Roadha Mihaaru
ބިލަކީ ނޫސްވެރިކަމަށް ބިރެއް، އަނބުރާ ގެންދަން ޖެހޭ

މި ބިލަކީ ނޫސްވެރިކަމަށް ބިރެއް، އަނބުރާ ގެންދަން ޖެހޭ!

14 ނޮވެމްބަރ 2024

އަބުރުގެ ގާނޫނެއް ހަދައިގެން ޓީވީ ސްޓޭޝަންތައް މިލިއަނުން ޖޫރިމަނާ ކުރި ދުވަސް ހަނދާން ނެތޭހާ ދުވަހެއް އަދި ނުވެ އެވެ. އެ ޖޫރިމަނާ ފައިސާ ދައްކާފައި އަނބުރާ އޮފީހަށް ވަތްއިރު އޮތީ އަނެއް ފަންޑު ފޮށި ހުޅުވައިގެން ފައިސާ ހޯދަން ޖެހިފަ އެވެ. ހިތްހަމަނުޖެހޭ އެއްޗެއް މީޑިއާތަކުން ރިޕޯޓް ކޮށްފި ނަމަ އެ ނޫސްވެރިޔަކާ ދެކޮޅަށް ކަމާގުޅޭ އިދާރާތަކަށް ފުލުފުލުން އޮތީ މައްސަލަތައް ވައްދައިފަ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އަބުރުގެ ގާނޫނެއް ހަދައިގެން ޓީވީ ސްޓޭޝަންތައް މިލިއަނުން ޖޫރިމަނާ ކުރި ދުވަސް ހަނދާން ނެތޭހާ ދުވަހެއް އަދި ނުވެ އެވެ. އެ ޖޫރިމަނާ ފައިސާ ދައްކާފައި އަނބުރާ އޮފީހަށް ވަތްއިރު އޮތީ އަނެއް ފަންޑު ފޮށި ހުޅުވައިގެން ފައިސާ ހޯދަން ޖެހިފަ އެވެ. ހިތްހަމަނުޖެހޭ އެއްޗެއް މީޑިއާތަކުން ރިޕޯޓް ކޮށްފި ނަމަ އެ ނޫސްވެރިޔަކާ ދެކޮޅަށް ކަމާގުޅޭ އިދާރާތަކަށް ފުލުފުލުން އޮތީ މައްސަލަތައް ވައްދައިފަ އެވެ.

އޮގަސްޓް 11، 2016 ގައި އަމަލުކުރަން ފަށައި ޖެހިގެން އައި ސަރުކާރުން އެ ގާނޫނު އުވާލުމާ ހަމައަށް ނޫސްވެރިން ތިބީ އެ ފިއްތުންތަކުގަ އެވެ.

އެކަމަކު، އޭގެ ފަހުން އަނެއްކާ ވެސް އެ ތަޖުރިބާ ކުރަން ޖެހިދާނެ ކަމުގެ ބިރަށް މީޑިއާތައް ތިބީ ސިހިފަ އެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލުމާ މެދު ދެކޮޅު ހަދާ މީޑިއާއެއް ނެތެވެ. އެއީ ކުރަން އެންމެ ރަނގަޅު ކަމެކެވެ. އެކަން ކުރަން ލަސް ވެސް ވެއްޖެ ކަމަށް ގިނަ މީީޑިއާތަކުން އަންނަނީ ބުނަމުންނެވެ. އެކަމަކު، މައްސަލައަކަށް ވެގެން މި އުޅެނީ ނޫސްވެރިކަމުގެ މިނިވަން ކަމަށް ހުރަސް އެޅޭ ގޮތަށް މީޑިއާ ކޮމިޝަންގެ ބިލްގައި ހިމަނާފައިވާ މާއްދާތަކެވެ.

ބިލް ހުށަހެޅުއްވި ސަބަބެއް ކަމަށް އަމިއްލަ މެމްބަރެއް ކަމަށްވާ ތުޅާދޫ ދާއިރާގެ އަބްދުލްހަންނާނު އަބޫބަކުރު ވިދާޅުވީ އިސްލާމްދީނުގެ ހިމާޔަތުގަ އެވެ. ނަމަވެސް، މެމްބަރު ކަމުގެ ހުވާކުރެއްވުމަށް ފަހު ކުރެއްވި މަސައްކަތުން ޑްރާފްޓް ކުރި ކަމަށް ވިދާޅުވި ބިލްގައި ވެސް އިތުރަށް އެކަމާ ގުޅޭ އެއްޗެއް ނެތެވެ. މިއީ މަޖިލީހަށް ހޮވިވަޑައިގަތް ފަހުން އޭނާ ހުށަހެޅުއްވި އެންމެ ފުރަތަމަ ބިލެވެ.

ބްރޯޑްކާސްޓަރުން ތަބާވާންޖެހޭ ސުލޫކީ މިންގަނޑުގައި އިސްލާމް ދީން ފިޔަވައި އެހެން ދީނެއް ކުރިއަރުވަން ހިތްވަރުދޭ އެއްޗެއް ބްރޯޑްކާސްޓް ނުކުރުން ހިމެނެ އެވެ. ނޮވެމްބަރު 20، 2010 ގައި އަމަލުކުރަން ފެށި ބްރޯޑްކާސްޓްކުރުމުގެ ގާނޫނުގައި މިހާރު ވެސް ކޯޑު އޮފް ޕްރެކްޓިސްގައި އޮތީ އެހެންނެވެ.

މީޑިއާ ކޮމިޝަންގެ ބިލްގެ މައްސަލަ ހޫނުވުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް އެކްސްގައި ވިދާޅުވީ، އިސްލާމްދީނާއި ރާއްޖޭގެ ގާނޫނުއަސާސީއާ ހިލާފު ނުވާހާ ހިނދެއްގައި ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރި ކޮންމެ ދިވެއްސަކަށް ވެސް އަމިއްލަ މިނިވަންކަމާއެކު އެ މީހަކު ބޭނުން ކަމެއް ކުރުމުގެ ހައްގު އޮންނާނެ ކަމަށެވެ. އަދި ނޫސްތަކާއި މީޑިއާތައް ކޮންޓްރޯލް ކުރުމަކީ އެ މަނިކުފާނު ގަބޫލުފުޅު ކުރައްވާ ހަމައެއް ނޫން ކަމަށް ވަރަށް ސާފުކޮށް ވިދާޅުވި އެވެ.

އެހެންވެ، ނޫސްވެރިންނަށާއި މީޑިއާތަކަށް ބޮޑު އަދަބެއް ލިބޭ ބިލެއް ހަންނާން ހުށަހެޅުއްވި ސަބަބާ މެދު ސުވާލު އުފެދެ އެވެ. ރައީސް މުއިއްޒުގެ ވިސްނުންފުޅު ވެސް ހަންނާނާ ތަފާތެވެ.

އެމްޖޭއޭގެ މެމްބަރުން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން.-- ފޮޓޯ: އެމްޖޭއޭ

އެމްޖޭއޭގެ މެމްބަރުން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން.-- ފޮޓޯ: އެމްޖޭއޭ

ގާނޫނީ ވެރިކަން ދެމެހެއްޓުމުގެ އަސާސްތައް ކުރިއެރުވުމަކީ ވެސް ނޫސްވެރިންނަށް މަތިކޮށްފައިވާ ޒިންމާއަކަށް ވާއިރު، އެކަންކަމާ ހިލާފުވެއްޖެ ނަމަ ނޫސްވެރިންނާއި މީޑިއާތައް ޖޫރިމަނާކުރުމުގެ ބާރު، ސަރުކާރުގެ މެޖޯރިޓީ އޮންނަ ކޮމިޝަނަށް ލިބިދީފައިވެ އެވެ.

ހަންނާން ހުށަހެޅުއްވި ބިލަށް ނޫސްވެރިންނާއި މީޑިއާތަކުން ކަންބޮޑުވުން ފާޅުކުރިއަސް އޭނާ ހުންނެވީ އެ ބިލް ގެންދާ ގޮތަކަށް ނޫނެވެ. މި ބިލުގައި ހިމެނުއްވި މާއްދާތަކުން ނޫސްވެރިކަމަށް ހުރަސްއެޅިދާނެ ކަމަކަށް އޭނާ ގަބޫލެއް ނުކުރައްވަ އެވެ.

އެ ބިލާ މެދު ކަންބޮޑުވުންފާޅުކޮށް ނޫސްވެރިންގެ ޖަމިއްޔާ، އެމްޖޭއޭ އިން އިއްޔެ ނެރުނު ބަޔާނުގައި ބުނީ މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ބިލްގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ވަރަށް ބޮޑަށް ހަނިވެގެން ދާނެ ކަމަށެވެ.

⁠ކޮމިޝަން ހިންގުމުގެ ހުރިހާ ބާރެއް ކޮމިޝަންގެ ރައީސަށް ދީފައިވާއިރު، އެ މަގާމާއި ކޮމިޝަންގެ ނައިބު ރައީސްގެ މަގާމަކީ ސީދާ ރައީސް އައްޔަން ކުރައްވާ މަގާމަކަށް ވުމަކީ ނޫސްވެރިންގެ ޖަމިއްޔާގެ ކަންބޮޑުވުމެކެވެ.

އެމްޖޭއޭއިން ބުނީ އެ ޖަމިއްޔާ އިން އަބަދުވެސް ގަބޫލުކުރާ އުސޫލަކީ މީޑިއާ ރެގިއުލޭޓް ކުރުމުގެ އިހްތިޔާރު އޮންނަން ވާނީ ސެލްފް ރެގިއުލޭޓްރީ ނިޒާމަކަށް ބުރަވާ ގޮތަށް ކަމަށެވެ.

"މިނިވަން މެމްބަރެއްގެ ގޮތުގައި ހުންނެވި ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލް ހަންނާން އަބޫބަކުރު ހުށަހެޅުއްވި މި ބިލަކީ މި ހުރިހާ އުސޫލުތައް މުގުރިގެންދާނޭ ފަދަ މިނިވަން ނޫސްވެރިކަމާއި މީޑިއާއަށް އޮތް ނުރައްކަލެކެވެ،" އެމްޖޭއޭ އިން ބުންޏެވެ.

އެމްޖޭއޭއިން ބުނީ ސެލްފް ރެގިއުލޭޓްރީ ނިޒާމަކީ ދުނިޔޭގެ ކުރިއަރާފައިވާ ޑިމޮކްރަޓިކް އުސޫލުތައް އޮންނަ އެހެން ގިނަ ގައުމުތަކުގައި ވެސް އަމަލު ކުރަމުން އަންނަ ކާމިޔާބު ނިޒާމެއް ކަމަށެވެ. ރާއްޖޭގެ ބާ ކައުންސިލަކީ އޭގެ މިސާލެއްކަން ފާހަގަކުރި އެވެ.

ނޫސްވެރިކަމުގެ އެވޯޑު ހަފުލާގައި ނައިބް ރައީސް ހުސެން މުހައްމަދު ލަތީފް(މ)ގެ އިތުރުން ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގަންވަނީ.-- ފޮޓޯ: ނިޝާން އަލީ /މިިހާރު

ނޫސްވެރިކަމުގެ އެވޯޑު ހަފުލާގައި ނައިބް ރައީސް ހުސެން މުހައްމަދު ލަތީފް(މ)ގެ އިތުރުން ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގަންވަނީ.-- ފޮޓޯ: ނިޝާން އަލީ /މިިހާރު

"ސަރުކާރަށް ފާރަވެރިވާން ތިބޭ ބައެއްގެ ކަންކަން ބެލެހެއްޓުމާ ސަރުކާރުން ހަވާލުވުމަކީ ވަރަށް ދެކޮޅު ނުޖެހޭ ނިޒާމެއް. އަދި މީޑިއާތައް ބެލެހެއްޓުމަށް މީގެ ކުރިން ސަރުކާރުގެ ނުފޫޒު ވަތް ކޮންމެ ފަހަރަކު ވެސް މީޑިއާތަކާ ބޮޑެތި ޖޫރިމަނާތަކާ ކުރިމަތިވެ ބައެއް ތަންތަން ބަންދުކުރާ ހިސާބަށް ގޮސްފައިވޭ." އެ ބަޔާނުގައިވެ އެވެ.

ކަންބޮޑުވުން ފާޅުކޮށް، ތަޖުރިބާކާރު ނޫސްވެރިޔާ، ދައުރު ނޫހުގެ އެޑިޓަރު މޫސާ ލަތީފު ވިދާޅުވީ އެއް މަސައްކަތެއް ކުރާ ދެ އިދާރާއަކަށް ވާތީ އެމްއެމްސީ އަދި ބްރޯޑްކޮމް އެއްކޮށްލަން ތާއިދު ކުރައްވާ ކަމަށެވެ. އެކަމަކު، މިހާރު ބިލް ހުށަހަޅާފައި އޮތީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅައި ނޫސްވެރިންނަށް ވެސް މުހިއްމު ކަންކަމުގައި ވާހަކަ ނުދެއްކޭ ގޮތަށް ދެ މާނަ ނަގައިގެން، އެ ބަޔަކަށް ފިޔަވަޅު އެޅޭ ގޮތަށް ކަމަށް މޫސަ ވިދާޅުވި އެވެ.

ބޭނުން ގޮތަކަށް މާނަކޮށްގެން ފިޔަވަޅު އަޅަން ތިބީ ސަރުކާރަށް އަޣުލަބިއްޔަތު އޮންނަ ކޮމިޝަނެއް ކަމަށް މޫސަ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ސަރުކާރުގެ އަޣުލަބިއްޔަތު އޮންނަ ކޮމިޝަންގެ ވާހަކަ ދައްކާއިރު އަބުރުގެ ގާނޫނު އުފައްދައި ބްރޯޑްކޮމް މެދުވެރިކޮށް ޓީވީތައް ޖޫރިމަނާކުރި ދުވަސް ހަނދާން ކުރަން ޖެހެ އެވެ. ރާއްޖޭގައި މީޑިއާއެއް އެއް މިލިއަން ރުފިޔާ އިން ޖޫރިމަނާ ކޮށްގެން ރަނގަޅަށް ކުރިއަށް ނުދާނެ ކަމަށާއި އޭރު އެމްއެމްސީ އަށް ވެސް ރައީސް އޮފީހުން ގިނަ އަދަދެއްގެ މައްސަލަ ހުށަހެޅިކަން މޫސަ ފާހަގަކުރެއްވި އެވެ.

"ރައީސަކު އައްޔަން ކުރާ މެމްބަރުންގެ އަޣުލަބިއްޔަތު ކޮމިޝަނެއްގައި އޮވެއްޖިއްޔާ މިނިވަންކަން ދާނެ. ބިލުގައި ހުރި ބައެއް މާއްދާތަކަށް ބެލިއަސް އެބަ އެނގޭ މިއީ ވަރަށް ނުބައި ގޮތަކަށް މީޑިއާއާ ދެކޮޅަށް ބޭނުންކޮށްފާނެ ޓޫލެއް ގޮތަށް ޑްރާފްޓު ކޮށްފައި އޮތް އެއްޗެއް ކަން،" އޭނާ ވިދާޅުވި އެވެ.

މޫސަ ވިދާޅުވީ މީޑިއާ ކޮމިޝަންގައި މީޑިއާތަކަށް ބާރު އޮންނަން ޖެހޭ ކަމަށެވެ. އެކި ގައުމުތަކުގައި އަމަލުކުރާ ގޮތް ތަފާތު ކަމަށާއި ރާއްޖޭގައި މިހާތަނަށް ކުރެވިފައި ވަނީ ހިތި ތަޖުރިބާއެއް ކަމަށް މޫސަ ވިދާޅުވި އެވެ. ސަރުކާރުން ހުރިހާ ކަމަކަަށް އަތް ބާނައި ހުއްޓުވަން އުޅުމުގެ ބިރު އަބަދު ވެސް އޮންނަކަން އޭނާ ފާހަގަކުރެއްވި އެވެ.

ބިލްގައިވާ ގޮތުން ހަތް މެމްބަރުން ތިއްބަވާ ކޮމިޝަންގައި ރައީސް އައްޔަންކުރައްވާ ހަތަރު މެމްބަރުން ތިއްބަވަ އެވެ. ބާކީ ތިން މެމްބަރުންނަކީ މީޑިއާތަކުން އައްޔަންކުރާ މެމްބަރުންނެވެ.

"މީޑިއާއަކީ ވެސް ސިޔާސީ ކަންކަމުގައި ކިރިޔާ ވެސް މިނިވަންކަމާއެކީގައި ރަނގަޅަށް މަސައްކަތްކުރާ ތަން،" ނޫސްވެރިކަމަށް ހިދުމަތްކުރުމުގެ ޝަރަފުވެރިކަމުގެ ގައުމީ އިނާމު ވެސް ހާސިލްކުރައްވާފައިވާ މޫސަ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމެއް ނެތް ނަމަ ސަރުކާރުން ކުރާ އެ ކަންތައްތަކުގެ މައުލޫމާތު އާއްމުންނާ ހަމައަށް އަދި މުހިއްމު ކަންކަމާ މެދު މަޝްވަރާކުރާ ތަނެއް ނުފެންނަ ކަމަށެވެ.

"ގައުމުގެ ތެރޭގައި ހުރި ކަންކަމާއި ސަރުކާރުގެ ތެރޭގައި ހުރި ގޯސް ކަންކަމާއި ރަނގަޅުކުރަންޖެހޭ ކަންތައްތަކާ، މި ހުރިހާ ކަމެއްގައި ފަސޭހައިން ބެދޭ ކަހަލަ ގޮތަކަށް އޮންނާނެ ރައީސަށް ބާރު ލިބޭ ގޮތަށް، ސަރުކާރުގެ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން ކަންތައް ކުރަންޏާ." މޫސަ ވިދާޅުވި އެވެ.

މިހާރު ހިނގަމުން އަންނަ ރައްޔިތުންގެ މަޖިލިހުގައި ބޮޑު އަޣުލަބިއްޔަތެއް އޮތީ ސަރުކާރަށެވެ. އެހެންވެ، އެ ކަހަލަ ބިލެއްގައި އިދިކޮޅު ޕާޓީތަކަށް ކުރެވޭނެ މަސައްކަތެއް ނެތުމުން، އެހެން ފަރާތްތަކުގެ ކަންބޮޑުވުމަކީ ކަމާގުޅޭ ފަރާތްތަކަށް އިވޭނެ އަޑުތަކެއް ވެސް ނޫން ކަމަށް މޫސަ ވިދާޅުވި އެވެ.

މަޖިލީހުގެ ޖަލްސާއެއްގައި ހަންނާން ވާހަކަ ދައްކަވަނީ.- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ ޖަލްސާއެއްގައި ހަންނާން ވާހަކަ ދައްކަވަނީ.- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އެ ބިލާ ގުޅޭގޮތުން މޫސަގެ އަނެއް ކަންބޮޑުވުމަކީ، އާއްމުންނާއި ގިނަ މީހުން ދަންނަ މަޝްހޫރު މީހުންގެ ވާހަކަތައް ގެނެސް ދިނުމުގައި އެއްހަމަ ކުރުމެވެ. ޕަބްލިކް އިންޓްރެސްޓް ހުންނަ ވާހަކަ ގެނެސްދިނުމަކީ މީޑިއާތަކުން އަބަދުވެސް ކުރާ ކަމަކަށް ވާއިރު، އެ ވާހަކަތައް ގެންނައިރު މަޝްހޫރު މީހުންނާއި އެހެން އާއްމުންނާ އެއް ލެވެލްއަކުން ނުކިރޭނެ އެވެ.

މަޖިލީހަށް ހުށަހަޅާފައިވާ ބިލްގައި، ސަލާމަތީ ބާރުތަކާ ގުޅޭގޮތުން ލިޔުނު ޚަބަރަކީ ރާއްޖޭގެ ސަލާމަތަށް ނުރައްކާ ވެދާނެ ފަދަ ވާހަކައެއް ކަމަށް ބަލައި އެ ނޫހެއް ނުވަތަ ޓީވީ ސްޓޭޝަނެއް ބަންދުކުރުމުގެ ޖާގަ ތަންމިނަށް ހުޅުވިގެން ދިއުމަކީ ވެސް ވަރަށް ބޮޑު މައްސަލައެއް ކަމަށް މޫސަ ވިދާޅުވި އެވެ.

އެފަދަ އެތައް މާއްދާއެއް ބިލުން ފެންނަ ކަމަށް ކަންބޮޑުވުމާ އެކު މޫސަ ވިދާޅުވި އެވެ.

"މީތި މާނަކުރާނީ ސަރުކާރުން ބޭނުންވާ ގޮތަކަށް. ސަރުކާރުން އައްޔަންކުރާ ބަޔަކު، އަހަރެމެން ކޮށްފައިވާ ތަޖުރިބާ އަށް ބަލަންޏާ ސަރުކާރުގެ ތެރެއިން ބޭނުންވާ ގޮތަކަށް މާނަކުރާނީ، މެޖޯރިޓީ މާނަކުރާނީ. އެއީ ރާއްޖޭގެ ތަޖުރިބާ. އެގޮތަށް މާނަ ކުރީމާ ވަރަށް ޖެނުއިން އެއްޗެއް ވެސް ބޭނުންވެއްޖެއްޔާ މި ވެނި ނޫހެއް މާ އުނދަގޫ ބޮޑުވެއްޖެއޭ، މި ވެނި ޓީވީއެއް ހުއްޓުވާލަންވީއޭ. ހުއްޓުވާލީމަ ބުނާނެ ކޯޓަށް ދާށޭ. އަހަރެމެން އެންމެންންނަށް އެނގޭ ރާއްޖޭގެ ކޯޓުތައް މަސައްކަތްކުރާ ގޮތް،" މޫސަ ވިދާޅުވި އެވެ.

"ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން މި ދެއްކެވި ވާހަކަތަކަށް ބަލާއިރު، އެ ވާހަކަތަކަށް ރައީސް މުއިއްޒު ކިރިޔާ ވެސް އިހުތިރާމް ކުރައްވަންޏާ ބުނެވޭނީ މި ބިލް އަނބުރާ ގެންދާށޭ، މިއީ ބަލައިގަނެވޭ އެއްޗެއް ނޫން."

އެ ބިލް ގާނޫނަކަށް ވެ، އެއަށް އަމަލުކުރަން ފަށާތާ ތިން މަސް ދުވަހުގެ ތެރޭގައި ނޫސްވެރިންގެ ސުލޫކީ މިންގަނޑު އާއްމުކުރަންޖެހެ އެވެ. އެ މިންގަނޑުތަކާ ހިލާފުވެއްޖެނަމަ 5،000ރ. އާއި 50،000ރ. އާ ދެމެދުގެ އަދަދަކުން މީޑިއާތައް ޖޫރިމަނާކޮށް، އަދި ވަކިވަކި ނޫސްވެރިން ވެސް 5،000ރ. އާއި 10،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު އެ ބިލް އޮތްގޮތުން ކޮމިޝަނަށް ލިބެ އެވެ. އަދި ނޫސްތަކުގެ ލައިސަންސް ބާތިލް ކުރެވެ އެވެ.

މާޒީގައި ކަން ހިނގާފައި ހުރި ގޮތަށް ބަލާއިރު، ސަރުކާރަށް މެޖޯރިޓީ ލިބޭ ގޮތަށް ކޮމިޝަނެއް އުފައްދައިގެން މިނިވަން ނޫސްވެރިކަމެއް ލިބުނު މޮޅެއް އަދި ލިބޭނެ ކުރިއެރުމެއް ވެސް ނެތެވެ. އޭގެ ބަދަލުގައި ނޫސްތައް ކޮންޓްރޯލްކޮށް، ސަރުކާރުން ބޭނުންވާ ގޮތަކަށް ބޭނުންވާ މައުލޫމާތެއް ފެތުރުމުގެ ފުރުސަތު ފުޅާވާނެ އެވެ. އެހެންވެ، ބިލް އަނބުރާ ގެންގޮސް ނުވަތަ މިހާރު ނޫސްވެރިންނަށް ހުރި ބިރުވެރި މާއްދާތައް އުވައިލަން ޖެހެ އެވެ. ޑިމޮކްރަސީގެ ހަތަރު ވަނަ ބާރު، މިނިވަން ނޫސްވެރިކަމަށް ފުރުސަތު އޮންނަން ޖެހެ އެވެ.