ފަލަސްތީނުގެ ނަސްލު ނައްތާލަން އިޒްރޭލުން ދޭ ހަމަލާތަކާ ގުޅިގެން އިޒްރޭލްގެ ޕާސްޕޯޓުގައި ރާއްޖެ އަށް އެތެރެވުން މަނާކުރަން ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާ މެދު ގޮތެއް ނިންމުމުގެ މައްސަލަ އަނެއްކާ ވެސް ދިގުދަންމާލައިފި އެވެ.
10 މާޗް 2025
ފަލަސްތީނުގެ ނަސްލު ނައްތާލަން އިޒްރޭލުން ދޭ ހަމަލާތަކާ ގުޅިގެން އިޒްރޭލްގެ ޕާސްޕޯޓުގައި ރާއްޖެ އަށް އެތެރެވުން މަނާކުރަން ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާ މެދު ގޮތެއް ނިންމުމުގެ މައްސަލަ އަނެއްކާ ވެސް ދިގުދަންމާލައިފި އެވެ.
އިޒްރޭލުގެ ޕާސްޕޯޓު އޮންނަ މީހުން ރާއްޖެ އަށް އެތެރެވުން މަނާކުރުމަށް އިމިގްރޭޝަން ގާނޫނު ބަދަލުކުރަން ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. މިދިޔަ އަހަރުގެ މެއި 29 ވަނަ ދުވަހު ހުށަހެޅި ބިލް ބަލައިގަނެ ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީ އަށް ފޮނުވި ފަހުން، އެ ބިލް އަދިވެސް އޮތީ ކޮމިޓީ މަރުހަލާގަ އެވެ.
ގިނަ ދުވަސްތަކެއް ވަންދެން ކޮމިޓީގައި ޕާކްކޮށްފައި އޮތް ބިލުގެ މަސައްކަތް ނިންމުމަށް އެކި ސުންގަޑިތައް ކަނޑައެޅިއިރު، މިދިޔަ އަހަރު ފުރަތަމަ ނިންމީ މި އަހަރުގެ ފެބްރުއަރީ ނިޔަލަށް ނިންމުމަށެވެ. އޭގެ ފަހުން ޕްރެޝަރު ބޮޑުވެ، މިދިޔަ އަހަރުގެ ޑިސެންބަރު މަހު ނިންމަން ވެސް ކޮމިޓީން އަމާޒު ހިފި އެވެ.
ނަމަވެސް، މާ ގިނަ ކުރިއެރުންތަކެއް ނުލިބި، އެ ބިލުގެ މަސައްކަތް އޮތީ ކޮމިޓީގައި މަޑުޖެހިފަ އެވެ.
ބިލާ ގުޅިގެން ސުވާލުކުރުމުން 241 ކޮމިޓީގެ ނައިބު މުގައްރިރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު "މިހާރު" ވިިދާޅުވީ ބިލުގެ މަސައްކަތް ނުހުއްޓޭ ކަމަށާއި ވަރަށް ބާރު ސްޕީޑުގައި ކުރިއަށް ދާ ކަމަށެވެ.
ފަލާހު ވިދާޅުވީ، މި މައްސަލައަކީ ހައްސާސް، އެހާމެ ބޮޑު މައްސަލައަކަށް ވާތީ، ގިނަ ބަޔަކާ މަޝްވަރާ ކުރަން ޖެހޭ ކަމަށެވެ. އެހެންވެ، ޖުލައިގެ ނިޔަލަށް ބިލުގެ މަސައްކަތް ނިންމުމަށް ކޮމިޓީން ނިންމާފައިވާ ކަމަށެވެ.
މި ބަދަލު ގެނައުމަށް ހުރިހާ ސިޔާސީ ޕާޓީތަކާއި އެޓާނީ ޖެނެރަލްގެ އޮފީހާއި އިކޮނޮމިކް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީ އާއި ޓްރާންސްޕޯޓް މިނިސްޓްރީ އާއި އިމިގްރޭޝަން އަދި މަޓީ އާއި އެހެނިހެން އެންޖީއޯތަކާ މަޝްވަރާ ކުރުމަށް ކޮމިޓީން އޮތީ މީގެ ކުރިން ނިންމައިފަ އެވެ. އޭގެ ތެރެއިން ބައެއް ފަރާތްތަކާ އޭރު ބައްދަލުކޮށް ހިޔާލު ވެސް ހޯދާފައިވެ އެވެ.
އިޒްރޭލު ޕާސްޕޯޓު މަނާކުރުމަށް ނިންމާފައިވާ ކަމަށް މިދިޔަ ޖުލައި މަހުގެ ދެ ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އޮތީ އިއުލާނު ކުރައްވައިފަ އެވެ.
ނަމަވެސް މިއަދާ ހަމައަށް ވެެސް އެ ނިންމުން ތަންފީޒު ނުވެ އޮތީ ކޮން ސަބަބަކާ ގުޅިގެންތޯ ހޯދުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް އާ ލިޔުމުން ޖަވާބު ހޯދުމަށް ސުވާލު ފޮނުވައިފަ އެވެ.
އެ ސުވާލަށް ހަލީލް މިއަދުން ލިޔުމުން ފޮނުއްވި ޖަވާބުގައި ވިދާޅުވީ، އެކަން ކުރެވެން އޮތީ އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނެސްގެން ކަމަށް ވީއިރު، ތަންފީޒު ނުވެ އޮތީ މަޖިލީހުން އެ މަސައްކަތް ނުނިމޭތީ ކަމަށެވެ.
އިޒްރޭލްގެ ޕާސްޕޯޓު މަނާކުރުމުގެ މައްސަލަ މޭ މަހު މަޖިލީހަށް ހުށަހަޅައި ކޮމިޓީ އަށް ބަލައިގެންފައިވީ ނަމަވެސް އެ މައްސަލަ ކުރިއަށް ނުގޮސް ލަސްވާތީ އިދިކޮޅު އެމްޑީޕީ އާއި އާންމުންގެ ފާޑުކިޔުން އޮތީ ސަރުކާރު އަދި މަޖިލިހުގެ ސުޕަ މެޖޯރިޓީ ޕާޓީ ޕީއެންސީ އަށް ވަރަށް ބޮޑަށް އަމާޒު ވެފަ އެވެ.
ބިލުގެ މަސައްކަތް ނުނިމި މިހާ ދިގުލައިގެން ގޮސްފައިވާއިރު، އޭގެ ފަހުން ސަރުކާރުން މަޖިލީހަށް ހުށަހެޅި ގިނަ ބިލުތަކެއް ކުރު މުއްދަތެއްގެ ތެރޭގައި ވަނީ ފާސްކޮށް، ތަސްދީގު ވެސް ކޮށްފަ އެވެ.
އިޒްރޭލު ޕާސްޕޯޓު މަނާކުރަން ފަލަސްތީނުގެ ބަސް ހޯދަނީ
އިޒްރޭލްގެ ޕާސްޕޯޓު މަނާކުރާ ބިލްގެ މަސައްކަތް ފަށަނީ
އިޒްރޭލު ޕާސްޕޯޓާ ގުޅޭ ކުއްލި މައްސަލަ ބަލައިނުގަތް!
ޒަކިއްޔާގެ މަރުގެ މައްސަލަ މަޖިލީހުގެ 241 ކޮމިޓީއަށް
އިޒްރޭލް ޕާސްޕޯޓް މަނާކުރަން ގެސްޓްހައުސްތަކުން ދެކޮޅު
އިޒްރޭލް ޕާސްޕޯޓު މަނާކުރުން: އިދާރާތައް ހާޒިރުކުރަނީ
އިޒްރޭލު ޕާސްޕޯޓް މަނާކުރާއިރު ވިސްނަންޖެހޭ: ސައުދުﷲ
އިޒްރޭލް ޕާސްޕޯޓު މަނާކުރުން އަވަސްކުރަން ގަރާރެއް
އިޒްރޭލްގެ ޕާސްޕޯޓް ބިލް ފެބްރުއަރީގެ ކުރިން ނުނިމޭނެ
މުރައިދޫގޭ މުވައްޒަފުންގެ ތަފުސީލް ހާމަކުރަން ފާސްކޮށްފި