Roadha Mihaaru

އެއްބުރުން ރައީސަކު ހޮވަން ފައްޔާޒް ދެކޮޅު، ވިދާޅުވީ އެއީ ހައްގުތައް ހަނިކުރުން ކަމަށް

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލައި ޕްރިފެރެންޝަލް ވޯޓަކަށް ދިއުމަކީ ވޯޓުލާ އާބާދީގެ ގިނަ ބައެއްގެ ހައްގުތަކަށް ހުރަސް އެޅިދާނެ ކަމަށް ވިދާޅުވެ، ޕްރިފެރެންޝަލް ވޯޓިން އަކަށް ދިއުމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ދެކޮޅު ހައްދަވައިފި އެވެ.

ޕްރިފެރެންޝިއަލް ވޯޓަށް ފައްޔާޒްގެ ތާއީދެއް ނެތް!
އައިޝަތު ނުޒުހާ
އައިޝަތު ނުޒުހާ

20 އެޕްރީލް 2025

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލައި ޕްރިފެރެންޝަލް ވޯޓަކަށް ދިއުމަކީ ވޯޓުލާ އާބާދީގެ ގިނަ ބައެއްގެ ހައްގުތަކަށް ހުރަސް އެޅިދާނެ ކަމަށް ވިދާޅުވެ، ޕްރިފެރެންޝަލް ވޯޓިން އަކަށް ދިއުމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ދެކޮޅު ހައްދަވައިފި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ އެހެން ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލައި ޕްރިފެރެންޝަލް ވޯޓިން އަށް ދިޔުމަށް ތާއިދު ކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެފައި ވަނިކޮށެވެ.

ނަޝީދު ވިދާޅުވީ، ޕްރިފެރެންޝަލް ވޯޓާއާ އެކު ނަމަ އެއް ބުރުން ވޯޓުލާ ނިންމައި ސަރުކާރެއް އުފައްދާ އުސޫލަކީ ރަނގަޅު އުސޫލެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

އެކަމަކު، ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ވިދާޅުވީ، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ވަކިވަކިން ބޭއްވުމަކީ ގާނޫނުއަސާސީގައި ބަޔާންކުރާ ކޮންމެހެން ބޭނުންތެރި ސިފައެއް ކަމަށެވެ.

"ނަމަވެސް، ރިޔާސީ އިންތިހާބާއި ލޯކަލް ކައުންސިލް އިންތިހާބު އެއްކޮށްލުމުގައި ފައިދާތަކެއް އެބަހުރި. ލޯކަލް ކައުންސިލްތަކާއި މައި ސަރުކާރުގެ ތަސައްވުރުތައް އެއްގޮތް ކުރުމުން ތަރައްގީގެ އެޖެންޑާތައް މިހާރަށް ވުރެ ރަނގަޅަށް ތަންފީޒު ކުރަން ފުރުސަތު ލިބިގެންދާނެ،" ފައްޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، އިންތިހާބީ ނިޒާމަށް ގެންނަން ހުށަހަޅާ ބަދަލުތަކަކީ ވޯޓުލާ މީހުންގެ ހައްގުތައް ހަނިކުރެވޭ ބަދަލުތަކަކަށް ވެގެން ނުވާނެ އެވެ. ހާއްސަކޮށް ރާއްޖެ ފަދަ ކުޑަ ގައުމެއްގައި، މަދު ގަޑިއިރުތަކެއްގެ ތެރޭގައި ވޯޓު ގުނައި، ނަތީޖާ އިއުލާނު ކުރާއިރު އިންތިހާބީ ރައީސަކު ހުވާ ކުރައްވަން ޖެހިވަަޑައިގަންނަވާނީ ވޯޓުލާ އާބާދީގެ އަޣުލަބިއްޔަތު ލިބި، ސާފު މެންޑޭޓަކާ އެކު ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

"ކޮރަޕްޝަނަށް އެތައް މިލިއަން ރުފިޔާއެއް ގެއްލި، ބޭކާރު ސިޔާސީ ހަރަދުތައް އާދަޔާ ހިލާފަށް އިތުރުވެފައިވާއިރު، 'ހަރަދު ކުޑަކުރުން' ނަމުގައި ގެންނަން ހުށަހެޅި މި ބަދަލުގެ ފަހަތުގައި އެއްވެސް އިހުލާސްތެރިކަމެއް ނެތް،" އޭނާ ވިދާޅުވި އެވެ.

ފައްޔާޒު ދެކެވަޑައިގަންނަވާ ގޮތުގައި މިކަމުގައި ފުޅާ ދާއިރާއެއްގައި ބަހުސްކޮށް މަޝްވަރާ ކުރަން ޖެހެ އެވެ.

ޕްރިފެރެންޝަލް ވޯޓިން ބަހުސް އަނެއްކާވެސް ފެށުނީ އެގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތާއީދަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފައިވާތީ އެވެ.

ރިޔާސީ އިންތިހާބު ބާއްވާ ގޮތް ބަދަލުކުރުމާ ގުޅޭ ގޮތުން ރައީސް މުއިއްޒު ކުރިން ވިދާޅުވެފައިވާ ގޮތުގައި، އެ މަނިކުފާނުގެ އަމިއްލަފުޅު ވިސްނުމަކީ ރިޔާސީ އިންތިހާބުގައި ދެވަނަ ބުރަށް ނުގޮސް ފުރަތަމަ ބުރާ ހިސާބުން ބޭފުޅަކު ކަނޑައެޅުމެވެ. އެހެންވެ، ޕްރިފަރެންޝަލް ނިޒާމަކަށް އަމަލުކުރަން މިހާރު ވެސް އެޓާނީ ޖެނެރަލް އޮފީހުން އަންނަނީ ދިރާސާތައް ކުރަމުން ކަމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރައީސް ވިދާޅުވި އެވެ.

"މާނައަކީ އެއްބުރުން [ރިޔާސީ އިންތިހާބު] ނިމޭނެ. އެއްބުރުން އެއްވަނަ، ދެވަނަ ސާފުވާ ގޮތަށް، އަޅުގަނޑު ހިތުން ބައެއް ގައުމުތަކުގައި، އަވައްޓެރި ބައެއް ގައުމުތަކުގައި ވެސް އޮވޭ އެހެން. އެކަމަކު، ދިރާސާ ކޮށްފައި އަޅުގަނޑު ގަސްދުކުރަން އެއީ އަޅުގަނޑުމެންގެ ގައުމަށް އެންމެ ރަނގަޅު ގޮތް ކަމަށް ވަންޏާ ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް، އެކަން އެދޭ ކަމަށް ވަންޏާ ދެން އަންނަ ރިޔާސީ އިންތިހާބުން ފެށިގެން ދެ ބުރު ނޯންނަ ގޮތަށް، އެއްބުރުން މީހަކު ހޮވައި ނިންމޭ ގޮތަށް ކަންކަން ބަދަލުކުރަން،" ރައީސް އޭރު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވިގޮތުގައި އޭރުން ހަރަދު ވެސް ކުޑަކުރެވޭނެ އެވެ. ރައީސް މުއިއްޒު ވިދާޅުވީ، އެފަދަ ބައެއް މުހިންމު ކަންކަން ތައާރަފު ކުރުމަށްޓަކައި ރައްޔިތުންގެ ގާތު އަހައިގެން ނިންމުމަކީ ކުރަން ޖެހޭނެ ކަމެއް ކަމަށެވެ.