Roadha Mihaaru

ކަރަންޓުގެ މައްސަލަ ހައްލުކުރަން އާ ވިސްނުންތަކަށް ޖާގަދޭން ޖެހޭ: ފައްޔާޒު

ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އާ ވިސްނުންތަކަށް ޖާގަދީގެން އިޔާދަކުރަނިވި ހަކަތަ އާއި އެހެނިހެން އީޖާދުތައް ހިމެނޭ ކަރަންޓު ގްރިޑެއް ބިނާކުރަންޖެހޭ ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އިއްޔެ ވިދާޅުވެއްޖެ އެވެ.

"ކަރަންޓު މައްސަލަ ހައްލުކުރަން އާވިސްނުމަށް ޖާގަދީ"
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

27 މާޗް 2025

ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އާ ވިސްނުންތަކަށް ޖާގަދީގެން އިޔާދަކުރަނިވި ހަކަތަ އާއި އެހެނިހެން އީޖާދުތައް ހިމެނޭ ކަރަންޓު ގްރިޑެއް ބިނާކުރަންޖެހޭ ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އިއްޔެ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ އެންމެ ފަހުގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ފައްޔާޒު ވިދާޅުވީ، ރަށްރަށުގެ ކަރަންޓުގެ މައްސަލަތައް މި ރޯދަމަހާ ދިމާކޮށް ހައްލުކުރަން ސަރުކާރުން ތައްޔާރު ނުވާ މިއީ ފުރަތަމަ ފަހަރު ކަމަށެވެ.

އޭނާ އެހެން ވިދާޅުވިއިރު މިފަހަރު އައްޑޫގައި ކަރަންޓުގެ މައްސަލަ ވަނީ ވަރަށް ބޮޑުވެފަ އެވެ. އިރުއިރުކޮޅާ ރޯދަ މަހު ކަރަންޓު ކެނޑޭއިރު ތަރާވީސް ނަމާދު ގަޑިއާ ދިމާކޮށް ވެސް އައްޑޫގެ މިސްކިތްތަކުން ކަރަންޓު ކެނޑޭ މައްސަލަ ވަނީ ބޮޑުވެފަ އެވެ.

ފައްޔާޒު ވިދާޅުވީ ރާއްޖޭގައި ދެވަނަ އެންމެ ބޮޑު ސިޓީގެ ރައްޔިތުން އަސާސީ ހައްގަކުން މަހުރޫމްކޮށް ބޮޑު ތަކުލީފެއް އުފުލަން މަޖުބޫރުކުރީ ސަރުކާރަށް އެކަން އެނގި ތިބެ ކަމަށާއި ހައްލު ކޮށްދޭން ކަމަށް ސަރުކާރުން ވައުދުވަނީ އިހުލާސްތެރި ކަމެއް ނެތި ކަމަށެވެ.

ފައްޔާޒު ވިދާޅުވިގޮތުގައި އެތައް ގޮތަކުން ފޫނުބެއްދޭ ވަރުގެ ގެއްލުންތަކެއް އައްްޑޫގެ ރައްޔިތުންނަށް ލިބެމުންދާއިރު އެއީ ދުރާލާ ތައްޔާރުވި ނަމަ ހައްލު ހޯދޭނެ ކަމެކެވެ.

އޭނާ ވިދާޅުވީ އާ ވިސްނުންތަކަކަށް ޖާގަދޭން ކަމަށެވެ.

"ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް އާވިސްނުންތަކަށް ޖާގަދީ ކޮމިއުނިޓީ އަދި ޕްރައިވެޓް ސެކްޓަރގެ ބައިވެރިވުން އިތުރުކޮށް، އިއާދަކުރަނިވި ހަކަތަ އާއި އެހެނިހެން އާ އީޖާދުތައް ހިމެނޭ ކަރަންޓު ގްރިޑެއް ބިނާކުރަން ޖެހޭ."

ފައްޔާޒު ވިދާޅުވީ ކަރަންޓުގެ ކަންކަން މެނޭޖްކުރުމުގެ އާ ގޮތްތައް ބޭނުންކޮށް އެ މަގަށް ކަންކަން ފަހިކުރުމަށް މިވަގުތު އަމަލުކުރަމުންދާ ހަކަތައާ ގުޅޭ ސިޔާސަތުތަކާއި ގަވާއިދުތަކާ މެދު އަލުން ވިސްނަން ޖެހޭ ކަމަށެވެ.

އެ މައްސަލާގައި އައްޑޫ ހިތަދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަސްލަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދިނުމުގެ ގާބިލުކަން ފެނަކައިގައި ނެތް ކަމަށެވެ. އެހެންވެ، އައްޑޫ އިންޖީނުގޭގެ މަސައްކަތް ސްޓެލްކޯއާ ހަވާލުކުރަން އޭނާ ގޮވާލެއްވި އެވެ.

އި އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ދޭން މިހާރު 19 ޖަނެރޭޓަރު ހިންގާއިރު އެންމެ ބޮޑު ޖަނެރޭޓަރުގެ ސައިޒަކީ ދެ މެގަވޮޓެވެ. އައްޑޫގައި އާންމުކޮށް ގެންގުޅެނީ 1.8 މެގަވޮޓް ނުވަތަ އެ އަށް ވުރެ ކުދި ސައިޒުގެ ޖަނެރޭޓަރުތަކެވެ.

ފެނަކައިން ކުރިން ބުނެފައިވާ ގޮތުގައި އައްޑޫގެ ކަރަންޓުގެ މައްސަލަ ބޮޑުވީ، މިދިޔަ ސަރުކާރުގެ ދުވަސްވަރުން ފެށިގެން ޖަނެރޭޓަރުތައް މަރާމާތު ކުރުން ހުއްޓާލާފައި އޮތުމެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު "މިހާރު" އަށް ރޭ ވިދާޅުވީ، މިވަގުތު ބޮޑަށް އިސްކަންދީގެން މަސައްކަތް ކުރަނީ އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ކަރަންޓު އިރުއިރުކޮޅާ ކެނޑުމުގެ މައްސަލަ ހައްލު ކުރުމަށް ކަމަށާއި ދާއިމީ ހައްލެއް ހޯދުމުގެ ކަންކަން ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.

ނަޖާހު ވިދާޅުވިގޮތުގައި އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓު ދޭން މިހާރު 19 ޖަނެރޭޓަރު ހިންގާއިރު އެންމެ ބޮޑު ޖަނެރޭޓަރުގެ ސައިޒަކީ ދެ މެގަވޮޓެވެ. އައްޑޫގައި އާންމުކޮށް ގެންގުޅެނީ 1.8 މެގަވޮޓް ނުވަތަ އެ އަށް ވުރެ ކުދި ސައިޒުގެ ޖަނެރޭޓަރުތަކެވެ.

"ކުދި ގިނަ ޖަނެރޭޓަރުތަކުގެ ބަދަލުގައި ބޮޑެތި ޖަނެރޭޓަރުތައް ގެނެސްގެން ދާއިމީ ހައްލެއް ގެނެވެން އޮތީ. އެންމެ ބޮޑު ޖަނެރޭޓަރަކަށް މިހާރު ބޭނުންކުރަނީ ދެ މެގަވޮޓުގެ ޖަނެރޭޓަރެއް. އެކަމަކު، އެ އަށް ވުރެ މަތީގެ މެގަވޮޓުގެ ޖަނެރޭޓަރު މިހާރު އައްޑު އަށް ބޭނުންވޭ. އެއީ ދާއިމީ ހައްލަކީ،" ނަޖާހު ވިދާޅުވި އެވެ.

"ރައީސް އޮފީހާއި ފިނޭންސް މިިނިސްޓްރީ އާއި ފެނަކަ ގުޅިގެން އެ މަސައްކަތް އެބަކުރެވޭ. ވަރަށް އަވަހަށް އޭގެ ކަންކަން ނިންމައި އިއުލާން ކުރެވޭ ހިސާބަށް ދާނެ ކަމަށް މި ބަލަނީ."