08 އޯގަސްޓް 2024
ސަރުކާރުގެ ކަންކަން ހަމަޔަކަށް އަޅުވައި ޖަވާބުދާރީ ކުރުވުމުގެ ކަންކަން އިތުރަށް ވަރުގަދަ ކުރަން އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ގައުމީ މަޖިލިހުން ރޭ ނިންމައިފި އެވެ.
ސަރުކާރުގެ ކަންކަން ހަމަޔަކަށް އަޅުވައި ޖަވާބުދާރީ ކުރުވުމުގެ ކަންކަން އިތުރަށް ވަރުގަދަ ކުރަން އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ގައުމީ މަޖިލިހުން ރޭ ނިންމައިފި އެވެ.
ދުވަސްތަކަކަށް ފަހު ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލިހުގައި ވާހަކަ ދައްކަވަމުން ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވީ، ކޮންމެ ހަފުތާއަކު އެއް ދުވަހު އެ މަޖިލިހުގެ ބައްދަލުވުމެއް ދުވާލުގެ ވަގުތެއްގައި ބާއްވާނެ ކަމަށެވެ. އޭނާ ވިދާޅުވީ، ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލިހުން ނުކުރެވޭ ކަންކަން ވެސް މިހާރު ޖެހުނީ އެމްޑީޕީގެ "ބޮލަށް" ކަމަށާއި އެހެންވެ ކޮންމެ ދާއިރާއެއް ތަމްސީލު ކުރެވޭ ގޮތަށް ރަށްރަށުގެ ހާލަތު ބެލުމަށް ކޮންމެ ހަފުތާއަކު ބައްދަލުވުމެއް ބާއްވަން ޖެހޭ ކަމަށެވެ.
"މި ތަނުގައި ދެއްކެވުނު އެކިއެކި ވާހަކައިގެ ތެރެއިން އަޅުގަނޑުމެންނަށް އެބަ އެނގޭ މިއަދު ދިވެހި ރައްޔިތުންނަށް އެބަ ބޭނުންވޭ ކަން މިހާރު މި އޮތް ވަަރަށް ވުރެ ވަރުގަދަކޮށް އަޅުގަނޑުމެންގެ ޕާޓީ ހަރަކާތްތެރިވާން،" އެމްޑީޕީގެ އެންމެ ފަހުގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިހާރު ވެސް އެމްޑީޕީން އަންނަނީ ސަރުކާރު ޖަވާބުދާރީ ކުރުވަން މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެ ތެރޭގައި ޕެނަލް ޑިސްކަޝަންތަކާއި ހަރުގެ ޖަލްސާތަކާއި އިންޓަވިއުތައް އަދި ނޫސްބަޔާންތައް ނެރުން ފާހަގަކުރެއްވި އެވެ.
އެމްޑީޕީގެ ރޭގެ ގައުމީ މަޖިލިހުގެ ބައްދަލުވުމަށް ހާޒިރުވި ބައެއް މެމްބަރުން.--- ފޮޓޯ: އެމްޑީޕީ
"އަޅުގަނޑުމެންގެ ވެސް ބޭނުމަކަށް ވީ ސަރުކާރު އަޑުއަހާތޯ އެކިއެކި ގޮތްގޮތަށް ބެލުން. މަޑުމަޑުން ބުނެގެން، ބާރަށް ބުނެގެން، ރުންކުރު ގޮތަށް ބުނެގެން، އެހެން ގޮތްގޮތަށް ބުނެގެން މި ހުރިހާ ގޮތަކުން ވެސް އަޅުގަނޑުމެން މަސައްކަތް މި ކުރީ ސަރުކާރު އަޑުއަހާތޯ މަސައްކަތް ކުރަން،" ފައްޔާޒު ވިދާޅުވި އެވެ.
"ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ މަސައްކަތް އަދާކުރަމުން މި ދިޔައީ. އެހެން ނަމަވެސް މިއަދުގެ ހާލަތާއި މިއަދު ދިވެހިރާއްޖޭގެ ކަންކަން ކުރަން ނޭނގި ނާގާބިލްކަންމަތީގައި ގޮސް ސަލާމަތުގެ އައްސޭރިއަކަށް ރީތިކޮށް ގެންދެވެން އޮތް ގައުމެއް ގޮސް ބޮޑު އަނދަވަޅަކަށް ވައްޓާލާ ތަން ބަލަން ދެން އިތުރަށް ބަލަން ދަތިވޭ އާންމުން ރައްޔިތުންނަށް ބޮޑެތި އަނިޔާތައް ދޭން ފަށާ ހިސާބުން."
ފައްޔާޒު ވިދާޅުވީ، ސަރުކާރުން ދީފައިވާ ވަޒީފާތަކުން މީހުން ވަކިކޮށް ތަކެތީގެ އަގު ބޮޑުވަމުން ދާއިރު، ސަރުކާރަށް އެ ވާހަކަތައް އަޑު އިއްވަން "މި ނޫން ހާލަތަކަށް" އެމްޑީޕީ ތައްޔާރުވާން ޖެހޭ ކަމަށެވެ.
އެމްޑީޕީގެ ގައުމީ މަޖިލިހުގެ ރޭގެ ޖަލްސާގައި ވަނީ ސަރުކާރުން ދީފައިވާ ވަޒީފާތަކުން ވަކިކުރާ މީހުންނަށް އިންސާފު ހޯދައި ދިނުމަށް މަސައްކަތް ކުރުމަށް ގަރާރެއް ވެސް ފާސްކޮށްފަ އެވެ.
އެ ގަރާރުގައިވާ ގޮތުން އެ ކަމަށް އެމްޑީޕީގެ ފަރާތުން އިސްވެ މަސައްކަތް ކުރާނީ ފަސް މެމްބަރުންގެ ކޮމިޓީއަކުންނެވެ. އެ ކޮމިޓީގައި ތިއްބަވަނީ އެމްޑީޕީގެ ނައިބު ރައީސް ހިސާން ހުސައިނާއި ލީގަލް ޑިރެކްޓަރު މަހުފޫޒު ސައީދާއި ރައްޔިތުންގެ މަޖިލިހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފު ޒާކިރާއި އަލިފުށީ ދާއިރާގެ ރައީސް މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އަދި ކުޑަހުވަދޫ ދާއިރާގެ ރައީސް ޝާތިރު އަބްދުއްރަހުމާނެވެ.
ގަރާރު ފާސްކުރީ ގައުމީ މަޖިލިހުގެ ރޭގެ ބައްދަލުވުމަށް ހާޒިރުވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.
ރޭ ވާހަކަ ދެއްކެވި ހުރިހާ މެމްބަރުން ވެސް ގައުމުގެ ކަންކަން ބޮއްސުންލައިގެން ދާ ކަމަށް ވިދާޅުވެ، ސަރުކާރު ހަމަ މަގަށް އަޅުވަން އެމްޑީޕީގެ މަސައްކަތްތައް އިތުރު ހަރުފަތަކަށް ގެންދަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލިހުގެ ރޭގެ ބައްދަލުވުމުގައި އެ ޕާޓީގެ ރައީސް ފައްޔާޒު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: އެމްޑީޕީ
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު ވިދާޅުވީ، ކަންކަން ރަނގަޅު ކުރުމަށް ސަރުކާރަށް އެމްޑީޕީން މިހާތަނަށް ޖާގަ ދީފި ކަމަށާއި ތާއަބަދު އެ ގޮތަށް އެ ޕާޓީން ތިބުމުގެ މާނައެއް މިހާރު ނެތް ކަމަށެވެ.
"ސަރުކާރަށް އެހީތެރިވެގެން ވެސް މި ގައުމު ކަޅު އަނދިރި އަނދަވަޅަކަށް ވެއްޓުނަ ނުދޭން ކުރަން ޖެހޭ ހުރިހާ ކަމެއް އެބަ ކުރަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
ބޮޑު ދެ އިންތިހާބުން އެމްޑީޕީ ބަލިވި ސަބަބު ބަލަނީ!
ޕްރައިމަރީއާ ހެދި އުޅެން އަދި މާ އަވަސް: މޫސަ
ފައްޔާޒު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަނީ
"އަޅުގަނޑު ޕާޓީ ހިންގަން ބޭނުންނުވާ މީހުން އުޅޭ"
މާލީ ބާރުވެރިކަން ހޯދަން އެމްޑީޕީން ވިޔަފާރި ކުރަނީ!
މާލީ ނިޒާމުގެ މިނިވަންކަން ނަގާލައިފި: ފައްޔާޒް
އެމްޑީޕީ މާލެ ދާއިރާގެ ރައީސް ކަމަށް އާޒިމް
އިސްތިއުފާ ދިނުމުގެ ވިސްނުމެއް މި ވަގުތު ނެތް: ފައްޔާޒު
އެމްޑީޕީ އޮންނާނީ ސަރުކާރު ޒިންމާދާރުކުރަން: ފައްޔާޒު
ފައްޔާޒުގެ ވަރުގަދަ އިންޒާރެއް އިދިކޮޅަށް!