Roadha Mihaaru

އިޒްރޭލް ޕާސްޕޯޓު މަނާކުރުން އަވަސްކުރަން ގޮވާލާ ގަރާރެއް

އިޒްރޭލުން ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތަކާ ގުޅިގެން އިޒްރޭލުގެ ޕާސްޕޯޓު ރާއްޖޭގައި މަނާކުރަން ހުށަހަޅާފައިވާ ބިލުގެ މަސައްކަތް އަވަސް ކުރަން ގޮވާލާ ގަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

އިޒްރޭލް ޕާސްޕޯޓު މަނާކުރުން އަވަސްކުރަން ގަރާރެއް
މޫސާ ރަޝީދު
މޫސާ ރަޝީދު

12 ނޮވެމްބަރ 2024

އިޒްރޭލުން ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތަކާ ގުޅިގެން އިޒްރޭލުގެ ޕާސްޕޯޓު ރާއްޖޭގައި މަނާކުރަން ހުށަހަޅާފައިވާ ބިލުގެ މަސައްކަތް އަވަސް ކުރަން ގޮވާލާ ގަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވި ގަރާރުގައި ވިދާޅުވެފައި ވަނީ ފަލަސްތީނުގެ ރައްޔިތުންގެ ނަސްލު ނައްތާލުމުގެ އަމަލު ހިންގަމުން އަންނަތާ އަހަރެއް ވެފައިވާއިރު ސަރުކާރުން އެކަން ކުށްވެރިކުރުން ފިޔަވައި އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށެވެ.

އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެ އައުން މަނާކުރުމަށް އިމިގްރޭޝަން ގާނޫނަށް ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމް އިސްލާހެއް ހުށަހަޅާފައި ވަނިކޮށް ސަރުކާރުން ވަނީ ކެބިނެޓް ބައްދަލުވުމެއް ބާއްވައި ޕާސްޕޯޓު މަނާކުރަން ނިންމާފައިވާކަން އިއުލާންކޮށްފަ އެވެ. ކުޑޫގެ ގަރާރުގައި ވަނީ ސަރުކާރުގެ އެ ނިންމުމުގައި އަމަލީ ސިފައެއް ޖެއްސުމަށް އެއްވެސް ކަމެއް ކޮށްފައި ނުވާ ކަމަށެވެ.

އެ ބިލު މަޖިލީހުގެ 241 ކޮމިޓީގައި އޮންނަތާ ހަތަރު މަސް ވެފައިވާ ކަމަށް ކުޑޫ ވިދާޅުވި އެވެ. ނަމަވެސް މަޖިލީހުގެ އަޣުލަބިއްޔަތު ސަރުކާރު ހިންގާ ޕާޓީއަށް އޮތް އިރު ބޭނުންވާ އެހެން ކަންކަން މަޖިލީހުގެ ތެރެއިން ދައުރުން ބޭރުން ޖަލްސާ ބާއްވައިގެން ވެސް ނިންމަމުންދާ ކަމަށް ކުޑޫ ވިދާޅުވި އެވެ.

"... އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމަށްޓަކައި ހުށަހަޅާފައިވާ ބިލު އަވަހަށް ފާސްކުރުމަށް ބާރު އަޅައިދިނުމަށް ސަރުކާރަށް ގޮވާލުމަށްޓަކައި މި ގަރާރު ހުށަހެޅީމެވެ." އެ ގަރާރުގައިވެ އެވެ.

އިޒްރޭލް ޕާސްޕޯޓު މަނާކުރުމުގެ މައްސަލަ ގިނަ ދުވަސްތަކެއް ވަންދެން މަޑު ޖެހިފައި އޮތުމަށް ފަހު މަޖިލީހުގެ 241 ކޮމިޓީން މިއަދު ވަނީ އެ މަސައްކަތް އަލުން ފަށައިފަ އެވެ. އެ މައްސަލަ ނިންމާނެ ތާރީހެއް ކަނޑައަޅަން މިއަދު ބޭއްވި ބައްދަލުވުމުގައި މެންބަރުން ވިދާޅުވި ގޮތުގައި މި ދައުރުގެ ތެރޭގައި އެ ބިލުގެ މަސައްކަތް ނިންމޭނެ ކަމަކަށް ނުބެލެވެ އެވެ.