Roadha Mihaaru
ގްރާންޑޭގެ އެހީގައި މާފުއްޓަށް ޓޮޕް ޑިވިޝަނުގެ ތަޖުރިބާ

ދަ ގްރާންޑޭގެ ހިއްސާއާ އެކު މާފުށީގައި ފުރަތަމަ ޑިވިޝަނުގެ ތަޖުރިބާ!

23 ނޮވެމްބަރ 2024

ފުރަތަމަ ޑިވިޝަނުގައި ކުރިން ވާދަކުރި ގްރާންށޭ ސްޕޯޓްސް ކްލަބަށް ކުރިން ކުޅުނު ގިނަ ކުޅުންތެރިންތަކެއް ހިމަނައިގެން ފުރަތަމަ ޑިވިޝަނުގެ ތަޖުރިބާކާރު ޓީމެއް ކ. މާފުށިން އެކުލަވާލައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ފުރަތަމަ ޑިވިޝަނުގައި ކުރިން ވާދަކުރި ގްރާންށޭ ސްޕޯޓްސް ކްލަބަށް ކުރިން ކުޅުނު ގިނަ ކުޅުންތެރިންތަކެއް ހިމަނައިގެން ފުރަތަމަ ޑިވިޝަނުގެ ތަޖުރިބާކާރު ޓީމެއް ކ. މާފުށިން އެކުލަވާލައިފި އެވެ.

ގޯލްޑް ކަޕްގައި އެ ޓީމުގެ ފުރަތަމަ މެޗުގައި މިރޭ ނުކުންނާނީ ޅ. ނައިފަރާ ދެކޮޅަށެވެ.

އެފްއޭއެމްގެ ކުރީގެ ޓެކްނިކަލް ޑައިރެކްޓަރު އަހްމަދު ޝަރީފް (ޑުންގާ) ކޯޗުކޮށް ދޭ ޓީމުގެ ކެޕްޓަނަކީ ގްރާންޑޭ ޓީމުގައި ކުރިން ފުރަތަމަ ޑިވިޝަނާއި ދެވަނަ ޑިވިޝަނުގައި ވެސް ކުޅުނު ސައްތާރު ސަޓޯ އެވެ.

ވައިސް ކެޕްޓަނަކީ ގްރާންޑޭގެ ގޯލް ވެސް ކުރިން ބެލެހެއްޓި އިސްމާއީލް ޝިހާމް އެވެ.

މުބާރާތުގެ ގަވާއިދުގައިވާ ގޮތުން ކޮންމެ ޓީމަކަށް ވެސް ރަށުން ބޭރު ދެ ކުޅުންތެރިން ޓީމުގައި ޖެހުމުގެ ފުރުސަތު ލިބެ އެވެ. އެ ޖާގަ އަށް ބިދޭސީ ދެ ކުޅުންތެރިން ވެސް ޖެހުމުގެ ފުރުސަތު އޮވެ އެވެ.

އެކަމަކު ލޯކަލް ޓޫރިޒަމްގައި ރާއްޖޭގެ މައި ހަބްގެ ގޮތުގައި މަޝްހޫރު ވެފައިވާ މާފުށީގައި ބިދޭސީ ކުޅުންތެރިޔަކު ނުހިމަނަ އެވެ.

އެ ރަށު ކައުންސިލުގެ ބޮޑު އެހީތެރިކަމާ އެކު އެކުލަވާލީ މާފުށިން ޓީމުން ނިންމީ އެ ދެ ޖާގަ އަށް ވެސް ދިވެހި ކުޅުންތެރިން ޖެހުމަށެވެ.

ރަށުން ބޭރުނ ކުޅުންތެރިންގެ ގޮތުގައި ޓީމުގައި ހިމެނޭނީ ކުރިން ގްރާންޑޭ އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ވެސް ކުޅުނު ގައުމީ ޓީމުގެ މިޑްފީލްޑަރު މުހައްމަދު ނިޒާމް (ޕީކޭ) އާއި ސަސްގެ އިބްރާހިމް އަތީގް ހަސަން އެވެ.