Roadha Mihaaru
އިއްސެގެ އެކްސިޑެންޓުގެ ވީޑިއޯ ލީކުވި މައްސަލަ ބަލަނީ

އިއްސެގެ މަރުވި އެކްސިޑެންޓުގެ ވީޑިއޯ އާންމުވި މައްސަލަ ބަލަނީ

19 ޑިސެމްބަރ 2022

ސިނަމާލެ ބްރިޖްގައި ސައިކަލަކާއި ކާރެއް ޖެހި، ވިޔަފާރިވެރިޔާ އިސްމާއިލް މޫސާ (ޖަމްބޯ އިއްސެ) މަރުވި އެކްސިޑެންޓުގެ މަންޒަރު ފެންނަ ވީޑިއޯ އާންމުވި ގޮތް ބަލައި ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ސިނަމާލެ ބްރިޖްގައި ސައިކަލަކާއި ކާރެއް ޖެހި، ވިޔަފާރިވެރިޔާ އިސްމާއިލް މޫސާ (ޖަމްބޯ އިއްސެ) މަރުވި އެކްސިޑެންޓުގެ މަންޒަރު ފެންނަ ވީޑިއޯ އާންމުވި ގޮތް ބަލައި ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ބްރިޖާ ގުޅިފައިވާ ހައިވޭގައި މިދިޔަ ހުކުރު ދުވަހުގެ މެންދުރު ފަހު ހިނގި އެކްސިޑެންޓުގައި އުމުރުން 54 އަހަރުގެ އިއްސެ މަރުވީ، އޭނާ ދުއްވަމުން ދިޔަ ސައިކަލު ކާރެއްގައި ޖެހިގެންނެވެ. އެ ހާދިސާގައި އިއްސެގެ ބޮލަށް ވެސް އަނިޔާވި އިރު، އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު އޮތީ މަރުވެފައި ކަމަށް ވެ އެވެ.

އެ ހާދިސާގެ މަންޒަރު ބްރިޖު މަތީގައި ހުރި ކެމެރާއަކަށް އެރި އެވެ. އެކަމަކު، އެ ވީޑިއޯ މިއަދު ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ.

އެކަމާ ގުޅިގެން މީޑިއާ އިން ފުލުހުންނާ ސުވާލު ކުރުމުން ފޮނުވި މެސެޖެއްގައި ބުނީ، އެ ވީޑިއޯ ދައުރުވަމުންދާތީ އެކަމުގެ ކަންބޮޑުވުން އިއްސެގެ އާއިލާ އިން ފުލުހުންނާ ހިއްސާ ކޮށްފައިވާ ކަމަށެވެ. އެހެންވެ، އެ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރު ނުކުރުމަށް ފުލުހުން އެދުނެވެ.

"މީހަކު މަރުވުމަށް މެދުވެރިވި އެކްސިޑެންޓެއްގެ މަންޒަރު ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުގައި ދައުރު ކުރުމަކީ މަރުހޫމްގެ އާއިލާ އަށް ނުހަނު ހިތްދަތިކަން ގެނުވާނެ ކަމެއް ކަމަށް ފުލުހުން ދެކެމެވެ،" ފުލުހުންގެ ފަރާތުން މީޑިއާ އަށް ހާއްސަ ކޮށްފައިވާ ވަޓްސްއެޕް ގުރޫޕުގައި ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ފުލުހުން ބުނީ އިއްސެ މަރުވި އެކްސިޑެންޓުގެ ވީޑިއޯ އާންމުވި މައްސަލަ ބަލަމުންދާ ކަމަށެވެ. އަދި އެ ވީޑިއޯ އާންމުވީ ކިހިނެއްކަން ބަލައި ފިޔަވަޅު އަޅާނެ ކަމަށް ވެސް ބުންޏެވެ.

"ފުލުހުންގެ ސީސީޓީވީ ކެމެރާ ފުޓޭޖުގެ އެކްސެސް ފުލުހުންގެ އޮޕަރޭޝަނަލް އަދި އިންވެސްޓިގޭޝަންގެ ވަރަށް ގިނަ މުވައްޒަފުންނަށް އޮވޭ،" ނޫސްވެރިންގެ ސުވާލުތަކާ ގުޅިގެން މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އިއްސެގެ ވީޑިއޯ އިން ފެންނަނީ އޭނާ، މާލެއިން ހުޅުމާލެ އަށް ދަނިކޮށް، ހުޅުމާލޭ ކޮޅުން އައި ކާރެއް އެއާޕޯޓާ ދިމާލަށް ދާން ލަނބާލާ ތަނުން އޭގައި ވަރަށް ބާރަށް ޖެހުނު ތަނެވެ.

އެ ހާދިސާ ހިނގީ ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެ އިން ބޭރުގައި އުޅުނު އިއްސެ، ބްރިޖުން ފައިބާ ހިސާބުގައި ހުންނަ ޓްރެފިކް ލައިޓު ރަތްވެފައި ހުއްޓައި ދުއްވާފައި ދަނިކޮށްކަން ވެސް ވީޑިއޯއިން އެނގެ އެވެ.

ވީޑިއޯ އިން ފެންނަ ގޮތުގައި މާލެ އިން ހުޅުމާލެ އަށް ދާ ލޭނުގައި އިއްސެ ނޫން މީހަކު ދުއްވައިފައެއް ނެތެވެ. ހުޅުމާލޭ ކޮޅުން އައި ހުރިހާ ވެހިކަލެއް، އިއްސެ ލައިޓް ހުރަސްކުރި ގަޑީގައި ނައްޓާލާތަން ވެސް ފެނެ އެވެ.

މާލޭގައި ކުރިން ފައިވާން ފިހާރަ ހިންގި އިއްސެ މަރުވީ ތައިލެންޑަށް ދިރިއުޅުން ބަދަލުކުރިތާ ގިނަ އަހަރުތަކެއް ފަހުން ރާއްޖެ އައިސް އުޅެނިކޮށެވެ. މީގެ 22 އަހަރު ކުރިން އޭނާ ތައިލެންޑަށް ބަދަލުވި ފަހުން ރާއްޖެ ނައިސް ހުރުމަށް ފަހު ރާއްޖެ އައީ މިދިޔަ ނޮވެމްބަރު 10 ގަ އެވެ.

މަރުވުމާ ހަމައަށް ވެސް އިއްސެއަކީ ބެންކޮކްގައި ވަރަށް ފުޅާ ދާއިރާއެއްގައި ފައިވާނާއި، މުދާ ފޮނުވައިދިނުމުގެ ހިދުމަތް ދެމުން އައި ވިޔަފާރިވެރިއެކެވެ.