Roadha Mihaaru

12 މެމްބަރުން ޖަލްސާތަކުގައި ވީއެންމެ އަވަހަކަށް ބައިވެރިކުރަން ޖެހޭނެ: އައިޕީޔޫ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުންނަށް މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވޭނެ ގޮތް ވީ އެންމެ އަވަހަކަށް ހަމަޖައްސަން ޖެހޭނެ ކަމަށް އިންޓަ ޕާލަމެންޓްރީ ޔުނިއަން (އައިޕީޔޫ) އިން މިއަދު ބުނެފި އެވެ.

12 މެމްބަރުން ޖަލްސާތަކުގައި ބައިވެރިކުރަން ޖެހޭނެ
އަބްދުﷲ ޖަމީލު
އަބްދުﷲ ޖަމީލު

28 މާޗް 2018

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުންނަށް މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވޭނެ ގޮތް ވީ އެންމެ އަވަހަކަށް ހަމަޖައްސަން ޖެހޭނެ ކަމަށް އިންޓަ ޕާލަމެންޓްރީ ޔުނިއަން (އައިޕީޔޫ) އިން މިއަދު ބުނެފި އެވެ.

ދުނިޔޭގެ ގައުމުތަކުގެ ޕާލަމެންޓްތަކުގެ މެމްބަރުން ތަމްސީލްކުރާ ޖަމިއްޔާ އިން ސްވިޒަލޭންޑްގެ ޖެނީވާގައިި މިދިޔަ އާދީއްތަ ދުވަހު ފެށި 138 ވަނަ ޖަލްސާގައި މިއަދު ރާއްޖެއާ ބެހޭ ގޮތުން ނިންމި ނިންމުމުގައި ބުނެފައި ވަނީ 12 މެމްބަރަކު ވަކިވި ކަމަށް ނިންމި މައްސަލައާ ގުޅިގެން ރާއްޖޭގެ ސިޔާސީ މަސްރަހު ވަރަށް ބޮޑަށް ހަލަބޮލިވެފައިވާ ކަމަށެވެ.

އެ ޖަމާއަތުގެ ވަފުދެއް މިމަހުގެ 19ން 21 އަށް ރާއްޖެ އަށް ކުރި ދަތުރާ ބެހޭ ގޮތުން އެ ރިޕޯޓުގައި ބުނެފައި ވަނީ ރާއްޖޭގައި މިހާރު ހިންގާ ކަންތައްތަކާއި އަލަށް ފާހަގަކުރެވުނު ކަންބޮޑުވުންތަކެއް ވެސް އެބަހުރި ކަމަށެވެ. އެ ގޮތުން 12 މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައި ވަނީ ގާނޫނުތަކާ ހިލާފަށް ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

އައިޕީޔޫ އިން ބުނެފައި ވަނީ 2014 ވަނަ އަހަރުން ފެށިގެން ގިނަ އަދަދެއްގެ މެމްބަރުން ޕާޓީ ބަދަލުކުރި ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅާފައި ވަނީ، ވެރިކަންކުރާ މައި ޕާޓީ، ޕީޕީއެމް އިން ވަކިވި 12 މެމްބަރުން އެކަނި ކަމަށް ވެސް ބުނެފައިވެ އެވެ.

އެ ރިޕޯޓުގައި ބުނެފައި ވަނީ 12 މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައެޅީ ސުޕްރީމް ކޯޓުން ޖުލައި 13، 2017ގައި ހުކުމް ކުރިތާ އެންމެ ތިން ދުވަސް ވެސް ނުވަނީސް ކަމަށް ވެސް ބުނެފައިވެ އެވެ. އަދި އޭރު އޮތީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް ހުށަހަޅާފައި ކަމަށް ވެސް ބުނެފައިވެ އެވެ.

އައިޕީޔޫގެ ރިޕޯޓުގައި ބުނެފައި ވަނީ ޕާޓީ ބަދަލުކުރުން މަނާ ކުރުމުގެ ކުރިން، ޕީޕީއެމުން ވަކިވިކަން އަންގައި އެ ޕާޓީ އަށް ފޮނުވި ލިޔުންތައް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ އައިޕީޔޫއާ ހިއްސާކުރެއްވި ކަމަށެވެ. އަދި އޭގެ އިތުރުން ދާދި ފަހުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް މަޖިލީހުން ގާނޫނު ފާސްކުރީ، ފަހުން އެކަން ކުރުމުން ގޮނޑި ގެއްލުމުގެ ބަދަލުގައި އޭގެ ކުރިން ވެސް ޕާޓީ ބަދަލުކުރި މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

އެ ޖަމާއަތުން ބުނެފައި ވަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ޖުލައި 24، 2017ގައި ހުށަހެޅި މައްސަލަ ބޭރުކޮށްލި ގޮތާ މެދު ކަންބޮޑުވާ ކަމަށެވެ. އަދި މަޖިލީހުގެ ތަޅުމުން މެމްބަރުން ގަދަބާރުން ބޭރުކުރި މައްސަލައާ މެދު ވެސް ކަންބޮޑުވާ ކަމަށް ބުނެފައިވެ އެވެ.

އައިޕީޔޫ އިން ބުނީ މަޖިލީހުގެ އިދާރާއަކީ މެމްބަރުންނަށް ހުރިހާ ވަގުތެއްގައި ވެސް ވަދެނިކުމެވޭ ތަނަކަށް ހަދަން ޖެހޭ ކަމަށެވެ. އަދި މަޖިލީހުގެ އިދާރާ އަށް ވަންނަން މަސައްކަތް ކުރި މެމްބަރުންތަކަކާ މެދު ގާނޫނީ ފިޔަވަޅު އަޅާތީ ކަންބޮޑުވާ ކަމަށް ވެސް ބުނެފައިވެ އެވެ. އަދި އެ މައްސަލަތައް އަނބުރާ ގެންދަން ވެސް ގޮވާލާފައިވެ އެވެ.

އެ ޖަމާއަތުން ވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ގިނަ އަދަދެއްގެ މެމްބަރުންތަކެއް ހައްޔަރުކޮށް ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާތީ އެކަމާ މެދު ވެސް ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި މިހާރު ވެސް ތިން މެމްބަރަކު ހައްޔަރުކޮށްފައިވާތީ އެކަމާ މެދު ވެސް ކަންބޮޑުވާކަން ހާމަކޮށްފައިވެ އެވެ.

އައިޕީޔޫއިން ބުނެފައި ވަނީ ބަންދުގައި ތިބި މެމްބަރުންނާ ބައްދަލުކުރުމުގެ ފުރުސަތު އެ ޖަމާއަތުގެ މަންދޫބުންނަށް ނުދިނުމުން އެކަމާ ހިތާމަ ކުރާ ކަމަށެވެ.