Roadha Mihaaru
ތަޖުރިބާކާރު މާފުށި އަތުން ނައިފަރު މޮޅުވެއްޖެ

ތަޖުރިބާކާރު މާފުށި އަތުން ނައިފަރު މޮޅުވެއްޖެ

24 ނޮވެމްބަރ 2024

ޓޮޕް ޑިވިޝަންގެ ތަޖުރިބާއާ އެކު ނުކުތް ކ. މާފުއްޓާ ވާދަކޮށް ޅ. ނައިފަރުން ގޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗު 1-0 އިން ކާމިޔާބު ކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ޓޮޕް ޑިވިޝަންގެ ތަޖުރިބާއާ އެކު ނުކުތް ކ. މާފުއްޓާ ވާދަކޮށް ޅ. ނައިފަރުން ގޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ މެޗު 1-0 އިން ކާމިޔާބު ކޮށްފި އެވެ.

ދެ ޓީމަށް ވެސް ލަނޑު ޖަހަން ލިބުނު ފުރުސަތުތައް ނާކާމިޔާބުވެ، ފުރަތަމަ ހާފު ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. ނައިފަރުން މެޗުގައި ޖެހި ހަމައެކަނި ގޯލު 58 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ އިމްރާން މުހައްމަދެވެ. އޭނާ ގޯލު ޖެހީ އިބްރާހިމް ވިޝާމް ދިން ޕާހަކުންނެވެ.

ދެވަނަ ހާފުގެ ބޮޑު ބައިގައި ނައިފަރު ކުރީގައި އޮތް ނަމަވެސް އޭގެ ފަހުން މާފުއްޓަށް ވަނީ ގޯލު ޖަހަން ގިނަ ފުރުސަތުތަކެއް ލިބި، އެންމެ ރަނގަޅަށް ފުރުސަތުތަކުގެ ބޭނުން ނުކުރެވިފަ އެވެ. ހަމަ އެއާއެކު ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ތެރޭގައި މާފުއްޓަށް ލިބުނު ދެ ފުރުސަތުގައި ވެސް ފޮނުވާލި ބޯޅަ ގޯލާ އަމާޒެއް ނުވި އެވެ.

މާފުށި ޓީމުގައި، 2022 ވަނަ އަހަރު ދިވެހި ޕްރިމިއާ ލީގުގައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބްގައި ހިމެނިގެން ކުޅުނު ގިނަ ކުޅުންތެރިންތަކެއް ވަނީ ހިމެނިފަ އެވެ.

ފާއިތުވި ސީޒަންގެ ދެވަނަ ޑިވިޝަންގައި ވިކްޓަރީ ސްޕޯޓްސް ކްލަބުން ފެނުނު އުޒްބަކިސްތާން ޑިފެންޑަރު ފުރުކަޓްޖޯން ހަސަބޮއޭވް އާއި ހުސައިން ފައިސަލް (ފައިޓޯ) ކުޅުނީ ނައިފަރު ޓީމަށެވެ. ނައިފަރަށް އުފަން ފައިޓޯ އަކީ އެ ޓީމުގެ ކެޕްޓަނެވެ.

ނައިފަރާއި މާފުށި ހިމެނެނީ ގުރޫޕް ޑީގަ އެވެ. މި ގުރޫޕްގައި ދެން ހިމެނޭ ބ. ކެންދޫ އާއި ރ. އަލިފުށި ބައްދަލުކުރާ މެޗު އޮންނާނީ ހޯމަ ދުވަހުގެ ރޭ 9 ޖަހާއިރެވެ.

މުބާރާތުގައި ދެން އެންމެ އަވަހަށް ބައްދަލުކުރާނީ ފުވައްމުލައް ސިޓީ އާއި ހއ. ދިއްދޫ އެވެ. ގުރޫޕް އޭގެ މި މެޗު ކުޅޭނީ ހޯމަ ދުވަހުގެ ހަވީރު 3:50 ގަ އެވެ.