Roadha Mihaaru

މި ސީޒަންގެ ނިޔަލަށް އޮލްމޯ އަށް ބާސާގެ ޖާޒީގައި ކުޅެވޭނެ

ބާސެލޯނާގެ ކުޅުންތެރިން ކަމަށްވާ ޑާނީ އޮލްމޯ އާއި ޕައު ވިކްޓާ އަށް މި ސީޒަންގެ ނިޔަލަށް އެ ޓީމަށް ކުޅެވޭނެ ކަމަށް ސްޕެއިންގެ ގައުމީ ކުޅިވަރު ކައުންސިލުން ބުނެފި އެވެ.

މިސީޒަންގެ ނިޔަލަށް އޮލްމޯއަށް ބާސާގެ ޖާޒީގައި ކުޅެވޭނެ

ބާސެލޯނާގެ ކުޅުންތެރިން ކަމަށްވާ ޑާނީ އޮލްމޯ އާއި ޕައު ވިކްޓާ އަށް މި ސީޒަންގެ ނިޔަލަށް އެ ޓީމަށް ކުޅެވޭނެ ކަމަށް ސްޕެއިންގެ ގައުމީ ކުޅިވަރު ކައުންސިލުން ބުނެފި އެވެ.

މިދިޔަ ޖެނުއަރީ މަހު ލަ ލީގާ އިން ބާސެލޯނާ އަށް ދެ ކުޅުންތެރިން ރަޖިސްޓާ ކުރަން ވަގުތީ ހުއްދައެއް ދިން ނަމަވެސް ފަހުން، އޮޑިޓް ރިޕޯޓްތަކުގެ ހިސާބުތައް ދިމާ ނުވާކަމަށް ބުނެ އެ ނިންމުން ބާތިލް ކުރި އެވެ. ނަމަވެސް ބާސެލޯނާ މި ވަނީ މައްސަލަ އިސްތިއުނާފުކޮށް ކާމިޔާ ކޮށްފަ އެވެ.

ބާސެލޯނާ އިން ޖެނުއަރީ 3 ގައި ކުޅުންތެރިންގެ ޓްރާންސްފާ އިއުލާން ކުރީ، އެ ކްލަބްގެ ކޭމްޕް ނޯގެ ވީއައިޕީ ބޮކްސް ވިއްކައިގެން ލިބުނު ފައިސާ ރިޕޯޓްގައި ހިމަނައިގެންނެވެ. މި ހިސާބުގައި ބާސެލޯނާގެ އާމްދަނީއަށް އިތުރު 100 މިލިއަން ޔޫރޯ (83 މިލިއަން ޕައުންޑް) ލިބިފައި ވާކަމަށް ބަޔާން ކޮށްފައިވެ އެވެ.

ނަމަވެސް އެއީ ލަ ލީގާގެ ފައިނޭންޝަލް ޕެއާޕްލޭ އުސޫލާ ހިލާފް ކަމެއް ގޮތުގައި ލީގުން ބުނެ އެވެ.

ނަމަވެސް ކުޅިވަރު ކައުންސިލުން ވަނީ ލަ ލީގާގެ ނިންމުން ބާތިލު ކޮށްފަ އެވެ. އެއީ ލީގާއި ކުލަބާ ދެމެދު ވެވުނު އެއްބަސްވުމުގައި، ހުއްދަ ބާތިލު ކުރެވޭނޭކަން ބަޔާން ކޮށްފައި ނެތުމުގެ ސަބަބުންކަމަށް ވަނީ ރިޕޯޓް ކޮށްފަ އެވެ.

ލަ ލީގާ އިން ވަނީ މައްސަލަ އަލުން އިސްތިއުނާފް ކުރާނޭ ކަމަށް ބުނެފަ އެވެ.

އޮލްމޯ އަކީ ބާސެލޯނާގެ އެކަޑަމީ އިން ތަމްރީނު ވި ކުޅުންތެރިއެކެވެ. އޭނާ ސީނިއާ ކެރިއަރު ފެށީ ކްރޮއޭޝިއާގެ ޑީނަމޯ ޒެގްރެބް އިންނެވެ. އެއަށް ފަހު އޭނާ ބަދަލުވީ ޖަރުމަންގެ އާރުބީ ލައިޕްޒިގަށެވެ.

ބާސާ އިން އޭނާ އަލުން ގެނައީ 52 މިލިއަން ޕައުންޑްގެ އަގަކަށެވެ. އޮލްމޯ ވަނީ މިހާތަނަށް ބާސާ އަށް 28 މެޗުން އަށް ގޯލު ޖަހައިދީފަ އެވެ.

ބާސެލޯނާ އަށް އުފަން ވިކްޓާ ސީނިއާ ކެރިއަރު ފެށީ ޖިރޯނާ އިންނެވެ. އޭނާ ފުރަތަމަ ބާސާ އަށް ބަދަލުވީ މިދިޔަ އަހަރު އެ ޓީމުގެ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. މިދިޔަ ސީޒަންގައި ބާސެލޯނާ ބީ ޓީމާ އެކު ތިންވަނަ ޑިވިޝަން ކުޅުނު ވިކްޓާ ވަނީ މި ސީޒަންގައި މިހާތަނަށް 22 މެޗު ކުޅެދީ ދެ ގޯލު ޖަހައިދީފަ އެވެ.