Roadha Mihaaru

ތިމާވެށި ނާޒުކު ގައުމުތައް ރައްކާތެރިކޮށްދޭން މަޖިލީހުގެ ރައީސް ގޮވާލައްވައިފި

ރާއްޖެ ފަދަ ތިމާވެށީގެ ގޮތުން ނާޒުކު ގައުމުތަކަށް މޫސުމީ ބަދަލުގެ ނުރައްކާ ވަރަށް ބޮޑު ކަމަށާއި އެހެން ގައުމުތަކުގެ އެހީތެރިކަން އިންތިހާއަށް ބޭނުންވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ނާޒުކު ގައުމުތައް ރައްކާތެރިކޮށްދޭން ގޮވާލައްވައިފި
ނާޒިމް ހަސަން
ނާޒިމް ހަސަން

07 އެޕްރީލް 2025

ރާއްޖެ ފަދަ ތިމާވެށީގެ ގޮތުން ނާޒުކު ގައުމުތަކަށް މޫސުމީ ބަދަލުގެ ނުރައްކާ ވަރަށް ބޮޑު ކަމަށާއި އެހެން ގައުމުތަކުގެ އެހީތެރިކަން އިންތިހާއަށް ބޭނުންވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އުޒްބަކިސްތާނުގެ ވެރިރަށް ތަޝްކެންތުގައި ކުރިއަށްދާ އިންޓަ-ޕާލަމެންޓަރީ ޔޫނިއަން (އައިޕީޔޫ)ގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވީ މޫސުމީ ބަދަލުގެ ސަބަބުން ދިމާވާ ކަންކަމުގެ ގޮންޖެހުންތައް ރާއްޖެ ފަދަ ގައުމުތަކަށް ވަރަށް ބޮޑު ކަމަށެވެ. ކަނޑުގެ ލޮނުގަނޑު އުފުލުމާއި ފިނިހޫނުމިނަށް އަންނަ ބަދަލުގެ ސަބަބުން ދިރިއުޅުމަށް އަސަރުކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ އިގުތިސާދާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ވެސް މޫސުމީ ބަދަލާ ގުޅިގެން އަސަރުކޮށްފި. ކްލައިމެޓް ޖަސްޓިސްއަކީ ވެސް ސޯޝަލް ޖަސްޓިސް. އަޅުގަނޑު ގޮވާލަން މެންބަރު ގައުމުތަކަށް އިގުތިސާދީ ގޮތުން ނާޒުކު ގައުމުތަކަށް އެއްބާރުލުންދިނުމަށް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ހަމަނުޖެހުމާއި އިގުތިސާދީ ލޮޅުންތައް ދުނިޔެއަށް އަންނަ މި ދަނޑިވަޅުގައި ގައުމުތަކުން އެއްބާރުލުންދިނުމާއި މަޝްވަރާގެ އުސޫލު ކުރިއަށް ނެރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި އެއީ ރާއްޖޭން ގަބޫލުކުރާ ހަމަތައް ކަމަށެވެ.

އޭނާގެ ވާހަކައިގައި އަބްދުއްރަހީމް ވަނީ އިޒްރޭލުން ޣައްޒާގައި ހިންގާ އަމަލުތައް ކުށްވެރިކޮށް، އެ އަމަލުތަކާ ދެކޮޅަށް ބައިނަލްއަގްވާމީ ގޮތުން މަސައްކަތްކުރަން ގޮވާލައްވައިފަ އެވެ.

މި އަހަރުގެ އެސެމްބްލީގެ މައުލޫއަކީ އިޖްތިމާއީ ތަރައްގީ އާއި އިންސާފަށް ގާނޫނުހަދާ މަޖިލިސްތަކުގެ ދައުރު އެވެ.

ބައްދަލުވުން ކުރިއަށް ގެންދާ މައުލޫއާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ އިޖުތިމާއީ ތަރައްގީ އާއި ރައްކާތެރިކަމަށް ރާއްޖޭން ވަރަށް އިސްކަންދޭ ކަމަށެވެ. ރާއްޖޭގެ ރައްޔިތުންނަށް އެކަންކަން ޔަގީންކޮށްދޭން މަޖިލީހުން ހާއްސަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އެގޮތުން އިޖުތިމާއީ ރައްކާތެރިކަން ކަށަވަރު ކުރަން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި، ޖެންޑަ އިކުއަލިޓީ ގާނޫނާއި ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނާއި އިޖުތިމާއީ ސިއްހީ އިންޝުއަރެންސްގެ ގާނޫނު ހިމެނޭ ގޮތަށް އިޖުތިމާއީ އިންސާފު ކުރިއެރުވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ކަން އަބްދުއްރަހީމް ފާހަގަކުރެއްވި އެވެ. އަދި، މަޖިލީހުގެ ކޮމިޓީތައް މެދުވެރިކޮށް އެ ގާނޫނުތައް ފައިދާހުރި ގޮތެއްގައި ތަންފީޒު ކުރަމުންދާކަމަށް ވެސް މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ އެ ގާނޫނުތަކުގެ ބޭނުމަކީ ރައްޔިތުންނަށް އިންސާފުވެރި އަދި އަދުލުވެރި މުޖުތަމައުއެއް ހޯދައިދިނުން ކަމަށެވެ.

"ދިވެހި ސަރުކާރުން އަބަދުވެސް މަސައްކަތް ކޮށްފައިވަނީ އާންމު ރައްޔިތުންނަށް އަސާސީ ހުރިހާ ހިދުމަތްތައް ފޯރުކޮށްދޭން،" އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް މެދުވެރިކޮށް އިގުތިސޯދީ ބާރުވެރިކަން ކުރިއަރުވައި، ހާއްސަކޮށް ޒުވާނުންނާއި އަންހެނުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމު ކަމަށް ވިދާޅުވި އެވެ. އެފަދަ ފަރާތްތަކަށް ފޯރުކޮށްދޭ ހިލޭ އެހީއާއި ލޯނާއި ތަމްރީނުގެ ޕްރޮގްރާމްތައް ވެސް ފާހަގަކުރެއްވި އެވެ.