Roadha Mihaaru

ބަޑިޖެހުމުގެ 27 ހާދިސާއެއްގައި ލަންކާއިން މި އަހަރު 22 މަރު

ބަޑިޖެހުމުގެ ހާދިސާތައް މި އަހަރުގެ ޖެނުއަރީން ފެށިގެން ލަންކާގައި އިތުރުވަމުންދާ ކަމަށާއި މިހާތަނަށް 27 ހާދިސާއެއްގައި 22 މީހަކު މަރާލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ބަޑިޖެހުމުގެ ހާދިސާތަކުގައި ލަންކާއިން 22 މަރު

ބަޑިޖެހުމުގެ ހާދިސާތައް މި އަހަރުގެ ޖެނުއަރީން ފެށިގެން ލަންކާގައި އިތުރުވަމުންދާ ކަމަށާއި މިހާތަނަށް 27 ހާދިސާއެއްގައި 22 މީހަކު މަރާލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ޖެނުއަރީ މަހުގެ ކުރީކޮޅު މީގެ ހާދިސާތައް ފެށުނު އިރު، މާޗް މަހާ ހަމައަށް ވެސް އެކަން ހުއްޓުމަކަށް ނާދެ އެވެ. މައުންޓް ލެވީނިއާ، މަންނާރު، ގަލޭ، ކޮޓަހެނާ އަދި ދޭވިނޫވާރާ ފަދަ މުހިންމު ސަރަހައްދުތަކުގައި ވަނީ ހާދިސާތައް ހިނގައިފަ އެވެ. މަރުވި މީހުންގެ ތެރޭގައި އާންމުންނާއި ގޭންގުތަކާ ގުޅުން ހުރި ކަމަށް ތުހުމަތު ކުރެވޭ މީހުންނާއި ޖަލުގެ ކުރީގެ އޮފިޝަލަކު ވެސް ހިމެނެ އެވެ.

މި ހާދިސާތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ހާދިސާތަކުގެ ތެރޭގައި ފިރިހެނަކާއި އޭނާގެ ދެ ދަރިން މަރާލުމާއި ކޯޓު ތެރޭގައި ގޭންގު ލީޑަރަކު މަރާލުން ހިމެނެ އެވެ.

ގޭންގު ކުށްތަކާއި މަސްތުވާތަކެއްޗާ ދެކޮޅަށް ލަންކާގައި އޮޕަރޭޝަންތައް ވަރުގަދަކޮށްފައި ވާއިރު ވާދަވެރި ގޭންގުތަކުގެ މެދުގައި އުފެދިފައިވާ ހަމަނުޖެހުންތަކުގައި ބަޑީގެ ހަމަލާތައް ދިނުން އިތުރުވީ ކަމަށް ވަނީ ބެލެވިފަ އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ގާތްގަނޑަކަށް 1،400 މީހުން ހަރަކާތްތެރިވާ 57 ގޭންގެއް ވަނީ ފާހަގަކުރެވިފަ އެވެ.

ލަންކާގައި މިދިޔަ އަހަރު ވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް ހިންގައި އެތައް ހާސް ބަަޔަކާއި އެތައް ސަތޭކަ ކިލޯއެއްގެ މަސްތުވާތަކެތި އަތުލައިގެންފަ އެވެ. މީގެ އޮޕަރޭޝަނެއްގައި މިދިޔަ ޖެނުއަރީ މަހު ވެސް، ޑްރަގް ވިޔަފާރީގައި އުޅޭ މީހެއްގެ ގެއިން 283 މިލިއަން ރުޕީސް (ގާތްގަނޑަކަށް 955،000 ޑޮލަރު) ފެނިފައިވެ އެވެ.