Roadha Mihaaru

މިއަދަކީ ބޭއިންސާފުތަކާ ދެކޮޅަށް ހިތްވަރާ އެކު އަޒުމް ކަނޑައަޅަން ލިބޭ ފުރުސަތެއް: ފައްޔާޒު

އެމްޑީޕީން އަބަދުވެސް މަސައްކަތް ކުރާނީ މަސައްކަތްތެރިންނަށް ހައްގުވާ މިންވަރު ހޯދައިދީ ވަރުގަދަ އިގްތިސާދެއް ބިނާކުރުމަށް ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް މިއަދު ވިދާޅުވެއްޖެ އެވެ.

މިއީ ބޭއިންސާފުތަކާ ދެކޮޅު އަޒުމް ކަނޑައެޅުމުގެ ދުވަސް
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

01 މެއި 2025

އެމްޑީޕީން އަބަދުވެސް މަސައްކަތް ކުރާނީ މަސައްކަތްތެރިންނަށް ހައްގުވާ މިންވަރު ހޯދައިދީ ވަރުގަދަ އިގްތިސާދެއް ބިނާކުރުމަށް ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރަމުން އަންނަ ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވަމުން، ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މޭ ޑޭއަކީ މަސައްކަތްތެރިންގެ ހައްގުތައް ހޯދުމަށް އޭރު އޮތް ނުރައްކާތެރި މާހައުލެއްގައި ކުރި ހިތްވަރުގަދަ މަސައްކަތްތަކާއި ރާއްޖެ އިން ހޯދާފައިވާ ކާމިޔާބީތައް ހަނދާން އާކުރަން ލިބޭ ފުރުސަތެއް ކަމަށެވެ.

ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ވިދާޅުވީ މަސައްކަތްތެރިންނަށް ލިބިފައިވާ ހައްގުތައް ސަރުކާރު އިސްވެ، ހަނިކުރަމުންދާ ދަނޑިވަޅެއްގައި އެ ބޭއިންސާފު އަމަލުތަކާ ދެކޮޅަށް ހިތްވަރާ އެކު މަސައްކަތް ކުރުމުގެ އަޒުމު ކަނޑައެޅުމުގެ ފުރުސަތު ވެސް މި ދުވަހު ލިބޭ ކަމަށެެވެ.

ފައްޔާޒު ވިދާޅުވީ އެމްޑީޕީއަކީ ރާއްޖޭގައި މަސައްކަތްތެރިންގެ ވާހަކަ ދައްކައި، އެ ހައްގުތައް ފުޅާ ދާއިރާއެއްގައި ހޯދައިދިނުމަށް ވަކާލާތުކޮށްފައިވާ ޕާޓީއެއް ކަމަށެވެ.

ފައްޔާޒު އެހެން ވިދާޅުވިއިރު މަސައްކަތްތެރިންގެ ދުވަހާ ގުޅުވައިގެން އެމްޑީޕީން އަންނަނީ މިރޭ އެއްވުމެއް ބާއްވަން ވެސް ތައްޔާރުވަމުންނެވެ.

އިދިކޮޅު އެމްޑީޕީން ބުނެފައިވާ ގޮތުގައި މި ވަގުތު ރާއްޖޭގައި ފަރުދީ ގޮތުން ނިކަމެތިކަން ތަހައްމަލު ކުރަން ނުޖެހޭ އެންމެ ފަރުދެއް ވެސް ނެތެވެ. އެންމެ އަސާސީ ހިދުމަތްތައް ކަމަށްވާ ކަރަންޓާއި ބޭސް ލިބުމުގެ ހުރި ދަތިތަކާއި ސިއްހީ ފަރުވާ ހޯދުމުގައި ވެސް ދަތިތައް ކުރިމަތިވެފައިވާ ކަމަށް އެ ޕާޓީން ބުނެ އެވެ.