Roadha Mihaaru

ޕޮލިސް ކާރުގައި ޖެހުނު ސައިކަލެއް މަޑުނުކޮށް ދަނިކޮށް ބަހުގައި ޖެހި އެކްސިޑެންޓުވެއްޖެ

ފުލުހުންގެ ކާރެއްގައި ޖެހުނު ސައިކަލެއް މަޑުނުކޮށް ދުއްވާފައި ދަނިކޮށް އެމްޓީސީސީގެ ބަހުގައި ޖެހި ސިނަމާލެ ބްރިޖުގައި މިއަދު އެކްސިޑެންޓެއް ހިނގައިފި އެވެ.

ސައިކަލު މަޑުނުކޮށް ދަނިކޮށް އިތުރު އެކްސިޑެންޓެއް
އާސިމާ ނިޒާރު
އާސިމާ ނިޒާރު

15 މާޗް 2023

ފުލުހުންގެ ކާރެއްގައި ޖެހުނު ސައިކަލެއް މަޑުނުކޮށް ދުއްވާފައި ދަނިކޮށް އެމްޓީސީސީގެ ބަހުގައި ޖެހި ސިނަމާލެ ބްރިޖުގައި މިއަދު އެކްސިޑެންޓެއް ހިނގައިފި އެވެ.

ފުލުހުން މީޑިއާ އަށް ފޮނުވި މެސެޖެއްގައި ބުނީ، އެ ސައިކަލު ދުއްވާފައި ދިޔައީ ފުލުހުންގެ ކާރުގެ ފަހަތުން ކަމަށެވެ. އެގޮތަށް ދަނިކޮށް، އެ ކާރުގައި ޖެހުމުން މަޑުކުރަން އެންގުމުން ވެސް ސައިކަލު މަޑުނުކޮށް ދަނިކޮށް އެމްޓީސީސީގެ ބަހެއްގައި ޖެހި 6:30 ހާއިރު އެކްސިޑެންޓު ވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެކްސިޑެންޓުވި ސައިކަލު ދުއްވާފައިވަނީ 18 އަހަރުން ދަށުގެ ކުއްޖެކެވެ.

ފުލުހުން ބުނީ އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށެވެ. އެކަމަކު ބަހާއި ސައިކަލު އަދި ކާރަށް އެކި ގެއްލުން ލިބިފައިވާ ކަމަށް ބުންޏެވެ.

އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.