Roadha Mihaaru
އެކްސިޑެންޓްވެ ދެ މީހަކަށް އަނިޔާވުމުން ވެސް މަޑުނުކުރި

އެކްސިޑެންޓްވެ، ދެ މީހަކަށް އަނިޔާވުމުން ވެސް މަޑުނުކޮށްދިޔަ މީހަކު ހައްޔަރުކޮށްފި

01 ޑިސެމްބަރ 2024

ގަވާއިދާ ހިލާފަށް އޯވާޓޭކް ކުރުމުގެ ސަބަބުން މިދިޔަ ހުކުރު ދުވަހު އެކްސިޑެންޓްވެ، ދެ މީހަކަށް އަނިޔާވި ނަމަވެސް މަޑުނުކޮށް ދިޔަ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.

ގަވާއިދާ ހިލާފަށް އޯވާޓޭކް ކުރުމުގެ ސަބަބުން މިދިޔަ ހުކުރު ދުވަހު އެކްސިޑެންޓްވެ، ދެ މީހަކަށް އަނިޔާވި ނަމަވެސް މަޑުނުކޮށް ދިޔަ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.

މި އެކްސިޑެންޓާ ގުޅިގެން ފުލުހުން ހައްޔަރުކުރީ ބ. އޭދަފުށީ، ފަސްމީރު، ޝުނާނު މުހައްމަދު، 22 އެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރު ކުރުމުން، ތަހުގީގުގެ ބޭނުމަށް ފަސް ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓަން ވަނީ އަމުރު ކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.

އެކްސިޑެންޓް ހިނގީ ސިނަމާލެ ބްރިޖުގެ ހައިވޭގައި ޝުނާނު ސައިކަލް ބާރުސްޕީޑްގައި ދުއްވާފައި ގޮސް ގަވާއިދާ ހިލާފަށް އޯވާޓޭކް ކުރުމުގެ ތެރޭގައި އޭނާގެ ސައިކަލް އެހެން ސައިކަލެއްގައި ޖެހިގެން ކަމަށް ފުލުހުން ބުންޏެވެ.

ހުކުރު ދުވަހުގެ މެންދުރު ފަހު 2:43 ހާއިރު އެކްސިޑެންޓްވިއިރު، ޝުނާނު ވަނީ މަޑުނުކޮށް އެ ސަރަހައްދުން ގޮސްފަ އެވެ.

ޝުނާނުގެ ސައިކަލުން ޖެހުނު ސައިކަލްގައި ތިބި ދެ މީހުންނަށް އަނިޔާވެފައި ވެ އެވެ. އެއީ ދިވެހި ފިރިހެނަކާއި އަންހެނެކެވެ. އޭގެ ތެރެއިން ފިރިހެން މީހާ އަށް ފަރުވާދިނުމަށް ފަހު ވަނީ ދޫކޮށްލައިފަ އެވެ. އަންހެންމީހާ އަށް ހުޅުމާލެ ހޮސްޕިޓަލްގައި އަދިވެސް ގެންދަނީ ފަރުވާދެމުންނެވެ.