެފްޕީއަށް ވިދާޅުވި އެވެ.

"ޝުޖައިޔާގައި ހިންގި ގަތުލްއާންމުގައި ޝަހީދުވި މީހުންގެ އަދަދު ވަނީ 23 އަށް އަރާފައި. މީގެ ތެރޭގައި އަށް ކުޑަކުދިންނާއި އަށް އަންހެނުން ހިމެނޭ،" ހަމަލާގައި އިތުރު 60 މީހަކު ޒަހަމްވިކަން ފާހަގަކުރައްވަމުން ބައްސާލް ވިދާޅުވި އެވެ.

ޣައްޒާގައި މިއަދު އިޒްރޭލުގެ ހަމަލާ އަމާޒުވި އިމާރާތުގެ ތެރެއިން މީހުން ހޯދައި ސަލާމަތްކުރުމުގެ މަސައްކަތް ކުރަނީ. -- ފޮޓޯ: އޭއެފްޕީ

ޣައްޒާގައި މިއަދު އިޒްރޭލުގެ ހަމަލާ އަމާޒުވި އިމާރާތުގެ ތެރެއިން މީހުން ހޯދައި ސަލާމަތްކުރުމުގެ މަސައްކަތް ކުރަނީ. -- ފޮޓޯ: އޭއެފްޕީ

"އަދިވެސް އިމާރާތުގެ ބައިތަކުގެ ތެރޭގައި ތާށިވެފައި މީހުން އެބަތިބި."

މި ހަމަލާގެ މަންޒަރު ފެނުނު، ޝުޖައިޔާގައި އުޅޭ މީހެއް ކަމަށްވާ 26 އަހަރުގެ އައްޔޫބް ސަލީމް އޭއެފްޕީއަށް ބުނީ ހަމަލާ އަމާޒުކޮށްފައިވަނީ ހަތަރު ބުރިއަށް ހުރި އިމާރާތަކަށް ކަމަށެވެ. އޭނާ ބުނީ އެ ހަމަލާ ދިން ހިސާބަށް މިސައިލްގެ އެތައް ހަމަލާއެއް ދިން ކަމަށާއި އެއީ ހާލުގައި ޖެހިފައިވާ މީހުންގެ ޓެންޓުތަކުން ފުރިފައި އޮތް ތަނެއް ކަމަށެވެ.

ޣައްޒާގައި މިއަދު ދިން ހަމަލާގައި ޝަހީދުވި ބައެއް މީހުންނަށް ކަށުނަމާދު ކުރަނީ. -- ފޮޓޯ: އޭއެފްޕީ

ޣައްޒާގައި މިއަދު ދިން ހަމަލާގައި ޝަހީދުވި ބައެއް މީހުންނަށް ކަށުނަމާދު ކުރަނީ. -- ފޮޓޯ: އޭއެފްޕީ

"އެއްޗެހިތައް ބުރައިގެން މުޅި ސަރަހައްދަށް ފެތުރިގެން ދިޔަ،" އޭނާ ބުންޏެވެ. "އެއީ ވަރަށް ބިރުވެ، ބުނެދޭން ވެސް ނޭނގޭ މަންޒަރެއް."

"ހިރަފުހާއި ހަމަލާގައި ހަލާކުވި އެއްޗެހިތަކުން މުޅި ސަރަހައްދު ފުރުނު. އަހަރެމެންނަށް އެއްވެސް ތަނެއް ނުފެނޭ. އިވެނީ މީހުން ބިރުން ހަޅޭއްލަވާ އަޑު."

ސާލިމް ބުނި ގޮތުގައި ޝަހީދުވެފައިވާ މީހުންގެ ހަށިތައް ވަނީ އެއްކޮށް ކުދިކުދިވެފަ އެވެ.

އިޒްރޭލުން ޣައްޒާއަށް ދެމުން ދިޔަ ހަމަލާތައް މެދުކަނޑާލައިގެން ތިބުމަށް ފަހު އަލުން ފަށާފައިވާ ހަމަލާތަކުގައި މިހާތަނަށް 1،482 މީހަކު ވަނީ ޝަހީދުވެފަ އެވެ. އަދި އޮކްޓޫބަރު 7، 2023 އިން ފެށިގެން މިހާތަނަށް ޝަހީދުވި މީހުންގެ އަދަދު 50،846 އަށް ވަނީ އަރައިފަ އެވެ.