Roadha Mihaaru

މީޑިއާ ބިލާ އެމްއެމްސީން ދެކޮޅު، ބިލް ބޭރުކުރަން ގޮވާލައިފި

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު ފަރުމާކޮށްފައި އޮތީ ނޫސްވެރިންގެ ހައްގުތައް ގެއްލޭ ގޮތަށް ކަމަށް ވާތީ، ހިޔާލު ހޯދުމުގެ ބަދަލުގައި އެ ބިލު ބަލައިނުގަނެ ބޭރުކުރަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން މިރޭ ގޮވާލައިފި އެވެ.

މީޑިއާ ބިލް ބޭރުކުރަން އެމްއެމްސީން ވެސް ގޮވާލައިފި
އިފްރާޒް އަލީ
އިފްރާޒް އަލީ

20 އޯގަސްޓް 2025

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު ފަރުމާކޮށްފައި އޮތީ ނޫސްވެރިންގެ ހައްގުތައް ގެއްލޭ ގޮތަށް ކަމަށް ވާތީ، ހިޔާލު ހޯދުމުގެ ބަދަލުގައި އެ ބިލު ބަލައިނުގަނެ ބޭރުކުރަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން މިރޭ ގޮވާލައިފި އެވެ.

އެމްއެމްސީން ނެރުނު ބަޔާނެއްގައި ބުނީ ‎އެ ކައުންސިލްގެ މެމްބަރުން މިއަދު ބޭއްވި ބައްދަލުވުމެއްގައި އެ ބިލާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކޮށްފައިވާ ކަމަށާއި އެ ބިލާ ގުޅިގެން މެމްބަރުންގެ ވަރަށް ގިނަ ކަންބޮޑުވުންތައް އެބަހުރި ކަމަށެވެ.

"މުޅި ކައުންސިލުގެ ރޫހު ވެސް ހުރީ މި ބިލާ ދެކޮޅަށެވެ،" އެ ބަޔާނުގައި ބުންޏެވެ.

އެމްއެމްސީގެ ބަޔާނުގައި ބުނީ އެ ކައުންސިލްގެ މެމްބަރުން ދެކެވަޑައިގަންނަވާ ގޮތުގައި އެ ބިލު މިހާރު ފަރުމާކޮށްފައި އޮތީ ގާނޫނުއަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ ހައްގާއި އެއާ ގުޅިފައިވާ އެހެނިހެން ހައްގުތައް ވަރަށް ބޮޑަށް ހަނިކޮށް، އެއިރެއްގައި އޮންނަ ސަރުކާރާއި މަޖިލީހުގެ މެޖޯރިޓީ އޮންނަ ސިޔާސީ ޕާޓީއަކަށް މުޅި މީޑިއާގެ ކޮންޓްރޯލް ލިބޭގޮތަށް ކަމަށެވެ.

އެ ބިލުގެ ތެރެއިން ނޫސްވެރިކަމުގެ މިނިވަންކަން ގެއްލުވާލައި، ނޫސްވެރިކަމުގެ އަސާސްތައް ހިފެހެއްޓުމަށް ހުރަސްއެޅި، ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމަށް ވެސް ހުރަސް އެޅޭނެ ގިނަ މާއްދާތަކެއް ހިމަނާފައި ހުރި ކަމަށް އެ ބަޔާނުގައި ބުންޏެވެ.

އެ ބިލު އޮތީ އެމްއެމްސީ އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލާ ގޮތަށް ނަމަވެސް، އޭގެ ސަބަބުން ބްރޯޑްކާސްޓަރުން/ރީ-ބްރޯޑްކާސްޓަރުންނާ ގުޅޭ ހައްގުތަކާއި ނޫސްވެރިކަމާ ގުޅޭ ހައްގުތައް މަސްހުނިވެ، އަދި ޕްރިންޓް/އޮންލައިން މީޑިއާގެ ނޫސްވެރިކަމުގެ ހައްގުތަކަށް ހިޔަނި އެޅޭނެ ކަމަށް އެމްއެމްސީން ބުންޏެވެ.

އެމްއެމްސީން ބުނީ އެ ބިލު އެކުލަވާލުމުގައި ބިލު އަމާޒުވާ ނޫސްވެރިންނާއި އެ ދާއިރާގެ އެހެނިހެން ސްޓޭކްހޯލްޑަރުންގެ ބަހެއް ނެތި ބިލު އެކުލަވާލުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި އަމިއްލަ މެމްބަރަކު ހުށަހެޅި ކަމުގައި ވިޔަސް އެއީ ރިއާޔަތްކުރަން ޖެހޭ މުހިންމު ކަމެއް ކަމަށެވެ.

އެމްއެމްސީގެ 14 މެންބަރުން ބައިވެރިވަޑައިގެންނެވި އެ ކައުންސިލްގެ މިއަދުގެ ޖަލްސާގައި ބައެއް މުހިންމު ނިންމުންތައް ނިންމާފައިވެ އެވެ. އެއީ؛

• އެއްވެސް ވަރަކަށް ކައުންސިލާއި ނޫސްވެރިންނާ ވެސް މަޝްވަރާ ނުކޮށް މަޖިލީހަށް ހުށަހަޅާފައިވާ އެ ބިލަށް އިތުރު ހިޔާލުތަކެއް ހުށަހެޅުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި، މަޖިލީހުން މުޅި ބިލު ބަލައިނުގަތުމަށް ކަމާ ބެހޭ ފަރާތްތަކަށް އެންގުން.

• އެ ބިލާ ދެކޮޅަށް ކުރެވެން ހުރި މަސައްކަތްތައް ކުރުމަށާއި ކަމާ ގުޅުންހުރި ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރުމަށް ކައުންސިލް މެންބަރުންގެ މެދުގައި ވޯކިން ގްރޫޕެއް އެކުލަވާލުން. އެ ވޯކިން ގުރޫޕުގައި ތިއްބަވާނީ ކައުންސިލްގެ މެމްބަރުން ކަމަށްވާ ހައްވާ ވަޖުދާ އާއި ފާތިމަތު ނަހުދާ ފާއިޒާއި ނަޖާހް މަސްއޫދާއި މުހައްމަދު މުޒައްޔިނު ނާޒިމާއި ލީވާން އަލީ ނާސިރު އަދި ފާތިމަތު ޝަނާ މުހައްމަދު.

• އެ ބިލުގައި ހުރި ކަންބޮޑުވުންތައް ހިއްސާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރުމަށް އެޕޮއިންޓްމަންޓަކަށް އެދުން.

• އެ ބިލު ބަލައިނުގަތުމަށް ޕީޖީ ގުރޫޕްތަކަށް ލިޔުމުން އެންގުން.

އެމްއެމްސީން ބުނީ ޒިންމާދާރު ނޫސްވެރިކަމުގެ ވެއްޓެއް ގާއިމުކޮށް، ނޫސްވެރިކަމުގެ މިނިވަންކަން ފުޅާ ދާއިރާއެއްގައި ނެގެހެއްޓުމަށް އެ ދާއިރާއަށް އިތުރު ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ކައުންސިލުން ގަބޫލުކުރާ ކަމަށެވެ. އަދި އެކަން ކުރުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ދޭން ޖެހޭ އެއްބާރުލުން ދިނުމަށް އެ ކައުންސިލް އޮތީ ތައްޔާރަށް ކަމަށް ވެސް ބުންޏެވެ.

މަޖިލީހުގެ ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލްހަންނާނު އަބޫބަކުރު އިއްޔެ މަޖިލީހަށް ހުށަހެޅުއްވި އެ ބިލުގައި ވަނީ އެމްއެމްސީ އާއި ބްރޯޑްކާސްޓިން ކޮމިޝަނުގެ ޒިންމާތައް އެއްކޮށްލައި، މީޑިއާ ކޮމިޝަނާ ހަވާލުކުރާ ގޮތަށެވެ.

އެ ބިލުގައިވާ ގޮތުގައި، ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ އެ ކޮމިޝަނުގައި މަޖިލީހުގެ ރުހުމާ އެކު ތިން މެމްބަރުން ކޮމިޝަނަށް އައްޔަންކުރުމުގެ ބާރު ރައީސަށް އޮތް ނަމަވެސް ބާކީ ހަތަރު މެންބަރުންނަކީ މީޑިއާތަކުން އިންތިހާބުކުރާ މެންބަރުންނެވެ. ކޮމިޝަންގެ ރައީސަކު ކަނޑަޅުއްވަނީ އެ ބިލުގައިވާ ގޮތުން ރައީސެވެ.

އެ ކޮމިޝަނުން އެކުލަވާލާ ސުލޫކީ މިންގަނޑާ ހިލާފުވާ ނޫސްވެރިންނާއި މީީޑިއާތައް ބޮޑެތި އަދަދަކުން ޖޫރިމަނާކުރުމާ އެކު ރަޖިސްޓްރީ ބާތިލުކުރެވޭނެ ކަމަށް ވެސް ބިލުގައިވެ އެވެ. އަދި ވަކިވަކި ނޫސްވެރިން 5،000-25،000ރ. އާ ދެމެދު ޖޫރިމަނާ ކުރެވޭ އިރު، 100،000ރ. އާ ހަމައަށް މީޑިއާތައް ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް އެ ބިލުގައިވެ އެވެ.