Roadha Mihaaru
ލައިޓަށް މަޑުނުކުރި، ތިން މީހަކަށް ފަރުވާދެނީ

ބްރިޖުގެ ލައިޓަށް މަޑުނުކޮށް ދިޔަ ސައިކަލެއް އެކްސިޑެންޓުވެ، ތިން މީހަކަށް ފަރުވާ ދެނީ

10 އެޕްރީލް 2023

ސިނަމާލެ ބްރިޖުގެ ޓްރެފިކް ލައިޓަކަށް މަޑުނުކޮށް ދިޔަ ސައިކަލެއްގައި، ފަހަތުން ދިޔަ އެހެން ސައިކަލަކުން ޖެހި ރޭ ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާ ދޭން ފަށައިފި އެވެ.

ސިނަމާލެ ބްރިޖުގެ ޓްރެފިކް ލައިޓަކަށް މަޑުނުކޮށް ދިޔަ ސައިކަލެއްގައި، ފަހަތުން ދިޔަ އެހެން ސައިކަލަކުން ޖެހި ރޭ ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާ ދޭން ފަށައިފި އެވެ.

ފުލުހުން ބުނީ، ހުޅުމާލެ އިން މާލެ އަށް އަރާ ހިސާބުގައި ހުންނަ ޓްރެފިކް ލައިޓަށް މަޑުނުކޮށް ދިޔަ ސައިކަލެއްގައި އެހެން ސައިކަލަކުން ރޭ 11:30 ހާއިރު ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ތިން މީހުންގެ ތެރެއިން އެކަކަށް ފަރުވާ ދެނީ އައިޖީއެމްއެޗުގައި ކަމަށެވެ. އެއީ އުމުރުން 43 އަހަރުގެ ފިރިހެނެކެވެ.

އުމުރުން 47 އަހަރުގެ ފިރިހެންމީހާ އަށާއި 31 އަހަރުގެ ފިރިހެންމީހާ އަށް ސެނަހިޔާ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

އެކްސިޑެންޓާ ގުޅޭ އިތުރު ތަފުސީލެއް އަދި ލިބުނު އަނިޔާއެއް އަދި ނޭނގެ އެވެ.

ސިނަމާލެ ބްރިޖު މަތީގައި އެކްސިޑެންޓްތައް ފަހަކަށް ވެސް އިތުރު ވަމުން ދާއިރު، ބޮޑަށް ފާހަގަކުރެވެނީ ބާރު ސްޕީޑްގައި ދުއްވާފައި ދާ މައްސަލަ އެވެ. ހާއްސަކޮށް ޓްރެފިކް ލައިޓް ރަތްވެފައި ހުއްޓާ ވެހިކަލްތައް ދުއްވާ މައްސަލަ ވަރަށް ބޮޑެވެ. ޓްރެފިކް ލައިޓަށް މަޑުނުކޮށް ދާ ވެހިކަލްތައް އެކްސިޑެންޓްވެ، މީގެ ކުރިން ވެސް ސީރިއަސް އެކްސިޑެންޓްތައް ވެފައި ވެ އެވެ.