ރާއްޖޭގެ ރައީސަކު މިހާތަނަށް ބޭއްވެވި އެންމެ ދިގު ނޫސްވެރިންގެ ބައްދަލުވުން އިއްޔެ ބާއްވަވައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ރެކޯޑެއް ހައްދަވައިފި އެވެ.
04 މެއި 2025
ރާއްޖޭގެ ރައީސަކު މިހާތަނަށް ބޭއްވެވި އެންމެ ދިގު ނޫސްވެރިންގެ ބައްދަލުވުން އިއްޔެ ބާއްވަވައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ރެކޯޑެއް ހައްދަވައިފި އެވެ.
އިއްޔެ ފާހަގަކުރި ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވަން ނިންމަވައި އެ ބައްދަލުވުން ފެއްޓެވީ އިއްޔެގެ ހެނދުނު 10:00 ގަ އެވެ.
ބައްދަލުވުން ފައްޓަވަމުން ވެސް އެ މަނިކުފާނު ވިދާޅުވީ ބައްދަލުވުން ނިންމަވައިލައްވާނީ ނޫސްވެރިންގެ ކިތަންމެ ގިނަ ސުވާލެއް އޮތަސް އެ ހުރިހާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ފަހު ކަމަށެވެ.
އެ ބައްދަލުވުމުގެ ގާތްގަނޑަކަށް ދެ ގަޑިއިރު ރައީސް ހޭދަކުރެއްވީ، އެކި ދާއިރާތަކުން ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކާއި ކުރިއަށް ރޭވިފައިވާ ހުރި ޕްލޭންތަކާއި ތަސައްވަރުތައް ހިއްސާ ކުރެއްވުމަށެވެ.
އިއްޔެގެ ނިއުސް ކޮންފަރެންސްގައި ރައީސް މުއިއްޒު ނޫސްވެރިއެއްގެ ސުވާލު އަޑުއައްސަވަނީ.
އޭގެ ފަހުން، ނޫސްވެރިންގެ ސުވާލުތަކަށް ރައީސް ޖަވާބު ދެއްވަން ފެއްޓެވީ ގާތްގަނޑަކަށް މެންދުރު 12:20 އެހާކަންހާއިރެވެ.
ސަރުކާރުގެ ސިޔާސަތުތަކާއި ގައުމުގައި ހުރި މައްސަލަތަކާއި ހިންގާ މަޝްރޫއުތަކާއި އަމާޒުވާ ފާޑުކިޔުންތަކާއި ސޯޝަލް މީޑިޔާގައި ވެސް ދައުރުވަމުންދާ އެކި ކަންކަމާ ގުޅުވައި އެކި ޒާތުގެ ފަހަރަކު ސުވާލެއް ނޫސްވެރިން އަމާޒުކުރަމުން ދިޔަ އެވެ.
ރައީސް ވަނީ ޕޯޑިއަމް ކައިރީގައި ކޮޅަށް ހުންނަވައިގެން ކޮންމެ ސުވާލަކަށް، ހަމަޖެހިވަޑައިގެން ހުންނަވައި، ސާފުކޮށް ޖަވާބު ދެއްވަމުން ގެންދަވާފަ އެވެ.
އެ ބައްދަލުވުން މެދުކަނޑާލާފައިވަނީ މެންދުނު ނަމާދާއި އަސުރު ނަމާދާއި މަޣުރިބު ނަމާދުގެ އިތުރުން އިޝާ ނަމާދަށް އެކަންޏެވެ. އޭގެ ފަހުން، ރޭގަނޑު 10:15 ގައި ވެސް 15 ވަރަކަށް މިނެޓަށް ބްރޭކެއް ނެންގެވި އެވެ.
ޕްރެސް ދިގުލައިގެން ދިޔުމުގެ ސަބަބުން، އެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި ބައެއް ނޫސްވެރިން، ބައްދަލުވުން ދޫކޮށް ނުކުމެވެފައިވާއިރު، ދެން ތިބި ނޫސްވެރިންގެ ސުވާލުތަކަށް ރައީސް ފުރުސަތު ދެއްވައި، ޖަވާބު ދެއްވި އެވެ.
ރައީސް އޮފީހުގައި އާންމުކޮށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތައް އެންމެ ގިނަވެގެން ބާއްވަނީ ދެ ގަޑިއިރަށެވެ. ނޫސްވެރިންނަށް ރައީސް ކުރަން ލިބޭނީ ވެސް އެންމެ ސުވާލެއް ނުވަތަ ދެ ސުވާލެވެ. ނަމަވެސް މިއީ ރާއްޖޭގެ ރައީސަކު ފުރަތަމަ ފަހަރަށް ހުރިހާ ނޫސްވެރިންގެ ހުރިހާ ސުވާލެއް ނަންގަވައި ޖަވާބު ދެއްވަމުން ގެންދަވާ ޕްރެސް ކޮންފަރެންސެވެ.
ރޭގެ ދަންވަރު 12:55 ހާއިރު މީޑިއާ ބްރީފިން ނިންމަވައިލައްވަމުން ރައީސް މުއިއްޒު ވިދާޅުވީ، އަބަދުވެސް މަސައްކަތް ކުރާނީ ޑިމޮކްރަސީގެ ހަތަރުވަނަ ބާރާ އެކު ކަމަަށެވެ. އަދި ބައްދަލުވުން ނިންމަވައިލެއްވީ އަވަސް އަވަހަށް ނޫސްވެރިންނާ ބައްދަލު ކުރައްވާނެ ކަމުގެ އުންމީދު ދެއްވަމުންނެވެ.
ރައީސް މުއިއްޒު އެންމެ ފަހުން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވީ މީގެ 500 ވަރަކަށް ދުވަސް ކުރިންނެވެ.
ދުނިޔޭގެ އެކި ގައުމުތަކުގެ ވެރިން ބާއްވަވާފައިވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް ބަލާއިރު ވެސް، ރައީސް މުއިއްޒު އިއްޔެ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމަކީ ފާހަގަކޮށްލެވޭ ތާރީހީ ބައްދަލުވުމެކެވެ.
މިގޮތުން، ޔޫކްރޭނުގެ ރައީސް ވޮލޮޑިމިޔާ ޒެލެންސްކީ 2019 ވަނަ އަހަރުގެ ތެރޭގައި ވަނީ 14 ގަޑިއިރު ނޫސްވެރިންނާ ބައްދަލުކުރައްވައި، ސުވާލުތަކަށް ޖަވާބު ދެއްވައިފަ އެވެ. އެ ބައްދަލުވުމުގައި ނޫސްވެރިން ބައިވެރިވެފައިވަނީ އެކި ދަންފަޅިތަކަށް ބަހާލައިގެންނެވެ. އޭރު ޔޫކްރޭނުގެ މީޑިޔާތަކުން ވަނީ އެއީ ދުނިޔޭގެ ރެކޯޑެއް ކަމަށް ބުނެފަ އެވެ. ނަމަވެސް، ބައިނަލްއަގުވާމީ އެއްވެސް ފަރާތަކުން އެކަން ޔަގީން ކޮށްދީފައެއް ނުވެ އެވެ.
ދޮގު މައުލޫމާތާ ދެކޮޅަށް ނޫސްވެރިންގެ ދައުރު މުހިންމު
ފޮރުވިގެން ހިންގާ ވެބްސައިޓުތަކަށް ހަލީލްގެ ފާޑުކިޔުން!
"މީޑިއާތަކަށް އިނާޔަތެއް ދިނުން ހަގީގަތަކަށް ހަދާނަން"
ތެދުހޯދުމުގައި ފަސްޖެހުމެއްނެތި ދެމިތިބުން މުހިންމު:އިބޫ
ނޫސްވެރިކަމުގެ މިނިވަންކަން ދެ ދަރަޖަ ކުރިއަށް
އިންޒާރު ދިން ކަމަށް ބުނާ މައްސަލާގައި ދައުވާ ނުކުރާނެ
"ރެގިއުލޭޓްކުރުމަކީ ބްލޮކްކޮށް، ހުރަސްއެޅުމެއް ނޫން"
ނޫސްވެރިކަން ރެގިއުލޭޓް ކުރާކަށް ނޫޅެން: ސަރުކާރު
"މީޑިއާ ކޮންޓްރޯލްކުރާ ބިލް މަޖިލީހުން ބޭރުކުރާނެ"
"މީޑިއާ ބިލް އަނބުރާ ގެންދިއުމުގެ ވިސްނުމެއް ނެތް"