Roadha Mihaaru
ބްރޯޑްކޮމްގެ މެމްބަރުކަމަށް އަލުން ހުޅުވާލައިފި

ބްރޯޑްކޮމްގެ މެމްބަރު ކަމަށް ކުރިމަތިލާން އަލުން ހުޅުވާލައިފި

28 ނޮވެމްބަރ 2024

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފި އެވެ.

ބްރޯޑްކޮމްގައި މި ވަގުތު ތިއްބެވި ހަތް މެމްބަރުންގެ ތެރެއިން ކޮމިޝަންގެ ރައީސާ މަރިޔަމް ވަހީދާ އާއި މެމްބަރު އަލީ ޔޫސުފްގެ މެމްބަރުކަމުގެ ދައުރު އަންނަ މަހު ހަމަވާތީ އެ ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތިލާން ފުރަތަމަ ހުޅުވާލީ މިދިޔަ ހޯމަ ދުވަހު އެވެ.

ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނީ ކުރީގެ އިއުލާން ބާތިލުކުރުމަށްފަހު، މެމްބަރު ކަމަށް ކުރިމަތިލުމަށް އަލުން ހުޅުވާލާފައިވާ ކަމަށެވެ. އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 9 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މިނިވަން މުއައްސަސާތަކުގެ މެމްބަރުންގެ ދައުރު ހަމަވުމުގެ މަހެއް ކުރިން އެ މަގާމުތަކަށް ކުރިމަތިލާން އާންމުކޮށް މީގެކުރިން އިއުލާންކުރާ ނަމަވެސް މި ފަހަރު އިއުލާންކުރީ ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށެެވެ.

ބްރޯޑްކޮމް އަދި އޮންލައިން މީޑިއާތައް ރެގިއުލޭޓްކުރާ މޯލްޑިވްސް މީޑިއާ ކައުންސިލް އުވާލުވުމަށްފަހު މީޑިއާ ކޮމިޝަނެއް އުފައްދަން ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލް ހަންނާން ރައްޔިތުންގެ މަޖިލީހަށް ދާދިފަހުން ބިލެއް ހުށަހަޅުއްވި އެވެ.

އެ ބިލާ މެދު ނޫސްވެރިން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ އެ ބިލް މަޖިލީހުން ފާސްކުރަން ތާއީދު ނުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އެހެންވެ، ހަންނާން ފަހުން ވަނީ އެ ބިލް އަނބުރާ ގެންގޮސްފަ އެވެ.