Roadha Mihaaru

ފީ ނުދައްކާ ޓޫރިސްޓުން ދިގުރަށުން ބޭލި މައްސަލަ ބަލަނީ

އދ. ދިގުރަށް ކައުންސިލުން ކަނޑައަޅާފައިވާ ފީ ނުދޭ ޓޫރިސްޓުން އެ ރަށުން ބޭރުކުރާ މައްސަލައިގެ ތަހުގީގެއް ކުރަން ސަރުކާރުން ނިންމައިފި އެވެ.

ފީ ނުދައްކާ ޓޫރިސްޓުން ދިގުރަށުން ބޭލި މައްސަލަ ބަލަނީ
ނާޒިމް ހަސަން
ނާޒިމް ހަސަން

14 މާޗް 2025

އދ. ދިގުރަށް ކައުންސިލުން ކަނޑައަޅާފައިވާ ފީ ނުދޭ ޓޫރިސްޓުން އެ ރަށުން ބޭރުކުރާ މައްސަލައިގެ ތަހުގީގެއް ކުރަން ސަރުކާރުން ނިންމައިފި އެވެ.

ދިގުރަށު ކައުންސިލުން ވަނީ އެ ރަށުގެ ބަނދަރު ސަރަަހައްދު ނޫން ތަންތަނުގައި ޓޫރިސްޓުން މަޑުކުރާ ނަމަ އަދި ތުނޑި ބޭނުން ކުރާ ޓޫރިސްޓުން އަތުން ފީތަކެއް ނަގަން ނިންމައިފަ އެވެ. ދުނިޔޭގެ މަގުބޫލުކަން ވެސް ލިބިފައިވާ ދިގުރަށު ތުނޑިއަކީ ރާއްޖޭގައި ވެސް އޮތް އެފަދަ އެންމެ ބޮޑު އެއް ތުނޑި އެވެ.

އެ ތުނޑިއަށް ކޮންމެ ދުވަހަކު ވެސް ގިނަ އަދަދެއްގެ ޓޫރިސްޓުން ޒިޔާރަތް ކުރާއިރު، އޭގެ ތެރޭގައި ކައިރި ރިސޯޓްތަކާއި އެހެން ރަށްރަށުގެ ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރާ ޓޫރިސްޓުން ހިމެނެ އެވެ.

ކައުންސިލުން ފީ ނަގަން ފެށި ފަހުން، އެ ފީ ނުދައްކާ ޓޫރިސްޓުންނަށް ތުނޑީގައި ނޫޅެވޭނެ ކަމާއި އެ ރަށުން ފައިބަން ޖެހޭނެ ކަން ދަނީ އަންގަމުންނެވެ. ފީ ނުދައްކާ އުޅުނު ޓޫރިސްޓުންތަކެއް ރަށުން ފައިބަން، ކައުންސިލްގެ ރައީސް އިބްރާހިމް އުސްމާން އަންގާ ވީޑިއޯއެއް ވެސް ވަނީ އާންމުވެފަ އެވެ.

އެ ވީޑިއޯއާ ގުޅިގެން ޓޫރިޒަމް ދާއިރާގެ ބައެއް ބޭފުޅުން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އެއީ، ޓޫރިސްޓުންނަށް މަރުހަބާ ކިޔުމުގައި ރާއްޖެއަށް ލިބިފައިވާ ރީތި ނަން ކިލަނބުވެގެން ގޮސްދާނެ ކަމުގެ ބިރު އޮތް ކަމެއް ކަމަށް އެ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.

އެކަމާ ގުޅިގެން ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިގުރަށުން ފެނިގެންދިޔައީ ހިތާމަވެރި ކަމެއް ކަމަށާއި އެކަން ހިނގި ގޮތުގެ ހާލަތުތައް ދެނެގަތުމަށްޓަކައި ތަހުގީގެއް ކުރިއަށް ގެންދާނެ ކަމަށެވެ.

"ރަށްރަށުގައި އޮންނަ މުޖުތަމައުގެ މިންގަނޑުތަކަށް އިހްތިރާމްކުރުމުގައި އަޅުގަނޑުމެން ދެމިތިބި ނަމަވެސް، އަޅުގަނޑުމެންގެ ރަށްރަށުން ފަތުރުވެރިންނަށް އެކަށީގެންވާ މަރުހަބާއެއް ކިޔަން ޖެހޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މުޖުތަމައުގެ މިންގަނޑުތައް ދެމެހެއްޓުމަށާއި ޓޫރިޒަމް ސިނާއަތް ފުޅާކޮށް ކުރިއަރައިދިއުމަށްޓަކައި، ކަމާގުޅޭ ހުރިހާ ފަރާތްތަކަކާ އެކު ގާތުން މަސައްކަތްކުރާނެ އެވެ.